ހަރުބަސްތައް 22
22
އަބުރުވެރިކަމުގެ އަގު
1މުއްސަނދިކަމަށް ވުރެން އަބުރު ރައްކާތެރިކުރަން އިސްކަންދޭށެވެ. މީސްތަކުންގެ އިޙްތިރާމު ރަނާ ރިއްސަށް ވުރެން އަގުބޮޑެވެ.
2މުއްސަނދި މީހާއާއި ފަގީރު މީހާއާ އެއްގޮތް އެއްކަމެއް ވެއެވެ. އެއީ އެ ދެމީހުން ވެސް އުފެއްދެވީ މާތްރަސްކަލާނގެ ކަމެވެ.
3ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.
4 މާތްރަސްކަލާނގެ ކިބަފުޅަށް ހިތްތިރިކަމާއެކު ޙަޤީޤަތުގައި ބިރުވެތިވާ މީހާއަށް މުއްސަނދިކަމާއި ޝަރަފާއި ދިގު އުމުރު ލިބެއެވެ.
5ގޯސް މީހުން ހިނގާ އުޅޭނީ ކަށިތަކުގެ ދަންތުރަތައް ހުންނަ މަގުމަގުންނެވެ. ހަށިރައްކަލަށް އެދޭ މީހާ އެމަގަކުން ނުހިނގާނެވެ.
6ދަރިންނަށް ތަރުބިއްޔަތުދީ ރަނގަޅު މަގު ދައްކާށެވެ. އޭރުން އެމީހުން ބޮޑެތިވީމާ އެ މަގުން ހިނގާނެއެވެ.
7މުއްސަނދި މީހާ ފަޤީރުންގެ އަމުރުވެރިންނަށް ވާ ފަދައިން ފަހުންދޭން އަތުލާ މީހާ ދިންމީހާގެ ދަށުވާނެއެވެ.
8ނާއިންސާފުވާ މީހާއަށް ނުރައްކަލާ ކުރިމަތިވާނެއެވެ. އެމީހުންގެ ބިރުދެއްކުމުގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.
9ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަގީރުންނަށް ކާންދޭ ބައެކެވެ.
10ޖެއްސުން ކުރާ މީހާ ދުރަށްލާށެވެ. އޭރުން އަރައިރުން ހުއްޓިދާނެއެވެ. ޒުވާބު ކުރުމާއި ހަޑިއެއްޗެހި ކިއުން އޭރުން ފިލައިގެން ދާނެއެވެ.
11ސާފު ހިތަކުން އޯގާވެރި ބަސްތައް ބުނާ މީހަކު ވާނީ ރަސްގެފާނުގެ ގާތް ރައްޓެއްސަކަށެވެ.
12ތަންދޮރު ދަންނަ މީހުންނަށް މާތްރަސްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އެކަމަކު ދޮގުވެރިޔާގެ ކެހިވެރި ނުބައި ރޭވުންތައް އެކަލާނގެ ހަލާކުކޮށްލައްވައެވެ.
13ކަންނެތް މީހާ ބުނެތެވެ. ”އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.“
14ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އަނގައަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ނުރުއްސަވާ މީހުން އެއަނދަވަޅަށް ވެއްޓެއެވެ.
15ޒުވާންކުދިންގެ ހިތުގައި ވާނީ މޮޔަކަންތަކެވެ. އެކަމަކު އަދަބުދީ ތަރުބިއްޔަތު ކުރުމުން އެ މޮޔަކަން ފިލައިދެއެވެ.
16ފަގީރުންނަށް ދަތިކޮށް ނުވަތަ މުއްސަނދިންނަށް ހަދިޔާ ދީގެން ފައިދާނަގާ މީހާ ނިމިގެންދާނީ ފަގީރުކަން މަތީގައެވެ.
ބުއްދިވެރި ތިރީސްބަސް
17ބުއްދިވެރިންގެ ބަސްތައް ކަނުލައި އަހާށެވެ. އަދި އަހަރެން މިދަސްކޮށްދޭ ކަންތައް ހަރުލައްވާށެވެ. 18އެހެނީ މިބަސްތައް ހިތުގައި ހުރުމަކީ ރަނގަޅު ކަމެކެވެ. އޭރުން މިބަސްތައް ވަގުތުޖެހުމުން ދުލުކުރިއަށް އަންނާނެއެވެ. 19އަހަރެން މިއަދު ކަލެއަށް މި ބަސްތައް ދަސްކޮށް ދެމެވެ. އާނއެކެވެ. ކަލެއަށެވެ. އެއީ ކަލޭ ލައްވާ މާތްރަސްކަލާނގެއަށް ވަކީލު ކުރުވުމަށެވެ. 20އަހަރެން ތިރީސް ހަރުބަސް ކަލެއަށް ލިޔެދީފީމެވެ. މިއިން ކޮންމެ ބަހެއްގައި އިލްމާއި ހެޔޮ ނަސޭހަތް އެކުލެވިފައިވެއެވެ. 21އޭރުން ކަލޭ ތަނަކަށް ފޮނުވާ މީހެއްގެ ގާތަށް އެނބުރި އައިސް ތެދުބަސްތަކުން އެމީހުންނަށް ކިޔާދީ ޖަވާބު ދެވޭނެއެވެ.
–1–
22ފަގީރެއްގެ އަތުން އެއްޗެއް ވަގަށް ނެގެން އޮތަސް ނުނަގާށެވެ. އަދި ފަނޑިޔާރުގޭގައި މިސްކީނެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ. 23އެހެނީ އެމީހުންނަށް ރައްކާތެރިކަން ދެއްވަނީ މާތްރަސްކަލާނގެއެވެ. އެމީހުންނަށް ގެއްލުންދޭ މީހާއަށް އެކަލާނގެ ގެއްލުން ދެއްވާނެތެވެ.
–2–
24ރުޅިގަދަ މީހުންނާއި ރުޅި އިސްކުރާ މީހުންނާ ގުޅުން ނުބަހައްޓާށެވެ. 25އޭރުން އެމީހުންގެ ގޮތްތައް ކަލެއަށް ދަސްވެ ކަލޭގެ ދިރިހުރުމަށް ނުރައްކާވެދެއެވެ.
–3–
26އެހެން މީހަކު ދޭން އޮންނަ ދަރަންޏެއް ބޮލުގައި ނާޅާށެވެ. 27އެލާރި ކަލެއަށް ދެވެން ނެތިއްޔާ އެމީހުން ކަލޭ ނިދާފައި އޮތްވާ ކަލޭގެ އެނދު ވެސް ގެންގޮސްފާނެއެވެ.
–4–
28އަވަށްޓެރިޔާއަށް އޭނާގެ ދަރިކޮޅުން ވާރުތަ ކޮށްފައިވާ ގޯތީގެ އިމުން ބައެއް އަތުލައި ނުގަންނާށެވެ.
–5–
29ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.
Currently Selected:
ހަރުބަސްތައް 22: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.