ނެރުއްވުން 31

31
ބަޞަލީލު އާއި އަހޫލިޔާބު
1ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. 2”⁠ނިކަން ބަލާބަލަ. އަހަރެން މިވަނީ އޫރީގެ ދަރި ބަޞަލީލު އެ ކަންތައް ކުރުމަށް މެދުވެރިކޮށްފައި. އޭނާއަކީ ޔަހޫޛާގެ ދަރިކޮޅުން އައިސްފައިވާ ޙޫރުގެ ކާފަ ދަރިއެއް. 3ތިމަންކަލާނގެ ވަނީ އޭނާއަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފުރާދީފައި. އެގޮތުން އޭނާއަށް ހުރިހާ ބާވަތެއްގެ ޙިކުމަތަކާއި ހުނަރަކާއި ފަންނުވެރިކަން ލިބިފައިވާނެ. 4އަދި އޭނާގެ ކިބައިގައި ފާޑުވެރިކަމާއެކު ރަނާއި ރިހިންނާއި ކަފުލޮއިން ތަކެތި ހެދުމުގެ ތަޖުރިބާ ހުންނާނެ. 5އޭނާއަށް ޖަވާހިރު ހިލަ ކަނޑައިނަގަން އެނގޭނެ. އަދި ލަކުޑީގައި ކުރެހުން އަޅައި ބިންވަޅުނަގަން އެނގޭނެ.
6އަދި އަހަރެން އަޚީސާމާކުގެ ދަރި އަހޫލިޔާބު ވެސް އޭނާއަށް އެހީވުމަށް ޚިޔާރު ކޮށްފިން. އޭނާއަކީ ދާނުގެ ދަރިކޮޅުގެ މީހެއް. އޭގެ އިތުރުން ހުނަރުވެރި އެންމެންނަށް އަހަރެން ޚާއްސަ ހުނަރުތަކެއް ދީފައިވާނެ. އެއީ ކަލެއަށް އަހަރެން އެންގި ކަންތައް ފުރިހަމަ ކުރުމަށް:
7ފޭލިގެ ކޮޅާއި ޢަހުދުނާމާ ފޮށިކޮޅާއި ކައްފާރާގެ މަޤާމު ކަމަށްވާ އެފޮށީގެ މަތިގަނޑާއި އަދި ފޭލިގެކޮޅުގައިވާ އެންމެހާ ތަކެއްޗާއި
8މޭޒުކޮޅާއި އޭގެ މަތީގައިވާ ހިފާގެންގުޅޭ ތަކެއްޗާއި ރަން ބައްތިކޮޅާއި އޭގައި ހިމެނޭ ތަކެއްޗާއި ދުންބުރުވާ އައްޓާއި
9ޤުރުބާނީ އަންދާ އައްޓާއި ފެން ބިލިގާއާއި އޭގެ ހަރާއި
10އަދި އުއްތަމަ އިމާމު ހާރޫނަށާއި އޭނާގެ ދަރިންނަށް ފަހާފައިވާ އިމާމުންގެ ކަރާމާތްތެރި ހެދުން ކޮޅުތަކާއި
11މަޤާމު ހަވާލުކުރުމަށް އުނގުޅާ ތެލާއި މީރު ވަސްދުވާ އަތަރާއި. މިއީ ކަރާމާތްތެރި މަޤާމުފުޅަށް ޚާއްސަވެގެންވާ ތަކެތި.
ފަންނުވެރިން މިތަކެތި ތައްޔާރު ކުރަން ވާނީ އަހަރެން ކަލެއަށް އެންގި ގޮތަށް.⁠“
ސަބަތުގެ ދުވަސް
12 މާތްރަސްކަލާނގެ މި ގޮތަށް މޫސާގެފާނަށް އެންގެވިއެވެ. 13”⁠ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’⁠ސަބަތުގެ ދުވަސް ތިމަންކަލާނގެއަށްޓަކައި ޚާއްސަ ކުރާށޭ.⁠‘ އެހެނީ ސަބަތުގެ ދުވަހަކީ ކަލޭމެންނާ ކަލޭމެންގެ ދަރިންގެ ދަރިންނާއި މިރިމިރީންނަށް ތިމަންކަލާނގެއާ ދެމެދު ކުރެވިފައިވާ ޢަހުދުނާމާގެ ހަނދާނުގައި ފާހަގަ ކުރެވޭ ދުވަހެއް. އެދުވަސް ކަލޭމެންނަށް ޚާއްސަ ކުރެވިފައި ވަނީ ތިމަންކަލާނގެ ކަލޭމެން މާތް ކޮށްފައި ވާކަން ދެނެގަތުމަށް. 14ކަލޭމެން ސަބަތުގެ ދުވަސް ފާހަގަ ކުރަން ވާނެ. އެއީ ކަލޭމެންނަށް މާތް ދުވަހެއް. އެދުވަހާ އެކަކު ވެސް ޚިލާފު ވެއްޖެނަމަ އެމީހަކަށް މަރު ޙައްޤު ވެއްޖެ. އެދުވަހު އެކަކު ވެސް މަސައްކަތެއް ކޮށްފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލެވެން ވާނެ. 15މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.
16ބަނީ އިސްރާއީލީންގެ ދަރިދަރިކޮޅާ ހަމަޔަށް މި ދުވަސް ފާހަގަ ކުރަމުން ދާން ޖެހޭނެ. މިއީ އަބަދަށްޓަކައި ޢަހުދު ކަށަވަރު ކުރެވިފައިވާ ކަމެއް. 17މިއީ އަހަރެންނާ އިސްރާއީލީންގެ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދާއިމީ ރަމްޒެއް. އެހެނީ އަހަރެން އުޑާއި ބިން އުފެއްދީ ހަ ދުވަހުން. ހަތްވަނައަށް ވީ ދުވަހު އަހަރެން އެމަސައްކަތް ހުއްޓާލައި އަރާމު ކުރީ.⁠“
18މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.

ទើបបានជ្រើសរើសហើយ៖

ނެރުއްވުން 31: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល