YouVersion Logo
Search Icon

ހާމަކޮށްދެއްވުންތަކެއް 18

18
ބާބިލް ހަލާކުވެ ދިއުން
1މިއަށް ފަހު އެހެން މަލާއިކަތަކު އުޑުން ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. މި މަލާއިކަތާއަށް މަތިވެރި ބާރެއް ދެއްވާފައި ވެއެވެ. އަދި މުޅި ދުނިޔެ އުޖާލާ ވެގެން ވަނީ މި މަލާއިކަތާގެ ނޫރުފުޅުންނެވެ. 2އެކަލޭގެފާނު ހަރު އަޑުން ގޮވާލެއްވިއެވެ.
”⁠އެ ސަހަރު ނެތި ހިނގައްޖެ! މަތިވެރި ބާބިލް ނެތި ފަނާވެއްޖެ!
އެ ސަހަރު ވަނީ ޝައިތާނުންނާއި ނުތާހިރު ރޫޙުތައް އަވަލާފައި.
ހުރިހާ ބާވަތެއްގެ ނަޖިސް އަދި ފަކުރުގަންނަފަދަ ދޫނިތަކާއި ޖަނަވާރުތަކުން އެރަށް ވަނީ ފުރިފައި.
3އެހެނީ ހުރިހާ ޤައުމުތަކެއް ވަނީ އެއަންހެނާގެ ރާ ބޮއި މަސްތުވެފައި.
އެއަންހެނާގެ ފާހިޝް ބާރުގަދަ ރަލުގެ ބުއިންތައް ބޮއިފައި.
ދުނިޔޭގެ ރަސްރަސްކަލުން އެއަންހެނާއާއެކު ވަނީ ޒިނޭގެ ގުޅުން ހިންގާފައި.
އެއަންހެނާގެ ނިމުމެއްނުވާ ލައްޒަތުން ދުނިޔޭގެ ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި.⁠“
4ދެން އަހަރެންނަށް އުޑުން އެހެން އަޑެއް އިވުނެވެ.
”⁠އަހަރެންގެ މީހުންނޭ، އާދޭ!
އެއަންހެނާ ދޫކޮށް އެތަނުން ނުކުމޭ!
އޭނާ ކުރާ ފާފައިގެ ތެރޭގައި ތިޔަބައިމީހުން ބައިވެރި ނުވާތި!
އޭރުން އޭނާއަށް ލިބޭ އަޒާބު ތިޔަބައިމީހުންނަކަށް ނުލިބޭނެ!
5އެހެނީ އޭނާގެ ފާފަތައް އެވަނީ މަތިމައްޗަށް އަރައި އުޑާހަމަޔަށް އުފުލިފައި.
އޭނާ އުޅެމުން ދިޔަ ފާހިޝް އުޅުންތައް މާތްކަލާނގެ ހަނދުމަފުޅު އެބަހުރި.
6ތިޔަބައިމީހުންނާ މެދު އޭނާ ކަންތައް ކުރިގޮތަށް ތިޔަބައިމީހުން ވެސް އޭނާއާ މެދު ކަންތައް ކުރޭ!
އޭނާ ކުރި ކަންތަކަށް ދެގުނައަށް އަގު އަދާކުރޭ!
އޭނާ ތިޔަބައިމީހުންނަށް އަޅައިދިން ތަށީގެ ރާތަކަށް ވުރެން ދެގުނައަށް ބާރުގަދަކޮށް އޭނާގެ ތައްޓަށް ރާ އަޅައިދީ!
7އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި.
އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު.
ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ!
އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ.
’⁠އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި!
އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން.
އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!⁠‘
8މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ.
ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ.
އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ.
އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“
9އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ.
10އެބައިމީހުން ދުރުގައި ވާނެއެވެ. އެއީ އޭނާގެ ވޭންތަކުގައި ޙިއްސާކުރުމަށް އެބައިމީހުން ބިރުވެތިވެގެން ވާތީއެވެ. އެބައިމީހުން ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ހުރި ނުތަނަވަސްކަމާއޭ! އޭ މަތިވެރި ސަހަރު ބާބިލޭ! އެންމެ ގަޑިއެއްގެ ތެރޭގައި ތިޔަ ސަހަރަށް ޢުޤޫބާތް ލިބިދިނީއޭ!⁠“
11ދުނިޔޭގެ މުއްސަނދި ސައުދާގަރުން ވެސް އެސަހަރަށްޓަކައި ރޮއި ހިތްދަތިވެ އުޅޭނެއެވެ. ސަބަބަކީ މިހާރު އެބައިމީހުންގެ މުދާ އެއްވެސް މީހަކު ނުގަންނާތީއެވެ. 12އެއްވެސް މީހަކު އެބައިމީހުންގެ އަތުން ރަނާއި، ރިއްސާއި، އަގުބޮޑު ޖަވާހިރާ، މުތާއި، ލިނެން ފޮތީގެ ފޭރާމާއި، ދަނބުކުލައިގެ ފޮއްޗާއި، ފަށުއި ފޮއްޗާއި، ރަތްކުލައިގެ ފޭރާން ފޮއްޗާއި، ލިބުން ދަތި ލަކުޑިއާއި، އެތުދަތާއި، އަދި އަގުބޮޑު ލަކުޑިއާއި، ކަފުލޮޔާއި، ދަގަނޑާއި އަދި ސަންގުމަރުމަރު ހިލައިގެ ތަފާތު ހިލަތަކާއި އަދި މިދެންނެވި އެއްވެސް އެއްޗަކުން ހަދާފައިވާ އެއްވެސް އެއްޗެއް ނުގަންނާތީއެވެ. 13އަދި ފޮނިތޮއްޓާއި، ހަވާދާއި، ހުވަނދާއި، ދުންއަޅާނޭ ހުވަނދާއި، މީރުވަސްދުވާ ތަކެއްޗާއި، މޭބިސްކަދުރުގެ ރަލާއި، އަދި ތެލާއި، ފުށާއި، ގޮދަނާއި، ކަންބަޅިއާއި، ގެރިއާއި، އަހާއި، އަސްގާޑިޔަލާއި، އަޅުންގެ ގޮތުގައި ވިއްކާ އިންސާނުންނާއި މިއިން އެއްވެސް އެއްޗެއް މީހަކު ނުގަންނާތީއެވެ. 14ސައުދާގަރުން އެ ސަހަރަށް ބުނާނެއެވެ. ”⁠ތިބާގެ އަތުގައިވާ އެދެވިގެންވާ އެންމެހާ ތަކެތި ވަނީ ނެތި ގޮސްފަ. އަދި ތިބާގެ ލައްޒަތާއި އުޖާލާކަން ވަނީ ނެތިގޮސްފަ. އަދި ކުރިއަށް އޮތްތަނުގައި ތިބާއަށް އެތަކެތި އިތުރަށް ލިބިގެން ވެސް ނުވާނެމެ!⁠“
15އެ ސަހަރުގައި ވިޔަފާރިކުރި ސައުދާގަރުން މުއްސަނދިވެ ދިޔައެވެ. އެމީހުން ތިބޭނީ މާ ދުރުގައެވެ. އެހެނީ އެސަހަރުގެ ވޭންތަކުގައި ޙިއްސާ ނުކުރެވިގެންނެވެ. އެބައިމީހުން ހިތްދަތިވެ ރޯނެއެވެ. 16އަދި ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެސަހަރަށް ކުރިމަތިވި ނުތަނަވަސްކަމާއެ! އެ ސަހަރު ލައިއުޅުނީ މޮޅު ލިނެން ފޮތީގެ ދަނބުކުލައާއި ރަތްކުލައިގެ ފޭރާން. އަދި ރަނުގެ ޒޭވަރުތަކުންނާއި، އަގުބޮޑު ޖަވާހިރުތަކުންނާއި މުތްތައް ފަދަ ތަކެތިން އެ ސަހަރު ޒީނަތްތެރި ކުރެވިފައިވި. 17ނަމަވެސް އެ ސަހަރަށް ލިބިގެންވާ ތަނަވަސްކަން ހަމަ އެއްމެ ގަޑިއެއްގެ ތެރޭގައި ގެއްލިގެން ދިޔަ.⁠“
އެންމެހައި އާގުބޯޓު ފަހަރުގެ ކައްޕިތާނުންނާއި، ފަޅުވެރިންނާއި، ކަލާސީނުންނާއި، އެނޫންވެސް އެސަހަރުގެ ކަނޑުގެ މުއްސަނދިކަމުން ފައިދާ ނެގި މީހުން ވެސް ތިބޭނީ އެސަހަރާއި ދުރުގައެވެ. 18އެސަހަރު އަނދައިގެން ދާހިނދު އަރަމުން ދާ ދުންތައް އެބައިމީހުންނަށް ފެނުމުން އެބައިމީހުން ހަރުއަޑުން ގޮވަމުން ދާނެއެވެ. ”⁠މިފަދަ މަތިވެރި އިތުރު ސަހަރެއް ނުވޭ!⁠“
19އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ.
”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!⁠“
20ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!
21އެއަށް ފަހު، ވަރުގަދަ މަލާއިކަތަކު ބޮޑު ހިލައެއް ނަގައި މިފަދައިން ވިދާޅުވެ ކަނޑަށް އެއްލާލެއްވިއެވެ.
”⁠ހަމަ މިފަދަ ބާރަކާއެކު ކުއްލިއަކަށް މިމަތިވެރި ސަހަރު އެއްލާލެވޭނެ. އިތުރަށް ދެން މިސަހަރެއް ނުފެންނާނެ. 22ލަވަ ކިޔުންތެރިންނާއި ހާޕްގެ މިއުޒިކާއި، ފުމޭއޮނާއި، ތާޅަފިލީގެ އަޑެއް މި ސަހަރުގެ މީހުން އިތުރަކަށް ނާހާނެ. އެއްވެސް ގޮތަކުން ވިޔަފާރި ކުރާނޭ އަދި އެހެން ވެސް މަސައްކަތެއް ކުރާނޭ މީހަކު އެތަނަކުން ދެން ނުފެންނާނެ. އަދި ގޮދަން ކަނޑާ ބޮޑެތި ހިލަދައިތަކުގެ އަޑު އިތުރަކަށް ނީވޭނެ! 23ބައްތީގެ އަލިކަމެއް އިތުރަކަށް އެތަނަކުން ލިބިގެންނެއް ނުވާނެ. އިތުރަށް އަލަތު ކައިވެނީގެ އަނބިންނާއި އަދި ފިރިންގެ އަޑު އެތަނަކުން ނީވޭނެ. އެއީ މި ސަހަރުގެ ސައުދާގަރުންނީ މުޅި ދުނިޔޭގެ އެންމެ ބާރުވެރި ފަރާތްތައް ވެސްމެ. އަދި މިސަހަރު އޭގެ ދޮގު ސިހުރުތަކުގެ މަޅީގައި ދުނިޔޭގެ މީސްތަކުން ޖެއްސި ވެސްމެ!
24ބާބިލަށް މިޢުޤޫބާތް ދެއްވާ ސަބަބަކީ ނަބީބޭކަލުންގެ ލޭފޮދާއި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ލޭ ފޮދު މި ސަހަރުން ފެނިގެން ވުމުން. އާއެކެވެ. މުޅި ދުނިޔޭގައި ގަތުލުކުރެވުނު އެފަދަ މީހުންގެ ލޭފޮދު މި ސަހަރުން ފެނުމުންމެ.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in