1 ޞަމޫއީލް 25
25
ޞަމޫއީލްގެފާނު އަވަހާރަވުން
1ޞަމޫއީލްގެފާނު އަވަހާރަ ވެއްޖެއެވެ. އިސްރާއީލީން އެންމެން އައިސް އެކަލޭގެފާނަށް އިޙްތިރާމް އަދާކުރުމަށް ފަހު ރާމާގައި އެކަލޭގެފާނު ވަޅުފުޅުލައިފިއެވެ.
ދާއޫދުގެފާނާއި އަބީޖާއިލް
ދާއޫދު ގޮސް ހުރީ ފާރާންގެ ސަހަރާ ތެރޭގައެވެ. 2-3އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކާލިބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ.
4ދާއޫދު ސަހަރާ ތެރޭ އުޅެނިކޮށް އެރަށުގައި ނާބާލް ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު ލިބިއްޖެއެވެ. 5އޭނާ ދިހަ ޒުވާނުން ނާބާލްގެ ގާތަށް ފޮނުވައިފިއެވެ. އޭނާ އެމީހުންނަށް އެންގީ ކަރްމަލަށް ގޮސް ނާބާލް ހޯދާފައި އޭނާގެ ސަލާމް ރައްދުކޮށް ދޭށޭ އެވެ. 6އަދި އޭނާގެ ގާތު މިހެން ބުނާށޭ ވެސް ބުންޏެވެ. ”ދާއޫދު ކަލެއަށާއި ކަލޭގެ އާއިލާއަށް ދިގު އުމުރެއް ދެއްވައި ތަނަވަސްކަން އިތުރު ކުރެއްވުން އެދި ހެޔޮ ދުޢާ ސަލާމް ފޮނުވައޭ. 7އޭނާއަށް ކަލޭ މިތަނުގައި ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު އިވިގެން އަހަރެމެން ފޮނުވީއޭ. އޭނާ ބުނީ ކަލެއަށް އަންގާށޭ ކަލޭގެ ބަކަރި ބަލަހައްޓާ މީހުން އޭނާގެ ކައިރީގައި ކަރުމަލުގައި ސަލާމަތުން އެބަތިއްބޭ. އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުގެއްލެޔޭ. 8އެމީހުން ކުރެން މިހެން އެހިޔަސް އެމީހުން ވެސް ބުނާނެއޭ އެއީ ތެދެކޭ. ސާހިބު ގާތު ދަންނަވާށޭ، މި ޒުވާނުންނާ މެދު ހެޔޮކޮށް ހިއްތަވާށޭ. މިއީ ޢީދު ދުވަސްވަރު ކަމަށް ވާތީ ތިމަން މީހުންނަކީ ވެސް ސާހިބުގެ ޚާދިމުން ކަމަށް ބައްލަވައި ސާހިބުގެ އަތުގައި ހުރިއްޔާ ހުރި ކާއެއްޗެއް ކަލޭގެ ރަޙުމަތްތެރި ދާއޫދުއަށާއި ތިމަންމެނަށް ވެސް ދެއްވާށޭ.“
9ދާއޫދުގެ ފަރާތުން މިޚަބަރު ނާބާލްއަށް ގެނައުމަށް ފަހު އޭނާ ދޭ ޖަވާބެއްގެ އިންތިޒާރުގައި އެމީހުން ތިއްބެވެ.
10ނާބާލް ޖަވާބު ދިނެވެ. ”ދާއޫދުއޭ ތަ؟ ތިޔަ ޔައްސާގެ ދަރިއަކީ ތީ ދެން ކާކުތަ؟ މިރަށުގައި މިހާރަކަށް އައިސް ތިހެން ފިލައިގެން އުޅޭ ލައްކަ ގިނަ އަޅުންތައް އެބަ އުޅޭ! 11އަހަރެންގެ އަތުގައި ހުރި ރޮއްޓަކާއި ފެނެއް އަދި އެއްގަމު މަހެއް ތިޔަހެން އައި ނައި ތަނެއް ނޭނގި އަންނަ ބަޔަކަށެއް ނުދޭނަން. އެއީ ކެހެރި ކޮށާ މީހުންނަށް ދޭން ހުރި އެއްޗެހި.“
12ދާއޫދުގެ މީހުން އަނބުރާލާފައި ގޮސް މި ޚަބަރު ދާއޫދަށް ދީފިއެވެ. 13ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ.
14އެއިރު ނާބާލްގެ ޚާދިމަކު ގޮސް އޭނާގެ އަނބި އަބީޖާއިލްގެ ގާތުގައި ބުނެއްޕެވެ. ”ސާހިބުގެ ގާތަށް ސަހަރާގެ ތެރޭގައި އުޅޭ ދާއޫދު ބަޔަކު އޭނާގެ ގާތަށް ވެދުމާގެން ފޮނުވީމާ އެމީހުންނާމެދު ސާހިބު އިހާނާތްތެރިކޮށް ހިތާފައި އެމީހުން ލަދު ގަންނަވާލައި ފޮނުވާލައިފި. 15އެކަމަކު އެމީހުންނަކީ އަހަރެމެންނާ މެދު ވަރަށް ހެޔޮކޮށް ހިތި ބައެއް. 16އެމީހުންގެ ގާތުގައި ހާމަ ބިމުގައި އަހަރެމެން އުޅުނު އިރު އެމީހުން ފާރެއްހެން އަހަރެމެންގެ ވަށައިގެން ތިބި. އެހެންވެ އަހަރެމެންގެ އަތުން ދުވަހަކު ވެސް އެއްޗެއް ގެއްލިފައެއް ނުވޭ. 17މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކު ވެސް ނެތް.“
18އަބީޖާއިލް ހިނދުކޮޅެއް ވެސް ލަހެއް ނުކުރިއެވެ. އޭނާ ދުއިސައްތަ ރޮއްޓާއި ދެ ހަމުގެ މޭބިސްކަދުރު ދިޔައާއި ތިރީސް ހަތް ނާޅި ހަނާކުރި ގޮދަނާއި ނޮޅާފައިވާ ފަސް ކަންބަޅިއާއި މޭބިސްކަދުރު ކޭކުގެ ސަތޭކަ ކޭކާއި ވައްތީނި ބޯކިބާގެ ދުއިސައްތަ ކޭކާއި މި އެއްޗެހި ހިމާރަތަކަށް ލައިފިއެވެ. 19ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ.
20އަބީޖާއިލް ހިމާރު މަތީގައި ފަރުބަދައިގެ ކައިރިފަށުން ދަނިކޮށް ދާއޫދާއި އޭނާގެ މީހުން އަންނަތަން ފެނިއްޖެއެވެ. އެމީހުން އޭނާއާ އަރާހަމަ ކޮށްފިއެވެ. 21އޭރު ދާއޫދު ހިތާހިތާ ބުނަމުން ދިޔައެވެ. ”އަހަރެމެން މިއޮތްހާ ދުވަހު އެކަލޭގެ މުދާތައް ސަހަރާގެ ތެރޭ ރައްކާތެރިކޮށްދީ އެކަލޭގެ އެއްޗެއް ގެއްލުނަ ނުދީ ބެލެހެއްޓީމާ އަހަރެމެންނާ ދޭތެރޭ އެކަލޭގެ ކަންތައް ކުރީ މިހެން. އަހަރެމެން ކޮށްދިންހާ ކަންތަކެއް ދިޔައީ ފަނުފުލުން. 22މާދަމާ އިރު އަރާއިރަށް އެކަލޭގެ ގެންގުޅޭ އެންމެ ފިރިހެނަކު ދިރި ހުއްޓަސް މާތްކަލާނގެ މި ދާއޫދުގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!“
23އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ. 24އޭނާ ދާއޫދުގެ ފައިމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. ”ސާހިބާ! ތިޔަ ކަމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑުގެ މައްޗަށް އަޅުވާ. ސާހިބުގެ ޚާދިމާ މި ދަންނަވާ އެއްޗެއް އަޑުއައްސަވާ! 25ސާހިބު އެ ނުލަފާ ނާބާލް ބުނާއެއްޗެއް އަޑު ނާހާ. އޭނާއަށް އެނަން ކިޔަނީ ވެސް އެހެންވެ.#25:25 ޢިބްރާނީ ބަހުން އެ ނަމުގެ މާނައަކީ ގަމާރު އެވެ. އޭނާއަކީ މޮޔައެއް. ސާހިބު ފޮނުވި މީހުން އަޅުގަނޑު ނުވެސް ދެކެން.
26ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި. 27އަޅުގަނޑު މި ގެނައި ހަދިޔާ ސާހިބުގެ ފަހަތުން އަންނަ ޒުވާނުންނަށް ދެއްވާ. 28ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި. 29ސާހިބުގެ ފުރާނައަށް ގެއްލުން ދީ އަނިޔާއެއް ކުރަން އަންނަ މީހެއްގެ ކިބައިން، މީހަކު ޚަޒާނާއެއް ފޮރުވައި ރައްކާ ކުރާނެ ފަދައިން، ސާހިބުގެ އިލާހު، މާތްރަސްކަލާނގެ ސާހިބަށް ސަލާމަތްތެރިކަން ދެއްވައި ހިމާޔަތް ކުރައްވާށި. އަދި އެ ނިޔަތުގައި އަންނަ މީހަކު ސާޅަގައަކަށް ލައި ދޫކޮށްލެވޭ ފަދައިން ހޫރާ ލައްވާށި. 30މާތްރަސްކަލާނގެ ސާހިބަށް ހުރިހާކަމެއް ކޮށް ދެއްވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދަ ފުރިހަމަ ގޮތުގައި. އަދި އިސްރާއީލުގެ ވެރިކަން ވެސް ސާހިބަށް ދެއްވާފައިވޭ. 31މިކަންތައް މިގޮތުގައި ވުމުން ސާހިބުގެ އަތުން ކަމަކާ ނުލާ ބައެއްގެ ލޭ އޮހޮރިގެން އެކަމުގެ ދެރަ ހީވެ ބަދަލު ހިފުން ފަދަ ބޭކާރު ކަމެއް ސާހިބު ކުރައްވާކަށް މެދުވެރިއެއް ނުވާނެ. ސާހިބަށް މާތްރަސްކަލާނގެ އެ މަތިވެރި ކާމިޔާބު ދެއްވީމާ މި ޚާދިމާގެ މަތިން ހަނދާން ބަހައްޓަވާތި.“
32ދާއޫދު އަބީޖާއިލް ގާތު ބުންޏެވެ. ”އަހަރެންގެ ގާތަށް މިއަދު ކަލޭ ފޮނުއްވި އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ޙަމްދުކުރަން. 33މިއަދު އަހަރެންގެ އަތުން އެތައްބައެއްގެ ލޭ އޮހޮރި ބަދަލުހިފިދާނެ ގޮތް މެދުވެރި ނުވީ ކަލޭގެ ހެޔޮ ވިސްނުމުގެ ސަބަބުން. އެކަމަށްޓަކައި މާތްކަލާނގެ ބަރަކާތް ހުރި. 34ކަލޭ އައިސް މިއަދު އަހަންނާ ބައްދަލު ނުކުރި ނަމަ، އިސްރާއީލުގެ އިލާހު، ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި މިބުނީ މާދަމާ އިރު އަރާއިރު ނާބާލްއާއި އޭނާގެ އާއިލާގެ ދިރިހުރި އެންމެ ފިރިހެނަކު ވެސް ނުހުންނާނެ.“
35އަބީޖާއިލް ގެނައި ހަދިޔާތައް ދާއޫދު ގަބޫލު ކޮށްފިއެވެ. އަދި ބުންޏެވެ. ”ސަލާމަތްތެރި ކަމާއެކު ގެއަށް ދޭ. ކަލޭގެ ކަންތައް ކަލޭ އެދުނު ގޮތުގެ މަތިން ފުރިހަމަ ކޮށްދޭނަން.“
36އަބީޖާއިލް ގެއަށް ދިޔައިރު ނާބާލް އިނީ ރަސްކަލެއް ފަދައިން ކާށެވެ. އޭނާ ވަނީ ރާބޮއި މަސްތުވެ ފޯރި ގަދަވެފަ އެވެ. އެހެންކަމުން އެރެއަކު އޭނާގެ ގާތަކު މީން ވާހަކައެއް އޭނާ ނުދައްކައެވެ. 37ހެނދުނު ނާސްތާގެ ވަގުތު އޭނާގެ މަސްތުކަން ފިލުމުން މި ހުރިހާ ވާހަކައެއް ނާބާލްއަށް އޭނާ ކިޔާ ދިނެވެ. އެއާއެކު އޭނާގެ ހަރަކާތް ހުއްޓި ހިލައެއް ފަދައިން ގާ ވެއްޖެއެވެ. 38އޭގެ ދިހަ ދުވަސް ފަހުން މާތްރަސްކަލާނގެ އޭނާ މަރު ގަންނަވައިފި އެވެ.
39ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.“
ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ. 40ދާއޫދުގެ ޚާދިމުން ކަރުމަލުއަށް ގޮސް އަބީޖާއިލް ގާތު ބުންޏެވެ. ”އަހަރެމެން މިއައީ ދާއޫދު ފޮނުވައިގެން ކަލޭ އޭނާއާ އިނުމަށް ގޮވައިގެން ދާން.“
41އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.“
42ދެން އޭނާ އަވަހަށް ތައްޔާރުވެ ފަސް ޚާދިމާއިން ގޮވައިގެން ހިމާރެއްގައި އެމީހުންނާއެކު ގޮސް ދާއޫދާ ކައިވެނި ކޮށްފިއެވެ.
43ދާއޫދު ވަނީ ޔަޒްރަޢީލުގެ އަޚީނޫޢަމް ވެސް އިނދެގެން ނެވެ. މިހާރު އަބީ ޖާއިލްއަކީ ވެސް އޭނާގެ އަނތްބެކެވެ. 44އެ ހިނދު ޝާއުލް ރަސްގެފާނު ވަނީ ދާއޫދު އިނދެގެން އުޅުނު މީކާލް ޖައްލިމު އަވަށުން އައިސް ހުރި ލައިޝްގެ ދަރި ޕަލްތީއާ ދެވާފައެވެ.
ទើបបានជ្រើសរើសហើយ៖
1 ޞަމޫއީލް 25: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.