ނެރުއްވުން 15
15
މޫސާގެފާނުގެ ޙަމްދު ސަނާގެ ލަވަ
1ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ޙަމްދު ސަނާ ދެންނެވިއެވެ.
”މާތްރަސްކަލާނގެއަށް މިއަޅާ މިހެން މަދަހަސަނާ ދަންނަވަން.
އެކަލާނގެއަކީ ކާމިޔާބު ދެއްވާ ޖަލާލުވަންތަ ކަލާނގެ.
އެކަލާނގެ އަހާއި އަސްވާރު ކަނޑު ލެއްވި.
2މިއަޅާގެ ގަދަފަދަ ކިއްލާއަކީ އެ މާތްރަސްކަލާނގެ.
މިއަޅާ ސަލާމަތް ކޮށް ދެއްވީ އެކަލާނގެ.
އެކަލާނގެއަކީ މިއަޅާގެ ކަލާނގެ.
އެހެންވެ އެކަލާނގެއަށް ސަނާ ދަންނަވައި މިއަޅާ ލަވަކިޔަން.
އެކަލާނގެއީ މިއަޅާގެ ކާބަފައިންގެ ވެރި އިލާހު.
އެކަލާނގެ މަތިވެރި ކަމަށްޓަކައި މިއަޅާ ސަނާ ދަންނަވަން.
3އެ މާތްރަސްކަލާނގެއަކީ އެންމެ މޮޅަށް ހަނގުރާމަ ކުރައްވާ ފަހުލަވާނު.
އެކަލާނގެ ނަންފުޅަކީ ޔަހޫވޭ.#ނެރުއްވުން 3:15
4އެކަލާނގެ މިޞްރުގެ ލަޝްކަރާއި އަސްގާޑިޔާތައް ކަނޑުލެއްވި.
އެމީހުންގެ ތެރޭގައި ތިބި އެންމެ މަތީ އޮފިސަރުން ރަތް ކަނޑަށް ޣަރަގު ކުރެއްވި.
5އެ ފުންކަނޑު އައިސް އެމީހުން ވަށާލި.
އަދި އެމީހުން ގަލެއް ހެން ކަނޑުގެ އަޑިއަށް ގެނބިގެން ދިޔަ.
6 މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ކަނާތްޕުޅުގެ މަތިވެރި ބާރުފުޅު ކިހާގަދަ!
އެ އަތްޕުޅުން ދުޝްމަނުންގެ ލަޝްކަރު އެއްކޮށް ފުނޑުފުނޑުކޮށްލެއްވި.
7އެމަތިވެރި ބާރުފުޅުން އިނބަރަސްކަލާނގެ އަދާވާތްތެރިންގެ މައްޗަށް ފަތަޙަ ހޯއްދެވި.
އިނބަރަސްކަލާނގެ ކޯފާއިން އެމީހުން ހުއިކޮޅެއް ފަދައިން އަނދައިގެން ދިޔަ.
8އިނބަރަސްކަލާނގެ ފުމެލެއްވުމުން ކަނޑު ކެވިއަރައިގެން ދިޔަ.
ބޮޑު ފާރެއް ހެން ދެފަރާތުގައި ކަނޑުގެ ލޮނުގަނޑު އަރާފައި ހުރި.
ކަނޑުގެ ފުނުގައިވާ ލޮނުގަނޑު ހަރުވެ އުފުލިފައި ހުރި.
9އަދާވާތްތެރިޔާ ބުނި.
’އަހަރެން އެމީހުން ފަހައިގޮސް އަތުލާނަން.
އަހަރެން އެމީހުންގެ މުދާތައް ބަހައިލާނަން.
އަހަރެން ބޭނުން އެއްޗެއް ދަމައިގަންނާނަން.
އަހަރެންގެ ކަނޑީގެ ބާރުގައި
އެހުރިހާ އެއްޗެއް ފޭރިގަންނާނަން.‘
10އެކަމަކު އިނބަރަސްކަލާނގެ އެންމެ ފަހަރަކު ފުމެލައްވާ އިރަށް
މިޞްރުގެ އެންމެން ނެތިވެ ހިނގައްޖެ.
އެގަދަފަދަ ކަނޑުތެރެއަށް އެމީހުން ތިމަރަ ބަރިތަކެއް ފަދައިން ގެނބިގެން ހިނގައްޖެ.
11ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟
އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟
މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކު ވެސް ކޮބައިތޯ؟
12އިނބަރަސްކަލާނގެ ކަނާތްޕުޅު އުފުއްލަވައިލެއްވުމުން
ބިންގަނޑު އައިސް އަދާވާތްތެރިން ދިރުވައިލި.
13ދެގޮތެއްނުވާ ލޯބިފުޅަކާއެކު އިނބަރަސްކަލާނގެ މިންޖުކުރެއްވި މީހުންތަކަށް މަގު ދެއްކެވި.
އިނބަރަސްކަލާނގެ ކުޅަދުންވަންތަ ކަމުން
މާތްވެގެންވާ މަޤާމުފުޅަށް އެމީހުން ގެންދެވި.
14މިވާހަކަ އަޑު އަހައި މީސްތަކުން ބިރުން ތުރުތުރުލައިގެން ދިޔަ.
ފިލިސްޠިޔާގައި އުޅޭ މީހުން ބިރުން ފިތްކަނޑައިގެން ދިޔަ.
15އަދޫމުގެ ވެރިން ގަތް ބިރުގެ ކޮޅެއް ވެސް ނެތް.
މުއާބުގެ ގަދަ ފަހުލަވާނުން ތުރުތުރު އެޅި.
ކަންޢާނުގެ އަހުލުވެރިން ބިރުން ވިރިގެން ދިޔަ.
16އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ.
އިނބަރަސްކަލާނގެ އަތްޕުޅުގެ މަތިވެރި ބާރުފުޅުން
އެމީހުން ހިލަތަކެއް ފަދައިން ފުރާނަ ނެތިފައި ތިބީ.
އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ހުރަސްކުރަންދެން.
އެއީ އިނބަރަސްކަލާނގެ އަޅުވެތިކަމުން ސަލާމަތް ކުރި މީހުން.
17އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި
އެތާގައި ގަސްތަކެއް ފަދައިން އިންދަވާނެ.
އޭ މާތްރަސްކަލާނކޯ! އެތަނަކީ އިނބަރަސްކަލާނގެ ގެކޮޅުގެ ގޮތުގައި ޚާއްސަ ކުރައްވައި ބާއްވާފައިވާ މަޤާމުފުޅު.
އެއީ އިނބަރަސްކަލާނގެ އަތްޕުޅުން މާތްކުރެއްވި މަޤާމުފުޅެއް.
18 މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެއަކީ
ދާއިމަށް ދިރި ދެމިވޮޑިގެންވާ ރަސްގެފާނު!“
19ފިރުޢައުނުގެ އަސްތަކާއި އަސްގާޑިޔާތަކާއި އަސްވާރުންތައް ކަނޑުން ހިކިފައިވާ ތަނަށް އެރުނެވެ. ދެން މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ކަނޑުގެ ލޮނުގަނޑު އޮއްސެވިއެވެ. އެއާއެކު އެމީހުން ގެނބިގެން ދިޔައެވެ. އިސްރާއީލީންގެ މީހުން ދިޔައީ ކަނޑުމެދުން ހެދިފައިވާ ހިކި ފަސްގަނޑުގެ މަތިންނެވެ! 20ދެން ހާރޫނުގެފާނުގެ ދައްތަ ނަބީ މަރިޔަމް ތާރައެއް ހިފައިގެން އައިސް ޖަހަން ފެށުމުން ދެންތިބި އަންހެންވެރިން ވެސް ތާރަ ޖަހައި ނަށަން ފަށައިފިއެވެ.
21މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ:
”މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ.
އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ.
އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.“
ހިތިފެން
22ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.
23ދެން އެމީހުން މާއްރާގެ ފެންއާރާ ހަމައަށް އައިސް ރަހަބަލާލިއިރު އެފެން ހިތިކަމުން ބޮވޭވަރެއް ނުވެއެވެ. އެހެންވެ އެމީހުން އެތަނަށް މާއްރާ އޭ ކިޔާ ނަންދިނެވެ.#15:23 ޢިބްރާނީ ބަހުން މާއްރާގެ މާނައަކީ ހިތްޗެވެ.
24ދެން އެމީހުން އެކަމާ ބެހޭގޮތުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. ”އަހަރެމެން ބޯނީ ކޮން އެއްޗެއް؟“
25ދެން މޫސާގެފާނު މާތްރަސްކަލާނގެއަށް ޚުޝޫއަތްތެރި ކަމާއެކު ދުޢާ ދެންނެވުމުން އެކަލާނގެ މޫސާގެފާނަށް ލަކުޑިކޮޅެއް ދެއްކެވިއެވެ. އެކަލޭގެފާނު އެލަކުޑިކޮޅު އެފެންއާރު ތެރެއަށް އެއްލަވާ ލެއްވުމާއެކު އެ ފެން، ބޯން ކަމުދާ ފެނަކަށް ވެއްޖެއެވެ.
މާތްރަސްކަލާނގެ އެތަނުގައި އެމީހުންނަށް އަމުރުފުޅެއް ކުރެއްވިއެވެ. އަދި އެމީހުންގެ އީމާންކަން އިމްތިޙާނު ކުރެއްވިއެވެ. 26އެކަލާނގެ އެންގެވިއެވެ. ”ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.“ 27މައްރާ ދޫކޮށް އިސްރާއީލީން ދަތުރުކުރަމުން ގޮސް އީލީމް ފެންއާރު ދޮށަށް ހިނގައްޖެއެވެ. އެތަނުގައި ފެންއަރާ ބާރަ ފެންއާރާއި ހަތްދިހަ ރުއް ހުއްޓެވެ. އެމީހުން އެފެންއާރުތަކުގެ ކާރީގައި ފޭލިގެ ޖަހައިފިއެވެ.
ទើបបានជ្រើសរើសហើយ៖
ނެރުއްވުން 15: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.