ޢިބްރާނީންނަށް ސިޓީ 3
3
އީސާގެފާނު މޫސާގެފާނަށް ވުރެން މަތިވެރި
1އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ. 2އެކަލޭގެފާނަކީ އެކަލޭގެފާނު ފޮނުއްވި ކަލާނގެއަށް ވަފާތެރި ބޭކަލެކެވެ. އެއީ މޫސާގެފާނު ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިވެ ވަޑައިގަތް ފަދައިންނެވެ.
3އެހެނެއްކަމަކު އީސާގެފާނަށް ލިބިވަޑައިގަންނަވަން ޖެހޭ ޝަރަފު މޫސާގެފާނަށް ވުރެން މާ މަތިވެރިއެވެ. އެއީ ގެ ބިނާ ކުރާ މީހާ އޭނާ ބިނާކުރާ ގެއަށްވުރެ މަތިވެރިވާ ފަދައިންނެވެ. 4ކޮންމެ ގެއެއް ވެސް ބިނާ ކުރަނީ ކޮންމެވެސް މީހެކެވެ. އެކަމަކު ޙަޤީޤަތުގައި ކޮންމެ އެއްޗެއް ވެސް އުފައްދަވަނީ މާތްރަސްކަލާނގެ އެވެ.
5މޫސާގެފާނަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ.#އަދަދު 12:7 އަދި ފަހުން މާތްރަސްކަލާނގެ ވަޙީކުރައްވާނެ ބަސްފުޅުތައް ވެސް އެކަލޭގެފާނު ވިދާޅުވިމެއެވެ. 6އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.
މާތްރަސްކަލާނގެ މީހުންނަށް އަރާމުގެ މަންޒިލް
7އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ.
”މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،
8ކަލޭމެން ބޯހަރު ނުކުރާށެވެ!
ސަހަރާގެ ތެރޭގައި އިމްތިޙާނު ކުރެވުނު
ކަލޭމެންގެ ކާބަފައިން ވީފަދައިން ދެކޮޅުވެރި ނުވާށެވެ.
9އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ.
އެއީ ސާޅީސް އަހަރު ވަންދެން ތިމަންކަލާނގެ މުޢުޖިޒާތްތައް އެމީހުންނަށް ފެންނަމުން ދިޔަ އިރު ވެސް މެއެވެ.
10އެމީހުންދެކެ ފޫހިވެގެން ތިމަންކަލާނގެ މިހެން ވަޙީކުރެއްވީމެވެ.
’އެމީހުންގެ ހިތްތައް ތިމަންކަލާނގެއާ ދުރަށް އަނބުރައެވެ.
ތިމަންކަލާނގެ އަންގަވާގޮތެއް އެމީހުން ނަހަދައެވެ.‘
11އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ.
’އެއިން މީހަކު ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަން.‘“#ޒަބޫރު 95:7-11
12އަޚުންނާ އުޚުތުންނޭވެ! ކަލޭމެންގެ ހިތްތަކަށް އެފަދަ ނުބައި ފިކުރުތައް ވައްދައި އީމާންކަން ގެއްލުނަ ނުދޭށެވެ. އެހެންނޫނީ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެއަށް ފުރަގަސް ދެވޭނެތީއެވެ. 13”މިއަދޭ“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.
14އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.
15ފަތްފުށްތަކުގައި ލިޔެވިގެންވެއެވެ.
”މާތްރަސްކަލާނގެ އަޑުފުޅު މިއަދު ކަލޭމެންނަށް އިވިއްޖެނަމަ،
ދެކޮޅުވެރިވި މީސްތަކުންފަދައިން ކަލޭމެންގެ ހިތް ހަރު ނުކުރާށެވެ.“#ޒަބޫރު 95:7-8
16މާތްރަސްކަލާނގެ އަޑުފުޅު އިވި އެކަލާނގެއާ ދެކޮޅުވެރިވެގަތީ ކޮން ބައެއް ހެއްޔެވެ؟ އެއީ މޫސާގެފާނު ވަޑައިގެން މިޞްރުގެ އަޅުވެތިކަމުން ސަލާމަތް ކުރައްވައިގެން ނެރުއްވި މީހުން ނޫންހެއްޔެވެ؟
17ސާޅީސް އަހަރުވަންދެން މާތްރަސްކަލާނގެ ކޯފާ އިސްކުރުވީ ކޮން ބައެއްހެއްޔެވެ؟ އެއީ ހަނަފަސް ސަހަރާގެ ތެރޭގައި ފާފަވެރިވެގަނެ އެތާ މަރުވި މީހުން ނޫންހެއްޔެވެ؟
18މާތްރަސްކަލާނގެ އެކަލާނގެ އަރާމުގެ މަންޒިލަށް ނުވައްދާނަމޭ އެވަޙީ ކުރެއްވީ ކޮން ބަޔަކާ ދިމާއަށް ހެއްޔެވެ؟ އެއީ އެކަލާނގެއަށް ނުކިޔަމަންތެރިވި މީހުން ނޫން ހެއްޔެވެ؟
19އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.
Currently Selected:
ޢިބްރާނީންނަށް ސިޓީ 3: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.