YouVersion Logo
Search Icon

ހަރުބަސްތައް 17

17
އަހަރެމެންގެ ހިތަށް އަރާ އެއްޗެހި މާތްރަސްކަލާނގެ އިމްތިޙާނު ކުރައްވާ
1ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
2ބުއްދިވެރި އަޅުސޮރު ވިޔާނުދާ ދަރީގެ މައްޗަށް ގަދަވެ، ސާހިބުމީހާގެ ތަރިކަ މުދަލުން ބައެއް އަތުލައިގަނެއެވެ.
3ރަނާއި ރިހި އިމްތިޙާނު ކުރެވެނީ އަލިފާނުންނެވެ. މީހާގެ ހިތް އިމްތިޙާނު ކުރައްވަނީ މާތްރަސްކަލާނގެއެވެ.
4ކުޓުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.
5ފަގީރުންނަށް މަލާމާތްކުރުމުން އެކަން ރައްދުވަނީ ހެއްދެވި ފަރާތަށެވެ. ހާލުގައި ޖެހިފައިވާ މީހާއަށް ޖެއްސުން ކޮށްފިނަމަ އެކަމަށް އަދަބު ލިބޭނެއެވެ.
6ކާފަމާމައިން އެމީހުންގެ ކާފަމާމަ ދަރިންނާމެދު ފަޚުރުވެރި ވެއެވެ. ހަމަ އެފަދައިން ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވެސް ފަޚުރުވެރި ވެއެވެ.
7ހަމަ ޖެހޭ ވާހަކައެއް ދެއްކުމަކީ މޮޔަޔަކާ ނުގުޅޭ ކަމެކެވެ. ވެރިޔަކު ދޮގެއް ހެދުމަކީ އޭނާއާ ވެސް ނުގުޅޭ ކަމެކެވެ.
8ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.
9މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
10އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
11ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ.
12ދަރިން ގެއްލިފައި ވީ ސާރިދޯޅައެއްގެ އަތްދަށުވިޔަސް މޮޔަވެފައި ހުރި މޮޔައެއްގެ އަތްދަށު ނުވާށެވެ.
13ހެޔޮކަމުގެ ބަދަލުގައި ނުބައިކަމެއް ކުރާ މީހެއްގެ ގެއިން ނުބައިކަން ފިލާ ނުދާނެއެވެ.
14އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
15ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.
16ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.
17ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.
18އެހެން މީހެއްގެ ދަރަންޏަކާ ހަވާލުވުމަކީ މޮޔަކަމެކެވެ. ގާތްމީހެއްގެ ދަރަންޏަކާ ވެސް މަތިނުވާށެވެ.
19އަރައިރުންވާ ހިތުން ހުންނަމީހާ ފާފައަށް އަރައިގަންނަ ހިތްވެއެވެ. ދޮރާށި އުސްކޮށްގެން ހުންނަ މީހާއަށް ނުރައްކާ ހުށަހެޅެއެވެ.
20ތެދުވެރި ނުވުމުން ލިބޭ މޮޅެއް ނޯވެއެވެ. ދޮގުހެދުމުން އޮތީ ހަލާކެވެ.
21މޮޔަ ދަރިއެއްގެ މައިންބަފައިންނަކަށް ހިތާމަ ނޫން ކަމެއް ނެތެވެ. ދެކޮޅުވެރި ދަރިއެއްގެ ބަފާއަށް ލިބޭ އުފަލެއް ނެތެވެ.
22އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
23ނުބައި މީހުން އިންސާފަށް ހުރަސް އެޅުމަށް ރިޝްވަތު ހިފައެވެ.
24ހަމަ ވިސްނޭ މީހާ ބަލާނީ ޙިކުމަތާ ދިމާއަށެވެ. މޮޔައެއްގެ ލޯ ދުނިޔޭގެ ކަންކޮޅަށް ފޯރުވާނެއެވެ.
25މޮޔަ ދަރިން އެމީހުންގެ ބަފާ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.
26ތެދުވެރިޔާއަށް އަދަބު ދިނުމަކީ ގޯހެކެވެ. ހެޔޮ ވެރިޔާ ހަވަރަށް ދިނުމަކީ ވެސް ގޯހެކެވެ.
27ތަންދޮރު އެނގޭ މީހާގެ ބަސް މަދުވާނެއެވެ. ތަންދޮރު ދަންނަ މީހާގެ ރުޅިމަޑު ވާނެއެވެ.
28މޮޔައަކު ވެސް އަނގަ ލައްޕައިގެން ހުންނައިރު ވިސްނޭ މީހެކޭ ހީވެދާނެއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ހަރުބަސްތައް 17