1 ޞަމޫއީލް 12

12
ޞަމުއީލްގެފާނުގެ ވަދާއީ ތަގްރީރު
1ދެން ޞަމޫއީލްގެފާނު ބަނީއިސްރާއީލުގެ އެންމެނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. ”⁠ކަލޭމެން އެދުނު ކަންތައް އަހަރެން މިވަނީ ހަމަޖައްސައި ދީފައި. ކަލޭމެން އެދުނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދިނުމަށް. އެކަން އެވަނީ ކޮށް ދީފައި. 2އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން. 3އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“ 4ދެން އެ އެންމެން ބުނެއްޕެވެ. ”⁠ނޫން. ކަލޭގެފާނު ދުވަހަކު ވެސް އަޅުގަނޑުމެންނަށް ކެއްސެއް ދީ އަޅުގަނޑުމެންނަށް ދެރަ ގޮތެއް ހައްދަވައި އެއްޗެއް އަތުލައްވާފަ އެއް ނުވޭ.⁠“ 5ދެން ޞަމޫއީލްގެފާނު އެމީހުން ގާތު ވިދާޅުވިއެވެ. ”⁠ކަލޭމެންނާ މެދު އަހަރެން ދެރަ ގޮތެއް ނަހަދައޭ ކަލޭމެން ތިޔަ ބުނަނީ މާތްރަސްކަލާނގެއާއި އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނު ހެކިކޮށް ނޫންތަ؟⁠“ އެމީހުން ބުންޏެވެ. ”⁠އާނ! މާތްރަސްކަލާނގެ ހެކިކޮށް މިބުނަނީ.⁠“
6ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއީ މޫސާގެފާނާއި ހާރޫނުގެފާނު ޚިޔާރު ކުރެއްވި ރަސްކަލާނގެ. އެއީ ކަލޭމެންގެ ކާބަފައިން މިޞްރުން ނެރުއްވައި މިންޖު ކޮށްދެއްވި ރަސްކަލާނގެ. 7ކަލޭމެން މިތަނަށް އައިސް މާތްރަސްކަލާނގެ ޙަޟްރަތުގައި ކޮޅަށް ތިބޭ. ކަލޭމެންނަށާއި ކަލޭމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ކޮށްދެއްވާފައި ވާ ގިނަގުނަ ހެޔޮ ކަންތައްތަކުގެ ވާހަކަ ކަލޭމެންނާ ކުރިމަތިލައި އަހަރެން ކިޔާދޭނަން. 8ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެން ކަލޭމެންގެ ކާބަފައިން އެތަނުގައި އުޅުއްވަނިކޮށް މިޞްރުމީހުންގެ ދުއްތުރާ ބޮޑުވެގެން މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނު މެދުވެރިކޮށް އެމީހުން ސަލާމަތް ކުރައްވައި މިތަނަށް ގެންނެވި. 9އެކަމަކު އެމީހުންގެ މާތްރަސްކަލާނގެ މާތްކަލާނގެ މަތިން ހަނދާން ނައްތާލި. އެހެންވެ ފިލިސްޠީނުންނާއި، މުއާބުގެ ރަސްގެފާނާއި ޙާޞޫރު ރަށުގެ ސިފައިންގެ ވެރި ސީސަރާއާއި، ކަލޭމެންގެ ކާބަފައިންނާ ދެމެދު ކުރެވުނު ހަނގުރާމަތަކުން ބަލިވެ އެމީހުންގެ އަޅުވެތިކަމުގެ ދަށަށް ދާނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކުރެއްވި. 10ދެން ކަލޭމެންގެ ކާބަފައިން މާތްރަސްކަލާނގެ އަށް ދެންނެވި. ތިމަންމެންނަށް ފާފަ ކުރެވިއްޖެއޭ. ތިމަންމެން ބަޢަލް ކަލާނގެއާއި ޢަޝްތާރޫތު ކަލާނގެތަކަށް އަޅުކަން ކޮށްފީމުއޭ. މި މުސީބާތުން ސަލާމަތް ކޮށް ދެއްވާށޭ. ތިމަންމެން އިނބަރަސްކަލާނގެއަށް އަޅުކަން ކުރާނަމޭ. 11ދެން މާތްރަސްކަލާނގެ ޔަރުއްބަޢަލް އާއި ބަރާކު އާއި ޔަފްތާޙު އާއި ޞަމޫއީލް ލައްވައި ބަނީއިސްރާއީލުން ސަލާމަތް ކުރައްވައި އަދާވާތްތެރިންގެ ކިބައިން ރައްކާތެރިކޮށް ދެއްވި.#12‏:11 މި އެންމެންނަކީ ވެސް އަދާވާތްތެރިންނާ ހަނގުރާމަ ކުރުމުގައި ބަނީއިސްރާއީލުންނާ ބައިވެރިވަމުން ދިޔަ އިސްވެރިންނެވެ. އެމީހުންނަކީ ގާޒީންގެ މަޤާމުގައި ތިބި ބައެކެވެ. ރަސްކަލުންނެއް ނޫނެވެ.
12ދެން ކަލޭމެންނާ ތޮޅެން ޢައްމޫންގެ ވެރި ނާޙިސް އަންނަތަން ފެނުމުން ކަލޭމެން ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެން ފަށައިފި. ކަލޭމެންގެ ރަސްކަލަކަށް ހުންނެވުމަށް މާތްރަސްކަލާނގެ ކަލޭމެންނަކަށް ކަމަކު ނުދިޔަ. 13ނިކަން ދެކެބަލަ. މިހުންނެވީ ކަލޭމެން ކަލޭމެންގެ މައްޗަށް އިސްކޮށްފައިވާ ރަސްގެފާނު. ކަލޭމެން އެދުނު ފަދައިން މާތްރަސްކަލާނގެ މިވަނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދެއްވާފައި. 14ކަލޭމެން މާތްރަސްކަލާނގެއަށް ބިރުވެތިވެ އެކަލާނގެއަށް އަޅުކަންކޮށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެ އެންގެވި ކަންތަކާ ދެކޮޅު ނުހަދައި، ކަލޭމެންނާއި ކަލޭމެންގެ މައްޗަށް ވެރިކަން ކުރާ ރަސްގެފާނު، ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ތަބާވާނަމަ ހުރިހާކަމެއް ވެސް ހުންނާނީ ރަނގަޅަށް. 15އެކަމަކު ކަލޭމެން ވެސް އެކަލާނގެއަށް އިންކާރުކޮށް ނުކިޔަމަންތެރި ވެގެންފި ނަމަ ކަލޭމެންގެ ކާބަފައިންނެކޭ އެއްފަދައިން ކަލޭމެންނާ މެދު ވެސް މާތްރަސްކަލާނގެ ދެރަގޮތް މެދުވެރި ކުރައްވާނެ. 16މިހާރު ކަލޭމެން ހިމޭންވެ ތިބެ ކަލޭމެންގެ ލޮލުގެ ކުރިމައްޗަށް މާތްރަސްކަލާނގެ ގެންނަވާނެ މަތިވެރި ކަންތަކާ މެދު ފިކުރުކޮށްބަލަ. 17މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.⁠“ 18ދެން ޞަމޫއީލްގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން ވަގުތުން ގުގުރާފައި ވާރޭ ވެއްސަވައިފި އެވެ. މިތަން ފެނިގެން އެމީހުން މާތްރަސްކަލާނގެއާއި ސަމޫއީލްގެފާނު ދެކެ ވަރަށް ބިރުގެންފި އެވެ. 19ދެން އެމީހުން ޞަމޫއީލްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް އަޅުގަނޑުމެން މިކުރި ފާފައިގެ ސަބަބުން އަޅުގަނޑުމެންނަށް މުސީބާތެއް ނުފޮނުއްވުން އެދި ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ދެއްވާ.⁠“
20ޞަމޫއީލްގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެން ދެން ބިރު ނުގަނޭ. ކަލޭމެންނަށް ތިޔަ އޮތީ ގޯސް ހެދިފައި. ދެން ވެސް މާތްރަސްކަލާނގެއަށް ފުރަގަސް ނުދީ ކިޔަމަންތެރިވުން މަތީ ދެމިތިބޭ. އަދި ކަލޭމެން ހިތުގެ އަޑިން އެކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދޭ. 21ބާޠިލް ބުދުތަކާ ދިމާއަށް ނުއެނބުރޭތި. އެހެނީ އެފަދަ ބުދުތަކަކީ ކަލޭމެންނަށް އެއްވެސް ފައިދާއެއް އެހީތެރިކަމެއް ދެވޭނެ އެއްޗެއް ނޫން. އެއަކީ އެއްވެސް ބާރެއް ހުރިއެއްޗެއް ވެސް ނޫން. 22އެކަމަކު މާތްރަސްކަލާނގެ ވަނީ ކަލޭމެން ދޫކޮށް ނުލެއްވުމަށް ވަޢުދުވެ ވޮޑިގެންފައި. އެހެންކަމުން ކަލޭމެން އެއްލަވާލައްވައިފި ނަމަ އެކަން ވާނީ އެކަލާނގެ މަތިވެރި ނަންފުޅަށް ލިބޭނެ ހުތުރަކަށް. އެހެނީ އެކަލާނގެ ވަނީ ތިޔަބައިމީހުން ހޮއްވަވައި އިޚުތިޔާރު ކުރައްވާފައި. 23އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން. 24އަހަރެންގެ ނަސޭހަތަކީ ކަލޭމެން ވެސް އެކަލާނގެއަށް ހިތުގެ ފުންމިނުން އަޅުކަންކޮށް މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަމުގައި ދެމިތިބުން. ކަލޭމެންނާ މެދު އެކަލާނގެ ކޮށްދެއްވި ރަނގަޅު ކަންތަކުގެ މަތިން ހަނދުމަ ނައްތާނުލުން. 25އެކަމަކު ކަލޭމެން ވިޔާނުދާ ކަންތައް ކުރަމުން ގެންދާނަމަ ކަލޭމެންނާއި އެކު ކަލޭމެންގެ ރަސްގެފާނު ވެސް މާތްރަސްކަލާނގެ ނައްތަވައި ލައްވާނެ.⁠“

ទើបបានជ្រើសរើសហើយ៖

1 ޞަމޫއީލް 12: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល