ނެރުއްވުން 40

40
ފޭލިގެކޮޅު ބެހެއްޓުން
1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. 2”⁠އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ. 3ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ. 4ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ.
5ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ. 6ޤުރުބާނީ އަންދާ އަށި ފޭލިގޭގެ ދޮރުން ބޭރުގައި ބަހައްޓާ. 7އަތްފައި ދޮންނަ ތަށި އައްޓާއި ފޭލިގެކޮޅުގެ ދޮރާއި ދެމެދުގައި ބަހައްޓާ އެއަށް ފެން އަޅާ. 8ދެން ގޯތި ތެރެ ތައްޔާރުކޮށް ވަށައިގެންނާއި ދޮރުމަތީގައި ފަރުދާތައް ދަމާ. 9މަޤާމަށް އިސްކުރަން އުނގުޅާ ތެޔޮ ފޭލިގެކޮޅުގެ ހުރިހާ ސާމާނު ފެހާމާނުތަކެއްގައި އުނގުޅައި އެތަން ކަރާމާތްތެރި ކުރޭ. 10ޤުރުބާނީ އަންދާ އައްޓާއި އޭގައި ބޭނުންކުރާ ތަކެތީގައި ވެސް ތެޔޮ އުނގުޅައި އެތައް ކަރާމާތްތެރި ކުރޭ. އެގޮތުން އެ އައްޓަކީ މާތް ތަނަކަށް ވެގެން ދާނެ. 11އަދި ހަމަ އެފަދައިން އެ އަތްފައި ދޮންނަ ތައްޓާއި އެބަހައްޓާ ހަރު ވެސް ކަރާމާތްތެރި ކުރޭ.
12ހާރޫނު އާއި އޭނާގެ ދަރިން ފޭލިގެކޮޅުގެ ކުރިމައްޗަށް ގެނެސް އެތަނުގައި އެމީހުން އެ ފެނުން ތާހިރު ކުރޭ. 13ދެން ހާރޫނު ހައިބަވެތި ހެދުންކޮޅު ލައްވައި އަހަރެންގެ އިމާމެއްގެ މަޤާމަށް އިސްކުރުމަށް އޭނާ ގައިގައި ތެޔޮ އުނގުޅައި ކަރާމާތްތެރި ކުރޭ. 14އޭގެ ފަހުން އޭނާގެ ދަރިން ގެނެސް އެމީހުން ވެސް ގަމީސް ލައްވާ. 15އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުން ވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.⁠“
16އެހުރިހާކަމެއް މާތްރަސްކަލާނގެ އެންގެވި ފަދައިން މޫސާގެފާނު ކުރެއްވިއެވެ. 17މިގޮތުން ދެވަނަ އަހަރު ފުރަތަމަ މަހު ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ ލެވިއްޖެއެވެ.
18މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ. 19އެއަށް ފަހު ބޭރުންލުމަށް ހަދާފައިވާ އުރަކޮޅު ފަތުރުއްވައި ފޭލިގެ ކޮޅުގެ ފުރާޅުމަތީ ދެމުމަށް ހަދާފައިވާ ސަނދުވާ އަޅުއްވައި މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތީން އެކަންތައް އެކަލޭގެފާނު ފުރިހަމަ ކުރެއްވީއެވެ.
20އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ މަތިގަނޑު ޖެއްސެވިއެވެ. 21ދެން އެކަލޭގެފާނު ޢަހުދުނާމާ ފޮށިކޮޅު ފޭލިގޭތެރޭގައި ބަހައްޓަވައި އޭގެ ވަށައިގެން ދެމުމަށް ހެދިފައިވާ ފަރުދާކޮޅު ދެންމެވިއެވެ. މިގޮތުގެ މަތިން އެ ފޮށިކޮޅު މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތިން ނިވާކުރެއްވިއެވެ.
22އޭގެ ފަހުން މޭޒުކޮޅު ގެންދަވައި ފޭލިގެކޮޅުގެ އުތުރު ފަރާތުގައި މާތްވެގެންވާ މަޤާމުފުޅު ކާރީ ހުރި ފަރުދާގެ ބޭރުގައި ބަހައްޓަވައިފިއެވެ. 23އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅާ ބޯރޮށިތައް ގެންދަވައި އެކަލާނގެ އެންގެވި ފަދައިން އެތަކެތި ބެހެއްޓެވިއެވެ.
24އޭގެ ފަހުން ބައްތިކޮޅު ގެންދަވައި މޭޒުކޮޅުގެ އަނެއްފަރާތުގައި ފޭލިގެކޮޅުގެ ދެކުނު ފަރާތުގައި ބެހެއްޓެވިއެވެ. 25ދެން މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެ ޙަޟްރަތުގައި އެބައްތިކޮޅު ދިއްލެވިއެވެ. 26އަދި ދުންއަޅާ ރަންއަށި ގެންދަވައި މާތްވެގެންވާ މަޤާމުފުޅުގެ ފަރުދާ ކާރީގައި ބެހެއްޓެވިއެވެ. 27މާތްރަސްކަލާނގެ އެންގެވި ފަދައިން އެތަނުގައި މީރު ވަސްދުވާ ތަކެތި އަންދަވައި ދުން އެޅުއްވިއެވެ.
28އޭގެ ފަހުން ފޭލިގެކޮޅުގެ ކުރިމަތީގައި ދަމާ ފަރުދާ ވެސް އެކަލޭގެފާނު ދަންމަވައިފިއެވެ. 29އަދި ޤުރުބާނީ އަންދާ އަށިވެސް ފޭލިގެކޮޅު ކުރިމަތީގައި ބަހައްޓަވައިފިއެވެ. އެތަނުގައި އެކަލޭގެފާނު ޤުރުބާނީއެއް އަންދަވައި ގޮދަން ވެދުން ކުރެއްވިއެވެ. އެއީ ވެސް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.
30އެއަށް ފަހު އިމާމުން އަތްފައި ދޮވުމަށް ހުރި ބިލިގާ ގެންދަވައި ޤުރުބާނީ އައްޓާއި ފޭލިގެކޮޅާ ދެމެދު ބަހައްޓަވައި އެއަށް ފެން އަޅުއްވައިފިއެވެ. 31މޫސާގެފާނާއި ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންތައް އެ ފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައިފިއެވެ. 32އެބޭކަލުން ފޭލިގެކޮޅުތެރަށް ނުވަތަ އަށިކޮޅާ ކައިރިއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައެވެ. އެއީ މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ. 33ދެން އެއަށް ފަހު މާތްވެގެންވާ ފޭލިގެކޮޅާއި ޤުރުބާނީ އަށީގެ ވަށައިގެން ފަރުދާ ދަންމަވައި ދޮރުކޮޅުމަތީގެ ފަރުދާ ވެސް ދަންމަވައިފިއެވެ. އެއާއެކު ފޭލިގެ ޖެއްސެވުމުގެ ހުރިހާކަމެއް ފުރިހަމަ ވެއްޖެއެވެ.
މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅު
34އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ. 35އެވަގުތު މޫސާގެފާނަކަށް އެ ފޭލިގެކޮޅަކަށް ވެދެވަޑައެއް ނުގެންނެވުނެވެ. އެހެނީ އޭރު ފޭލިގެކޮޅު މައްޗަށް ވަނީ އެބޯ ވިލާގަނޑު ފެތުރި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން ފުރިފައި ވެއެވެ.
36އެވިލާނގަނޑު ފޭލިގެކޮޅު މަތިން އުފުލި ކުރިއަށް ދާ ދިމާއަކަށް ބަނީ އިސްރާއީލީން ދަތުރުކުރަމުން ދިޔައެވެ. 37ވިލާގަނޑު ނުއުފުލޭނަމަ އެމީހުން ތިބި ތަނެއްގައި ތިބެނީއެވެ. 38ދުވާލުގެ ވަގުތުގައި މާތްރަސްކަލާނގެ ފޮނުއްވި މިވިލާގަނޑު ފޭލިގެމަތީ ބުރުއަޅަމުން ދެއެވެ. ރޭގަނޑު ވިލާގަނޑުގެ ތެރޭގައި އަލިފާން ރޯވެފައި ހުރެއެވެ. މިތަން ބަނީ އިސްރާއީލުގެ ހުރިހާ އާއިލާތަކަށް ފެންނަން ހުރެއެވެ. އެމީހުން ކުރި ދަތުރު ނިމެންދެން ވެސް މިކަންތައް މިގޮތުގައި ހިނގަމުން ދިޔައެވެ.

ទើបបានជ្រើសរើសហើយ៖

ނެރުއްވުން 40: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល