1 ޞަމޫއީލް 16

16
ދާއޫދުގެފާނަށް ރަސްކަން ލިބުން
1 މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ#16‏:1 ބައިތުލަޙަމަކީ ޖެރޫސަލަމުގެ ދެކުނުން 9 ވަރަކަށް މޭލު ދުރުގައިވާ އަވަށެކެވެ. އެއީ ދާއޫދުގެފާނުގެ ކާބަފައިންގެ ރަށެވެ. އަދި ޔަޢުޤޫބުގެފާނުގެ އަނބިކަނބަލުން ރާޚޭލްގެ މަޤުބަރާ ވެސް ވަނީ އެތަނުގައެވެ. ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“ 2”⁠ކިހިނެއްތޯ އަޅުގަނޑު ތިޔަ ތަނަށް ދާނީ؟⁠“ ޞަމޫއީލްގެފާނު ދެންނެވިއެވެ. ”⁠ތިޔަ ޚަބަރު ލިބިއްޖެއްޔާ ޝާއުލްގެފާނު އަޅުގަނޑު މަރާލާނެ.⁠“
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ޅަ ގެރިއެއް ހިފައިގެން ދޭ. ގޮސް ބުނޭ މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރާށޭ. 3ދެން ޔައްސާއަށް އެ ޤުރުބާނީއަށް ދައުވަތުދީ. ތިމަންކަލާނގެ ދައްކަވާ މީހެއްގެ ބޮލަށް ތެޔޮއަޅާ.⁠“
4ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“
5ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އާނއެކެވެ. އަމާންކަން މަތީގައެވެ. އަހަރެން މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރަން. ކަލޭމެން ސާފުތާހިރުވެ އަޅުކަމަށް ތައްޔާރުވެގެން އަހަންނާއެކު ޤުރުބާނީ ކުރަން އާދޭ.⁠“ ދެން އެކަލޭގެފާނު ޔައްސާ އާއި އޭނާގެ ދަރިން ސާފުތާހިރު ކުރުވައި ތައްޔާރު ކުރެއްވުމަށް ފަހު ޤުރުބާނީ ވެދުން ކުރުމަށް އެމީހުންނަށް ވެސް ދައުވަތު ދެއްވިއެވެ.
6އެމީހުން އައުމުން ޞަމޫއީލްގެފާނަށް އޭގެ ތެރޭގައި އަލިޔާބު ހުއްޓާ ފެނިވަޑައިގަތުމުން ހީފުޅު ކުރެއްވިއެވެ. ”⁠ޔަޤީން ވެސް ރަސްކަލަކަށް މާތްރަސްކަލާނގެ ހޮއްވެވީ މީހަކީ މިއީ.⁠“
7 މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.⁠“
8ދެން ޔައްސާ އަބީނާދާބުއަށް ގޮވައި ޞަމޫއީލްގެފާނު ކުރިފުޅުމައްޗަށް ގެނައެވެ. އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީނާ ވެސް ނުއެއް ހޮއްވެވި.⁠“ 9ދެން ޔައްސާ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝައްމާ ގެނައެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީނާއެއް ވެސް ނުހޮއްވެވި.⁠“ 10ދެން ޔައްސާ އޭނާގެ ހަތް ފިރިހެން ދަރިން ގެނަސްފިއެވެ. ”⁠މިއިން އެއްވެސް ދަރިޔަކު މާތްރަސްކަލާނގެ ނުހޮއްވެވި.⁠“ 11އެހެންވެ އެކަލޭގެފާނު އެއްސެވިއެވެ. ”⁠ދެން އެހެން ދަރިޔަކު ނެތްތަ؟⁠“
”⁠ނޫން އެންމެ ހަގު ކުއްޖާ ވެއްޖެ ބަކަރި ހުއިހައްޕަން ގޮސް.⁠“ ޔައްސާ ދެންނެވިއެވެ.
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އޭނާ ބަލާ ފޮނުވާ. އޭނާ ނާންނަނީސް ކައިބޮއި ހަދާކަށް ނުއިށީންނާނަން.⁠“ 12ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.⁠“
13ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ.
ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚިދުމަތުގައި
14މިހާރު މާތްރަސްކަލާނގެ ރޫޙުފުޅު ވަނީ ޝާއުލްގެފާނުގެ ކިބައިން ގެންދަވާފައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ މައްޗަށް ފޮނުއްވާފައިވާ ބަދު ރޫޙެއްގެ ސަބަބުން އެކަލޭގެފާނަށް ދުއްތުރާތަކާ ކުރިމަތިވަމުން ދިޔައެވެ.
15ޝާއުލްގެފާނުގެ އަރިހުބޭކަލުން ބުނަމުން ދިޔައެވެ. ”⁠ބައްލަވާ! ކަލޭގެފާނަށް ތިޔަ ކުރިމަތިވެ ވަޑައިގަންނަވަނީ މާތްކަލާނގެ ފޮނުއްވި ބަދު ރޫޙެއްގެ ދުއްތުރާތަކެއް. 16ތިޔަ ކަންތައް ލައިގަންނަ ވަގުތު އޫދު ކުޅޭނެ މީހަކު ހޯދައިގެން ގެނައުމުގެ އަމުރުފުޅު ދެއްވާ. މާތްކަލާނގެ ބަދު ރޫޙު ފޮނުއްވާ ވަގުތު އޫދު ކުޅެންފެށީމާ ކަލޭގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވާނެ.⁠“
17ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠މޮޅަށް ނަރުކޮއްޓި ކުޅޭ މީހަކު ހޯދައިގެން މާގޭ ގާތަށް ގެނޭ.⁠“ 18އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“ 19ދެން ޝާއުލްގެފާނު ޔައްސާގެ ގާތަށް މީހަކު ފޮނުއްވިއެވެ. އެމީހާ ރަސްގެފާނުގެ ވިދާޅުބަސްފުޅު އިއްވިއެވެ. ”⁠ކަލޭގެ ކަންބަޅި ހުއިހައްޕަން އުޅޭ ދަރި ދާއޫދު މަގޭގާތަށް ފޮނުވާ.⁠“ 20އެހެންވެ ޔައްސާ ޝާއުލްގެފާނަށް އެރުވުމަށް ހަދިޔާ ތައްޔާރު ކުރިއެވެ. އޭނާ ހިމާރަކަށް ލާފައި ރޮއްޓާއި މޭބިސްކަދުރު ދިޔައިގެ ހަމަކާއި ޅަބަކަރިއެއް ދާއޫދުގެ އަތުގައި ފޮނުވިއެވެ.
21ދާއޫދު އައުމުން އެކަލޭގެފާނުގެ ޚާދިމުންގެ ތެރެއަށް އޭނާ ލެއްވިއެވެ. ޝާއުލްގެފާނު ދާއޫދާމެދު ހިތްޕުޅާ ހަމަވީވަރުން އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާގެ މަޤާމު އޭނާއަށް ދެއްވިއެވެ. 22ޝާއުލްގެފާނު ޔައްސާއަށް މި ގޮތަށް ޚަބަރު އެންގެވިއެވެ. ”⁠ދާއޫދު އަހަރެން ކާރީގައި ހުއްޓަދީ. އެހެނީ އޭނާއަކީ އަހަރެންނަށް ވަރަށް ކަމުދާ މަޤްބޫލު މީހެއް.⁠“ 23ޝާއުލްގެފާނުގެ ގާތަށް މާތްކަލާނގެ ބަދު ރޫޙެއް ފޮނުއްވުމުން ދާއޫދު އޫދު ކުޅެން ފަށައެވެ. އެއާއެކު އެ ބަދު ރޫޙު ދުރަށް ގޮސް ޝާއުލްގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވައެވެ.

ទើបបានជ្រើសរើសហើយ៖

1 ޞަމޫއީލް 16: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល