މައްތާ 10
10
އީސާގެފާނު ބާރަ އަސްޙާބީން ޚިޔާރު ކުރެއްވުން
1އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީން ހޮއްވަވައި އެކަލޭގެފާނުގެ އަރިހަށް އެބޭކަލުން ގެންނަވައި ނުބައިރޫޙުތަކުގެ ދަށުގައިވާ މީހުން ސަލާމަތް ކޮށްދެއްވުމަށާއި އެންމެހައި ބަލިމަޑުކަމަކުން މީސްތަކުންނަށް ޝިފާދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ. 2އީސާގެފާނުގެ ބާރަ މަންދޫބުންގެ ނަންތަކަކީ މިއީއެވެ: ފުރަތަމަ ޝަމްއޫނު އެވެ. އޭނާއަށް ޕަތަރަސްގެ ނަމުން ވެސް މުޚާތަބު ކުރެވެއެވެ. ދެން އޭނާގެ ކޮއްކޮ އަންދުރާއި ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އާއި އޭނާގެ ކޮއްކޮ ޔޫޙަންނާ އާއި 3-4ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.
ބާރަ އަސްޙާބީންނަށް ދެއްވި އިރުޝާދު
5މި ބާރަ އަސްޙާބީންނަށް އީސާގެފާނު އިރުޝާދު ދެއްވައި ފޮނުއްވިއެވެ: ”ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހެއްގެ ކައިރިއަށް ނުދާތި. ނުވަތަ ސަމީރިއްޔާގެ މީހުން ދިރިއުޅޭ އެއްވެސް އަވަށަކަށް ނުދާތި. 6ނަމަވެސް ބަނީއިސްރާއީލުންގެ މީސްތަކުންގެ ކައިރިއަށް ދޭ. އެބައިމީހުން ވަނީ ގެއްލިފައި ތިބި ކަންބަޅިތަކެއް ފަދައިން. 7އަދި ތިޔަބައިމީހުން ގޮސް މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގައި ކަމުގައި ބުނެ ވަޢުޡު އިއްވާ. 8ބަލިމީހުންނަށް ޝިފާ ދީ. މަރުވެފައިވާ މީހުންނަށް ދިރުން ވެސް ދޭތި. ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ހެޔޮ ކޮށްދޭތި. އަދި ޖިންނި އަވަލާފައިވާ މީހުންގެ ކިބައިން ޖިންނި ފައްސާލާ. މި ހުރިހާ ކަމެއް ކުރުމުގެ ބާރު ތިޔަބައިމީހުންނަށް އަހަރެން މި ދެނީ އަގަކާއިނުލައި. ވީމާ މިކަންތައްތަކުގައި އަނެކުންނަށް އެހީތެރިވެދޭ ހިނދު ތިޔަބައިމީހުން ވެސް އަގަކާއި ނުލައި މިކަންތައްތައް ކޮށްދޭތި. 9ތިޔަބައިމީހުން ދާއިރު ފައިސާއަޅާ ދަބަހެއް ނުގެންދާތި. 10އަދި ދަތުރަށް ޓަކައި އިތުރު އެއްވެސް އެއްޗެއް ނުގެންދާތި. ދަތުރު ދަބަހެއް ވިޔަސް ނޫނީ އިތުރު ހެދުމެއް ވިޔަސް، ނޫނީ ފައިވާނެއް ވިޔަސް ނޫނީ ހިނގާ މަގުގައި ބޭނުން ކުރާ އަސާއެއް ވިޔަސް ގެންގޮސްގެން ނުވާނެ. މަސައްކަތްތެރިންނަށް އެބައިމީހުންގެ ރޯދި ޙައްޤުވެގެން ވާނެ.
11ތިޔަބައިމީހުން ސަހަރަކަށް ނުވަތަ އަވަށަކަށް ވަދެވުމުން އެތަނުން ތިޔަބައިމީހުންނަށް މެހުމާންދާރީ އަދާކުރާނޭ ފަދަ މީހަކު ހޯދާތި. އަދި ފުރަން ވެއްޖައުމަށް ދާންދެން އެ ގެއެއްގައި ތިބޭތި. 12ތިޔަބައިމީހުން އެ ގެއަކަށް ވަދެގެންދާހިނދު އެގެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި. 13އެ ގޭގައި ތިބި މީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅުން އެބައިމީހުންނަށް ބަރަކާތާއި ސުލްޙަވެރިކަން ދެއްވުމަށް އެދުމުން އެ ބަރަކާތް އެބައިމީހުންގެ މައްޗަށް ދެމިހުންނާނެ. އެކަމަކު އެބައިމީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައި ނުވާނަމަ، އެބައިމީހުންގެ މައްޗަށް ދެއްވުމަށް އެދި ދެންނެވި ބަރަކާތާއި ސުލްޙަވެރިކަން އެބައިމީހުންގެ ކިބައިން އަނބުރާ ނެންގުމަށް މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދަންނަވާ. 14އަދި ގެއަކުން ނުވަތަ ސަހަރަކުން ތިޔަބައިމީހުންނަށް މަރުޙަބާ ކިޔުމަށް ނުވަތަ ތިޔަބައިމީހުންގެ އަޑު އެހުމަށް އިންކާރު ކޮށްފިނަމަ، އެ ތަނަކުން ދަމުން ތިޔަބައިމީހުންގެ ފައިގައި ހުރި ހިރަފުސްތައް ފޮޅާލައިފައިދޭ. 15އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.“ #10:15 ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންގެ ހައްދުފަހަނައަޅާފައިވާ ނުބައި ކަމުގެ ސަބަބުން މާތްރަސްކަލާނގެ އެބައިމީހުންގެ މައްޗަށް އަލިފާން ފޮނުއްވައި އެބައިމީހުން ނެތިކުރެއްވިއެވެ.
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އިންޒާރު ކުރެއްވުން
16”އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ. 17މީހުންނާއި މެދު ސަމާލުވޭ. ސަބަބަކީ އެބައިމީހުން ތިޔަބައިމީހުން ހައްޔަރުކޮށް ކޯޓަށް ގެންދާނެ. އަދި އެބައިމީހުންގެ ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ޗާބޫކުން ތަޅާނެ. 18އަހަރެންގެ ސަބަބުން ވެރިންގެ ކުރިމައްޗަށާއި އަދި ރަސްރަސްކަލުންގެ ކުރިމައްޗަށް ތިޔަބައިމީހުން ދަމާ ގެންދާނެ. އެ ހިނދު އެބައިމީހުންނަށާއި ބަނީއިސްރާއީލު ނޫން ދަރިކޮޅުތަކުގެ މީހުންނަށް އަހަރެންނާއި ބެހޭގޮތުން ތިޔަބައިމީހުންނަށް ހެކިވޭ ބުނެދެވޭނެ. 19ނަމަވެސް ތިޔަބައިމީހުން ހައްޔަރު ކުރުމުން ތިޔަބައިމީހުން ދައްކާނޭ ވާހަކަތަކާއި އަދި އެވާހަކަތައް ބުނެދޭނޭ ގޮތަކާއި މެދު ކަންބޮޑުނުވޭ. އެވަގުތު ތިޔަބައިމީހުން ބުނާނޭ ވާހަކަތައް ތިޔަބައިމީހުންނަށް ދެއްވާނެ. 20ޙަޤީޤަތަކީ އެ ހިނދު ވާހަކަ ދައްކާނީ ތިޔަބައިމީހުންނެއް ނޫން. އެ ހިނދު އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅުގެ މާތްރޫޙުފުޅު ތިޔަބައިމީހުން މެދުވެރިކުރައްވައި ވާހަކަ ދައްކަވާނެ.
21ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ. 22ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އެ އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުން ދިންނަވާނެ. 23ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.
24އެދުރަކަށް ވުރެން ދަރިވަރަކު މޮޅެއް ނުވާނެ. އަދި ވެރިމީހަކަށް ވުރެން އަޅުމީހަކު މައްޗެއް ނުވާނެ. 25އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ#10:25 ގޭގެ ވެރިޔާ އަކީ އީސާގެފާނެވެ. ބަޢަލްޒެބޫލް އަކީ ޝައިތާނާއަށް ކިޔާ އެހެން ނަމެކެވެ. ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.“
ބިރުވެތިވާންވީ ހަމައެކަނި މާތްރަސްކަލާނގެދެކެ
26”ވީމާ މީސްތަކުންދެކެ ބިރުވެތި ނުވޭ. ފޮރުވިގެންވާ އެންމެހާ ކަމެއް ފައުޅުވެގެން ދާނެ. ހަމައެހެންމެ ވަންހަނާވެގެންވާ ހުރިހައި ކަމެއްމެ އެނގިގެން ދާނެ. 27އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ. 28ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ. 29އެންމެ ފައިސާ ފޮއްޗަކަށް ކުދި ދޫނީގެ ދެ ދޫނި ތިޔަބައިމީހުންނަށް ލިބޭ. ނަމަވެސް އެ ކުދި ދޫނިތަކުގެ ތެރެއިން އެންމެ ދޫންޏެއް ބިންމައްޗަށް ވެޓުނަސް ތިޔަބައިމީހުންގެ ބައްޕާފުޅު އެ ކަން ދެނެވޮޑިގެން ވޭ. 30ހަމައެހެންމެ، ތިޔަބައިމީހުންގެ ބޮލުގައިވާ އިސްތަށީގެ އަދަދު ވެސް އެކަލާނގެ ދެނެވޮޑިގެންވޭ. 31ވީމާ ބިރުވެތި ނުވޭ! ގިނަ ކުދި ދޫނި ތަކަކަށް ވުރެން ތިޔަބައިމީހުން މާބޮޑަށް އެކަށީގެންވޭ.
32އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުން އަހަރެންނަށް އީމާންވާ ކަމުގައި އެއްބަސްވާނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބަޔަކު ކަމުގައި އަހަރެން ދަންނަވާނަން. 33އެކަމަކު އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުންނީ އަހަރެންނަށް އީމާންވެގެންވާ ބަޔަކު ނޫންކަމުގައި ބުނާނަމަ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބައެއް ނޫންކަމުގައި އަހަރެން ދަންނަވާނަން.“
ސުލްޙައެއް ނޫން، ކަނޑިއެއް
34”އަހަރެން މި އައީ ދުނިޔޭގައި ސުލްޙަވެރިކަން ގާއިމުކުރުމަށް ކަމުގައި ހީ ނުކުރޭ. އަހަރެން އައީ ދުނިޔެއަށް ސުލްޙަވެރިކަން ގެނެސް ދިނުމަކަށް ނޫން. އެކަމަކު ބައިބައިކުރުމަށް.
35އަހަރެން އައުމުން، ’ފިރިހެން ދަރިފުޅު އޭނާގެ ބަފައިމީހާއާއި ދެކޮޅުވެރިވާނެ. އަންހެން ދަރިފުޅު މައިމީހާއާއި ދެކޮޅުވެރިވާނެ. ޅީ ދަރިފުޅު މައިދައިތަ އާއި ދެކޮޅުވެރިވާނެ. 36ތިޔަބައިމީހުންގެ ދުޝްމަނަކީ ތިޔަބައިމީހުންގެ އަމިއްލަ އާއިލާގެ މީހުން ކަމުގައިވާނެ.‘#މީޚާ 7:6
37އަހަރެންނަށް ވުރެން ބޮޑަށް މައިންބަފައިން ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން. އަހަރެންނަށް ވުރެން ބޮޑަށް ފިރިހެން ދަރިފުޅާއި އަދި އަންހެން ދަރިފުޅު ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން. 38އެއްވެސް މީހަކު އަހަރެންނަށް އީމާންވެ ސަލީބުގައި އޮވެ ނިމިދިއުމަށް ތައްޔާރުގައި ނުވާނަމަ، އެއީ އަހަރެންނަށް ތަބާވެގެންވާ މީހެއްގެ ގޮތުގައި ވުން އެކަށީގެންވާ މީހެއް ނޫން. 39ތިޔަބައިމީހުންގެ އަމިއްލަ ފުރާނަ ހިފަހައްޓަން އެދޭ ފަރާތްތަކަށް އެބައިމީހުންގެ ޙަޤީޤީ ދިރިއުޅުން ގެލިގެންދާނެ. ނަމަވެސް އަހަރެންނަށް ޓަކައި ތިޔަބައިމީހުންގެ ފުރާނަ ދީފިނަމަ، ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުންނަށް ޙަޤީޤީ ދިރިއުޅުން ލިބޭނެ.“
ޚިދުމަތުގެ ޘަވާބު ލިބިދިނުން
40”ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. 41މާތްރަސްކަލާނގެ ފޮނުއްވި ނަބިއްޔަކަށް ވާތީ އެ ނަބިއްޔަކު ބަލައިގަންނަ ކޮންމެ މީހަކަށް އެނަބިއްޔަކަށް ހުރި ޘަވާބު ލިބޭނެ. އަދި ޞާލިޙުވަންތަ މީހަކަށް ވީތީ އޭނާ ބަލައިގަންނަ ކޮންމެ މީހަކަށް އެ ޞާލިޙުވަންތަ މީހާއަށް ހުރި އިނާމު ލިބޭނެ. 42އަދި އަހަރެންނަށް ތަބާވާ ފަރާތްތަކުގެ ތެރެއިން އެންމެ އާރެއް ބާރެއް ނެތް މީހަކަށް ފިނިފެން ތައްޓެއް ދިން މީހަކަށް ވެސް ހަމަކަށަވަރުން މާތްރަސްކަލާނގެ ޘަވާބު ދެއްވާނެ.“
ទើបបានជ្រើសរើសហើយ៖
މައްތާ 10: ކމ
គំនូសចំណាំ
ចែករំលែក
ចម្លង

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.