ޕަތަރަސްގެ ދެވަނަ ސިޓީ 1
1
ޕަތަރަސްގެ ތަހުނިޔާ
1މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ.
މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.
2ތިޔަބައިމީހުންނަށް ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެއްވާށިއެވެ. އެއީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ އަދި އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އެނގިގެންވުމުންނެވެ.
އީމާންތެރިކަމުގައި ހެދިބޮޑެތިވުން
3އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި#1:3 ޖަލާލަތު ރަމްޒު ކޮށްދެނީ މާތްކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާ، ފުރިހަމަވަންތަކަމާއި، ޝަރަފުވެރިކަން ފާޅުވެ ވޮޑިގަތުން. ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ. 4މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.
5މި ސަބަބަށްޓަކާ ތިޔަބައިމީހުންގެ އީމާންތެރިކަމާ ހެޔޮކަން ގުޅުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާށެވެ. އެފަދައިން ތިޔަބައިމީހުންގެ ހެޔޮކަމާ އިލްމު ގުޅުވަން ވެސް މަސައްކަތް ކުރާށެވެ. 6ތިޔަބައިމީހުންގެ އިލްމާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުހިންގުން ގުޅުވާށެވެ. އަދި ނަފްސުގެ މައްޗަށް ބާރު ހިންގުމާ، ސާބިތުކަމާ ކެތްތެރިކަން ގުޅުވާށެވެ. އަދި ސާބިތުކަމާ ކެތްތެރިކަމާ ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް ގުޅުވާށެވެ. 7ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ. 8ތިޔަބައިމީހުން މިފަދައިން ހެދި ބޮޑެތި ވަމުން ދާނަމަ މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންގެ ޙަޔާތަކީ ބޭނުންތެރި އަދި މަޢުނައިން ފުރިގެންވާ ޙަޔާތެއްގެ ގޮތުގައި ހައްދަވައި އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުންނަށް އެނގިގެންވާ މިންވަރު ހާމަވާނެއެވެ.
9ނަމަވެސް މި އުސޫލުތަކުގެ މަތީގައި ހެދި ބޮޑުވަމުންނުދާ ފަރާތްތައް ވަނީ ދުރުނުފެންނަ ކަނު ބައެއްގެ ގޮތުގައެވެ. އަދި އެބައިމީހުން ވަނީ މާޒީވެ ދިޔަ އެބައިމީހުންގެ ޙަޔާތުގެ ފާފަތައް މާތްރަސްކަލާނގެ ޢަފޫ ކޮށްދެއްވިކަން ހަނދާންނެތިފައެވެ.
10އެހެންވީމާ، މަގޭ އަޚުންނާއި އުޚުތުންނޭވޭ! މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ގޮވާލައްވާ، ތިޔަބައިމީހުން ޚިޔާރު ކުރެއްވި ގޮތާއިމެދު ސާބިތުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި ގޮތުގައި ތިޔަބައިމީހުން ތިބެއްޖެނަމަ ފާފައިގެ ތެރެއަށް ފުރޮޅިގެންނެއް ނުދާނެއެވެ. 11އަދި އަހަރެމެންގެ މާތްސާހިބާ، ދިންނެވުން ދެއްވާ ފަރާތްކަމުގައިވާ އީސާ އަލްމަސީޙުގެ ނިމުމެއް ނުވާ ރަސްކަންފުޅަށް ވާސިލުވުމަށްޓަކައި ތިޔަބައިމީހުންނަށް ފުޅާވެގެންވާ ދޮރުކޮޅެއް މާތްރަސްކަލާނގެ ހުޅުއްވައި ދެއްވާނެއެވެ.
މުޤައްދަސް ފަތްފުށްތަކާއިމެދު ސަމާލުވުން
12މިތަކެތި ތިޔަބައިމީހުންނަށް އަބަދާއަބަދު ހަނދުމަ ކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ހަމައެއާއެކު މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިގެންވާ ތަކެތި ވެސް މެއެވެ. އަދި އެތަކެތީގެ މަތީގައި ތެދުވެރި ކަމާއިއެކު ތިޔަބައިމީހުން ގާއިމުވެތިބި ތަކެތި ވެސްމެއެވެ. 13އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ. 14ނަމަވެސް އަހަރެންގެ ޙަޔާތުގައި މާގިނަ މުއްދަތެއް ނުވާކަމުގައި މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނަށް ދައްކުވައި ދެއްވައިފިއެވެ. އަހަރެންގެ ނިމުން މިވަނީ ވަރަށް ކައިރީގައެވެ. 15މިތަކެތި ތިޔަބައިމީހުންނަށް ހާމަކޮށްދިނުމަށް ގަދައަޅައި އަހަރެން މަސައްކަތް މިކުރަނީ އެހެން ވެގެންނެވެ. އަހަރެން މި ދުނިޔޭގައި ނެތް ދުވަހެއް އަތުވެއްޖެނަމަ ތިޔަބައިމީހުން މިތަކެތި ހަނދުމަ ކުރުން މަތީގައި ދެމިތިބުމަކީ އަހަރެންގެ އެދުމެވެ.
16މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ. 17މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ. 18އެކަލޭގެފާނުގެ އަރިހުގައި މާތްވެގެންވާ ފަރުބަދައިގައި އަހަރެމެން ވީހިނދު އުޑުން ބާވައިލެއްވި މި ވަޙީބަސްފުޅު އަހަރެމެންގެ ތެރެއިންވީ ހުރިހާ އެންމެންނަށް އިވިގެންވިއެވެ.
19އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ. 20މި ބަޔާންވެދިޔަ އެންމެހާ ތަކެއްޗަށް ބަލައި ބުނަމެވެ. ތިޔަބައިމީހުން ދޭހަވެ ދަސްކުރަންވީ ނަބީބޭކަލުން ގެނެސްދެއްވި ފަތްފުށްތަކުގައި ވާ އިލާހީ ވަޙީބަސްފުޅުތަކަކީ އެބޭކަލުންގެ އަމިއްލަ ނަފްސުން ހާމަކޮށްދެއްވި ތަކެއްޗެއް ނޫންކަމެވެ. 21އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.
Currently Selected:
ޕަތަރަސްގެ ދެވަނަ ސިޓީ 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.