2 ޞަމޫއީލް 13

13
އަމްނޫންއާއި ތާމާރު
1ދާއޫދުގެފާނުގެ އަބްޝާލޫމް ކިޔާ ދަރިކަލަކު ހުންނެވިއެވެ. އެ ދަރިކަލުންގެ އަންހެން ކޮއްކޮގެ ނަމަކީ ތާމާރު އެވެ. ތާމާރު އަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ.
އަދި ދާއޫދުގެފާނުގެ ބޭފުޅުންގެ ތެރޭގައި އަމްނޫންއޭ ކިޔާ ފިރިހެން ދަރިކަލަކު ވެސް ހުއްޓެވެ. އަމްނޫން އޭނާގެ އެއްބަފާ އަންހެން ކޮއްކޮ ތާމާރުއާ ހިތާވެއްޖެއެވެ. 2އޭރު ތާމާރު އަކީ ބިކުރުވެރި ކުއްޖެކެވެ. އަމްނޫން ހުންނަނީ އެކުއްޖާ އާހެދި މޮޔަވެފައެވެ. މިކަމާހެދި އޭނާ ބަލިވެއްޖެއެވެ. އަދި އޭނާއަކަށް އެކުއްޖާއާއެކު އެކަހެރިކޮށް ބައްދަލު ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ.
3އަމްނޫނުގެ ރައްޓެއްސަކަށް ޔޫނަދަބު ކިޔާ މީހަކު ހުއްޓެވެ. އޭނާއަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ. ޔޫނާދާބު އަކީ ވަރަށް ހިޔަޅު ބުއްދި ހުންނަ މީހެކެވެ. 4ޔޫނާދާބު އަމްނޫން ގާތު ބުންޏެވެ. ”⁠ކަލޭ ދުވަހެއް ދުވަހަކަށް ތިޔަ ދަނީ ހުލިވެ ހުސްވަމުން. ކަލޭތީ ރަސްގެފާނުގެ ދަރިކަލެއް. ތިހެން އޮވެ ހުލިވަމުން ތިޔަ ދަނީ ކީއްވެތަ؟⁠“
އަމްނޫން ޔޫނާދާބުގާތު ބުންޏެވެ. ”⁠އެއީ އަހަރެން ތާމާރު ދެކެ ލޯބިވާ ވަރުން ވެގެން އުޅޭ ގޮތެއް. އެކަމަކު ތާމާރު އެއީ އަހަރެންގެ އެއްބަފާ އަބީޝަލޫމުގެ ކޮއްކޮއެއް.⁠“
5ޔޫނާދާބު އަމްނޫނުގެ ގާތު ބުންޏެވެ. ”⁠ކަލޭ ބަލިވެގެން ކަމަށް ހަދައިގެން އެނދަށް އަރާ އޮށޯވެ އޮވޭ. ކަލޭގެ ބައްޕާފުޅު ވަޑައިގަތީމާ ދަންނަވާ، ކޮއްކޮ ތާމާރު ލައްވައި ކާން ހައްދާ ދޭށޭ. ކަލޭ އޭނާ ކައްކާތަން ބަލަން ބޭނުމޭ، އަދި އޭނާގެ އަތުންލަވާ ދީނީމާ ތިމަން ގަދަވެދާނެޔޭ.⁠“
6އެހެންވެ އަމްނޫން ބަލިވެ ކަމަށް ހެދިގެން އެނދުގައި އޮށޯވެއްޖެއެވެ. ދާއޫދު ރަސްގެފާނު އަމްނޫނަށް ގޮވާލަން ވަޑައިގަތުމުން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ކޮއްކޮ ތާމާރު އައުމުގެ ހުއްދަ ދެއްވާ. އަދި އޭނާ ލައްވާ ދެ ކޭކު އަޅުއްވައި ދެއްވާ. އޭނާ އަޅުގަނޑު ބަލަން އޮއްވައި ކޭކު ފިހުނީމާ އޭނާގެ އަތުން އަޅުގަނޑު އެ ކޭކު ކައިފާނަން.⁠“
7ދެން ދާއޫދުގެފާނު ތާމާރުގެ ގެޔަށް މީހަކު ފޮނުއްވައިފިއެވެ. އެމީހާ ގޮސް ތާމާރު ގާތު ބުންޏެވެ. ”⁠ކަލޭގެ ބޭބެ އަމްނޫނުގެ ގެޔަށް ގޮސް އޭނާއަށް ކާއެއްޗެއް ތައްޔާރު ކޮށްދީ.⁠“
8އެހެންވެ ތާމާރު އޭނާގެ ބޭބެ އަމްނޫނުގެއަށް އަތުވެއްޖެއެވެ. އޭރު އަމްނޫން އޮތީ އެނދުގައެވެ. ތާމާރު އޭނާގެ އަތުން ފުށްމޮޑެ ކޭކު އަޅާތަން ބަލަން އޮތެވެ.
9ދެން ތާމާރު ކޭކު ތަވައިން ނަގައި އަމްނޫނަށް ކާން ހަދައި ދިނެވެ. އެކަމަކު އަމްނޫނެއް ނުކެއެވެ. އަމްނޫން އޭނާގެ ޚާދިމުންނަށް އަމުރު ކުރިއެވެ. ”⁠ކަލޭމެން ބޭރަށްދޭ.⁠“ އެހެންވެ އެމީހުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
10ދެން އަމްނޫން ތާމާރު ގާތު ބުންޏެވެ. ”⁠ކާއެއްޗެހި ހިފައިގެން މި ކޮޓަރިއަށް އާދޭ. އައިސް ކަލޭ އަތުން އަހަންނަށް ކާންދީ.⁠“
އެހެންވެ ތާމާރު ތައްޔާރު ކުރި ކޭކުތައް ހިފައިގެން އޭނާގެ ބޭބެ ނިދާ ކޮޓަރިއަށް އަތުވެއްޖެއެވެ. 11އޭނާ އަމްނޫނަށް ކާންދޭން ފެށިތަނާ އޭނާ ތާމާރުގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި ބުންޏެވެ. ”⁠ކޮއްކޯ! އާދޭ އަހަންނާއެކު އެއްދާން ކުރަން.⁠“
12ތާމާރު ބުންޏެވެ. ”⁠ނޫން ބޭބޭ! ތިޔަކަންތައް ކުރަން އަހަންނަށް މަޖުބޫރު ނުކުރޭ. ތިޔަ ފަދަ ލަދު ހުތުރު ކަންތައް ނުކުރޭ. އިސްރާއީލުގައި ތިޔަފަދަ ވިޔާ ނުދާ ކަމެއް ކޮށްގެން ނުވާނެ. 13އޭރަކުން އަހަރެންނަކަށް މި ލަދަކުން ދުވަހަކު ވެސް ސަލާމަތެއް ނުވެވޭނެ. އަދި ބޭބެއަކީ ވަރަށް ނުބައި ދަށުދަރަޖައިގެ މޮޔައެއްކަމަށް މީހުން ދެކޭނެ. ބައްޕާފުޅަށް ދެންނެވީމާ އަހަރެމެން ދެމީހުން ކައިވެނި ކުރަން ހުއްދަ ދެއްވާ ވެސް ފާނެ.⁠“
14އެކަމަކު އަމްނޫން ތާމާރުގެ ބަހެއް ނޭހިއެވެ. އޭނާ ތާމާރަށް ވުރެން ބާރުގަދައެވެ. އެހެންކަމުން އޭނާ ތާމާރާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.
15ދެން ކުއްލިއަކަށް އަމްނޫން ތާމާރު ދެކެ ވަރަށްބޮޑަށް ފޫހިވެއްޖެއެވެ. އޭނާ ތާމާރު ދެކެ ކުރީގައި ލޯބިވީހާ ބޮޑަށް މިހާރު އޭނާ ދެކެ ނަފްރަތު ވެއްޖެއެވެ. އަމްނޫން ތާމާރުއާ ދިމާލަށް ބުންޏެވެ. ”⁠މިތަނުން ނުކުމެ ރައްކާވޭ!⁠“
16ތާމާރު އަމްނޫގެ ގާތު ބުންޏެވެ. ”⁠ތިޔަހެން ނުހަދާ! އަހަރެން ތިޔަ ގޮތަށް ފޮނުވާނުލާ. އޭރުން އެކުރެވެނީ ތިޔަ ކުރި ފާފައަށް ވުރެން ބޮޑު ފާފައެއް.⁠“ #13‏:16 ތައުރާތުގައި ވާގޮތުގައި އަންހެނެއްގެ އިއްފަތްތެރިކަން ގެއްލުވާލާ މީހާ އެއަންހެނާއާ އިންނަން ޖެހެއެވެ. އެއީ އިއްފަތްތެރިކަން ގެއްލިފައިވާ އަންހެނަކާ އެދުވަސްވަރު އެއްވެސް ފިރިހެނަކު ކައިވެންޏެއް ނުކުރާނެތީ އެވެ.
އެކަމަކު އަމްނޫން ތާމާރުގެ އާދޭހެއް އަޑެއް ނޭހިއެވެ. 17އަމްނޫން އޭނާގެ ޚާދިމަށް ގޮވާފައި އެންގިއެވެ. ”⁠މި އަންހެނާ އަހަރެންގެ ކޮޓަރިން ބޭރަށް ނެރެ ދޮރު ތަޅުލާ!⁠“
18އެހެންވެ އަމްނޫނުގެ ޚާދިމު އައިސް ތާމާރު އެކޮޓަރިން ނެރެފައި ދޮރު ތަޅުލައިފިއެވެ. ތާމާރު ހުރީ އަތްދިގު ހެދުމެއް ލާފައެވެ. އެއީ ރަސްގެފާނުގެ ބިކުރުވެރި އަންހެންކުދިން ލައި އުޅޭ ހެދުމެކެވެ. 19ތާމާރު އެ ހެދުން ވީދާލައި ބޮލަށް އަޅިއަޅައި ދެއަތުން މޫނުފޮރުވައިގެން ރޮމުން ރޮމުން ހިނގައްޖެއެވެ.
20ތާމާރު ދިއުމުން އޭނާގެ ބޭބޭ އަބްޝާލޫމް އޭނާ ކުރެން އެއްސެވެ. ”⁠ކަލޭގެ ބޭބެ ކަލެއަށް ކުރީ ކީތް؟ އޭނާ ކަލޭގެ ގަޔަށް އެރީތަ؟ ދެން ކޮއްކޯ! ތިޔަ ވާހަކަ ނުދައްކާތި. އަމްނޫންއަކީ އަހަރެމެންގެ ބޭބެއެއް. އެހެންވީމާ ތިކަންތައް ދެން މާ ބޮޑުކަމަކަށް ނަހަދާ!⁠“
ދެން އޭނާގެ ބޭބެ އަބްޝާލޫމްގެ ގޭގައި އުޅެން ފަށައިފިއެވެ. އޭނާ އުޅެމުން ދިޔައީ ހުސްހަށިބައިކަން މަތީ ނުހަނު ހިތްދަތިކަމާއެކުގައެވެ.
21ދާއޫދު ރަސްގެފާނަށް މި ޚަބަރު ލިބިގެން ވަރަށް ކޯފާވެއްޖެއެވެ. 22އަދި މިކަމާ އަބްޝާލޫމް އޭނާގެ ބޭބެ އަމްނޫން ދެކެ ވަރަށް ނަފްރަތު ވެއްޖެއެވެ. އޭގެފަހަކުން އޭނާ ރަނގަޅަކަށް ވެސް ނުބަޔަކަށް ވެސް އަމްނޫންއާ އަނގަޔަކުން ނުބުނެއެވެ. އަބްޝާލޫމް މިހާވަރަށް މި ނަފްރަތުވީ އަމްނޫން އޭނާގެ ކޮއްކޮގެ އިތްފަތް ނަގާލައި އަގުވައްޓާލީމައެވެ.
އަބްޝާލޫމް އަމްނޫނުގެ ކިބައިން ބަދަލު ހިފުން
23އޭގެ ދެ އަހަރު ފަހުން އަބްޝާލޫމްގެ ކަންބަޅިތަކުގެ ކެހެރިކޮށަން އޭނާގެ ޚާދިމުން އަފްރާއީމުގެ ކައިރީގައި އޮންނަ ބަޢަލް ހާސޫރުގައި ތިއްބެވެ. އަބްޝާލޫމް ރަސްގެފާނުގެ އެންމެހާ ދަރިކަލުންނަށް އެރަށަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. 24އޭނާ ރަސްގެފާނު އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ކަންބަޅި ކެހެރި ކޮށަން ބަޔަކު އެބައާދޭ. އިއްޒަތްތެރި މަނިކުފާނުގެ އެންމެހައި އަރިހުބޭކަލުން ޚާދިމުން ގޮވައިގެން އެ ޙަފުލާއަށް ވަޑައިގެން ދެއްވާ.⁠“
25ދާއޫދު ރަސްގެފާނު އަބްޝާލޫމަށް ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ! އަހަރެމެން އެންމެން ގޮސްގެން ކަމަކު ނުދާނެ. އޭރުން އެކަން ވާނީ ކަލެއަށް ވަރަށް ބޮޑު ތަކުލީފަކަށް.⁠“
އަބްޝާލޫމް އެތައް ވަރަކަށް ދެންނެވީމަ ވެސް ދާއޫދުގެފާނު ވަޑައިގަންނަވާކަށް އެއްބަސްފުޅެއް ނުވިއެވެ. އެކަމަކު އެކަލޭގެފާނު އޭނާއަށް ހެޔޮ އެދިވަޑައިގެންނެވިއެވެ.
26އަބްޝާލޫމް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވަޑައިނުގަންނަވަންޏާ އަޅުގަނޑުގެ ބޭބެ އަމްނޫން އަޅުގަނޑާއެކު ފޮނުއްވާ.⁠“
ދާއޫދު ރަސްގެފާނު އަބްޝާލޫމް ކުރެން އެއްސެވިއެވެ. ”⁠އޭނާ ގެންދަން ކަލޭ ތިޔަ އުޅެނީ ކީއްކުރަން؟⁠“
27އެންމެފަހުން އަބްޝާލޫމް އެތައް ވަރަކަށް ދަންނަވައިގެން ރަސްގެފާނު އެކަލޭގެފާނުގެ އެހެން ދަރިކަލުންތަކަކާއެކު އަމްނޫން ވެސް ދިއުމުގެ ހުއްދަ ދެއްވައިފިއެވެ.
28ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއް ނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!⁠“
29އެހެންކަމުން އަބްޝާލޫމް އެންގިގޮތަށް އޭނާގެ މީހުން ގޮސް ކަންތައް ކޮށްފިއެވެ. އެމީހުން އަމްނޫން މަރާލައިފިއެވެ. ދާއޫދުގެފާނުގެ އެހެން ދަރިކަލުންތައް އަވަހަށް ބަޣަލު#13‏:29 ބަޣަލު އަހާއި ހިމާރު ގުޅުން ހިންގައިގެން ލިބޭ ދަރިއެއްތަކުގެ މައްޗަށް ސަވާރުވެ އެތަނުން ފިލައިގެން ހިނގައްޖެއެވެ.
30އެބޭފުޅުންނަށް ގެޔަށް ވަޑައި ނުގެންނެވެނީސް ކަންތައް ވީ ގޮތުގެ ޚަބަރު ރަސްގެފާނަށް ލިބިވަޑައިގެންފިއެވެ. ޚަބަރު އައި ގޮތަކީ ”⁠އަބްޝާލޫމް ރަސްގެފާނުގެ ހުރިހާ ބޭފުޅުން މަރާލައިފި. ދިރި ހުރި އެކަކު ވެސް ނެތް.⁠“ މިގޮތަށެވެ.
31ދެން ދާއޫދު ރަސްގެފާނު ހެދުންކޮޅު ވީއްދަވައި ބިންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ރަސްގެފާނުގެ ކާރީގައި ތިބި އަރިހުބޭކަލުން ވެސް ހެދުން ވީދައިފިއެވެ.
32އެވަގުތު ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރި ޔޫނާދާބު އައިސް ދެންނެވިއެވެ. ”⁠ރަސްގެފާނުގެ ހުރިހާ ބޭފުޅުންނެއް މަރެއް ނުވޭ. މަރުވީ އަމްނޫން އެކަނި. އޭނާގެ ކޮއްކޮގެ އިއްފަތްތެރިކަން އަމްނޫން ފޭރިގަތް ދުވަހުން ފެށިގެން އަބްޝާލޫމު އައީ އަމްނޫނުގެ ކިބައިން ބަދަލު ހިފަން ރާވަމުން. 33އަޅުގަނޑުގެ މަސާހިބު، ރަސްގެފާނު! އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާ ކަލޭގެފާނުގެ ހުރިހާ ބޭފުޅުން އަވަހާރަވެއްޖެޔޭ. އަވަހާރަވީ އަމްނޫން އެކަނި.⁠“
34ދެން އަބްޝާލޫމް ފިލައިފިއެވެ.
އެވަގުތު ސަހަރުގެ ދޮރުމަތީގައި ހުރި ދޮރުވާނަށް ފަރުބަދަތަކުގެ ތެރެއިން ހޫރުއަނީމާ ދިމާއިން ބައިގަނޑެއް އަންނަތަން ފެނިއްޖެއެވެ. އޭނާ ގޮސް ރަސްގެފާނުގެ އަރިހު އެވާހަކަ ދަންނަވައިފިއެވެ. 35ދެން ޔޫނާދާބު ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”⁠ބައްލަވާ! އަޅުގަނޑު ދެންނެވީ ހަމަ ރަނގަޅަށް ނޫންތޯ. ރަސްގެފާނުގެ ބޭފުޅުން އެތިބަ އަންނަނީނޫންތޯ.⁠“
36ރަސްގެފާނުގެ ބޭފުޅުން ޔޫނާދާބު ބުނިފަދައިން އަތުވެއްޖެއެވެ. އޭރު އެމީހުން ހަރުއަޑުން ރޮނީއެވެ. ދާއޫދުގެފާނާއި އަރިހުބޭކަލުން ވެސް ބާރަށް ކީރިތި ކުރައްވަނީއެވެ. 37ދާއޫދުގެފާނު އެތައް ދުވަހެއް ވަންދެން އެކަލޭގެފާނުގެ ދަރިކަލުން އަމްނޫން މަރުވުމުގެ ހިތާމައިގައި ކީރިތި ކުރެއްވިއެވެ.
އޭރު އަބްޝާލޫމް ހުރީ ޖަޝޫރުގެ ރަސްގެފާނު، އައްމީހޫދުގެ ދަރިކަލުން ތަލްމާއީ ގާތަށް ގޮހެވެ.
38އަބްޝާލޫމް ޖަޝޫރަށް ގޮސް ފިލައިގެން އުޅޭތާ ތިން އަހަރު ވެއްޖެއެވެ. 39އޭރު ދާއޫދު ރަސްގެފާނަށް އަމްނޫން މަރުވުމުގެ ހިތާމަ ފިލާވަޑައިގެންފިއެވެ. އެކަމަކު އަބްޝާލޫމް ނެތުމުން އެކަމާ ހިތާމަފުޅު ކުރައްވަން ފައްޓަވައިފިއެވެ.

ទើបបានជ្រើសរើសហើយ៖

2 ޞަމޫއީލް 13: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល