2 ޞަމޫއީލް 4
4
އިޝްބޫސަތު މަރާލެވުން
1އަބްނައިރު ޙަބްރޫންގައި މަރުވި ޚަބަރު ލިބުމުން ޝާއުލްގެފާނުގެ ދަރިކަލުން އިޝްބޫސަތު އާއި އިސްރާއީލުގެ އެންމެންނަށް ކުއްލި ސިހުމެއް ލިބި ހިތްވަރު އެލުނެވެ. 2އެދުވަސްވަރު އިޝްބޫސަތުގެ ލަޝްކަރުގެ ކުއްލި ހަމަލަދޭ ސިފައިންގެ އިސް ވެރިންގެ ގޮތުގައި ބައީރޫތުގެ ރިއްމޫންގެ ދެ ދަރިން ކަމަށްވާ ރިކާބު އާއި ބަޢްނާ އުޅެއެވެ. މިއީ ބަންޔާމީންގެ އާއިލާގެ ބައެކެވެ. އޭރު ބައިރޫތަކީ ބަންޔާމީން ސަރަހައްދުގެ ތެރޭ ހިމެނޭ ރަށެކެވެ. 3ބައިރޫތުގައި އުޅުނު އެންމެން އެރަށުން ފައިބައިގެންގޮސް މިހާރު އުޅެނީ ބީރައްޓެހިންގެ ގޮތުގައި ޖައްތީމްގައެވެ.
4(އޭރު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ފިރިހެންދަރިއަކު ހުރެއެވެ. މި ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން މިކުއްޖާއަކީ ނުކުޅެދޭ ކުއްޖެކެވެ. މިކަން މިހެން ދިމާވީ ޔަޒްރަޢީލުގައި ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވީ ޚަބަރު ލިބުމުން އެކުއްޖާ ބަލަހައްޓާ އާޔާ އެކުއްޖާ ކިހިލިޖަހައިގެން ދުއްވައިގަތުމުން އެ ކުއްޖާ ވެއްޓި ދެ ފަޔަށް އަނިޔާވެ ނުކުޅެދޭ ކުއްޖަކަށް ވީއެވެ. މި ކުއްޖާގެ ނަމަކީ މަފީބޫޝަތު އެވެ.)
5އެއްދުވަހަކު ބައިރޫތުގެ ރިއްމޫންގެ ދެ ދަރިން ކަމަށްވާ ރިކާބުއާއި ބަޢްނާ އިޝްބޫސަތުގެ ގެއަށް ދިޔައެވެ. އެމީހުން އެގެއަށް އައީ ހޫނު މެންދުރަކު އެވެ. އޭރު އިޝްބޫޝަތަށް އޮތީ ނިދިފައެވެ. 6އަދި އޭރު ދޮރުމަތީގައި ގޮދަން ހޮވަން އިން އަންހެންމީހާ ވެސް އޮތީ ނިދިޖެހިފައެވެ. 7މިދެމީހުން އެގެއަށް ވަންއިރު އިޝްބޫޝަތު އޮތީ ގަދަ ނިދީގައެވެ. ދެން އެދެމީހުން އޭނާގެ ބަނޑުފަޅާ މަރާލައި ބޯކަނޑާލައިގެން އެބޯ ހިފައިގެން އެރޭހަތަރުދަމު އުރުދުންގެ ވާދީތެރޭން ދަތުރު ކުރިއެވެ.
8ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!“
9މިމީހުން މިހެން ދެންނެވުމުން ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ހުރިހާ މުސީބާތަކުން ސަލާމަތް ކުރައްވާ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން، 10އަހަރެން ޞިޤްލަޣުގައި ހުއްޓާ ޝާއުލްގެފާނު އަވަހާރަވި ޚަބަރު ހިފައިގެން މީހަކު އައި. އޭނާ ހީކުރީ އޭނާ އެ ގެނައީ އުފާވެރި ޚަބަރެއް ކަމަށް. އެކަމަކު އަހަރެން އެމީހާ މަރާލިން. އެއީ އެޚަބަރު ގެނައިތީ އަހަރެން އޭނާއަށް ދިން އިނާމަކީ. 11އެއަށް ވުރެން މާ ނުބައި ޚަބަރެއް ގެނައި ބަޔަކަށް އަހަރެން ދޭން އޮތީ ކޮން އިނާމެއްކަން ކަލޭމެންނަށް އެނގޭތަ؟ ކަލޭމެން ތިޔަ މަރާލީ ކުށެއްނެތް މީހަކު އޭނާގެ ގޭގައި ނިދާލާފައި އޮތްވާ. އޭނާގެ ލޭގެ ބަދަލުގައި އަހަންނަށް ޖެހޭނީ ކަލޭމެންގެ ވަސް ވެސް މި ދުނިޔޭން ފުހެލުމަށް.“
12ދެން ދާއޫދުގެފާނު އަމުރުފުޅަށް އެކަލޭގެފާނުގެ މީހުން އައިސް އެދެމީހުން މަރާލައި އަތާއިފައި ބުރިކޮށް ޙަބްރޫންގެ ފެންގަނޑުގެ ކާރީގައި އެލުވައިފިއެވެ. ދެން އެމީހުން އިޝްބޫސަތުގެ ބޯބުރި ޙަބްރޫންގައި އަބްނައިރު ވަޅުލި ގަބުރުސްތާނުގައި ވަޅުލައިފިއެވެ.
ទើបបានជ្រើសរើសហើយ៖
2 ޞަމޫއީލް 4: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.