YouVersion Logo
Search Icon

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1

1
ތަހުނިޔާ
1މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ. 2މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާނެތެވެ.
ޝުކުރުވެރިކަމާއެކުގައި ދުޢާކުރުން
3ތިޔަބައިމީހުންގެ މަތިން ހަނދުމަވާ ކޮންމެ ފަހަރަކު އަހަރެންގެ ކަލާނގެއަށް ޝުކުރުވެރި ވަމެވެ. 4އަބަދާ އަބަދު އަހަރެންގެ ދުޢާތަކުގައި ތިޔަބައިމީހުން އެންމެން ޝާމިލު ކުރަނީ އުފާވެރި ކަމާއެކުގައެވެ. 5ސަބަބަކީ ހެޔޮޚަބަރުފުޅު އެންމެ ފުރަތަމަ ފަހަރަށް ތިޔަބައިމީހުންނަށް ލިބިދިން ވަގުތެކޭ އެއްފަދައިން މިއަދާއި ހަމައަށް މި ޚަބަރު ފެތުރުމުގައި އަހަރެންނާއި އެކުގައި ތިޔަބައިމީހުން ދެމިތިބިކަމެވެ. 6އަހަރެން ޔަޤީން ކުރާ ގޮތުގައި މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި ހެޔޮ ކަންތަކެއް ފައްޓުވައި ދެއްވައިފިއެވެ. އަދި އީސާ އަލްމަސީޙުގެ އެނބުރި ވަޑައިގަތުމާއި ހަމައަށް އެކަލާނގެ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ.
7ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ. 8އަލްމަސީޙު އީސާގެފާނުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ.
9ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ. 10އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ. 11ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.
ޕައުލްގެ ޙާލަތު އަންގައި ދިނުން
12އަޚުންނާއި އުޚުތުންނޭވެ! މިތަނުގައި ހިނގި ހުރިހާ ކަމެއްގެ ތެރޭގައި ހެޔޮޚަބަރުފުޅު ފެތުރުމަށް އަހަންނަށް ލިބުނީ ކުރިއެރުންކަން ތިޔަބައިމީހުންނަށް އަންގާލަން ބޭނުމެވެ. 13އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ. 14އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.
15ބައެއްމީހުން ޙަސަދަވެރިކަމާއެކު ވާދަކުރުމުގެ ނިޔަތުގައި ވަޢުޡު ބުނާ ހިނދު އަނެއްބަޔަކު އަލްމަސީޙާއި މެދުގައިވާ ރަނގަޅު މަގުސަދާއި އެކުގައި ވަޢުޡު އިއްވައެވެ. 16މި ގޮތަށް މިބައިމީހުން ވަޢުޡު އިއްވަނީ އަހަރެންނާއި މެދުގައިވާ ފުން ލޯބީގެ ސަބަބުންނެވެ. އަދި މާތްސާހިބާ އަހަރެން މިތަނުގައި ވުމަށް އެދިލެއްވީ ހެޔޮޚަބަރުފުޅު ދިފާޢު ކުރެއްވުމަށް ކަން މިފަދަ މީހުން ދަނެއެވެ. 17އެހެނަސް އަލްމަސީޙާއި މެދުގައި މަގުސަދެއް ނެތި ދެކޭ ފަރާތްތަކުން އަމިއްލަ އެދުމާއި އިޚުލާސްތެރިކަމެއް ނެތި ވަޢުޡު ބުނަމުން އެ ގެންދަނީ މި ގޮތަށް އަހަރެން ޗޭނުޖެހި ހައްޔަރުވެފައި ވާތީވެ އަހަރެން ހިތްދަތި ކުރުވުމަށެވެ. 18އެކަމަކު ވެސް ހެވެވެ. މި މީހުންގެ މަގުސަދު ރަނގަޅު ވިޔަސް އަދި ކިލަނބު ވިޔަސް ޙަޤީޤަތުގައި ވަޢުޡު ބުނަމުން އެ ގެންދަނީ އަލްމަސީޙާއި މެދުގައެވެ. އެކަމާމެދު އަހަރެން އުފާ ކުރަމެވެ. 19އަދި މި އުފާވެރިކަމުގައި ދެމިހުންނާނަމެވެ. ސަބަބަކީ އަހަންނާއިމެދު ތިޔަބައިމީހުން ދުޢާ ކުރާނެކަން އެނގޭތީއެވެ. އަދި އީސާ އަލްމަސީޙުގެ މާތްރޫޙުފުޅު އަހަރެންނަށް އެހީތެރިވެދެއްވާ ސަލާމަތް ކޮށްދެއްވާނެއެވެ.
20ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ. 21އަހަރެން ދިރިހުރިނަމަ އަލްމަސީޙުގެ ޚިދުމަތުގައި ވާނަމެވެ. އަދި އަހަރެން މަރުވެދިޔަނަމަ އެއަށް ވުރެން މާރަނގަޅެވެ. އޭރުން އަބަދަށް އަލްމަސީޙާއި އެކުގައި ވާނެއެވެ. 22އަހަރެން ޚިޔާރު ކުރަންވީ ކޮންކަމެއް ކަން އަހަރެންނަށް އެނގިގެންނުވެއެވެ. އެކަމަކު އަހަރެން ދިރިހުރިނަމަ މާތްސާހިބާއަށްޓަކައި އެދެވޭ މަސައްކަތް ކުރެވޭނެއެވެ. 23އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ. 24އެހެނަސް ތިޔަބައިމީހުންނަށްޓަކައި އަހަރެން ދިރިހުރުން އެއީ އެންމެ އެދެވޭ ގޮތް ކަމުގައި ވެސް އަހަރެން ދެކެމެވެ. 25މިކަން އެނގޭތީ އަހަރެން ދިރިހުރުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ. އެއީ ތިޔަބައިމީހުން އީމާންކަމުގެ އުފަލުގެ ތެރޭގައި ހެދި ބޮޑުވުމަށް އެހީތެރިވުމަށެވެ. 26އެހެންވީމާ، އަހަރެން އެނބުރި ތިޔަބައިމީހުންގެ ކައިރިއަށް ދާހިނދު އަހަރެންގެ ސަބަބުން ތިޔަބައިމީހުންނަށް އީސާ އަލްމަސީޙާއި މެދު މާބޮޑަށް ފަޚުރުވެރި ވެވޭނެއެވެ.
އަލްމަސީޙާއިއެކުގައިވި ޙަޔާތު
27މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ. 28ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެ އެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަން ވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ. 29ހަމައެކަނި ތިޔަބައިމީހުންނަށް ލިބިގެންވީ އަލްމަސީޙަށްޓަކައި އީމާންވެ، ޚިދުމަތް ކުރުމުގެ ޝަރަފު އެކަންޏެއް ނޫނެވެ. އެކަލޭގެފާނަށްޓަކައި ވޭން އުފުލުމުގެ ޝަރަފު ވެސް މެއެވެ. 30މި ހިނދު އަހަރެން މިކުރާ ހަނގުރާމައިގައި ތިޔަބައިމީހުން ވެސް ބައިވެރިވެވޭނެއެވެ. އެ ހަނގުރާމައަކީ މާޒީގައި ތިޔަބައިމީހުންނަށް ފެނިދެނިވި، އަޑުއެހި، އަދި މިއަދާއި ހަމައަށް ވެސް އަހަރެން ކުރަމުންމިދާ ހަނގުރާމައެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in