YouVersion Logo
Search Icon

ހާމަކޮށްދެއްވުންތަކެއް 7

7
ބަނީއިސްރާއީލުގެ 144,000 މީހުން
1އެއަށް ފަހު، ހަތަރު މަލާއިކަތުން ދުނިޔޭގެ ހަތަރު ކަނުގައި ހަތަރު ވައި ހިފަހައްޓަވައިގެން ކޮއްޅަށް ހުންނެވިތަން އަހަރެން ދުށީމެވެ. މިހެންވުމުން ކަނޑަށާއި ގަސްގަހާގެހީގެ އިތުރުން ދުނިޔޭގެ އެއްވެސް ތަނަކަށް ވައެއް ނުޖެހޭނެއެވެ. 2އަދި އިރުމަތީ ފަރާތުން ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ގެ ސިއްކަ ހިއްޕަވައިގެން އިތުރު މަލާއިކަތަކު ވަޑައިގަންނަވަނިކޮށް ވެސް އަހަރެން ދުށީމެވެ. އެއްގަމާއި އަދި ކަނޑަށް ގެއްލުން ދިނުމުގެ ބާރު މާތްރަސްކަލާނގެ ދެއްވާފައިވާ ހަތަރު މަލާއިކަތުންނަށް ހަރުއަޑުން އެމަލާއިކަތާ މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ. 3”⁠މާތްރަސްކަލާނގެ ޚާދިމުންގެ ނިތްކުރީގައި ސިއްކަ ޖެހެވިގެން ދާންދެން ދުނިޔެއަށާއި، ކަނޑުތަކަށާއި، ގަސްގަހާގެއްސަށް ގެއްލުމެއް ނުދޭތި.⁠“ 4މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ލެވުނު މީހުންގެ ޢަދަދަކީ 144,000 މީހުން ކަމަށް ބުނި އަޑު އަހަންނަށް އިވުނެވެ. އެބައިމީހުންނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ އަޙުލުވެރިންނެވެ. 5‏-8އެއިން ކޮންމެ ގަބީލާއަކުން ބާރަ ހާސް މީހުންނެވެ. އެ ގަބީލާތަކަކީ: ޔަހޫޛާ، ރައޫބައިން، ގާދު، އަޝޭރު، ނަފްތަލީ، މަނައްސީ، ސިމިޔާނު، ލާވީ، އިއްސަޚާރު، ޒަބޫލޫން، ޔޫސުފުގެފާނާއި އަދި ބިންޔާމީންގެ ގަބީލާއެވެ.
ތަޚުތު ކުރިމަތީގައިވީ އަދަދުނުކުރެވޭ މީހުން
9މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ. 10އެބައިމީހުން ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”⁠ދިންނެވުން އަންނަނީ ހަމައެކަނި ތަޚުތުގައި އިށީނދެ އިންނެވި އަހަރެމެންގެ ކަލާނގެ ޙަޟްރަތުންނާއި އަދި ޅަކަންބަޅީގެ ފަރާތުން!⁠“ 11ތަޚުތުގެ ވަށައިގެންވާ ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ވަށައިގެން މަލާއިކަތުން ކޮއްޅަށް ތެދުވެ ތިއްބެވިއެވެ. އެއަށް ފަހު ތަޚުތުގެ ކުރިމަތީގައި ތިބެ އެއެންމެން މޫނުވަތަށް ވެއްޓި ސަޖިދަކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރެއްވިއެވެ. 12އެ ހިނދު އެބޭކަލުން ވިދާޅުވިއެވެ. ”⁠އާމީން! ޙަމްދުކުރުމާއި، ޖަލާލަތުކަމާއި، ޙިކުމަތާއި، ޝުކުރުވެރިކަމާއި، ޤަދަރުވެރިކަމާއި، ބާރުވެރިކަމާއި އަދި ހަކަތަ އަބަދުގެ އަބަދަށް މިލްކުވެ ވޮޑިގެންވަނީ އަޅަމެންގެ ރަސްކަލާނގެ ކިބަފުޅަށް! އާމީން!⁠“
13އެ ބޮޑުންގެ ތެރޭގައި ހުރި ބޭކަލަކު އަހަރެންގެ ކައިރީގައި އެހިއެވެ. ”⁠ހުދު ރިދާތަކުގައި ތިއްބެވި މިބޭކަލުންނަކީ ކޮންބައެއް؟ އަދި އެބޭކަލުން ވަޑައިގެންނެވީ ކޮންތާކުން؟⁠“
14އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“
އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”⁠އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ. 15އެހެންވެ އެބައިމީހުން ތިބީ މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގަ. އަދި އެމީހުން ދުވާލާއި ރޭގަނޑު މާތްކަލާނގެ ގެކޮޅުގައި އެކަލާނގެއަށް ޚިދުމަތް ދެއްވާ. ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ވޮޑިގެންވުމުގެ ސަބަބުން އެބައިމީހުންނަށް ރައްކާތެރިކަން ލިބޭނެ. 16އިތުރަށް އެބައިމީހުން ހައިހޫނުކަމުގައި ނުވާނެ. ނުވަތަ ކަރުހިއްކުމެއް ނުވަތަ އިރުގެ ހޫނުކަމެއް ނުވަތަ އެހެން ހޫނު ކަމަކުން އެބައިމީހުން އަނދައިގެން ނުދާނެ. 17ތަޚުތުގެ މެދުގައި ހުރި ޅަކަންބަޅިއަކީ އެބައިމީހުން ހުއިހައްޕާ މީހާ. އަދި އެފަރާތުން ޙަޔާތުގެ ދިރުން ދެއްވާ ފެންއާރުތަކަށް ދާމަގު އެބައިމީހުންނަށް ދައްކުވައި ދެއްވާނެ. އަދި އެބައިމީހުންގެ ލޮލުން އަންނަ ކޮންމެ ކަރުނަ ތިއްކެއް މާތްރަސްކަލާނގެ ފޮހެދެއްވާނެމެ.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in