ހަރުބަސްތައް 18
18
ކުށްވެރިޔާ ކުށުން ބަރީއަ ކުރުމަކީ ގޯހެއް
1ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ.
2މޮޔައިން ކަންތައް އޮޅުން ފިލުވާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވާނީ އެހެންމީހުންނަށް މޮޅު ޚިޔާލު ދިނުމަށެވެ.
3ނުބައިކަންތައް ކުރުމުން ފަޟީޙަތްވެ ލަދުގަތުން ނޫން ކަމެއް ނުވެއެވެ.
4ބުއްދިވެރި ބަސްތަކަކީ ފުން ކަނޑެކެވެ. ޙިކުމަތްތެރި ބަސްތަކަކީ ކޯރެއްގެ ފެންހާ ތާޒާ އެއްޗެކެވެ.
5ކުށްވެރިޔާ މިނިވަންކޮށް އަދި ކުށެއް ނެތް މީހާއަށް އިންސާފު ހޯދައި ނުދިނުމަކީ ގޯހެކެވެ.
6މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.
7މޮޔައިންގެ އަނގަޔަކީ އެމީހުންގެ ހަލާކެވެ. އެމީހުން ތާށިވަނީ އެމީހުންގެ ތުންފަތުންނެވެ.
8ދެބަކުޓުވުމުގެ ބަސްތައް ނިކަން މީރުވާނެއެވެ. އެ ބަސްތައް އަނގަޔަށް ވިރި ބަނޑުތެރެއަށް ފައިބައެވެ.
9ކަންނެތް މީހާއެކޭ ފަނާކުރާ މީހެކޭ ތަފާތެއް ނެތެވެ.
10 މާތްރަސްކަލާނގެ ނަންފުޅު ވަރުގަދަ ކިއްލާއެއް ފަދައެވެ. އެހެނީ އެ ކިއްލާއަށް ދުވެ ގޮސް ވަންނަ ޞާލިޙަކަށް ރައްކާތެރިކަން ލިބިގެންވެއެވެ.
11މުއްސަނދިމީހާ ހީކުރަނީ އޭނާގެ ފައިސާއަކީ ދިފާއެއް ކަމަށެވެ. އެމީހުން ހީކުރަނީ އޭގެ އެހީގައި ރައްކާތެރިކަން ލިބޭނެކަމަށެވެ.
12ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.
13ކަން ހިނގިގޮތް ނުބަލައި ޖަވާބު ދިނުމަކީ މޮޔަ ލަދުވެތިކަމެކެވެ.
14ތިމާގެ ކިބައިގައި ރޫޙާއި ޖޯޝް ހުރުމުން ބަލި ހަށިގަނޑަށް ގަދަކަން ލިބެއެވެ. އެކަމަކު ރޫޙު ނެތުމުން ފުރާނައަކަށް އެ ހަށިގަނޑަކު ނުހުރެވެއެވެ.
15ވިސްނުންތެރިން ދަސްކުރުމަށް ތައްޔާރުގައި ތިބެއެވެ. އެމީހުންގެ ކަންފަތް އިލްމަށް ހުޅުވައިގެން ތިބެއެވެ.
16ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.
17ފަނޑިޔާރުގޭގައި ފުރަތަމަ ވާހަކަ ދައްކާ މީހާ އެބުނަނީ ތެދެކޭ ހީވެދާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެނގޭނީ އަނެއް މީހާ ވާހަކަ ދެއްކީމައެވެ.
18ބާރު ގަދަ ދެމީހެއްގެ ދެމެދު ކުރެވޭ ޒުވާބެއް ގުރުއަތުލައިގެން ހުއްޓުވިދާނެއެވެ.
19ނުރުހިފައި ހުރި ރައްޓެއްސަކު ރުއްސުން ރަށްބޭރު ބޮޑުފާރު ތަޅާލުމަށް ވުރެން އުނދަގުލެވެ. ދެ ރައްޓެހިންގެ ދެމެދު ކުރެވޭ ޒުވާބަކުން ދަގަނޑުބަންދު އެޅި ދޮރެއްގެ ދެފަރާތުގައި ދެމީހުން ގައިދުވެދެއެވެ.
20ބުއްދިވެރި ބަސްތަކެކޭ މީރު ކާނާއެކޭ އެއްގޮތެވެ. ރަނގަޅު ބަސްތަކުން ބަނޑުފުރުމުން ލިބޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ.
21ތިމާ ބުނާ ބަހަކުން ދިރިހުރުން ނުވަތަ މަރު ކުރިމަތިވެދެއެވެ. ބަސްގިނަ މީހާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހެއެވެ.
22އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ.
23ފަގީރުމީހާ ދެރަވެ އާދޭސް ކުރާއިރު މުއްސަނދިމީހާ ހަރުކަށި ޖަވާބުދެއެވެ.
24ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.
Currently Selected:
ހަރުބަސްތައް 18: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.