YouVersion Logo
Search Icon

ޕަތަރަސްގެ ދެވަނަ ސިޓީ 2

2
ދޮގު އެދުރުންގެ ނުރައްކާތެރިކަން
1ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ. 2އެފަދަ ދޮގު އެދުރުންގެ ފާހިޝް އަމަލުތައް ގިނަމީސްތަކުން ބަލައިގަންނާނެއެވެ. އެހެންވެ އެހެނިހެން ފަރާތްތަކުން ތެދު މަގާއިމެދު ކުފުރުގެ ބަސްތައް ބުނާނެއެވެ. 3އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
4 މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ. 5އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ.#ފެށުން 6 6އެއަށް ފަހު ފާޙިޝް އަމަލުތަކުގައި ވާ ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންގެ މައްޗަށް ގަދަވެގެންވާ އަލިފާނުގެ ޢަޒާބެއް ކުރިމަތި ކުރައްވައި އެ ރަށްތައް އަނދައި އަޅިޔަށް ހައްދަވައި އެކަލާނގެއަށް އުރެދުނު ފަރާތްތަކަށް ހުރި ޢުޤޫބާތުގެ މިސާލެއްކަމުގައި އެބައިމީހުން ލެއްވިއެވެ.#ފެށުން 19‏:24 7ނަމަވެސް އެ ހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ. 8އާނއެކެވެ. އެކަލޭގެފާނީ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފަރާތުން ދުވަހުން ދުވަހަށް ފެނިވަޑައިގެންނެވި ވަޙުޝީ އަމަލުތަކަށާއި އިވިވަޑައިގެންނެވި ފާފަވެރި އަޑުތަކަށް ހިތާމަ ކުރައްވާ އަދި ކަންބޮޑުވެ ވަޑައިގެން ހުންނެވި ހެޔޮލަފާ ސާލިޙު އިންސާނެކެވެ. އަދި މާތްރަސްކަލާނގެ އެކަލޭގެފާނު ސަލާމަތް ކޮށްދެއްވިއެވެ.
9މިކަންތައްތައް ދައްކައިދެނީ ސާލިޙު ގޮތުގައިވާ ފަރާތްތަކަށް ކުރިމަތިވާނެ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިންސާފު ކުރައްވާ ދުވަހުން ފާޙިޝް އަމަލުތަކުގައި ވާ ފަރާތްތަކަށް ޢުޤޫބާތް ދެއްވުމުގައި ސާހިބުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ. 10ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުން ދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ. 11ނަމަވެސް މަލާއިކަތުންނީ ބާރުގެ ގޮތުންނާއި ހަކަތައިގެ ގޮތުން މިފަދަ ދޮގު އެދުރުންނަށް ވުރެން އެތައް ގޮތަކުން މަތިވެރި ވެގެންވާ ބައެކެވެ. އެހެނަސް މި މަތިވެރި މަލާއިކަތުން ވެސް މާތްރަސްކަލާނގެ ޙަޟްރަތުގައި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ތުޙުމަތު ކުރައްވާ ބަދުނާމެއް ނުކުރައްވައެވެ.
12ނަމަވެސް މިފަދަ ދޮގު ރަސޫލުންނަށް އެނގިގެންނުވާ ކަންތައްތަކާއި ދެކޮޅަށް ވާހަކަ ދައްކާނެއެވެ. ނަމަވެސް އެއިން އެއްކަމެއް ވެސް އެބައިމީހުންނަކަށް ނޭނގެއެވެ. އަދި އެބައިމީހުން ބުއްދިއެއްނެތް ހައިވާނުންނަށް ވުރެން ވަކިން މޮޅެވެގެން ނުވެއެވެ. އެއީ އެފަދަ ހައިވާނުންނަކީ އެ ތަކެތީގެ އިޙުސާސުތަކުގެ މަތީގައި ދިރިއުޅެމުން ގެންދާ ތަކެއްޗެވެ. އަދި އެ ތަކެތި އުފަންވެގެންވީ ޝިކާރައިގައިޖެހި މަރުވުމަށެވެ. އަދި އެބައިމީހުންގެ ނުބައިވެގެންވީ މިފަދަ އަމަލުތަކުގެ ސަބަބުން ޝިކާރަ ވެދާ ހައިވާނުން ފަދައިން ނެތިދާނެ އެވެ. 13އެބައިމީހުންގެ ސަބަބުން ގިނަ ބަޔަކު ވޭނާ ކުރިމަތިލާނެއެވެ. އަދި އެހެންމެ އެބައިމީހުން ވެސް އެފަދައިން ވޭން އުފުލާންޖެހެއެވެ. ސަބަބަކީ އެ ވޭނަކީ އެބައިމީހުންނަށް ކުރެވިފައިވާ ކަންތައްތަކުގެ އަނިޔާވެރި ޖަޒާއެވެ. ދުވާލުގެ ހާމަވެގެންވާ އަލިކަމުގައި އެބައިމީހުން ލޯބިކުރާނީ ފާޙިޝް ވެގެންވާ އުފާވެރިކަމަށެވެ. ތިޔަބައިމީހުންގެ މެދުގައި އެބައިމީހުން ވާނީ ލަދުޙަޔާތް ނެތިގެންވާ ބައެއްގެ ގޮތުގައެވެ. ތިޔަބައިމީހުންނާއި އެކުގައި ސުފުރާކުރާ ހިނދު އެބައިމީހުން ވާނީ މަކަރުވެރި ކަމުން ފުރިފައެވެ. 14އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ. 15އެބައިމީހުން ކުރިއަށް ދާނީ މަގުފުރެދިގެން ތިބެއެވެ. އަދި ހެޔޮ މަގެއްކަމުގައި ބަލާނީ ބޭއޯރުގެ ދަރި ބަލާމު ހިނގިމަގެވެ. އެއީ މި ބަލާމު ލޯބިކުރީ ނުބައިވެގެންވާ އަމަލުތަކުން ފައިސާ ހޯދުމަށެވެ. 16ނަމަވެސް ބަލާމުގެ ހިމާރު އޭނާގެ މޮޔަ އަމަލުތައް އިސްލާޙު ކުރުވައި ނުބައި މިސްރާބުން ދިޔަނުދީ ހުއްޓުވީ ހަރުކަށި ކަމާއެކު އިންސާނީ އަޑަކުން އޭނާ އާއި ވާހަކަ ދެއްކުމުންނެވެ.#އަދަދު 22‏:4‏-35
17މިފަދަ މީހުންނަކީ ފެން ލިބެން ނެތް ވަޅުތަކެއް ފަދަ ބޭކާރު ބައެކެވެ. ނޫނީ ވަޔާއެކު އުދުހިގެންދާ ވިލާގަނޑެއް ފަދަ ބައެކެވެ. އެބައިމީހުންނަށްޓަކައި އިންތިޒާރު ކުރަމުން ދާނީ ނަރަކައިގެ އަނދިރިވެގެންވާ ހިސާބެވެ. 18ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ. 19މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ. 20އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ. 21އެބައިމީހުންނަށް ޙައްޤު ގޮތަކީ ކޮބައިކަން އެނގުމަށް ފަހު މާތްކަލާނގެ އެންގެވި ކަރާމާތްތެރި އަމުރުފުޅަށް ފުރަގަސްދިނުމަށް ވުރެން ޞާލިޙު ގޮތްތަކަކީ ކޮބައިކަން ނޭނގި ތިބުން ވެސް އެމީހުންނަށް މާރަނގަޅު ވީހެވެ. 22އެފަދަ މީހުންނާއިމެދު ހަރުބަސް އެކުލެވިގެންވާ ފޮތްކޮޅުގައި ބަޔާންވެގެން ވަނީ ތެދުކަން ހާމަވެއެވެ.#ހަރުބަސްތައް 26‏:11 ”⁠ކުއްތާ ހޮޑުލައި އަދި އެނބުރިގޮސް އެ ހޮޑުތަކުގައި ދޫލާނޭ.⁠“ އަދި ”⁠އޫރު ދޮވެ ތާހިރު ވުމަށް ފަހު ކިސަޑު ތެރޭގައި ފުރޮޅޭނޭ.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in