1 ޞަމޫއީލް 1

1
ޞަމޫއީލް އުފަންވުން
1އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ. 2އަލްޤާނާގެ ދެ އަނބިން ތިއްބެވެ. އެކަކީ ޙައްނާ އެވެ. އަނެކަކީ ފަނިންނާއެވެ. ފަނިންނާއަށް ވަނީ ދަރިން ލިބިފައެވެ. އެކަމަކު ޙައްނާގެ ދަރިއަކު ނެތެވެ. 3ކޮންމެ އަހަރަކު އަލްޤާނާ އޭނާގެ ރަށުން ފުރައިގެން ޝީލޫހަށް ދަތުރު ކުރެއެވެ. އެމީހުން ޝީލޫހަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ޤުރުބާނީ ވެދުން ކުރެއެވެ. މިރަށުގައި މާތްރަސްކަލާނގެ އިމާމުންގެ ގޮތުގައި އޭރު އުޅެނީ ޢާލީގެ ދެދަރިން ކަމަށްވާ ޚުފްނީ އާއި ފީނަޙާސް އެވެ. 4ޤުރުބާނީ ވެދުންކުރާ ދުވަހެއް ނަމަ އަލްޤާނާ އޭނާގެ އަންހެނުން ފަނިންނާ އަށާއި އޭނާގެ ދަރިންނަށް އެ ޤުރުބާނީގެ މަސް ބައެއް ހަދިޔާ ކުރެއެވެ.#1‏:4 ޤުރުބާނީ ކުރާ މަހުގެ ބައެއް އޭރު އަންދާލެވެއެވެ. އޭގެ ބައެއް މީހުންނަށް ދެއެވެ. 5އަދި ޙައްނާއަށް އޭގެ ދެގުނަ ދެއެވެ. އެހެނީ ޙައްނާ ދެކެ އޭނާ ނުހަނު ލޯބިވެއެވެ. އެހެނަސް އޭނާއަށް މާތްރަސްކަލާނގެ ދަރިޔަކު ދެއްވާފައި ނުވޭމެއެވެ. 6މާތްރަސްކަލާނގެ ޙައްނާއަށް ދަރިއަކު ދެއްވާފައި ނުވާތީ އޭނާގެ ހިތަށް ތަދު ކުރުމުގެ ބޭނުމުގައި ފަނިންނާ އޭނާއަށް ޖެއްސުން ކޮށް ހަދައެވެ. 7މިކަންތައް ކޮންމެ އަހަރަކު ތަކުރާރު ވަމުން ދިޔައެވެ. ޙައްނާ މާތްރަސްކަލާނގެ ގެކޮޅަށް#1‏:7 މިއީ ބަނީ އިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ގޮސް އުޅޭ ޚާއްސަ ގެކޮޅެކެވެ. ދާ ކޮންމެ ފަހަރަކު ފަނިންނާ އޭނާއަށް ޖެއްސުން ކޮށް ރޮއްވާލައި ކާއެތިކޮޅު ވެސް ނުކެވޭވަރު ކޮށްލައެވެ. 8އޭނާގެ ފިރިމީހާ އަލްޤާނާއަށް މިތަން ފެނުމުން އޭނާ އަހައެވެ. ”⁠ކަލޭ ތިޔަހާ ވަރަށް ތިޔަ ރޮނީ ކީއްވެ؟ ކަލޭ ނުކައި ތިޔަ ހުންނަނީ ކީއްވެ؟ ކަލޭ ތިޔަހާ މޮޅިވެފައި ތިޔަ ހުންނަނީ ކީއްވެތަ؟ ކަލެއަށް ލިބޭނެ ދިހަ ފިރިހެން ދަރިންނަށް ވުރެން އަހަރެން ވަކި ދެރައީތަ؟⁠“
9އެއްފަހަރަކު ޤުރުބާނީ ވެދުންކުރަން ޝީލޫހަށް ދިޔަ ދަތުރެއްގައި ޤުރުބާނީ ކެއުމުގެ ކަންތައް ނިމުމުން ޙައްނާ އެތަނުން ތެދުވެގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަން ދިޔައެވެ. އޭރު ޢާލީ އިމާމު އާދައިގެ މަތިން ގެކޮޅުގެ ދޮރުމަތީ ގޮނޑިއެއްގައި އިނެވެ. 10ޙައްނާ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި ކަމާއެކު ރޮއިރޮއިފައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ނަދުރެއް ގަތެވެ. 11”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“#1‏:11 މާތްރަސްކަލާނގެއަށް ވެދުންކުރެވޭ ބަނީއިސްރާއީލުން އެދުވަސްވަރު ބޮލުން އިސްތަށި ނުބާލައެވެ. 12‏-13ޙައްނާ މި ގޮތަށް ހިތާހިތުން ދުޢާ ކުރަން ހުރިތަން ޢާލީ ބަލަން އިނެވެ. ޢާލީއަށް ފެންނަނީ އޭނާ ތުން ތަޅުވާ ތަނެވެ. ކިޔާ އެއްޗެއް ނީވެއެވެ. ޢާލީ ހީކުރީ ޙައްނާ ހުރީ މަސްތުވެފައި ކަމަށެވެ. ”⁠ކިހާ އިރެއް ވަންދެން ތަ ކަލޭ ތިހެން މަސްތުކަން މަތީ ހުންނާނީ؟ ހޭ ވެރިވެ ބަލަ!⁠“ ޢާލީ ބުންޏެވެ.
14‏-15”⁠ނޫން ސާހިބާ! އަޅުގަނޑު މީ ހިތްދަތި ވެފައިވާ ނިކަމެތި އަންހެނަކީން. އަޅުގަނޑުގެ ހިތުގައިވާ ހިތާމަތަކުގެ ވާހަކަ މާތްރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަނީ. އަޅުގަނޑު ރަލެއް ވެސް އަދި އެފަދަ މަސްތުވާ އެއްޗެއް ވެސް ނުބޮން. 16އަޅުގަނޑަކީ އެކަހަލަ ވިޔާނުދާ އަންހެނަކީމެއް ނޫން. އަޅުގަނޑު މިހާ ގިނައިރު ދުޢާ ދެންނެވީ އަޅުގަނޑު ދެރަވެ ހިތާމަވެރި ވެފައިވާ ވަރުން.⁠“ 17ޢާލީ ޖަވާބުދިނެވެ. ”⁠ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.⁠“
18”⁠މި ޚާދިމާ އާއި މެދު ތިޔަ ސާހިބު ރުހިގެން ވާހުށި.⁠“ މިހެން ބުނެފައި އޭނާ އެތަނުން ގޮސް ކާއެއްޗެއް ކައިފިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ މޮޅިވެރިކަން ވަނީ ފިލާފައެވެ.
19އޭގެ އަނެއްދުވަހު ވަރަށް ހެނދުނާ އެ އާއިލާގެ އެންމެން އެކުގައި ތެދުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި ރާމާއަށް #1‏:19 ރާމާއަށް މިއީ ރާމާތާއިމުއަށް ކިޔާ ކުރުނަމެވެ.ހިނގައްޖެއެވެ. އޭގެ ފަހުން އަލްޤާނާ އޭނާގެ އަންހެނުން ޙައްނާއާ އެކު ރޭކުރިއެވެ. މާތްރަސްކަލާނގެ ޙައްނާގެ މަތިން ހަނދުމަފުޅު ކުރެއްވިއެވެ. 20އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް#1‏:20 ޢިބްރާނީ ބަހުން ޞަމޫއީލްގެ ނަމުން ދޭހަކޮށްދެނީ މާތްރަސްކަލާނގެ އަޑު އެއްސެވިއެވެ. އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.
މާތްރަސްކަލާނގެއަށް ޞަމޫއީލް ވެދުން ކުރުން
21އަނެއް އަހަރު އަލްޤާނާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާށާއި ނަދުރު ފުއްދުމަށް ގޯތީގެ އެންމެން ގޮވައިގެން ޝީލޫހަށް ދިޔައެވެ. 22އެކަމަކު ޙައްނާ ނުގޮސް މަޑުކުރީ އެވެ. އޭނާގެ ފިރިމީހާގެ ގާތު ބުންޏެވެ. ”⁠މި ދަރިފުޅު ކިރުތުނބުން ވީއްލެންދެން އަހަރެން ނުގޮސް ހުންނާނީ. އެއަށް ފަހު އަހަރެން މިކުއްޖާ ގެންގޮސް މާތްރަސްކަލާނގެއަށް ވެދުން ކުރާނީ. އޭގެ ފަހުން އޭނާގެ މުޅި އުމުރު ހޭދަ ކުރާނީ އެތަނުގައި.⁠“
23އަލްޤާނާ ބުންޏެވެ. ”⁠ކަލެއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް ކަންކުރޭ. ދަރިފުޅު ކިރުތުނބުން ވީއްލެން ދެން މިތާ މަޑު ކުރޭ. މާތްރަސްކަލާނގެ ކަލޭ އެދުނު ފަދައިން ކަންތައް ހިންމަވާށި.⁠“ ދެން އެކުއްޖާ ކިރުތުނބުން ވީއްލެންދެން ޙައްނާ ގޭގައި މަޑުކޮށްފިއެވެ.
24ދަރިފުޅު ކިރުތުނބުން ވީއްލި ކައިބޮއި ހަދާ އުމުރަށް އެޅުމުން އެ ދަރިފުޅު ގޮވައިގެން ޙައްނާ އާއި އަލްޤާނާ، މާތްރަސްކަލާނގެ ގެކޮޅަށް ޒިޔާރަތް ކުރުމަށް ޝީލޫހަށް ދަތުރުކުރިއެވެ. އެމީހުންނާ އެކު ތިން އަހަރުގެ ފިރިހެން ގެރިއަކާއި ނުވަ ކިލޯ ގޮދަން ފުށާއި ހަމެއްގައި ހުރި މޭބިސްކަދުރުދިޔަ ގެންދިޔައެވެ. 25އެގެރި ކަތިލައި ޤުރުބާނީ ކުރުމަށް ފަހު ޞަމޫއީލް ގޮވައިގެން އެމީހުން ޢާލީ ގާތަށް އަތުވެއްޖެއެވެ. 26”⁠އަޅުގަނޑުގެ ސާހިބާ! ޔަޤީނުން ވެސް އަޅުގަނޑު މިއީ މީގެ އަހަރުތަކެއްގެ ކުރިން މިތަނުގައި ހުރެ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވި އަންހެންމީހާ. 27އަޅުގަނޑު ދުޢާ ދެންނެވީ މި ދަރިފުޅު ދެއްވާތޯ. މާތްރަސްކަލާނގެ އަޅުގަނޑު ކުރި ދުޢާ އިޖާބަ ކުރައްވައިފި. 28އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.⁠“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.

ទើបបានជ្រើសរើសហើយ៖

1 ޞަމޫއީލް 1: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល