ރާޢޫތު 4

4
ރާޢޫތު އާއި ބޫޢަޒު ކައިވެނި ކުރުން
1މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”⁠އައިސް މިތާ އިށީނދޭ.⁠“ ދެން އޭނާ އިށީނދެއްޖެއެވެ. 2އަދި ދިހަ ބޮޑުން އެތަނަށް ގެނެސް ބުންޏެވެ. ”⁠މިތާ އިށީނދޭ!⁠“ ދެން އެމީހުން ވެސް އިށީނދެއްޖެއެވެ.
3ބޫޢަޒު މިގާތް ތިމާގެ މީހާއާއި މުޚާތަބު ކޮށް ބުންޏެވެ. ”⁠ނުޢުމީ މުއާބުން އެނބުރި މިރަށަށް އަތުވެއްޖެ. އަދި މިހާރު އޭނާ ގަސްތު ކުރަނީ އަހަރެމެންގެ ގާތްތިމާގެ މީހެއް ކަމަށްވާ އަލީމާލިކުގެ މައްޗަށް އޮތް ބިން ވިއްކާލުމަށް. 4ވީމާ ކަލެއަކީ އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ ކަމުގައި ވާތީ މިބިން ގަތުމުގެ ޙައްޤު ކަލެއަށް ލިބިގެން ވޭ. ކަލޭ މި ބިން ގަތުމަށް އެދޭ ނަމަ ހަމަ މިހާރު ކަލެއަށް މިބިން ގަނެވިދާނެ. އަދި މިތިއްބެވި ދިހަ ބޮޑުންގެ މީހުންނާއި އަދި މިތާގައިވާ ހުރިހާ މީހުން އެކަމަށް ހެކިން ކަމުގައި ވާނެ. އަދި މިބިން ގަތުމަށް ކަލޭ ނޭދޭ ނަމަ މިކަން އަހަރެންނަށް އަންގައި ދިނުން ވެސް އެދެން. އެއީ ކަލެއަށް ފަހު ގާތް ތިމާގެ ގޮތުން ދެވަނައަށް ހުރި މީހަކީ އަހަރެން.⁠“
އޭނާ ޖަވާބު ދިނެވެ. ”⁠އަހަރެން އެބިން ގަތުމަށް އެދެމު.⁠“
5ބޫޢަޒު އޭނާއަށް ބުންޏެވެ. ”⁠ކަލޭ އެބިން ނުޢުމީގެ އަތުން ގަންނަނީ ނަމަ ކަލޭ ނުޢުމީގެ ދަނބިދަރިފުޅު ރާޢޫތު އާއި ކައިވެނި ކޮށް އަދި އެކައިވެންޏަށް ފިރިހެން ދަރިއަކު ލިބިއްޖެނަމަ މިބިމުގެ ރަޖިސްޓަރީ އޮންނަން ވާނީ ރާޢޫތުގެ މަރްހޫމް ފިރިމީހާގެ ނަމުގައި.⁠“
6އެމީހާ މީގެ ޖަވާބުގައި ބުންޏެވެ. ”⁠ކަންތައް އޮތީ ތިޔަހެން ކަމަށް ވާނަމަ އަހަރެން ތިޔަބިން ގަތުމަކަށް ނޭދެން. ސަބަބަކީ އަހަރެންގެ މިހާރު ވެސް އަނބި ދަރިން އެބަތިބި. އަދި ތިޔަ ބިން ރާޢޫތު އާއި އަހަރެންނަށް ލިބޭ ދަރިންގެ މެދުގައި ބަހަން ޖެހުމުން މައްސަލަ ޖެހޭނެ. ކަލޭ ތިޔަ ބިން ގަތުމަށް އަހަރެންގެ ފަރާތުން ލިބެން ޖެހޭ ހުއްދައެއް ވާނަމަ އެހުއްދައެއް އަހަރެން ކަލެއަށް ދީފީމު.⁠“
7އެޒަމާނުގައި އިސްރާއީލުގައި ގަނެވިއްކުމުގެ ހުއްދަ ލިބިގަތުމަށް އެކަކު އަރާގެން ހުންނަ ފައިވާނުގެ އެއްކިބަ އަނެކަކަށް ދޭންޖެހޭއެވެ. 8މިމީހާ ބޫޢަޒު މިބިން ގަތުމަށް އެއްބަސް ވުމަށް ފަހު އޭނާ އަރައިގެން ހުރި ފައިވާނުގެ އެއްކިބަ ބޫޢަޒުއަށް ދީފިއެވެ.
9ބޫޢަޒު އަވަށުގެ ބޮޑުންނަށާއި އަދި އެތާނގައިވާ ހުރިހާ މީހުންނަށް ބުންޏެވެ. ”⁠އަހަރެން މިއަދު ނުޢުމީގެ މަރްހޫމް ފިރިމީހާ އަލީމާލިކުގެ މައްޗަށާއި އޭނާގެ ދެފިރިހެން ދަރިން ކިލްޔޫން އާއި މަޙުލޫންގެ މައްޗަށް މިލްކުވެގެންވާ ބިން ނުޢުމީގެ އަތުން ގަތް ކަމަށް ތިޔަ އެންމެހައި ބޭކަލުން ހެކިވެ ލައްވާ. 10އަދި އަހަރެން މަޙުލޫންގެ ހުވަފަތް ވެފައިވާ މުއާބީންގެ ރާޢޫތު އާއި ކައިވެނި ވުމަށް އެއްބަސްވި ކަން މައްޗަށް ވެސް ތިޔަ އެންމެހައި ކަލުން ހެކިވެ ލައްވާ. އަދި އަހަރެން މިފަދައިން ކަންތައް ކުރުމުން އޭނާގެ ދަރިކޮޅުގައި މިބިން އޭނާގެ މިލްކެއްގެ ގޮތުގައި ދަމަހައްޓާނެ މީހަކު އަތުވެދާނެ. އަދި މިއަވަށުގައި އޭނާގެ ނަން ދެމި ހުންނާނެ.⁠“
ބޫޢަޒުގެ ދަރިފަސްކޮޅު
11އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”⁠އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ! 12މިޒުވާން އަނބި ކަމަނާގެ ސަބަބުން ކަލޭގެ އާއިލާ ވެސް ތާމާރު އާއި ޔަހޫޛާގެ ދަރިކަލުން ފާރަޞްގެ އާއިލާ ފަދަ މަޝްހޫރު އާއިލާއެއް ކަމުގައި މާތްރަސްކަލާނގެ ލައްވާ ހުށި!⁠“#ފެށުން 38
13ބޫޢަޒުއާއި ރާޢޫތުގެ ކައިވެންޏަށް ފަހު މާތްރަސްކަލާނގެ އެދެމީހުންނަށް ފިރިހެން ދަރިއަކު ދެއްވައި ރަޙުމަތް ލެއްވިއެވެ. 14‏-15މިދަރިފުޅު އުފަންވުމުން ނުޢުމީގެ ގާތް ރައްޓެހިން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެއަށް ހަމްދާއި ޝުކުރު ހުރި. މިއަދު އެކަލާނގެ ކަލެއަށް މާމަ ދަރިފުޅަކު ދެއްވައިފި. މިދަރިފުޅު ބަނީ އިސްރާއީލުގެ ހުރިހާ ކަންކޮޅުތަކެއްގައި މަޝްހޫރު ވާހުށި. މިދަރިފުޅު ކަލޭގެ ދިރިއުޅުމަށް އަލިކަމާއި ބާއްޖަވެރިކަން ގެނެސް ދޭނެ. އަދި ކަލޭ މުސްކުޅިވާ ދުވަހު ކަލެއަށް އެހީތެރިވާނެ. އޭނާގެ މަންމަ އަކީ ކަލޭގެ ދަނބިދަރިފުޅު ކަމުގައި ވީ ނަމަވެސް އޭނާ ކަލޭގެ އަމިއްލަ ހަތް ފިރިހެން ދަރިން ތިބި ކަމުގައި ވިޔަސް އެ ހުރިހާ ދަރިން ކަލޭ ދެކެ ވާނެ ލޯތްބަށް ވުރެ ވެސް މާ ބޮޑަށް ކަލެއަށް ކަމޭހިތައި ލޯބިވާނެ.⁠“
16ނުޢުމީ މިކުޑަ ދަރިފުޅު ނަގައި އުނގަށްލައި އޭނާ ދަރިއެއް ފަދައިން ގެންގުޅެން ފެށިއެވެ. 17ދެން އަވަށްޓެރި އަންހެނުންތައް އައިސް ”⁠ނުޢުމީ އަށް ދަރިއަކު ލިބިއްޖެޔޭ⁠“ ކިޔައިފިއެވެ. އޭނާގެ ނަމަކަށް އެމީހުން ކީ ޢޫބީދު އެވެ. އޭނާއަކީ ޔައްސާގެ ބައްޕައެވެ. އެއީ ދާއޫދުގެފާނުގެ ބައްޕަވެސް މެއެވެ.
18މިއީ އެ ދަރިކޮޅު ފާރަޞްއިން ފެށިގެން ދާއޫދުގެފާނާ ހަމަޔަށް ދެމިގެން އައި ގޮތެވެ. ފާރަޞް އަކީ ޙަޞްރޫންގެ ބައްޕައެވެ. 19ޙަޞްރޫންއަކީ ރާމުގެ ބައްޕައެވެ. ރާމު އަކީ ޢައްމީނާދާބުގެ ބައްޕައެވެ. 20ޢައްމީނާދާބަކީ ނަޙްޝޫންގެ ބައްޕައެވެ. ނަޙްޝޫންއަކީ ސަލްމޫނުގެ ބައްޕައެވެ. 21ސަލްމޫނު އަކީ ބޫޢަޒުގެ ބައްޕައެވެ. ބޫޢަޒު އަކީ ޢޫބީދުގެ ބައްޕައެވެ. 22ޢޫބީދަކީ ޔައްސާގެ ބައްޕައެވެ. ޔައްސާއަކީ ދާއޫދުގެފާނުގެ ބައްޕަ އެވެ.

ទើបបានជ្រើសរើសហើយ៖

ރާޢޫތު 4: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល