YouVersion Logo
Search Icon

ޢިބްރާނީންނަށް ސިޓީ 10

10
1މޫސާގެފާނުގެ ޤާނޫނުތަކަކީ އަންނަން އޮތް ހެޔޮކަންތަކުގެ ނަމޫނާއެއް ފަދަ އެއްޗެކެވެ. މިއަކީ އޭގެ ޒާތުގައި އަސްލެއް ފަދަ އެއްޗެއް ނޫނެވެ. އެހެނީ އަހަރަކަށް ފަހު އަހަރަކު އެކުރާ ޤުރުބާނަކުން އަޅުކަން ކުރަން އަންނަ މީސްތަކުން ފުރިހަމަޔަކަށް ސާފުތާހިރެއް ނުކުރެވެއެވެ. 2އެ އަޅުކަން ކުރާ މީހުންގެ ތެރޭން އެމީހުންގެ ފާފަތައް އަބަދަށްޓަކައި ފިލައިފިކަމުގެ ހިތްހަމަޖެހުން ލިބިފައިވާ ބަޔަކު ތިބިނަމަ އެމީހުންނަށް ކުށްވެރިކަމުގެ އިހުސާސް ކުރެވިގެން އަލުން ޤުރުބާނީ ހުށަހަޅަން ދިއުމުގެ ބޭނުމެއް ނެތެވެ. 3‏-4ގެރިބަކަރީގެ ލެޔަކުން ފާފަތަކެއް ނުފިލުވޭނެއެވެ. އެކަންތަކުގެ ސަބަބުން ކޮންމެ އަހަރަކު އެމީހުންގެ ފާފަތަކުގެ މަތިން ހަނދާން އާކޮށްދިނުން ނޫންކަމެއް ނުވެއެވެ.
5މި ސަބަބަށްޓަކައި އީސާގެފާނު ދުނިޔެއަށް ވަޑައިގެން މާތްރަސްކަލާނގެއަށް ދެންނެވިއެވެ.
”⁠އިނބަރަސްކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވަނީ ޖަނަވާރުތަކުގެ ޤުރުބާނީތަކާއި ވެދުންތަކެއް ނޫނެއް ނޫންތޯއެވެ؟
އެކަމަށްޓަކައި އިނބަރަސްރަކަލާނގެ މިއަޅާއަށް މިވަނީ ހަށިގަނޑެއް ދެއްވާފަ ނޫންތޯއެވެ؟
6ފާފައިގެ ކައްފާރާއެއްގެ ގޮތުން ކުރެވޭ ޤުރުބާނީތަކާއި އަންދައިގެން ކުރެވޭ ޤުރުބާނީތަކަކާ މެދު ވެސް އިނބަރަސްކަލާނގެ ރުހިވޮޑިގެންނެއް ނުވެއެއް ނޫންތޯއެވެ؟⁠“
7އަދިވެސް އެކަލޭގެފާނު ދެންނެވިއެވެ. ”⁠މިއަޅާގެ ރަސްކަލާނކޯއެވެ! މިއަޅާ އައިސް މިހިރީ
އިނބަރަސްކަލާނގެ ރުހިވޮޑިގެންނަވާ ކަންތައް ކުރުމަށެވެ.
އެއީ ފަތްފުށްތަކުގައި ލިޔެވިފައިވާ ފަދައިން ވެސް މެއެވެ.⁠“
8އީސާގެފާނު ފުރަތަމަ ވިދާޅުވީ މިހެންނެވެ. ”⁠ފާފައިގެ ކައްފާރާއެއްގެ ގޮތުން ކުރެވޭ ޤުރުބާނީތަކާއި، ޖަނަވާރުތައް ކަތިލައިގެންނާއި އަންދައިގެންނާއި އަދި އެނޫންވެސް ގޮތްގޮތުން ކުރެވޭ އެފަދަ ޤުރުބާނީތަކަށް، އިނބަރަސްކަލާނގެ ބޭނުންފުޅުވެ އެކަމާ ރުހިވޮޑިގެންނެއް ނުވަމުއެވެ.⁠“ އެކަލޭގެފާނު މިހެން ވިދާޅުވީ މިހުރިހާ ކަންތައް އަމުރުކުރެވިފައިވާ ގޮތަށް ކަންވެ ނިމިފައިވާ ހިނދުގައި ވެސްމެއެވެ.
9ދެން އެކަލޭގެފާނު ވިދާޅުވީ މިހެންނެވެ. ”⁠މިއަޅާގެ ރަސްކަލާނކޯއެވެ! މިއަޅާ އައިސް މިހިރީ އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންތައް ކުރުމަށެވެ.⁠“ މިހެންކަމުން ކުރީގައިއޮތް ގަވާއިދުތަކާއި ޤާނޫނުތައް ބާތިލު ކުރައްވައި އޭރު ކުރަމުން އައި ޤުރުބާނީތަކުގެ ބަދަލުގައި އީސާގެފާނުގެ ހަށިކޮޅު ޤުރުބާން ކުރައްވާ ގޮތަށް މާތްރަސްކަލާނގެ ހަމަ ޖެއްސެވީއެވެ.
10އީސާގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގެންނެވި ފަދައިން ކަންތައް ކުރެއްވުމުގެ ސަބަބުން އަހަރެމެން އެންމެން މިވަނީ ސާފުވެ މުޤައްދަސް ވެފައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅު އެންމެ ފަހަރަކު ޤުރުބާން ކުރެއްވުމުން އިތުރު ޤުރުބާނީއެއް ވެދުން ކުރަން ނުޖެހޭނެތީއެވެ.
11އިމާމުން ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް އެމީހުންގެ މަސައްކަތް ދުވަހުން ދުވަހަށް ކުރަމުން ދެއެވެ. އެކަމަކު އެމީހުން ޤުރުބާންކޮށް ތާއަބަދު އެތައް ފަހަރަކު އެކުރާހާ ޤުރުބާންތަކަކުން މީސްތަކުންގެ ފާފަތަކެއް ފޮހެވިގެންނެއް ނުދެއެވެ. 12އެކަމަކު އަހަރެމެންގެ އުއްތަމަ އިމާމު ވެވަޑައިގެންނެވި ޤުރުބާނީއަކީ ހުރިހާ އިރަކަށް ފުދޭވަރުގެ ޤުރުބާނީއެކެވެ. އޭގެ ފަހުން އެކަލޭގެފާނު އިށީނދެވަޑައިގެން އެ އިންނެވީ މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ. 13މިއަދު އެކަލޭގެފާނު އެ އިންތިޒާރު ކުރައްވަނީ އެކަލޭގެފާނުގެ އަދާވާތްތެރިންތައް ނިކަމެތިކުރައްވައި އެކަލޭގެފާނުގެ ފައިންޕުޅު ލައްވާ ކުޑަގޮނޑިއެއްގެ ފަދައިން މާތްރަސްކަލާނގެ އެމީހުން ލައްވަވާވާނެ ދުވަހަކަށެވެ.
14މި ކުރެވުނު ހަމައެކަނި ޤުރުބާނީގެ ސަބަބުން އެކަލޭގެފާނު ވަނީ މުޤައްދަސް ކުރެވުނު އެންމެހާ މީސްތަކުންގެ ކުށްފާފަތައް އެންމެ ފުރިހަމަގޮތުގައި ދާއިމަށް ފުއްސަވައި ތާހިރު ކުރައްވާ ފައެވެ.
15މާތްރޫޙުފުޅު ވެސް މިކަމާ ހެކިވެ މިހެން އަންގަވާފައިވެއެވެ. ފުރަތަމަ އެރޫޙުފުޅު އެންގެވީ މިފަދައިންނެވެ.
16”⁠ވަގުތު ޖެހުމުން ތިމަންކަލާނގެ އެމީހުންނާ އެކު ޢަހުދުނާމާއެއް ގާއިމުކުރައްވައި،
އެމީހުންގެ ސިކުނޑިތަކާއި ހިތުގައި ތިމަންކަލާނގެ އަމުރުފުޅުތައް ލިޔެ ދެއްވާނަން.⁠“
17ދެން ވަހީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ އެމީހުންގެ ފާފަތައް ހަނދުމަފުޅު ނައްތަވާލައްވާނަން.
އެމީހުން ކުރި ނުބައިކަންތަކުގެ މަތިން ތިމަންކަލާނގެ ހަނދުމަފުޅެއް ނުބަހައްޓަވާނަން.⁠“#އިރުމިޔާ 31‏:33‏-34
18ފާފަތައް އަފޫކުރެވުމުން އަލުން ޤުރުބާނީއެއް ހުށަހެޅުމުގެ ބޭނުމެއް ނެތެވެ.
މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ދަމާހިނގާ
19އަޚުންނާއި އުޚުތުންނޭވެ! އީސާގެފާނުގެ ލޭފޮދުގެ ސަބަބުން އަހަރެމެންނަށް އެންމެ މުޤައްދަސް މަޤާމުފުޅަށް މިއަދު ވެސް ބިރެއްނެތި ވާސިލުވެވޭނެ ކަމުގެ ހިތްވަރު ލިބިފައިވެއެވެ. 20އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ހަށިކޮޅުގެ، ފަރުދާގެ#10‏:20 ފަރުދާ މި ފަރުދާ އިޝާރާތް ކުރަނީ އެންމެ މުޤައްދަސް މަގާމުފުޅުގައި ހުރި ފަރުދާއަށެވެ. ތެރެއިން ލައިގެން އާ ޙަޔާތަކާ ދިމާޔަށް ދެވޭނެ ރާސްތާ ހުޅުވިގެން ދިޔައެވެ. އެގޮތުން އެންމެ މުޤައްދަސް މަގާމުފުޅަށް އަހަރެމެންނަށް ދެވޭނެ މަގު ތަނަވަސްވިއެވެ.
21މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް އުއްތަމަ އިމާމެއްގެ ގޮތުގައި މިހާރު ލައްވާފައި ހުންނެވީ ވަރަށް ވެސް މަތިވެރި ބޭކަލެކެވެ. 22އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ. 23އަހަރެމެން މިގަބޫލު ކުރާ ކަމަށް މިބުނާ އެއްޗެއްގައި ނިކަން ބާރަށް ހިފަހައްޓައިގެން އެ އުންމީދު މަތީގައި ތިބެމާ ހިނގާށެވެ. އެހެނީ އަހަރެމެންނަށް މިއުންމީދު ދެއްވަނީ އިތުބާރު ކުރެވޭ ވަފާތެރި ކަލެއް ކަމުންނެވެ. 24އަހަރެމެން އެކަކު އަނެކަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށާއި ލޯބިވުމަށް އެކަކު އަނެކަކަށް ހިތްވަރު ދޭނެ ގޮތްތަކާމެދު ވިސްނަމާ ހިނގާށެވެ.
25މިހާރަކަށް އައިސް ބައެއް މީހުން އަޅުކަމުގެ ބައްދަލުވުންތަކަށް ނާންނަން ފަށައިފިއެވެ. އެކަމަކު އަހަރެމެން އެ ގޮތަށް ހަދައިގެން ނުވާނެއެވެ. އަހަރެމެން އެކަކު އަނެކެއްގެ ހިތްވަރު އާލާކޮށް ދޭންވާނެއެވެ. އެހެނީ އީސާގެފާނު ވަޑައިގަންނަވާ ދުވަސް މިވަނީ ކައިރިވެފައިކަން އަހަރެމެންނަށް އެބަ އެނގެއެވެ.
26ޙަޤީޤަތް އޮޅުން ފިލުމަށް ފަހު އަހަރެމެން ގަސްތުގައި ކުރަމުން މިގެންދާ ފާފައިން ސަލާމަތްވެވޭނެ ފަދަ އެއްވެސް ޤުރުބާނީއެއް ނެތެވެ. 27އެފަދަ އަމަލުތައް ކުރާ މީހުންނަށް އޮތީ އަންނަންއޮތް އަދާލަތާމެދު ބިރުވެތިވެ މާތްރަސްކަލާނގެއާ ދެކޮޅުވެގަތް މީހުން ނައްތަވާލެވޭނެ ގަދަފަދަ އަލިފާނަށް އިންތިޒާރުކޮށްކޮށް ތިބުމެވެ.
28މީހަކު މޫސާގެފާނުގެ އަމުރުފުޅަކާ ޚިލާފުވެއްޖެކަމަށް ދެތިންމީހަކު ހެކިދީފިނަމަ އެއްވެސް ރަޙުމެއްނެތި އެމީހަކު މަރާލަން ޖެހެއެވެ. 29އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟
30މިފަދައިން ވަޙީ ކުރެއްވީ ކޮންފަރާތަކުންކަން އަހަރެމެންނަށް އެނގެއެވެ: ”⁠ތިމަންކަލާނގެ އެކަމުގެ ބަދަލު ހިއްޕަވާނަމެވެ.⁠“ އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާ މެދު އިންސާފު ގާއިމު ކުރައްވާނެއެވެ.⁠“#ދަތުރުނާމާ 32‏:35‏-36؛ ޒަބޫރު 50‏:4؛ ޒަބޫރު 135‏:14
31ދިރި ދެމިވޮޑިގެންވާ ކަލާނގެ ކޯފާއަށް ހުށަހެޅިގަތުމަކީ ބިރުހުރި ކަމެކެވެ.
32ކަލޭމެން އީމާންކަމުގެ ތެރެއަށް ނުވަދެ ތިއްބާ ހިދާޔަތުގެ ނޫރު އަލަށް ލިބުނު ދުވަސްވަރު ކަލޭމެން އުފުލަން ޖެހުނު ދަތިވޭނުގެ މަތިން ފަހަރެއްގައި ވެސް ހަނދާން ނައްތާ ނުލާށެވެ. އޭރު ވެސް ކަލޭމެން އީމާންކަން ދޫކޮށެއް ނުލިއެވެ. 33ބައެއް ފަހަރު އާންމުންގެ ކުރިމަތީގައި ލަދުގަންނަވައި ކަލޭމެންގެ ގައިގައި ތަޅައި އަނިޔާ ކުރަމުން ވެސް ގެންދެވުނެވެ. އަނެއް ބައިފަހަރު ވޭން ލިބޭ މީހުންނާ ބައިވެރިވާން ވެސް ކަލޭމެން ތައްޔާރަށް ތިއްބެވެ. 34އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.
35ކަލޭމެންގެ ހިތުގައި މާތްރަސްކަލާނގެއާ މެދު އޮންނަ އިތުބާރު ގެއްލުވާ ނުލާށެވެ. އެކަމުގެ ޘަވާބު މަތިވެރިވާނެކަން ވެސް ހަނދާނުގައި ބަހައްޓާށެވެ. 36މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަލޭމެންނަށް ކަންތައް ކުރެވެންދެން ކަލޭމެންނަށް ޖެހޭނީ ކެތްތެރިވެ ތިބުމަށެވެ. އޭރުން އެކަލާނގެ ވަޢުދު ކުރެއްވި ކަންތައް ކަލޭމެންނަށް ލިބިގެން ދާނެއެވެ.
37ފަތްފުށްތަކުގައި މިހެން އޮވެއެވެ: ”⁠ވަޑައިގަންނަވާނެ ފަރާތް ވަޑައިގަންނަވާކަށް މާގިނަ ދުވަހެއް ނެތެވެ.#އިޝަޢުޔާ 26‏:20
38ތިމަންކަލާނގެ ޞާލިޙު ކުރައްވާފައިވާ ބަޔަކު ދިރިތިބޭނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެކަމަކު ފުރަގަސްދީ ދާ މީހާއާ މެދު ތިމަންކަލާނގެ ރުހިވޮޑިގެންނެއް ނުވަމެވެ.⁠“#ޙަބައްޤޫޤު 2‏:3‏-4
39އަހަރެމެންނަކީ ފުރަގަސްދީ ގޮސް ގެއްލުމުގެ ތެރެއަށް ހުރަހެޅިގަންނަ މީހުންނެއް ނޫނެވެ. އަހަރެމެން ތިބޭނީ އީމާންކަން މަތީގައެވެ. އެހެންކަމުން އަހަރެމެންނަކީ ސަލާމަތް ކުރައްވާނެ ބައެކެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in