YouVersion Logo
Search Icon

ޢިބްރާނީންނަށް ސިޓީ 2

2
މަތިވެރި ދިންނެވުން
1އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ. 2އެހެނީ މަލާއިކަތުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކަކީ ވެސް ޙައްޤު ތެދު ބަސްފުޅުތަކެކެވެ.#2‏:2 އެ ބަސްފުޅުތަކަކީ ތައުރާތުގައިވާ ބަސްފުޅުތަކެވެ އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ވެސް އެކަމުގެ ޙައްޤު ސަޒާ ލިބެއެވެ. 3މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ. 4އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.
އަހަރެމެންނާއިގެން ދިންނެވުމާ ދިމާއަށް ގެންދަވާ ކަލޭގެފާނު
5އަހަރެމެން މިބުނާ އާދުނިޔޭގެ ވެރިންގެ ގޮތުގައި މާތްރަސްކަލާނގެ މަލާއިކަތުންނެއް ނުލައްވައެވެ. 6އެއާ ޚިލާފަށް އެކަމާ ބެހޭގޮތުން ފަތްފުށްތަކުގެ#2‏:6 ފަތްފުށްތަކުގެ މާތްރަސްކަލާނގެ ބާވައިލެއްވި ތައުރާތު ފަދަ ފޮތްތަކުގައި ލިޔެވިފައިވާ ލިއުންތައް. ކޮންމެވެސް ތަނެއްގައި ބުނެވިފައި ވަނީ މިހެންނެވެ.
”⁠އޭ ކަލާނކޯއެވެ! އިންސާނުންނާ މެދު އިނބަރަސްކަލާނގެ އަޅާލައްވަނީ އެއީ ކިހާވަރެއްގެ ބައެއް ވީމާ ތޯއެވެ؟
7އިނބަރަސްކަލާނގެ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށުގައި އެމީހުން ލެއްވިއެވެ.
އެކަމަކު އިނބަރަސްކަލާނގެ އެމީހުންގެ ބޯމަތީގައި ޖަލާލަތާއި ޝަރަފުގެ ތާޖު ބެހެއްޓެވި އެވެ.
8އަދި ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވިއެވެ.⁠“#ޒަބޫރު 8‏:4‏-6
އެ އަންގަވަނީ ”⁠ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވި⁠“ ކަމަށެވެ. އެހެނަސް އިންސާނުން އެހުރިހާ އެއްޗެއްގެ މައްޗަށް އަމުރު ހިންގާތަނެއް އަހަރެމެންނަކަށް މިއަދަކު ނުފެނެއެވެ. 9އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ. 10ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.
11އެކަލޭގެފާނު މީސްތަކުން މުޤައްދަސް ކުރެއްވިއެވެ. މުޤައްދަސް ކުރެވުނު މީހުންގެ ބައްޕަކަމަށް ވާނީ އެކަލޭގެފާނުގެ ވެސް ބައްޕާފުޅެވެ. އީސާގެފާނު އެމީހުންނަކީ ތިމަންކަލޭގެފާނުގެ ކޮއްކޮމެން ކަމަށް ވިދާޅުވާން ލަދުފުޅު ނުގަންނަނީ އެހެންވީމައެވެ. 12އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ.
”⁠އިނބަރަސްކަލާނގެއާ ބެހޭ ކަންތައް ތިމަންކަލޭގެފާނުގެ ކޮއްކޮމެންނަށް ކިޔައިދޭނަމެވެ.
އެމީހުން ބައްދަލުވެ އުޅޭ ތަންތަނުގައި ތިމަންކަލޭގެފާނު އިނބަރަސްކަލާނގެ މަތިވެރިކަމާމެދު ހަމްދާ ސަނާގެ ލަވަތައް ކިޔާނަމެވެ.⁠“#ޒަބޫރު 22‏:22
13އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ. ”⁠ތިމަންކަލޭގެފާނު ވަކީލު ކުރާނީ އިނބަރަސްކަލާނގެއަށެވެ.⁠“ އަދި މިހެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިމަންކަލޭގެފާނު މިހިރީއެވެ! އިނބަރަސްކަލާނގެ ތިމަންކަލޭގެފާނަށް ދެއްވި ދަރިންތަކާ އެކުގައެވެ.⁠“#އިޝަޢުޔާ 8‏:17‏-18
14އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ. 15މިގޮތުން އެމީހުންގެ މުޅި އުމުރުގައި މަރު ދެކެ ގެންފައިވާ ބިރުގެ އަޅުވެތިކަމުން އެމީހުން މިނިވަން ކޮށްދެއްވުމަށެވެ. 16އެކަމުން ދައްކައި ދެނީ އެކަލޭގެފާނު އަޅާލައްވަނީ މަލާއިކަތުންނަކަށް ނޫންކަމެވެ. އެކަލޭގެފާނު އެހީތެރިވެ ވަޑައިގަންނަވަނީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ކަމެވެ. 17މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ. 18މިހެންވުމުން އެކަލޭގެފާނަށް، ވަސްވާސްތަކުގެ ދަށުވެފައި މިހާރު ތިބި މީހުންނަށް އެހީފުޅުވެ ވަޑައިގެންނެވޭނެއެވެ. އެހެނީ ޚުދު އެކަލޭގެފާނު ވެސް ވަނީ ވަސްވާސްތަކަށް ހުށަހެޅި، އެކަމުގެ ވޭން އުފުއްލަވަން ޖެހިވަޑައިގެންފައެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in