YouVersion Logo
Search Icon

ހާމަކޮށްދެއްވުންތަކެއް 6

6
ސިލުތައް
1އެއަށް ފަހު، އެ ޅަކަންބަޅި ހަތް ސިލުން ފުރަތަމަ ސިލު ކަނޑާލިތަން އަހަރެން ދުށީމެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގު ގުގުރިއެއްގެ އަޑުފަދަ ބާރު އަޑަކުން މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ 2އަހަރެން ބަލާލީމެވެ. އެތަނުގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ އަތުގައި ދުނިދަނޑިއެއް ވިއެވެ. އަދި އޭނާއަށް ތާޖެއް ވެސް ލިބިފައި ވިއެވެ. އޭނާ އަސް ދުއްވަމުން ގެންދިޔައީ ތަންތަން ފަތަޙަކުރާ ފާތިޙެއް ފަދައިންނެވެ. 3އެއަށް ފަހު، އެކަންބަޅި ދެވަނަ ސިލު ވެސް ކަނޑާލިއެވެ. އަދި ދިރިހުރި މަޚުލޫގުންގެ ތެރެއިން ދެވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ 4ދެން އެހެން އަހެއް ބޭރަށް އައެވެ. އެއީ ގަދަ ރަތް ކުލައިގެ އަހެކެވެ. އެ އަސް ދުއްވާ އަސްވާރަށް ދުނިޔެއަށް ހަނގުރާމަ ކުރިމަތި ކުރުވުމުގެ ބާރު ދެއްވާފައި ވިއެވެ. އެއީ މީސްތަކުން އެކަކު އަނެކަކު ގަތުލު ކުރުމަށެވެ. އޭނާއަށް ވަރަށް ދިގު ކަނޑިއެއް ލިބިފައި ވިއެވެ. 5އެއަށް ފަހު، ޅަކަންބަޅި ތިންވަނަ ސިލު ކަނޑާލިއެވެ. ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ތިންވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ އަހަރެން ބަލާލީމެވެ. އަދި އެތަނުގައި ކަޅު ކުލައިގެ އަހެއް އޮތެވެ. އެ އަސްމަތީގައި އިން އަސްވާރުގެ އަތުގައި ތިލަފަތެއް އޮތެވެ. 6އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!⁠“ 7އެއަށް ފަހު، އެކަންބަޅި ހަތަރުވަނަ ސިލު ވެސް ކަނޑާލިއެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ހަތަރުވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ 8އަހަރެން ބަލާލީމެވެ. އެތަނުގައި ފަނޑު ފެހި ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ މަރެވެ. އަދި މަރުގެ މަންޒިލް ފަސްފަހަތުގައި ވިއެވެ. މިބައިމީހުންނަށް ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައިގެ މައްޗަށް އަމުރުވެރިކަން ލިބިގެންވިއެވެ. އެއީ ހަނގުރާމައިގައި މީހުން ގަތުލު ކުރުމުގައްޔާއި، ތަދުމަޑުކަމުގައްޔާއި ބަލިމަޑު ކަމުގައި މީހުން މެރުމަށާއި އަދި ވަލުޖަނަވާރު މެދުވެރިކޮށް މީހުން މެރުމަށެވެ.
9އެއަށް ފަހު، އެކަންބަޅި ފަސްވަނަ ސިލު ވެސް ކަނޑާލިއެވެ. މާތްރަސްކަލާނގެ އަށް އީމާންވެ އަދި އެކަލާނގެ ވަޙީ ބަސްފުޅާއި ބެހޭގޮތުން ވަފާތެރިކަމާއެކު ހެކިދިނުމުގެ ސަބަބުން މަރާލެވިފައިވީ ފަރާތްތަކުގެ ފުރާނަތައް ޤުރުބާނީ އަށީގެ ދަށުން އަހަރެން ދުށީމެވެ. 10އެބައިމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މުޤައްދަސް އަދި ތެދުވެރި ފަރާތްމެ! މި ދުނިޔޭގައި އަޅަމެން ގަތުލުކުރި މީހުންނަށް ޢުޤޫބާތް ދެއްވުމުގައި ފައިސަލާ ކުރެއްވުމަށް އިނބަރަސްކަލާނގެ ކިހާ މުއްދަތެއް ނަންގަވާނަންތޯ؟⁠“
11އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.
12އަދި އެ ޅަކަންބަޅި ހަވަނަ ސިލު ވެސް ކަނޑާލިތަން އަހަރެން ދުށީމެވެ. އެ ހިނދު ގަދަފަދަ ވެގެންވާ ބިންހެލުމެއް ކުރިމަތިވިއެވެ. އަދި ކަޅު ކުލައިގެ ސުތުލިގޯންޏެއް ފަދައިން އިރު އަނދިރިވެގެން ދިޔައެވެ. ހަމައެހެންމެ، ލޭ ފަދައިން ރަތްކުލައަށް ހަނދު މުޅީން ބަދަލުވެގެން ދިޔައެވެ. 13ތަރިތައް ބިމަށް ފައިބަމުން ދިޔައީ ގަދަފަދަ ކޮޅިގަނޑެއްގެ ވައިޖެހުމުން ދޮންނުވާ ވައްތީނިތަކެއް ގަސްދޮށަށް ފައިބަމުން ދާ ފަދައިންނެވެ. 14އިންސާނަކު ނިއުޅާލާފައިވާ ފަތްތޫރައެއް އޮޅާލި ފަދައިން އުޑު ގެއްލިގެން ދިޔައެވެ. އަދި އެންމެހާ ރަށްތަކާއި، ފަރުބަދަތަކެއް އެތަކެތި ހުރިތަނުން ހެލިގަތެވެ. 15އެއަށް ފަހު، ދުނިޔޭގެ ރަސްރަސްކަލުންނާއި އަސްކަރީ ވެރިންނާއި، މުއްސަނދިންނާއި، އަމުރުވެރިންނާއި، ނުފޫޒުވެރި ފަރާތްތަކާއި، އަދި އަޅުންނާއި މިނިވަނުންނާއި އަދި އެންމެހައި މީސްތަކުން ހޮހަޅަތަކުގައްޔާއި އަދި ފަރުބަދަތަކުގެ ހިލަތަކުގެ ދަށުގައި ފިލިއެވެ. 16ފަރުބަދަތަކާއި ހިލަތަކަށް އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”⁠ތަޚުތުގައި އިންނެވި ފަރާތުގެ ލޯފުޅަށާއި އަދި ޅަކަންބަޅީގެ ކޯފާއަށް އަހަރެމެން ނުފެންނާނޭ ފަދައިން އަހަރެމެންގެ މައްޗަށް ފައިބައިގެންދޭ. 17މިތަނުގައި މިވަނީ އެދެފަރާތްޕުޅުގެ ކޯފާގެ ދުވަހެއް. އަދި އެކަމާއި ދެކޮޅަށް ތެދުވަން ކެރޭނީ ކާކަށް؟⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in