ފެށުން 47

47
ޔަޢުޤޫބުގެފާނު ޖާސާންގައި ވަޒަންވެރިވުން
1އެއަށް ފަހު، ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕައާއި އެންމެހާ އަޚުން ކަންޢާނުން މިޞްރަށް ވަޑައިގެންފި. އަދި އެބައިމީހުންނާއި އެކުގައި އެބައިމީހުންގެ ގެރި ބަކަރިތަކާއި އެބައިމީހުންނަށް މިލްކުވެގެންވީ ހުރިހާ ތަކެއްޗެއް ވެސް ގެނައި. މިހާރު އެބައިމީހުން ތިބީ ޖާސާންގަ.⁠“ 2ހަމައެއާއި އެކު ރަސްގެފާނަށް ތަޢާރަފް ކޮށްދެއްވުމަށްޓަކައި ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންގެ ތެރެއިން ފަސް މީހަކު ހޮއްވެވިއެވެ.
3ޔޫސުފުގެފާނުގެ އަޚުންގެ ގާތުގައި ރަސްގެފާނު މިފަދައިން އެއްސެވިއެވެ. ”⁠ތިޔަބައިމީހުން ކައިބޮއި އުޅުމަށް ކުރާ މަސައްކަތަކީ ކޮބައިތަ؟⁠“
އެބައިމީހުން ރަސްގެފާނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ކާބަފައިން ފަދައިން ކަންބަޅި ބަކަރި ހުއިހައްޕަމުން ގެންދާ ބަޔަކީމު. 4އަޅުގަނޑުމެން މިރަށަށް މިއައީ އަޅުގަނޑުމެންގެ ޖަނަވާރުތަކަށް ކާންދޭނޭ ވިނަ ކަންޢާނުން ލިބެން ނެތުމުން މި ރަށުގައި ދިރިއުޅުމަށްޓަކައި. އެ ރަށަށް ކުރިމަތިވެފައިވީ ތަދުމަޑުކަން ވަނީ އިންތިހާއަށް ގޮސްފަ. ވީމާ، އަޅުގަނޑުމެން ޖާސާންގައި ދިރިއުޅުމުގެ ހުއްދަ ދެއްވާ.⁠“
5އެ ހިނދު ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިބާގެ ބަފައިކަލުންނާއި އަޚުން، ތިބާގެ ގާތަށް އައި ހިނދު 6އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.⁠“
7އޭގެފަހުގައި ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން، ޔަޢުޤޫބުގެފާނު މިޞްރުގެ ރަސްގެފާނަށް ތަޢާރަފް ކޮށްދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު މިޞްރުގެ ރަސްގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
8އެއަށް ފަހު ފިރުޢައުނު ޔަޢުޤޫބުގެފާނުގެ އަރިހުން މިފަދައިން ސުވާލު ކުރެއްވިއެވެ. ”⁠ތިބާގެ އުމުރުން ކިހާ ދުވަހެއް ވެއްޖެތަ؟⁠“
9ޔަޢުޤޫބުގެފާނު ފިރުޢައުނަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންގެ އުމުރުން މިހާރު ސަތޭކަ ތިރީސް އަހަރު. އަހަރެންގެ މުޅި އުމުރު ހޭދަވެ ގޮސްފައި މިވަނީ އެއްތަނުން އަނެއްތަނަށް ދިއުމުގައި. އަހަރެންގެ ކާބަފައިން ފަދައިން އަހަރެންގެ އުމުރު ދިގެއް ނޫން. އެއީ އަހަރެންގެ ދިރިއުޅުން ވަނީ އެތައް ވޭނަކާއި ހިތާމައަކުން ފުރިފައި.⁠“ 10އެއަށް ފަހު، ޔަޢުޤޫބުގެފާނު ރަސްގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވުމަށް ފަހު އެތަނުން ވަޑައިގަތެވެ.
11ރަސްގެފާނު އިރުޝާދު ދެއްވި ފަދައިން ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނާއި އެންމެހާ އަޚުންނަށް މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ރަޢަމްސީސްގެ ސަރަހައްދާއި ކައިރިން ބިން ދެއްވިއެވެ. 12ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ.
މިޞްރުގައި ތަދުމަޑުކަން އިންތިހާގައި
13މިޞްރަށް ދިމާވެފައިވީ ތަދުމަޑުކަން ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ. އަދި މުޅި ރަށުގައި ކާނޭ އެއްވެސް އެއްޗެއް ނެތެވެ. ވުމާއެކު ކަންޢާނުއާއި އަދި މިޞްރުގެ އަހުލުވެރިން ވަނީ ވަރަށް ނިކަމެތިވެފައެވެ. 14މީސްތަކުން އެބައިމީހުން ގަތް ގޮވާމަށް އަގު އަދާ ކުރިއެވެ. ވުމާއެކު އެ ހުރިހާ ފައިސާއެއް ޔޫސުފުގެފާނު އެއްކުރައްވައި އެ ފައިސާތައް މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރަށް ގެންދެވިއެވެ. 15އެންމެފަހުން މިޞްރާއި ކަންޢާނުގެ މީހުންގެ އަތުގައި ވީ އެންމެހާ ފައިސާއެއް ހުސްވެ ދިޔައެވެ. ވުމާއެކު، އެބައިމީހުން ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ދެއްވާ. އަޅުގަނޑުމެންގެ އަތުގައި ވީ އެންމެހާ ފައިސާއެއް ހުސްވެއްޖެ. އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ނުލިބިއްޖެނަމަ، ކަލޭގެފާނުގެ ކުރިފުޅުމަތީ މިތަނުގައި އަޅުގަނޑުމެން މަރުވެދާނެ.⁠“
16ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ފައިސާ ނެތްކަމުގައިވާނަމަ، ތިޔަބައިމީހުންގެ ޖަނަވާރުތައް އަހަރެންނަށް ދީ. އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންނަށް އަހަރެން ކާނާ ދޭނަމު.⁠“ 17ވީމާ، މީސްތަކުން އެބައިމީހުންގެ ޖަނަވާރުތައް ޔޫސުފުގެފާނުގެ އަރިހަށް ގެނައެވެ. އަދި އެކަލޭގެފާނު އެބައިމީހުންގެ އަސްތަކާއި، ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫފިތަކާއި އަދި ހިމާރުތައް ނެންގެވުމަށް ފަހު އެ ތަކެތީގެ ބަދަލުގައި އެ އަހަރު އެބައިމީހުންނަށް ކާނާ ދެއްވިއެވެ.
18ޖެހިގެން އައި އަހަރު އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެއްވެސް ކަމެއް ކަލޭގެފާނަށް ވަންހަނާ ނުކުރަމު. އަޅުގަނޑުމެންގެ މިލްކުގައި ވީ ފައިސާ އާއި އަދި އެންމެހާ ޖަނަވާރުތައް ވެސް ވަނީ ކަލޭގެފާނުގެ އަތްޕުޅުގައި. އަޅުގަނޑުމެންގެ އަތުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި އަޅުގަނޑުމެންނަށް ލިބިފައިވީ ބިން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުމެނެތްމެ. 19ކަލޭގެފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެންގެ ބިން ފަނާވެ ދާންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ބިން ބައްލަވައިގެންނެވުމަށް ފަހު، އޭގެބަދަލުގައި އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ދެއްވާ. އަދި އަޅުގަނޑުމެންގެ ބިމާއި އެކު އަޅުގަނޑުމެން ފިރުޢައުނުގެ އަޅުންގެ ގޮތުގައި ވާނަމު. އަޅުގަނޑުމެންނަށް މުޑުވައް ކުރާނެ އޮއްކޮޅެއް ދެއްވާ. އޭރުން އަޅުގަނޑުމެންގެ ބިންތައް ހިކިވެ، ވީރާނާ ނުވާނެމެ.⁠“
20މިޞްރުގައިވާ އެންމެހާ ބިންތައް ރަސްގެފާނަށްޓަކައި ޔޫސުފުގެފާނު ބައްލަވައިގަތެވެ. ތަދުމަޑުކަން އިންތިހާގައި ވުމުގެ ސަބަބުން މިޞްރުގެ ކޮންމެ މީހަކަށް ލިބިފައިވީ ބިން ޔޫސުފުގެފާނަށް ވިއްކާލެއްވުމަށް މަޖުބޫރުވިއެވެ. އެގޮތުން އެ ހުރިހާ ބިމަކީ ރަސްގެފާނުގެ ބިން ކަމުގައި ވިއެވެ. 21އަދި މިޞްރުގެ އެންމެހާ މީސްތަކުންނީ ފިރުޢައުނުގެ އަޅުން ކަމުގައި ޔޫސުފުގެފާނު ހަމަޖެއްސެވިއެވެ. 22ހަމައެކަނި އެކަލޭގެފާނު ބައްލަވައި ނުގަންނަވާ ބިންތަކަކީ ފާދިރީންގެ މިލްކުވެގެންވީ ބިންތަކެވެ. އެހެނީ އެ ފާދިރީން އެމީހުންގެ ބިންތައް ވިއްކާލާކަށެއް ބޭނުމެއް ނުވެއެވެ. އެހެނީ ރަސްގެފާނު އެބައިމީހުންނަށް އުޖޫރަ ދެއްވައެވެ. ވީމާ، އެބައިމީހުންގެ އަތުގައި ކާބޯތަކެތި ގަންނާނެ ފައިސާ ހުރެއެވެ.
23ޔޫސުފުގެފާނު މީސްތަކުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ބިންތައް ގަނެ ރަސްގެފާނަށް ވެދުން ކޮށްފީމު. ވީމާ، ތިޔަބައިމީހުންގެ ބިންތަކުގައި ގޮވާން ކުރުމަށްޓަކައި މުޑުވައް ކުރާނޭ އޮއްތައް އަހަރެން ދޭނަން. 24އެ ދަނޑުތަކުން ގޮވާން ކަނޑާ ހިނދު އޭގެ ފަސްބައިކުޅަ އެއްބައި ރަސްގެފާނަށް ދޭންޖެހޭނެ. އަނެއް ފަސްބައިކުޅަ ހަތަރުބައި ތިޔަބައިމީހުން ނަގާ. އެއިން ތިޔަބައިމީހުން ގޮވާން އިންދުމަށާއި އަދި ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާ ތަކާއި ތިޔަބައިމީހުންގެ ކުޑަކުދިން ކެއުމަށް ބޭނުން ކުރޭ.⁠“
25އެ މީސްތަކުން މިފަދައިން ބުންޏެވެ. ”⁠ކަލޭގެފާނު އަޅުގަނޑުމެންގެ ފުރާނަ ސަލާމަތް ކުރައްވައިފި. ހަމައެހެންމެ ރަސްގެފާނުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވުމުން އުފާވަމު.⁠“
26ވީމާ، މިޞްރުގައި ޔޫސުފުގެފާނު ޤާނޫނެއް ހެއްދެވިއެވެ. އެ ޤާނޫނު މިއަދާއި ހަމައަށް ވެސް ދެމިގެންވެއެވެ. އެއީ އެ ޤައުމުގައިވާ އެންމެހާ ތަކެތީގެ ފަސްބައިކުޅަ އެއްބަޔަކީ ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި ކަމުގައެވެ. ހަމައެކަނި ރަސްގެފާނަށް ލިބިގެންނުވާ ބިމަކީ ފާދިރީންގެ ބިންތަކެވެ.
ޔަޢުޤޫބުގެފާނުގެ އެންމެފަހު ވަސިއްޔަތް
27މިޞްރުގެ ސަރަހައްދެއް ކަމުގައިވާ ޖާސާންގައި ބަނީއިސްރާއީލުގެ މީހުން ދިރިއުޅެމުން ގެންދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް އެމީހުންގެ މެދުގައި ތަނަވަސްކަން އިތުރުވެ އަދި އެބައިމީހުންގެ އާބާދީ އިތުރުވަމުން ދިޔައެވެ.
28ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވިފަހުން ސަތާރަ އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހު، އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން 147 އަހަރުގައެވެ. 29އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) އެކަލޭގެފާނު އަވަހާރަވުމާއި ކައިރިވެއްޖެކަން އެނގިވަޑައިގެން އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާ އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ ފައިގެ ފަލަމަސްގަނޑުގެ ދަށުގައި އަތް ޖައްސައި އަހަރެން މިޞްރުގައި ވަޅުނުލުމަށް ހުވައި ކުރޭ. 30އަހަރެން ނިޔާވުމުން އަހަރެން މިޞްރުން ބޭރަށް ގެންގޮސް އަހަރެންގެ ކާބަފައިން ފަސްދާނު ލެވިފައިވީ ތަނުގައި އަހަރެން ވަޅުލައިދީ.⁠“
ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވި ފަދައިން އަހަރެން އަމަލު ކުރާނަމު.⁠“
31އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އެފަދައިން ކަންތައް ކުރާނެ ކަމުގައި އަހަރެންގެ ކުރިމަތީގައި ހުވާކުރޭ.⁠“ އެ ހިނދު އެފަދައިން ކަންތައް ކުރައްވާނެ ކަމުގައި ވިދާޅުވެ ޔޫސުފުގެފާނު ހުވާ ކުރެއްވިއެވެ. އަދި އިސްރާއީލުގެފާނު އެކަލޭގެފާނު ހިންގަވަން ގެންގުޅުއްވި އަސާކޮޅުގައި ހިއްޕަވާ ތެދުވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ކުރުނީސް ކުރައްވައި އަޅުކަންކުރެއްވިއެވެ.

ទើបបានជ្រើសរើសហើយ៖

ފެށުން 47: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល