ޕަތަރަސްގެ ފުރަތަމަ ސިޓީ 5
5
މަސީޙީ ޖަމާޢަތުގެ ބޮޑުންނަށާއި ޒުވާން ފިރިހެނުންނަށް ނަސޭޙަތެއް
1އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ. 2ހުއިހައްޕާ މީހަކު ކަންބަޅިތަކާއިމެދު ޒިންމާވާނެ ފަދައިން މީސްތަކުންނާއިމެދު ޒިންމާ ވާށެވެ. އެބައިމީހުންނާއިމެދުގައި ޒިންމާވާން ޖެހެނީ ތިޔަބައިމީހުންގެ އަޅާލުން އެބައިމީހުންގެ މައްޗަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާތީއެވެ. މިފަދައިން އަމަލުކުރަންވީ ހަމައެކަނި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ބަލައިގެން ނޫނެވެ. ތިޔަބައިމީހުން އުފާވެރި ކަމާއެކު ޚިދުމަތް ކުރުމަށް އެދިގެންވާތީއެވެ. ފަހަރެއްގައި ވެސް މުއްސަނދި ކަމަށް އެދިގެން ނޫނެވެ. ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ. 3ތިޔަބައިމީހުން ޒިންމާ އުފުލަމުން ދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ. 4އެއަށް ފަހު އަލްމަސީޙު، ހުއިހެއްޕުމުގެ އެންމެމަތީ ވެރިޔާ އެނބުރި ވަޑައިގަތުމުން، އޭގެ ރީތިކަމަށް ފަނޑުކަމެއް ނާންނަ ފަދަ ނޫރުން އެކުލެވިގެންވާ މަތިވެރި ތާޖު، ތިޔަބައިމީހުންނަށް ލިބިދޭނޭއެވެ.
5އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ:
”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ.
އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“
6އެހެންވީމާ، މާތްރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ދަށުގައި ތިޔަބައިމީހުން ހިތްތިރިވާށެވެ. އޭރުން އެންމެ އެދެވޭ ވަގުތު އައުމުން އެކަލާނގެ ތިޔަބައިމީހުން އުފުއްލަވަތެވެ. 7ތިޔަބައިމީހުންގެ އެންމެހާ ފިކުރުތައް އެކަލާނގެއަށް ހުށަހަޅާށެވެ. ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި މެދު އަޅާލުން ބަހައްޓަވާކަމެވެ.
8ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ. 9ޝައިތާނާއާއި ދެކޮޅަށް ހަރުދަނާ ގޮތުގައި ގާއިމުވެ ވަރުގަދަ އީމާންތެރިކަމެއްގައި ތިބޭށެވެ. މަސީޙީ ޖަމާޢަތުގެ ތިޔަ އަޚުންނާއި އުޚުތުން ހަނދާންކުރާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މަސީޙީން ތިޔަބައިމީހުންނެކޭ އެއްފަދައިން ވޭން ތަޙައްމަލު ކުރަމުން ދެއެވެ.
10ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ. 11އެންމެހައި ބާރުފުޅެއް އަބަދަށްޓަކައި މިލްކުވެ ވޮޑިގެންވަނީ އެކަލާނގެއަށެވެ. އާމީން.
ޕަތަރަސްގެ ފަހުބަސް
12އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރު ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ.
13ތިޔަބައިމީހުން ފަދައިން މާތްކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރޯމުގެ ޖަމާޢަތުގެ ހެޔޮ އެދުމާއި ތަހުނިޔާތައް ތިޔަބައިމީހުންނަށް ފޮނުވައެވެ.#5:13 މި އާޔަތުގައި ބޭނުން ކުރެވިފައިވާ ”ރޯމު“ މި ބަސް ގްރީކު ބަހުގައި ބޭނުންކުރަނީ ”ބޭބީލޯން“ގެ ނަމުގައެވެ. އަދި ”ބޭބީލޯން“ މި ބަހަކީ ލިޔުންތެރިން ސިއްރު ގޮތުގައި ”ރޯމު“ގެ ނަމުގައި ބޭނުންކުރާ ބަހެއް ވެސްމެ އެވެ. އަދި އަހަރެންގެ ދަރިއެއްފަދައިން ދެކޭ މަރުކުސްގެ ފަރާތުން ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. 14މަސީޙީންގެ ގޮތުގައި ދެމިތިބި އެކަކު އަނެކަކަށް ލޯތްބާއިއެކު މަރުޙާބާ ކިޔާށެވެ.
ތިޔަބައިމީހުންގެ ތެރެއިން އަލްމަސީޙާއި އެކުގައިވާ ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ދެއްވާށިއެވެ.
Currently Selected:
ޕަތަރަސްގެ ފުރަތަމަ ސިޓީ 5: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.