ނެރުއްވުން 14

14
ރަތްކަނޑު ހުރަސްކުރުން
1ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. 2”⁠އިސްރާއީލީން އަނބުރާލާފައި މަޖްދަލު އާއި ކަނޑާއި ދެމެދުގައިވާ ފީހަޙީރޫޘުގައި މަޑު ކުރަން އަންގާ. އަދި ބަޢަލް ޞަފޫނުގެ ކައިރި އައްސޭރިފަށުގައި ފޭލިގެ ޖަހާ. 3އޭރުން ފިރުޢައުނު ހީކޮށްފާނެ، އިސްރާއީލީންނަށް މަގުއޮޅިއްޖެޔޭ. އެމީހުން ސަހަރާތެރޭގައި ބެދިއްޖެޔޭ! 4އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“
ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.
5ފިރުޢައުނު ރަސްގެފާނަށް އިސްރާއީލީން ފިލައިގެން ދިޔަ ޚަބަރު ލިބި ވަޑައިގަތުމުން ރަސްގެފާނާއި ވަޒީރުންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ”⁠އަހަރެމެން އިސްރާއީލު އަޅުން ދިޔަ ދިނީ ކީއްވެ؟ އަހަރެމެން މިކުރީ ކީއް ހޭ؟⁠“ ކިޔައިގެން އެމީހުން ސުވާލު ކުރިއެވެ. 6ދެން ފިރުޢައުނު ރަސްގެފާނު އެރަސްގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ލަޝްކަރު ނެރުއްވައިފިއެވެ. 7ރަސްގެފާނާއެކު މިޞްރުގެ އެންމެ މޮޅު ހަސަތޭކަ އަސްގާޑިޔަލާއި ދެން ވެސް މިޞްރުގައި ހުރިއްޔާ ހުރި އަސްގާޑިޔާތަކަށް ވެސް ވެރިޔަކު ލައިގެން ގެންދެވިއެވެ.
8 މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތްޕުޅު ހަރު ކުރައްވާފައި ވާތީ އެ ރަސްގެފާނު އިސްރާއީލުގެ މީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭރު އިސްރާއީލީން ދެކޮޅުވެރިކަމާއެކު ގޮށްމުށް އުކަމުން ކުރިޔަށް ދިޔައެވެ. 9މިޞްރު މީހުން ފިރުޢައުނު ރަސްގެފާނުގެ އަސްތަކާއި އަސްގާޑިޔާތަކާއި އަސްވާރުންނާއި، ސިފައިންނާއެކު އިސްރާއީލީންގެ ފަހަތުން ދިޔައެވެ. އެމީހުންނަށް އިސްރާއީލީން ފެނުނީ ބަޢަލް ޞަފޫނު ކައިރިފަށުގައި ފީހަޙީރޫޘުގެ ކާރީގައި ފޭލިގެ ޖަހައިގެން ތިއްބައެވެ.
10ފިރުޢައުނުގެ ލަޝްކަރު އަންނަތަން ފެނުމުން އިސްރާއީލީން ކަންބޮޑުވެ ތެޅިފޮޅިގެންފިއެވެ. އެމީހުން ގަދަ އަޑުން މާތްރަސްކަލާނގެއަށް ގޮވައި ރޮއިހޭރެން ފަށައިފިއެވެ. 11އަދި އެމީހުން މޫސާގެފާނާ ޝަކުވާކުރިއެވެ. ”⁠މި ސަހަރާތެރޭގައި އަހަރެމެން މަރާލަން އަހަރެމެން ގެނައީ ކީއްކުރަންތަ؟ އަހަރެމެން މަރުވީމާ ވަޅުލާނެ ބިން މިޞްރުގައި ނެތީތަ؟ ކޮންމެހެން އަހަރެމެން މިތަނަށް ގެންނަން ޖެހޭތަ؟ ކަލޭ އަހަރެމެން މިޞްރުން ނެރުނީ ކީއްވެ؟ 12އަހަރެމެން މިޞްރުގައި ތިބެފާ ވެސް މިކަންތައް ވާނީ މިހެންނޭ ނުބުނަންތަ؟ އަހަރެމެން ބުނީމު، ’⁠އަހަރެމެން ތިބިޔަ ދޭށޭ، އަހަރެމެން މިޞްރު މީހުންގެ އަޅުންގެ ގޮތުގައި އުޅެފާނަމޭ. ސަހަރާތެރޭގައި މަރުވެ ދިއުމަށް ވުރެން މިޞްރުގައި އަޅުވެތިވެފައި ތިބުން ވެސް މާ ރަނގަޅޭ!⁠‘⁠“
13އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ. ހަމަ ޖެހިގެން ތިބޭ. މާތްރަސްކަލާނގެ މިއަދު ކަލޭމެން ސަލާމަތް ކުރައްވާތަން ބަލަން ތިބޭ. މިއަދު ކަލޭމެންނަށް މިފެންނަ މިޞްރު މީހުންނެއް ދެނެއް ކަލޭމެންނަކަށް ނުފެންނާނެ. 14މާތްރަސްކަލާނގެ ކަލޭމެންނަށްޓަކައި ހަނގުރާމަ ކުރައްވާނެ. ހަމަޖެހިގެން ތިބޭ!⁠“
ރަތްކަނޑުގެ ތެރެއިން ދިއުން
15ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭ ތިޔަ ރޮއި އާދޭސް ކުރަނީ ކީއްވެ؟ އެމީހުން ގާތު ބުނޭ ’⁠ކުރިއަށް ހިނގައިގަންނާށޭ!⁠‘ 16ކަލޭގެ އަސާ ތިއޮތް ކަނޑާއި ދިމާއަށް އުފުލާ. އޭރުން ކަނޑު ދެފަޅިވެދާނެ. ކަލޭމެން އެ ދެމެދުން ހިކިފައިވާ ބިމުން ހިނގާފައި ގޮސް އަނެއް ފަރާތު އެއްގަމަށް އަރާ. 17އަހަރެން މިޞްރު މީހުންގެ ގޮތްދޫނުކުރާނެހެން ހަދާނަން. އޭރުން އެމީހުން ކަލޭމެންގެ ފަހަތުން ދާނެ. ފިރުޢައުނަށާއި އޭނާގެ ސިފައިންނާއި އަސްވާރުންނާއި އަސްގާޑިޔާތަކުގެ މައްޗަށް ފަތަޙަ ހޯދުމުން އެކަމުގެ ސަބަބުން އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އުފުލިގެންދާނެ. 18އަހަރެން ފިރުޢައުނާއި އޭނާގެ މީހުން ބަލިކޮށްލާތަން ފެނުމުން މިޞްރު މީހުންނަށް އެނގޭނެ، މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“
19ދެން ބަނީ އިސްރާއީލީންނަށް މަގުދައްކަވަމުން ވަޑައިގެންނެވި މާތްކަލާނގެ މަލާއިކަތާ އެ ލަޝްކަރުގެ ފުރަގަހަށް ވަޑައިގެންފިއެވެ. އަދި ވިލާގެ ތަނބު ވެސް ކުރިމަތީގައި ހުރެފައި އެ މީހުންގެ ފުރަގަހަށް އައިސް ހުއްޓިއްޖެއެވެ. 20ވިލާގަނޑު މަޑުކޮށްލީ މިޞްރު މީހުންނާއި އިސްރާއީލީންގެ ދެމެދުގައެވެ. ރޭގަނޑުވުމުން އެވިލާގަނޑު އަލިފާންގަނޑަކަށް ބަދަލުވެ އިސްރާއީލީންގެ ފޭލިގެތަކަށް އަލިކޮށް ދީފައިވެއެވެ. އެކަމަކު އެއިން މިޞްރު މީހުންގެ ފޭލިގެތަކަށް އެޅިފައި ވަނީ އަނދިރިކަމެވެ. އެރެއަކު މިޞްރު މީހުންނާ އިސްރާއީލީންނާ ދެމެދަކު ކުރިމަތިލުމެއް ނުހިނގައެވެ.
21ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އަދި އެއާއެކު މާތްރަސްކަލާނގެ އިރުމަތިން ގަދަވައެއް ފޮނުއްވައިފިއެވެ. މުޅިއެރޭގެ ހަތަރުދަމު އެހެން ވައިޖެހެމުންގޮސް ކަނޑު ތިލަވެ ހިކިފަސްތަނެއް ހެދިއްޖެއެވެ. ކަނޑު ދެބައިވެއްޖެއެވެ! 22އެހެންވެ ބަނީ އިސްރާއީލީން ކަނޑުމެދުން ހިކިފައިވާ ބިމުގައި ހިނގާފައި ދިޔައެވެ. އޭރު އެމީހުންގެ ދެފަރާތުގައި ކަނޑުގެ ލޮނުގަނޑު ފާރެއްހެން އުފުލިފައި ހުއްޓެވެ! 23ދެން މިޞްރުގެ ލަޝްކަރުގައި ތިބި ފިރުޢައުނުގެ އަސްތަކާއި އަސްވާރުންނާއި އަސްގާޑިޔާތައް އިސްރާއީލީން ފަހަތުން އަންނަން ފަށައިފިއެވެ. 24ފަތިސްދަމަށް އެޅުނުތަނާ މާތްރަސްކަލާނގެ އަލިފާނާއި ވިލާގެ ތަނބުގެ ތެރޭން މިޞްރު މީހުންގެ މައްޗަށް ބައްލަވާ ވޮޑިގެން އެމީހުންގެ ލަޝްކަރު އޮޅުން ބޮޅުންވާނެހެން ހައްދަވައިފިއެވެ. 25އަދި އެމީހުންގެ އަސްގާޑިޔާތަކުގެ ފުރޮޅުތައް އުޅާސް ކޮށްލެއްވިއެވެ. އެހެންވެ އެގާޑިޔާތައް ދުއްވުން ދަތިވެއްޖެއެވެ. ”⁠އިސްރާއީލީން ދޫކޮށް މިތަނުން އަވަހަށް ދާން ހިނގާ!⁠“ މިޞްރު މީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެމެން މިޞްރު މީހުންނާ ދެކޮޅަށް އިސްރާއީލީންނަށްޓަކައި އެބަ ހަނގުރާމަ ކުރައްވާ!⁠“
26އިސްރާއީލީންނަށް ކަނޑުގެ އަނެއް ފަރާތަށް ދެވުމުން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެ އަސާ ކަނޑާ ދިމާއަށް އަނެއްކާވެސް އުފުލާ. އޭރުން ކަނޑު އައިސް ބެދި މިޞްރު މީހުންނާއި އަސްވާރުންނާއި އަސްގާޑިޔާތައް ކަނޑުވެދާނެ.⁠“
27މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އިރުއެރިއިރު ކަނޑުގެ ލޮނުގަނޑު އޭގެ އަސްލު މަޤާމަށް ރުޖޫޢަ ވެއްޖެއެވެ. އެވަގުތު މިޞްރު މީހުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މާތްރަސްކަލާނގެ އެމީހުން ކަނޑުލައްވައިފިއެވެ. 28ކަނޑުގެ ލޮނުގަނޑު އައިސް އަސްވާރުންނާއި އަސްގާޑިޔާތަކާއި ފިރުޢައުނުގެ ލަޝްކަރު އެއްކޮށް ގަންބާލިއެވެ. އިސްރާއީލީން ފަހައި އައި މިޞްރުގެ އެންމެން ޣަރަގުވެ ހިނގައްޖެއެވެ. އޭގެ އެކަކު ވެސް ސަލާމަތެއް ނުވެއެވެ.
29އެކަމަކު ބަނީ އިސްރާއީލީން ކަނޑުމެދުން ހިނގާފައި އައިސް ހިކިފަސްތަނަށް އަރައިފިއެވެ. އެމީހުން އައިއިރު ކަނޑުގެ ލޮނުގަނޑު ހުރީ އެމީހުންގެ ދެފަރާތުގައި ފާރެއްހެން އުފުލިފައެވެ. 30މާތްރަސްކަލާނގެ އެދުވަހު އިސްރާއީލީން މިޞްރު މީހުންގެ އަތްދަށުން ސަލާމަތްކުރެއްވީ އެފަދައިންނެވެ. މިޞްރު މީހުންގެ މުޅަމަސްތައް ގޮނޑުދޮށަށް ލައްގަމުން ދިޔަތަން އިސްރާއީލީން ދުއްޓެވެ.
31 މާތްރަސްކަލާނގެ ކުޅަދުންވަންތަ ގަދަފަދަ ބާރުފުޅު މިޞްރުގެ މީހުންގެ މައްޗަށް ދެއްކެވިތަން ފެނުމުން އިސްރާއީލީން ހައިރާންވެ ބިރުގެންފައި ތިއްބެވެ. އެމީހުން މާތްރަސްކަލާނގެއާއި އެކަލާނގެ ޚާދިމު މޫސާގެފާނަށް އީމާންވެ ތިއްބެވެ.

ទើបបានជ្រើសរើសហើយ៖

ނެރުއްވުން 14: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល