ހާމަކޮށްދެއްވުންތަކެއް 19
19
ސުވަރުގޭގައި ތިބި ފަރާތްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރުން
1މިކަންތައްތަކަށް ފަހު، ސުވަރުގޭގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ހަރުއަޑުން މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ.
”މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!
ދިންނެވުމާއި ޖަލާލަތުކަމާއި ބާރު މިލްކުވެ ވޮޑިގެންވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ!
2އެކަލާނގެ ފައިސަލާ ކުރައްވަނީ ތެދުވެރިކަމާއި އިންސާފުން ވެސްމެ!
އެކަލާނގެ ބިމުގައި ފަސާދަކުރި އެ ގަދަފަދަ ނާސިއަންހެނާއަށް އޭނާގެ ޖިންސީ ފާފަވެރިކަމުގެ ޢުޤޫބާތް ދެއްވި.
މާތްރަސްކަލާނގެ އެ އަންހެނާއަށް ޢުޤޫބާތް ދެއްވީ
އެ އަންހެނާ އެކަލާނގެ ޚާދިމުން ގަތުލުކުރުމުގެ ސަބަބުން ވެސްމެ.“
3އިތުރަށް އެބައިމީހުން ހަރުއަޑުން ބުންޏެވެ.
”މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!
މަތިވެރި ސަހަރު އަނދައި އަޅިޔަށްވެ، އޭގެ ދުން ނުނިވި އަބަދުމެ އަރަމުން ދޭ!“
4މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!“
ޅަކަންބަޅީގެ ކައިވެނީގެ ޖާފަތް
5އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ.
”އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ!
ތިޔަ އެކަލާނގެ އެންމެހައި ޚާދިމުންނާއި،
އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކާ އަދި އެންމެ މަތިވެރި ފަރާތްތައް!“
6އެއަށް ފަހު، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ހަޅޭއްލަވާ ފަދައިން ނުވަތަ އޮހިގެންދާ ފެންއާރަކުން ފެން އޮހޮރޭފަދަ އަޑަކުން، ނޫނީ ގުގުރީގެ އަޑުފަދަ އަޑަކުން މިފަދައިން ބުނަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ.
”މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! އެކަލާނގެއީ އަހަރެމެންގެ ސާހިބުވަންތަ، ކުޅަދުންވަންތަ މާތްރަސްކަލާނގެ.
އެކަލާނގެއީ ރަސްކަން ކުރައްވާ މަތިވެރި ރަސްގެފާނު!
7އުފަލާއި ޖޯޝްގައި އަހަރެމެން ތިބެ އެކަލާނގެ މަތިވެރި ކަމާއިމެދު އަހަރެމެން ޙަމްދުކުރަމާ ހިނގާ!
ޅަކަންބަޅީގެ ކައިވެނީގެ ވަގުތު ޖެހިއްޖެ.
އަދި އެކަލޭގެފާނުގެ އަލަތު އަނބިމީހާ ވަނީ އެކަމަށްޓަކައި ތައްޔާރު ވެގެން ވެސްމެ.
8އެކަނބުލޭގެ ލާން ދެވިފައިވާ ކައިވެނީގެ ހެދުން ވަނީ ސާފު ހުދު ލިނެން ފޮތިން.“
އެ ލިނެން ފޮތި ދައްކައިދެނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ހެޔޮ އަމަލުތަކެވެ.
9އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.“
10އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.“
އަލްމަސީޙު ވަޑައިގަންނަވާނީ ހުދުކުލައިގެ އަހެއްގެ މަތީގައި އިންނެވި އަސްވާރެއް ފަދައިން
11އުޑު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ. އަދި އެތަނުގައި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ ވަފާތެރިޔާ، ތެދުވެރިޔާއެވެ. އަދި އެކަލޭގެފާނު ހަނގުރާމަ ކުރުމުގައި އަދުލު އިންސާފުން ފައިސަލާކުރެއެވެ. 12އެކަލޭގެފާނުގެ ލޯ ވަނީ އަލިފާން ހުޅުގަނޑެއް ފަދައިންނެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި ގިނަ ޢަދަދެއްގެ ތާޖު އެޅިފައި ވެއެވެ. އެކަލޭގެފާނުގެ ނަންފުޅު އެކަލޭގެފާނުގެ ހަށިގަނޑުގައި ލިޔެވިގެން ވެއެވެ. ނަމަވެސް އެކަލޭގެފާނު ފިޔަވައި އެ ނަންފުޅު އެނގޭ މީހަކު ނުމެވެއެވެ. 13އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ވަނީ ލެއިން ތަތްތެޅިފައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ”މާތްރަސްކަލާނގެ ބަސްފުޅު“ އެވެ. 14ސުވަރުގޭގެ ލަޝްކަރު ހުދު ކުލައިގެ އަސްތަކުގެ މަތީގައި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އަދި އެ ލަޝްކަރު ތިބީ ސާފު ހުދު ކުލައިގެ ލިނެން ފޮތީގެ ހެދުމުގައެވެ. 15އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ. 16އެކަލޭގެފާނުގެ ރިދާކޮޅު ގައްޔާއި އެކަލޭގެފާނުގެ ފައިގެ ފަލަމަސްގަނޑުގައި މި ނަން ލިޔެވިގެން ވެއެވެ. ”ރަސްރަސްކަލުންގެ ރަސްގެފާނު އަދި ސާހިބުންގެ ސާހިބާ.“
17އެއަށް ފަހު، މަލާއިކަތަކު އިރުގައި ކޮއްޅަށް ހުންނަވަނިކޮށް އަހަރެން ދުށީމެވެ. މަތިން އުޑުގެ ތެރެއިން އުދުހެމުން ގެންދިޔަ އެންމެހާ ދޫނިތަކަށް އެ މަލާއިކަތާ ހަރުއަޑުން ގޮވަމުން ގެންދެވިއެވެ. ”މާތްރަސްކަލާނގެ ބޮޑު ޖާފަތުގައި ބައިވެރިވުމަށް މިތަނަށް އެއްވޭ! 18ރަސްރަސްކަލުންގެ މަހާއި، ވެރިންގެ މަހާއި، ހަނގުރާމަވެރި ފަހުލަވާނުންގެ މަހާއި، އަސްތަކާއި އަދި އޭގެ އަސްވާރުންގެ މަހާއި، ހުރިހާ އެންމެންގެ މަހާއި، އޭގެތެރޭގައިވާ ހުރިހާ އަޅުންނާއި މިނިވަނުންގެ މަހާއި، މަތިވެރި އަދި ދަށު ދަރަޖައިގެ މީހުންގެ މަސްކެއުމަށް މިކޮޅަށް އާދޭ!“
19އެއަށް ފަހު ކަނޑު ދާއްބައާއި އަދި ދުނިޔޭގެ ރަސްރަސްކަލުންނާއި އެބައިމީހުންގެ ލަޝްކަރުތައް އަސް ދުއްވަން އިން އަސްވާރާއި އަދި އެކަލޭގެފާނުގެ ލަޝްކަރާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްވި ތަން އަހަރެން ދުށީމެވެ. 20އަދި ކަނޑު ދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސީލު ޖަހައިގެން އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑު ދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ. 21އަސްދުއްވަން އިން އަސްވާރުގެ އަނގައިން ނުކުތް ތޫނު ކަނޑިން ކަނޑުދާއްބައިގެ ލަޝްކަރު ގަތުލު ކުރެވުނެވެ. އަދި ހުރިހާ ދޫނިތަކެއް އައިސް އެތަކެއްޗަށް ކެވުނު ވަރަކަށް އެބައިމީހުންގެ މަސްކެއެވެ.
Currently Selected:
ހާމަކޮށްދެއްވުންތަކެއް 19: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.