1 ޞަމޫއީލް 26
26
ދާއޫދުގެފާނު އަނެއްފަހަރު ޝާއުލްގެފާނުގެ ފުރާނަ ސަލާމަތް ކޮށް ދެއްވުން
1ޒީފުގެ މީހުން އަނެއްކާ ވެސް ޖިބްޢާއަށް ގޮސް ޝާއުލްގެފާނަށް ދަންނަވައްޕެވެ. ”ޔަޝީމޫންގެ ކާރީގައިވާ ޙަޚީލާ ފަރުބަދަތަކުގެ ތެރޭ ފިލާ އެހެރީ ދާއޫދެއް ނޫންތޯ؟“
2ޝާއުލްގެފާނު ދާއޫދު އަތުލައި ގެންނެވުމަށް ތިންހާސް ފަހުލަވާނުންގެ ލަޝްކަރަކާއެކު ޒީފުގެ ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. 3-4އެމީހުން ޔަޝީމޫންގެ ސަހަރާގެ ކުރިމަތީ ޙަޚީލާ ފަރުބަދައިގެ ކާރީގައިވާ މަގުގެ އެއްކާރީގައި ފޭލިގެ ޖަހައިފިއެވެ. އޭރު ދާއޫދު ހުރީ ސަހަރާގެ ތެރޭގައެވެ. ޝާއުލްގެފާނުގެ މީހުން އޭނާގެ ފަހަތުން އައިތަން ފެނުމުން އެމީހުންނާ އެކު ޝާއުލްގެފާނު ވެސް ވަޑައިގެން ހުންނެވިތޯ ބަލަން ދާއޫދުގެ ޖާސޫސުން ފޮނުވައިފި އެވެ.
5އެކަލޭގެފާނު ވެސް ހުންނެވިކަން އެނގުމުން ދާއޫދު ގޮސް އެކަލޭގެފާނު ހުންނަވާ ފޭލިގެ ފާހަގަ ކޮށްފިއެވެ. އޭނާ ބެލިއިރު ޝާއުލްގެފާނު އޮންނެވީ އަވަހާރަފުޅު ގައެވެ. ކައިރީގައި ސިފައިންގެ ވެރިޔާ ޝާއުލްގެފާނުގެ ކޮއްކޮ ނައިރުގެ ދަރި އަބްނައިރު ވެސް ނިދާފައި އޮތެވެ. ވަށައިގެން ތިބި އެންމެން ވެސް ތިބީ ނިދާފައެވެ.#26:5 އަބްނައިރަކީ ޝާއުގެފާނުގެ ދެބޭންގެ ދެދަރި މީހެކެވެ.
6ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ#26:6 ސަރޫވިޔަތުގެ ދާއޫދުގެފާނުގެ ދައްތަ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟“
އަބީޝާއި ބުންޏެވެ. ”އަހަރެން ހިނގައިދާނަން.“
7ދާއޫދާއި އަބީޝާއި ދަންވަރު އެތަނަށް ގޮސް ބަލާލިއިރު ޝާއުލްގެފާނުގެ ލޮންސި ބޯލާކޮޅު ބިމަށް ހަރާފައި ހުއްޓެވެ. އަބްނައިރު އާއި އެހެން އެންމެން އެތާ ވަށައިގެން މަރު ނިދީގައި ތިއްބެވެ.
8އަބީޝާއި ދާއޫދުގެ ގާތު ބުނެއްޕެވެ. ”ކަލޭގެ އަދާވާތްތެރިޔާ މާތްކަލާނގެ ކަލޭގެ އަތްދަށަށް ފޮނުއްވައިފި. އަހަރެންގެ ލޮންސިން އެންމެ އެތިފަހަރެއް ޖަހައި އޭނާ ބިމުގައި ހިއްޕާލިޔަ ދީ. ދެވަނަ އެތިފަހަރެއް ވެސް ނުޖަހާނަން.“
9ދާއޫދު ބުންޏެވެ. ”އެކަލޭގެފާނަށް ގެއްލުމެއް ދީގެން ނުވާނެ. މާތްރަސްކަލާނގެ ވެރިކަމަށް އިސް ކުރައްވާފައިވާ ބޭކަލަކަށް ގެއްލުމެއް ދީފައި ކުށެއް ނެތް މީހެއްގެ ގޮތުގައި އުޅެވޭނީ ކާކަށް؟ 10ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީބުނަން، އެކަލޭގެފާނާމެދު ނިންމަވާނެ ގޮތެއް އެކަލާނގެ ނިންމަވާފާނެ. އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ނުވަތަ ހަނގުރާމައެއްގައި ނަމަވެސް އަވަހާރަ ވެދާނެ. 11އަހަރެމެންގެ އަތުން އެކަލޭގެފާނަށް ގެއްލުމެއް ދޭން މާތްރަސްކަލާނގެ އިރާދަ ނުކުރައްވާށި. ހިނގާ، އެކަލޭގެފާނުގެ ފެން ގުޅިއާއި ލޮންސި ހިފައިގެން މިތަނުން ދާން.“
12ދެން ދާއޫދާއި އަބީޝާއި ޝާއުލްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެން ގުޅިއާއި ލޮންސި ހިފައިގެން އެކަކަށް ވެސް ހިލަމެއް ނުވެ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އެމީހުންގެ މައްޗަށް ގަދަ ނިންޖެއް ފޮނުއްވާފައެވެ.
13-14ދެން ދާއޫދު މަގު ހުރަސްކޮށް އަނެއްފަރާތު ހުރި ފަރުބަދައިގެ މައްޗަށް އަރައި އަތުނުޖެހޭ ހިސާބު ދުރުގައި ހުރެ ޝާއުލްގެފާނުގެ ސިފައިންނަށާއި ނައިރުގެ ދަރި އަބްނައިރަށް ގޮވައިފި އެވެ. ”އަބްނައިރު! ކަލެއަށް މި ގޮވާ އަޑެއް ނީވޭތަ؟“
އަބްނޭރު ޖަވާބު ދިނެވެ. ”ކާކުތަ ރަސްގެފާނަށް ތިޔަ ގޮވަނީ؟“
15ދާއޫދު ބުންޏެވެ. ”ކަލޭ ތީވާ ވަރުގަދަ މީހެއް ދޯ؟ ކަލޭ ވަރުގެ ކުޅަދާނަ މީހަކު އިސްރާއީލުގައި ހުންނާނެތަ؟ ކަލޭގެ ސާހިބު ރަސްގެފާނު ކަލެއަކަށް ރައްކާތެރިއެއް ނުކުރެވުނެއް ނު؟ އެކަލޭގެފާނުގެ ދުވަސް ދުއްވާލަން މީހަކު އައިސްފައި އެދިޔައީ. 16ކަލެއަށް ކުރެވުނީ ކޮންކަމެއް؟ މާތްރަސްކަލާނގެ ގަންދީ ބުނަން. ކަލެއާއި ކަލޭގެ މީހުން ތީ މަރަން ވެފައި ތިބި ބައެއް. ކަލޭ ރަނގަޅަށް ބަލާބަލަ ރަސްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެންގުޅި އާއި ލޮންސި ކޮބައިތަ؟“
17ޝާއުލްގެފާނަށް ދާއޫދުގެ އަޑު އެނގިވަޑައި ގެންފިއެވެ. ވިދާޅުވިއެވެ. ”ދަރިފުޅާ ދާއޫދު؟ ތިއީ ކަލޭގެ އަޑުތަ؟“
ދާއޫދު ދެންނެވިއެވެ. ”އާދެ ރަސްގެފާނު މަސާހިބު!“ 18އަދިވެސް ދާއޫދު ބުންޏެވެ. ”ސާހިބު ނޯކަރު ފައްސަވަމުން ތިޔަ ވަޑައިގަންނަވަނީ ކީއްވެތޯ؟ އަޅުގަނޑު ކުށްވެރި ވީ އަޅުގަނޑު ކުރި ކޮންކަމަކާ ހުރެ ތޯ؟ 19އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘ 20އަޅުގަނޑުގެ ލޭ މާތްރަސްކަލާނގެ ކުރިފުޅު މައްޗަށް ނޫން ތަނަކަށް އޮހެރޭނެ ގޮތް ހައްދަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އިސްރާއީލުގެ ރަސްގެފާނު ވަޑައިގެން ތިޔަ ހުންނެވީ ސެއްޅިއެއް ފައްސަވަންތޯ؟ ނޫނީ މި ފަރުބަދަތަކުގެ ތެރޭން ދޫންޏެއް ޝިކާރަ ކުރައްވަންތޯ؟“
21ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.“
22”މިއޮތީ ރަސްގެފާނުގެ ލޮންސި.“ ދާއޫދު ބުންޏެވެ. ”ކަލޭގެފާނުގެ ޒުވާނުންގެ ތެރޭން މީހަކު މި ލޮންސި ބަލާ ފޮނުއްވާ. 23ޞާލިޙު އަދި ތެދުވެރި ގޮތުގައި ހުރި މީހަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެ. މިއަދު އަޅުގަނޑުގެ އަތް ދަށަށް ސާހިބުގެ ފުރާނަ މާތްރަސްކަލާނގެ ދެއްވުމުން ވެސް އެކަލާނގެ އިސް ކުރައްވާފައިވާ ފަރާތަކަށް އަޅުގަނޑު ގެއްލުމެއް ނުދިނިން. 24ޔަޤީނުން ވެސް ސާހިބުގެ ފުރާނައިގެ އަގު އަޅުގަނޑު މިއަދު ވަޒަން ކޮށްފިން. އެހެން ކަމުން މާތްރަސްކަލާނގެ ވެސް ހުރިހާ ދުއްތުރާލަކުން އަޅުގަނޑު ސަލާމަތް ކުރައްވައި އަޅުގަނޑުގެ ފުރާނައިގެ އަގު ވެސް ވަޒަން ކުރައްވާނެ.“
25ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ ދާއޫދު. ކަލެއަށް ބަރަކާތް ހުރި. ކަލެއަށް ނަސްރު ލިބި ކުރި އަރައިގެން ދާނެ.“
ދެން ދާއޫދު ދާނެ ދިމާއަކަށް ހިނގައްޖެއެވެ. ޝާއުލްގެފާނު ރަށަށް ވަޑައިގެންފިއެވެ.
ទើបបានជ្រើសរើសហើយ៖
1 ޞަމޫއީލް 26: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.