ނެރުއްވުން 28

28
އިމާމުންގެ ހެދުންކޮޅު
1”⁠ކަލޭގެ ބޭބެ ހާރޫނަށާއި އޭނާގެ ފިރިހެން ދަރިން ކަމަށްވާ ނާދާބު އާއި، އަބީހޫ އާއި، އަލިޢާޒާރު އާއި، އީޘާމާރުއަށް ގޮވާ. ގޮވާ ގެނެސް އެމީހުން ބަނީއިސްރާއީލުންގެ އެހެން މީހުންނާ ވަކި ކުރޭ. އެއީ އަހަރެންގެ އިމާމުންގެ ގޮތުގައި އެމީހުން ބައިތިއްބުމަށް.
2ހާރޫނަށް އުއްތަމަ އިމާމަކަށް އެކަށީގެންވާ ފަދަ ހައިބަވެތި ރީތި ހެދުންތައް ފަހާދީ. 3އަހަރެން ރޫޙާނީ ވިސްނުން ދީފައިވާ ހުރިހާ ފަންނުވެރިންނަށް އަންގާ، އަހަރެންގެ ޚިދުމަތުގައި ހުންނަ އިމާމު ހާރޫނަށް އެކަށީގެންވާ އިއްޒަތްތެރި ހެދުމެއް ތައްޔާރު ކުރާށޭ. 4މިހެދުމުގައި މޭމަތީ ފޮތިގަނޑަކާއި، އަފޫދާއި،#28‏:4 ޖެކެޓެއްގެ ގޮތުގައި މަތީން ލާ ހެދުމެއް ބޭރުން ލާ ޖުއްބާއަކާއި، ގަތާފައިވާ ގަމީހަކާއި، ފަގުޑިއަކާއި، އުނަގަނޑު ކަމަރެއް އެކުލެވިފައި ވާން ވާނެ. މި ހައިބަވެތި ހެދުންތައް ތައްޔާރު ކުރުވާފައި ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ލައްވައި އަހަންނަށް ޚިދުމަތް ކުރުވަން އެމީހުން ބައިތިއްބާ. 5ހުނަރުވެރިކަން ލިބިފައިވާ މީހުން ރަނާއި، ނުލާއި، ދަނބާއި، ގަދަރަތް ކުލައިގެ ރޮއްޖާއި އަދި އެންމެ މޮޅު ލިނެން ފޮތި ބޭނުންކޮށްގެން މިތަކެތި ތައްޔާރު ކުރަންވާނެ.
6ފަންނުވެރިން ލައްވައި އަފޫދު ތައްޔާރު ކުރަން ވާނީ މޮޅު ލިނެން ފޮތިން ރަނުންނާއި ނުލުންނާއި ދަނބުންނާއި ގަދަރަތް ރޮދިން ޖަރީކޮށްގެން. 7މި ހެދުމުގައި ކުރިމައްޗާއި ފުރަގަސް ހުންނަން ވާނީ ކޮނޑުމަތިން ދެ ފޮތިކޮޅަކުން ގުޅިފައި. 8އަދި އުނަގަނޑުގައި އަޅާ ކަމަރެއް ވެސް ހަމަ އެ ފޮތިން ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްގެން ހަދާ.
9ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ. 10ކޮންމެ ހިލަކޮޅެއްގައި ލިޔާނީ ހަ ނަން. އެ ނަންތައް ލިޔަން ވާނީ އިސްރާއީލުގެ އެ ދަރިން އުފަންވި ތަރުތީބުން. 11މި ނަންތައް މި ހިލައިގައި ބިންވަޅު ނަގަން ވާނީ ޖަވާހިރުގެ މަސައްކަތްތެރިއަކު ތަތްގަނޑެއް ކަނޑާނަގައި ހަދާ ފަދައިން. ދެން މި ހިލަކޮޅުތައް ރަނުގެ ވޮއްޓެއްގައި ހަރުކުރޭ. 12މި ދެހިލަކޮޅު އަފޫދު ހެދުމުގެ ކޮނޑުމަތީ ފޮތިކޮޅުގައި ހަރުކުރޭ. މިކަމުން ދައްކާދޭނީ ހާރޫން އެ ތަމްސީލު ކުރަނީ ބަނީ އިސްރާއީލުގެ އެންމެން ކަން. އަހަރެންގެ ގާތަށް ހާރޫނު އަންނައިރު އޭނާގެ ކޮނޑުމަތީގައި މިނަންތައް އުފުލުމުން އެ ރަމްޒުކޮށް ދެނީ އޭނާ އެއައީ ބަނީ އިސްރާއީލުގެ އެންމެންގެ ފަރާތުން ކަން.
13ދެން ރަނުގެ އޮނިގަނޑުތަކެއް ހަދާ. 14އަފޫދު ހެދުމުގެ ކޮނޑު މަތީގައި ބާއްވާ މި ރަތުރަން އޮނިގަނޑުގައި ރަނުން ދެ ރޭނދާ ފަށް ގަތައި މި ދެފަށް އޭގައި ހަރުކުރޭ.⁠“
މޭމަތީ ފޮތިގަނޑު
15”⁠ދެން ވަރަށް ފަންނުވެރި ކަމާއެކު މޭމަތީ ފޮތިގަނޑު އަފޫދާ އެއް ވައްތަރަކަށް ތައްޔާރު ކުރޭ. މި ފޮތިގަނޑު ރަނާއި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ވިޔޭ. އަހަރެންގެ ކިބައިން ކަންކަމަށް މަގުދެއްކުން އެދޭ ހިނދު މި ފޮތިގަނޑު އަޅާ. 16މި ފޮތިގަނޑު އޮންނަން ވާނީ އެއް ފޮތިގަނޑަކުން ފަށްޖަހާފައި އޮންނަ ދަބަހެއްގެ ގޮތުގައި. މީގެ ދިގު މިނުގައި ނުވަ އިންޗި ފުޅަލުގައި ނުވަ އިންޗި ހުންނަން ވާނެ.#28‏:16 އެއީ ޢިބްރާނީ ބަހުން ބުނާނަމަ ކައިވަތެއްގެ ފުޅާމިނެވެ.
17މި ދަބަހުގައި ހަތަރު ބަރިއަށް ޖަވާހިރު ޖަހާ. ފުރަތަމަ ބަރީގައި ޖަހަން ވާނީ ރަތް ޢަޤީޤަކާއި، މަޑުފެހި ޒަބަރުޖުދަކާއި ޒުމައްރަދެއް.
18ދެވަނަ ބަރީގައި ފީރޯޒަކާއި، އަޒުރަޤަކާއި، ހުދު އަލިމަހެއް.
19ތިންވަނަ ބަރީގައި އޯރެންޖް ޔާގޫތަކާއި، ޢަޤީޤަކާއި އެމަތިސްޓެއް ހަރުކުރޭ.
20ހަތަރުވަނަ ބަރީގައި ފެހިނޫ ފެންފިޔާޒަކާއި، ޔަމަނު ޢަޤީޤަކާއި، ފެހި ޔަޝްބެއް ހަރުކުރޭ. މި ހުރިހާ ޖަވާހިރެއް ވެސް ހުންނަން ވާނީ ރަނުގެ އޮނިގަނޑެއްގައި ހަރުކޮށްފައި.
21މިބާރަ ޖަވާހިރު ރަމްޒު ކޮށްދެނީ ބަނީ އިސްރާއީލުގެ ގަބީލާތައް. އެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގައި އޭގައި ލިޔޭ. 22މި ފޮތިގަނޑު އަފޫދު ހެދުމުގައި އެލުވުމަށް ރަތުރަނުން ގަތާފައިވާ ދެ ރޭނދާފަށް ހަރުކުރޭ. 23ދެން އެފޮތިގަނޑުގެ މަތީކައިރި ފަށުގެ ދެކަނުގައި ރަނުގެ ދެ ބޮޅު ހަރުކުރޭ. 24އަދި ރަނުގެ ދެ ރޭނދާފަށް މި ބޮޅުގައި އައްސާ. 25މި ފަށުގެ އަނެއް ކޮޅު އަފޫދު ހެދުމުގެ ކޮނޑުމަތީ އަޅާއެތިކޮޅުގައި ވާ ރަން ބޮޅުގައި ހަރުކުރޭ.
26އަދި އިތުރު ރަނުން ދެ ބޮޅު ހަދާ. މި ބޮޅުތައް މޭމަތީ ފޮތިގަނޑުގެ އެތެރޭ ކައިރިފަށާއި އަފޫދު ހެދުމާ އެއްކޮށް ހަރުކުރޭ. 27އަދި އިތުރު ދެ ބޮޅު ރަނުން ހަދައި އަފޫދު ހެދުމުގެ ކުރިމަތިން ކޮނޑު އެތިކޮޅުގެ ތިރިން ހަރުކުރޭ. އެއީ ޖަރީކުރި އުނަގަނޑު ބަންދު އަފޫދު ހެދުމުގެ ޖެހުނު ހިސާބު ބަންދުގެ ގޮށާ ދިމާ މަތީ ކައިރިފަށުގައި ހަރުކުރުމަށް.
28ދެން ތިރީގެ ދެ ބޮޅުގައި ނޫ ފަށެއް ޖަހައި އަފޫދު ހެދުމުގައިވާ ދެ ބޮޅުގައި ހަރުކުރޭ. މި ގޮތުން އަފޫދު ހެދުމުގެ މަތީން މޭމަތީ ފޮތިގަނޑު އުނަގަނޑުގެ ބަންދުގެ މަތީ ކައިރިފަށުގައި ލާފައިވާ ރަނުގެ ބޮޅުގައި ރަނގަޅަށް ހަރުކޮށްލެވޭނެ.
29މަތިވެރި މަޤާމުފުޅަށް ހާރޫނު ވަންނައިރު އޭނާގެ ހިތާ ދިމާގައިވާ ކަރާމާތްތެރި ފޮތިގަނޑު އިސްރާއީލުގެ ހުރިހާ ގަބީލާއެއްގެ ނަންތައް ގެންދެވޭނެ. މިކަމުން ހަނދާން އާކޮށްދެނީ އަހަރެންގެ ގާތަށް އޭނާ އަންނަނީ އިސްރާއީލީންގެ އެންމެން ތަމްސީލު ކޮށް ދިނުމަށް ކަން.
30ހާރޫނު އަހަރެންގެ ގާތަށް އަންނަ ކޮންމެ ހިނދަކު ޔުރީމާއި ތުންމިއްޔިމް#28‏:30 މިއީ ޢިބްރާނީ ބަހުން އައިސްފައިވާ ނަންތަކެކެވެ. އަދި މި ލަފުޒުތަކުގެ މާނައެއް ވެސް ނޭނގެއެވެ. މި ހިލަކޮޅުތައް ބޭނުން ކުރަނީ އިމާމުންނަށް މާތްކަލާނގެ އަންގަވާ އެންގެވުމަކީ ކޮބައިކަން ދެނެގަތުމަށެވެ.ހިލަކޮޅުތައް މޭމަތީ ފޮތިގަނޑުގެ ތެރެއަށް ލައިގެން އޭނާގެ ހިތާ ދިމާގައި ޖެހިފައި ވާނެ ހެން ބަހައްޓާ. މިގޮތުން އަހަރެންގެ މީހުންނާ މެދު ނިންމާނެ ގޮތެއް އޭނާއަށް އެނގޭނެ ވަސީލަތެއް ގެންނަން ވާނެ.⁠“
އިމާމުންގެ ހެދުންކޮޅުގެ އިތުރުބައިތައް
31”⁠އަފޫދު ހެދުމުގެ ދަށުން ލާ ހެދުން އޮންނަން ވާނީ ނޫކުލައިގަ އެއް ފޮތިގަނޑަކުން. 32އޭގައި ހާރޫނުގެ ބޯ ވަންނަވަރުގެ ބާގަނޑެއް ކަނޑައި ގިރުއާނެއް ގޮތުގައި އެ ބާގަނޑުގެ ކައިރިފަށް ވިޔެފައި ބަހައްޓާ. އެއީ އެ ފޮތިގަނޑު ވީދުނަ ނުދިނުމަށް.
33އަދި ނުލާއި، ދަނބާއި، ގަދަރަތް އުއިން އަންނާރު ސިފައިގައި އުއި ގުޅަތައް ވަށައި މި އުއި ގުޅަތައް އެ ހެދުމުގެ ފަސްބައިގައި ހަރުކުރޭ. އޭގެ ދެ އަންނާރު ދެމެދުގައި ރަނުގެ ރަނގަބީލުތައް ހަރުކުރޭ. 34ރަނުގެ މި ރަނގަބީލުތަކާއި އަންނާރުތައް ހުންނަން ވާނީ އަންނާރެއްގެ ފަހު ރަނގަބީލެއް ހުންނާނެހެން މުޅި ފަސްބާގެ ވަށައިގެން އެލުވާފައި.
35ހާރޫނު އަހަރެންގެ ގާތަށް އަންނައިރު އަންނަން ވާނީ މި ހެދުން އަޅައިގެން. އޭނާ ވަންނަ އިރާއި ނުކުންނައިރު އެ ކުދި ރަނގަބީލުތައް ތެޅޭ އަޑު އިވެން ޖެހޭނެ. މި ހެދުމުގައި ހުރެ އޭނާ އެތަނަށް ވަނަކަސް އޭނާ މަރެއް ނުވާނެ.
36ދެން ރަތުރަނުން މެޑެއްޔެއް ހަދައި އޭގައި މިހެން ލިޔެ ބިންވަޅު ނަގާ. ’⁠މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި⁠‘. 37މި މެޑެލި އޮންނަން ވާނީ ހާރޫނުގެ ފަގުޑީގެ ކުރިމަތީގައި ނޫކުލައިގެ ފަށަކުން އެލުވާފައި.
38ހާރޫނު އިސްރާއީލުގެ މީހުންގެ މަތިން ޤުރުބާނީ ވެދުން ކުރާއިރު އެމީހުންގެ ފާފަތަކަށް އޭނާ ޒިންމާވެ އޭނާގެ ނިތްކުރީގައި މި އެތި އަޅައިގެން ހުންނަން ވާނެ. އޭރުން އެމީހުން ވެދުން ކުރުމުގައި ކުށެއް ކުރިޔަސް އެވެދުން ކުރާ އެއްޗެއް އަހަރެން ގަބޫލު ކުރާނަން.
39ހާރޫނުގެ ގަމީސް މޮޅު ލިނެން ފޮތީގައި ވިޔޭ. އޭނާގެ ފަގުޑި ވެސް މި ފޮތިން ވިޔޭ. އަދި އުނަގަނޑު ކަމަރު ވެސް ޖަރީކޮށްގެން ހަދާ.
40ހާރޫނުގެ ދަރިންނަށް ވެސް ހައިބަވެތި ރީތި ގަމީހާއި ބޮލުގައި އަޅާ ތާކިހަލާއި އުނަގަނޑު ކަމަރު ތައްޔާރު ކުރޭ. 41ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ވެސް މި ހެދުންއަޅުވާ. އަދި އެމީހުން ޚާއްސަ ކުރުމަށް ޒައިތޫނިތެޔޮ އެޅުމުގެ ރަސްމިއްޔާތު ބާއްވާ. އެގޮތުން އެމީހުންނަކީ އިމާމުންގެ ގޮތުގައި އަހަންނަށް ޚިދުމަތް ކުރެވޭ ފަދަ މާތް ހައިބަވެތި ބަޔަކަށް ހަދާ.
42އެމީހުން އެތެރެއިންލާ ލިނެން ހެދުން ވެސް ތައްޔާރު ކުރޭ. އެ ހެދުން ހުންނަން ވާނީ އުނަގަނޑުން ފެށިގެން ފައިގެ ފަލަމަސްގަނޑާ ހަމަޔަށް.
43ހާރޫނާއި އޭނާގެ ދަރިން ގެކޮޅަށް ވަންނައިރު އަދި މާތް މަޤާމުފުޅު ހުންނަ ޤުރުބާނީ އަށިދޮށަށް ގޮސް ޤުރުބާނީ ހުށަހަޅާއިރު ތިބެން ވާނީ މިހެދުން އަޅައިގެން. އޭރަކުން އެމީހުން ފާފަވެރިވެ އެކުށުގައި މަރުވާކަށް ނުޖެހޭނެ. މިއީ ހާރޫނާއި އޭނާގެ ދަރިކޮޅުގެ އެންމެންނަށް ކުރެވޭ ދާއިމީ އަމުރެއް.⁠“

ទើបបានជ្រើសរើសហើយ៖

ނެރުއްވުން 28: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល