ނެރުއްވުން 32

32
ރަނުގެ ގެރި
1މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“
2އެހެންވެ ހާރޫނުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ އަނބިދަރިންގެ ކަންފަތުގައި ހުރި ރަނުގެ މުދިތައް މަގޭ ގާތަށް ގެނޭ.⁠“
3ދެން އެމީހުން ގޮސް އެތަކެތި ހާރޫނުގެފާނަށް ގެނެސް ދިނެވެ.
4ހާރޫނުގެފާނު އެތަކެތި ވިރުވައި ތައްގަނޑު ހައްދަވައި ގެން ރަނުން ޅަ ފިރިހެން ގެރިއެއް ހައްދަވައިފިއެވެ. އެ އެތި ފެނުމުން އެމީހުން އުފާވެފައި ބުނެފިއެވެ. ”⁠އޭ އިސްރާއީލް! ކަލޭމެން މިޞްރުން ނެރެދެއްވި އިލާހު މިއޮތީ!⁠“
5ހާރޫނުގެފާނަށް އެމީހުން އުފާވިވަރު ފެނި ވަޑައިގެން އެ ގެރި ކުރިމަތީ ޤުރުބާނީ އައްޓެއް ތައްޔާރު ކުރެއްވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާދަމައަކީ މާތްރަސްކަލާނގެއައްޓަކާ ޢީދެއް ފާހަގަ ކުރަންވާ ދުވަސް!⁠“
6އޭގެ އަނެއް ދުވަހު ފަތިހާ މީހުން ތެދުވެގެން މި ގެރިއަށް އަންދައި ކުރާ ޤުރުބާނީއާއި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ހުށަހަޅަން އަތުވެއްޖެއެވެ. އެމީހުން އައިސް ޢީދު ފާހަގަކޮށް ޖާފަތް ހަދައި ބުއިންތައް ބޮއެ ހުރިހާ ބާވަތެއްގެ ހަޑިހުތުރު ފާހިޝް ކަންތަކެއް ކުރަން ފަށައިފިއެވެ.
7 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި. 8އެމީހުން އަހަރެން އެންގި އެންގުމަށް ފުރަގަސް އެދިނީ ކިހާ އަވަހަކަށް! އެމީހުން ރަން ވިރުވައިގެން ގެރިއެއް ހަދައިގެން އެބައުޅޭ. އެމީހުން އޭގެ ކުރިމައްޗަށް ސަޖިދަކޮށް ޖަނަވާރުތައް ޤުރުބާން ކުރަމުން އެބަދޭ. އެމީހުން އެބަ ބުނޭ ’⁠އޭ ބަނީ އިސްރާއީލީންނޭ، ކަލޭމެން މިޞްރުން ނެރުނު އިލާހަކީ މިއޮތީ އޭ.⁠‘⁠“
9ދެން މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މިމީހުންގެ ބޯހަރުކަމާއި ދެކޮޅުވެރިކަން އަހަރެންނަށް އެބަ ފެނޭ. 10އަހަރެންގެ ގަދަފަދަ ރުޅީގެ އަލިފާން އެމީހުންގެ މައްޗަށް ބޭލިޔަދީ. އަހަރެން އެ އެންމެން ނައްތާލާނަން. އެއަށް ފަހު ކަލެއާއި ކަލޭގެ ދަރިކޮޅުން ބޮޑު ޤައުމެއް ހަދައިދޭ ނަން.⁠“
11އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟ 12މިޞްރު މީހުން އޭރުން ބުނާނެ، ’⁠އެމީހުންގެ ކަލާނގެ މިރަށުން އެމީހުން ނެރުއްވީ ފަރުބަދަތަކުގެ ތެރެއަށް ގެންގޮސް އެމީހުން މަރާލައި އެމީހުންގެ ވަސް މިބިންމަތިން ފިލުވާލުމަށޭ ނޫންތޯ؟⁠‘ ތިޔަ ކޯފާ މަޑު ކުރައްވާ! އިނބަރަސްކަލާނގެ އެމީހުންނާމެދު ތިޔަގޮތަށް ކަންތައް ކުރެއްވުން ހުއްޓަވާ ލައްވާ! އެވަރުގެ ގަދަފަދަ ކޯފާއެއް އިނބަރަސްކަލާނގެ މީހުންގެ މައްޗަށް ނުފޮނުއްވާ! 13އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“
14ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.
15މޫސާގެފާނު ދެން ފަރުބަދައިގެ ތިރިއަށް ވަޑައިގެންފިއެވެ. އޭރު އެކަލޭގެފާނު އަތްޕުޅުގައި ޢަހުދުނާމާ ލިޔެވިފައިވާ ދެހިލަފޮތި އޮތެވެ. އެހިލަފޮތީގެ ދެފުށުގައި އެ ޢަހުދުނާމާ ލިޔެވި ބިންވަޅު ނެގިފައި ވެއެވެ. 16މި ހިލަ ފޮތިތަކުގައި ވާ ލިޔުމަކީ ސީދާ މާތްކަލާނގެ އަތްޕުޅުން ލިޔުއްވައިފައިވާ އަމުރުފުޅުތަކެކެވެ.
17ޔަޝޫޢުގެފާނަށް ފަރުބަދައިގެ ތިރިން މީސްތަކުންގެ ހަޅޭކުގެ އަޑު އިވި ވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ހީވަނީ ފޭލިގެތަކުގެ ތެރޭގައި ހަނގުރާމައެއް ކުރެވެނީހެން!⁠“ 18އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”⁠ނޫން. އެއަކީ ފަތަޙައިގެ ނަޣަރާއެއް ނޫން. އެއީ ނާކާމިޔާބީގެ ރުއިމުގެ އަޑެއް ވެސް ނޫން. އަހަންނަށް އިވެނީ ވަރުގަދަ އުފާފާޅު ކުރުމެއްގެ އަޑެއް.⁠“
19އެބޭކަލުން ފޭލިގެތަކާ ހަމަޔަށް ވަޑައިގެން ބެއްލެވި އިރު މީސްތަކުން ގެރިއެއްގެ ކުރިމަތީގައި ނަށަން ތިބިތަން ފެނި ވަޑައިގެން އެކަލޭގެފާނުގެ ގާތަށް އަލިފާންފަދަ ކޯފާއެއް އަތުވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ގެންނެވި ހިލަފޮތިތައް ބިމާލާ ޖައްސަވައި ފަރުބަދައިގެ ބުޑަށް ފުނޑުފުނޑު ކޮށްލައްވައިފިއެވެ.
20ދެން ވަޑައިގެން އެމީހުން ގެންގުޅުނު ގެރި އަންދަވައިލައްވައިފި އެވެ. އަދި އެ އެއްޗެހި ހިމުން ފުށަށް ހައްދަވައި ފެނަށް ގިރައި އެ ފެން އެމީހުންނަށް ގަދަކަމުން ބޯން ދެއްވިއެވެ.
21އެންމެފަހުން އެކަލޭގެފާނު ހާރޫނުގެފާނާ ދިމާއަށް އެނބުރި ވަޑައިގެން އެއްސެވިއެވެ. ”⁠އެމީހުންގެ މައްޗަށް މިހާބޮޑު ފާފައެއް ކަލޭ ކުރިމަތި ކުރީ އެމީހުން ކަލެއަށް ކުރި ކޮންކަމަކާ ހެދިތަ؟⁠“
22”⁠ސާހިބާ، އަޅުގަނޑު ދެކެ ކޯފާ ނުވޭ.⁠“ ހާރޫނުގެފާނު ދެންނެވިއެވެ. ”⁠މި ވިޔާނުދާ މީހުންގެ ކަންތައް ހުންނަ ގޮތް ކަލޭގެފާނަށް ވެސް އެނގި ވަޑައިގަންނަވާނެ. 23އެމީހުން އަޅުގަނޑުގެ ގާތުން އެދުނީ އެމީހުންނަށް މަގު ދައްކާނެ އިލާހެއް ހަދައި ދިނުމަށް. އެމީހުން ބުނި ’⁠މިޞްރުން ތިމަންމެން ނެރެގެން ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް ނޭނގުނޭ⁠‘. 24އެހެންވެ އަޅުގަނޑު ބުނިން. އެމީހުންގެ ތެރޭން މީހެއްގެ އަތުގައި ރަނެއް ޖަވާހިރެއް ހުރިއްޔާ އެއެއްޗެއް ގެންނާށޭ. އެއެއްޗެހި ގެނެސް އަޅުގަނޑު އަލިފާނަށް ލުމުން އެއިން ނުކުތީ މި ގެރި!⁠“
25ހާރޫނުގެފާނު އެމީހުން މަގުފުރައްދަވައި މޮޔަ ހައްދަވައިފިކަން މޫސާގެފާނަށް ފެނި ވަޑައިގަތެވެ. އަދި އެމީހުންގެ ދުޝްމިނުން އެމީހުންނަކީ ތާކުން ތާކު ނުޖެހޭ ބައެއް ކަމަށް ދެކޭނެ އަމަލުތައް ކުރިޔަ ދީފި ކަން މޫސާގެފާނަށް އެނގިވަޑައިގަތެވެ.
26އެހެންވެ އެކަލޭގެފާނު ފޭލިގެތަކުގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއާ އެކީގައި ތިބިއްޔާ ތިބިހާ ބަޔަކު އަހަރެންގެ ގާތަށް އާދޭ.⁠“
ދެން ލާވީންގެ ދަރިކޮޅުގެ މީހުން އެކަލޭގެފާނުގެ ގާތަށް އައިސް ޖަމާ ވެއްޖެއެވެ.
27މޫސާގެފާނު ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ، އިސްރާއީލީންގެ އިލާހުގެ ވަޙީބަސްފުޅު: ކަލޭމެން ކަނޑި ހިފައިގެން ފޭލިގެތަކުގެ އެއްކޮޅުން އަނެއްކޮޅަށް ވަދެ އެ އެންމެން މަރާލާ. އެކަކު ވެސް ދިރި ބަހައްޓާނެ ކަމެއްނެތް. އެއީ ކަލޭމެންގެ އެއްބަނޑު އެއްބަފާ މީހެއްވިޔަސް، ރައްޓެއްސެއް ވިޔަސް އަވަށްޓެރިއެއް ވިޔަސް ހެޔޮ.⁠“
28ލާވީންގެ ދަރިކޮޅުގެ މީހުން މޫސާގެފާނުގެ އަމުރުފުޅަށް ކިޔަމަންވިއެވެ. އެމީހުން ގޮސް އެދުވަހު ތިންހާހެއްހާ މީހުން މަރާލިއެވެ.
29ދެން މޫސާގެފާނު ލާވީންނަށް ވިދާޅުވިއެވެ. ”⁠މިއަދު ކަލޭމެން ތިޔަ ކުރީ މާތްރަސްކަލާނގެ އަށްޓަކައި ކުރި ހެޔޮކަމެއް. އެއީ ކަލޭމެންގެ ދަރިންނާއި ކޮއްކޮއިން މަރަން ޖެހުނު ކަމުގައިވިޔަސް ކަލޭމެން އެކަލާނގެއަށް ކިޔަމަންތެރި ވީތީ. އެހެންކަމުން ކަލޭމެން ތިޔަ ހާސިލުކުރީ މަތިވެރި ރަޙުމަތެއް.⁠“
މޫސާގެފާނު އިސްރާއީލީންގެ ދިފާއުގައި
30އޭގެ އަނެއް ދުވަހު މޫސާގެފާނު އިސްރާއީލީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަނީ ބޮޑުވެގެންވާ ފާފައެއް ކޮށްފައި. އެކަމަކު އަހަރެން މާތްރަސްކަލާނގެ ޙަޟްރަތަށް ފަރުބަދަ މައްޗަށް ދާނަން. ފަހަރުގައި އަހަރެންނަށް އެކަލާނގެ ޙަޟްރަތުން ކަލޭމެންނަށް އަފޫއާންމެއް ހޯދައި ދެވިދާނެ.⁠“
31ދެން މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން ދެންނެވިއެވެ. ”⁠އެމީހުން އެކުރީ ކޮންފަދަ ފާފައެއް! އެމީހުން އަމިއްލައަށް ރަނުން އިލާހަކު ހަދައި އެއަށް އަޅުކަން ކޮށްފި. 32ނަމަވެސް އެމީހުންގެ މި ފާފައަށް މައާފު ކޮށްދެއްވުމަށް މިއަޅާ އިނބަރަސްކަލާނގެ ކިބަފުޅަށް އާދޭސް ދަންނަވަން. އިނބަރަސްކަލާނގެ އެމީހުންނަށް މަޢާފު ނުދެއްވާނެ ނަމަ އިނބަރަސްކަލާނގެ ފޮތުން އަޅުގަނޑުގެ ނަން ކަނޑާލަ ދެއްވާ!⁠“
33އެކަމަކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ނޫން! އަހަރެންނާމެދު ފާފަ ކުރި އެންމެންގެ ނަންތައް ފޮތުން ކަނޑާލާނަން! 34މިހާރު ދޭ. ގޮސް އަހަރެން އެންގި ތަނަށް އެމީހުން ގެންދޭ. ނިކަން ބަލާ! އަހަރެންގެ މަލާއިކަތާ އެ ދަނީ ކަލެއަށް މަގު ދައްކައިދޭން. އަހަރެން ހިސާބު ބަލަން އެމީހުން އެއްކުރާ ދުވަހަކުން ފާފަ ކުރި މީހުން އެކަމަށް ޒިންމާ ކުރުވާނަން.⁠“
35ދެން މާތްރަސްކަލާނގެ ބަނީއިސްރާއީލުންގެ މައްޗަށް ބޮޑުވެގެންވާ ބަލިމަޑު ކަމެއް ފޮނުއްވިއެވެ. އެއީ ހާރޫނުގެ ފާނު ލައްވައި ގެރިއެއް ހައްދައި އެއަށް އެމީހުން އަޅުކަން ކުރީތީއެވެ.

ទើបបានជ្រើសរើសហើយ៖

ނެރުއްވުން 32: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល