ޢިބްރާނީންނަށް ސިޓީ 11
11
އީމާންތެރިކަމުގެ ފުރިހަމަ މިސާލުތަކެއް
1އަހަރެމެން އުންމީދު ކުރާކަންތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިއްބައި ދެނީ އީމާންތެރިކަމުންނެވެ. އަދި އަހަރެމެންގެ ލޮލަށް ނުފެންނަ ކަންތައް ކަށަވަރު ކޮށްދެނީ ވެސް އެ އީމާންތެރިކަމުންނެވެ. 2އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ ވެސް އެމީހުންގެ ކިބައިގައި ހުރި އީމާންތެރިކަމުގެ ސަބަބުންނެވެ. 3މާތްރަސްކަލާނގެ މި ކާއިނާތު ހެއްދެވީ އެކަލާނގެ އެންގެވި އެންގެވުމަކުން ކަން އެނގެނީ ވެސް އީމާންތެރިކަމުންނެވެ. އަހަރެމެންނަށް ފެންނަ ތަކެތި އުފައްދަވާފައި ވަނީ ނުފެންނަ ތަކެތީންކަން އަހަރެމެންނަށް އެނގެނީ ވެސް މި އީމާންތެރިކަމުގެ ސަބަބުންނެވެ.
4 ހާބީލްއަށް ޤާޔިނަށް ވުރެން ރަނގަޅު ޤުރުބާނީއެއް ވެދުން ކުރެވުނީ އޭނާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު އޮތް އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރި މި ވެދުންތަކުގެ ސަބަބުން އޭނާއަކީ ޞާލިޙު މީހެއްކަމުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ހާބީލް މިހާރު މަރުވެ ގޮސްފައިވީ ނަމަވެސް އޭނާގެ އީމާންތެރިކަން އޭނާގެ މަތިން އަދިވެސް ވާހަކަ ދައްކައެވެ.#ފެށުން 4:4-10
5އިދުރީސްގެފާނު އަވަހާރަވެ ނުދިޔައީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ހަށިގަނޑު ފަހަކުން ނުފެނުނެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގެން އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ.#ފެށުން 5:24 އެކަލޭގެފާނު އުފުއްލެވުމުގެ ކުރީގައި މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގަންނަވާކަން ވަނީ އަންގަވާފައެވެ.
6އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.
7ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ.#ފެށުން 6:13-22
މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.
8އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.#ފެށުން 12:1-5
9އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.#ފެށުން 35:27
10އިބްރާހީމްގެފާނު އެފަދަ ގޮތަކަށް ދިރިއުޅުއްވީ ދާއިމީ ބިންގަލެއްގެ މަތީގައި މާތްރަސްކަލާނގެ ޢިމާރާތް ކުރައްވަން ހަމަޖައްސަވާފައިވާ ރަށް ތައްޔާރުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
11ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.#ފެށުން 18:11-14؛ 21:2 12އެހެނީ އެކަމަނާގެ ފިރިމީހާ ވަނީ ފިރިހެންވަންތަ ކަމުގެ ބާރު ކެނޑިފައެވެ. އެކަމަކު އެކަލޭގެފާނު އެތައް ދަރިކޮޅެއްގެ ބަފައިކަލުން ކަމުގައި އެކަލާނގެ ހެއްދެވިއެވެ. އެ ދަރިކޮޅުގެ ގިނަކަން އުޑުގައިވާ ތަރިތަކާއި ގޮނޑުދޮށުގައިވާހާ ވެއްޔަކާ އެއްފަދަވިއެވެ.#ފެށުން 15:5؛ 22:17؛ 32:12
13މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.
14އެފަދަ އީމާންތެރިކަމެއްގެ މަތީގައި ތިއްބެވި އިރު އެބޭކަލުން ދެކެވަޑައިގަންނަވަން ބޭނުންފުޅުވީ އެބޭކަލުންގެ އަމިއްލަފުޅު ވަޒަނެކެވެ. 15އެބޭކަލުން ބޭނުންފުޅުވީ ކުރީގައި ދިރިއުޅުއްވި ތަން ކަމަށްވީ ނަމަ އެބޭކަލުން އެނބުރި ވަޒަނަށް ވަޑައިގަންނަވަންވީ ނޫންހެއްޔެވެ؟ 16އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ.
އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.
17-18އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ވަޢުދުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ކިބައިން އެކަލޭގެފާނުގެ ދަރިކޮޅު ދެމިގެންދާނެ ކަމަށެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނު ހިނދު އެކަލޭގެފާނުގެ ހަމައެކަނި ދަރިކަލުން އިސްޙާޤުގެފާނު#11:17-18 އިބްރާހީމްގެފާނުގެ އަރިހުގައި އޭރު ހުރި ދަރިކަލުންނަކީ އިސްޙާޤުގެފާނެވެ. އިސްޙާޤުގެފާނަކީ އިބްރާހީމްގެފާނަށް ސާރާގެ ބަނޑުފުޅުން ލިބިވަޑައިގަތް ހަމައެކަނި ދަރިކަލުންނެވެ. ފެށުން މިފޮތުގެ 21 ވަނަ ބާބު ބައްލަވާ. ޤުރުބާން ކުރައްވަން ޖެހިލުންވެ ވަޑައިނުގަތީ އެކަލޭގެފާނުގެ ކިބައިގައިވާ އީމާންތެރިކަމުގެ ސަބަބުންނެވެ.#ފެށުން 22:1-14؛ 21:12 19އެހެނީ މާތްރަސްކަލާނގެއަކީ މަރުވާމީހުން ދިރުއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އެދަރިކަލުން އެކަލާނގެ ދިރުއްވާފާނެ ކަމަށް އެކަލޭގެފާނަށް ގަބޫލުފުޅު ކުރެއްވުނެވެ. އެއްގޮތަކަށް ބަލާއިރު އިސްޙާޤުގެފާނު އެވަނީ މަރުވުމަށް ފަހު ދިރިފައެވެ.
20އިސްޙާޤުގެފާނުގެ ކިބަފުޅުގައި ވެސް އީމާންތެރިކަން ހުއްޓެވެ. އެކަލޭގެފާނު ޔަޢުޤޫބުގެފާނާއި ޢީސޫގެ މުސްތަގުބަލަށް ބަރަކާތްލެއްވީ އެހެންވީމައެވެ.#ފެށުން 27:27-29،39،40 21ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ދެ ދަރިކަލުންނަށް ބަރަކާތްލައްވައި ދެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ މަތިވެރިކަމުންނެވެ. އެކަލޭގެފާނު އަވަހާރަވާން ކައިރިވީހިނދު އަސާކޮޅުގެ މައްޗަށް ބުރަވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ.#ފެށުން 48:1-20
22ޔޫސުފުގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުން މާތްރަސްކަލާނގެ މިޞްރުން އިސްރާއީލީން ނެރުއްވާނެ ވާހަކަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރީގައި ޔަޤީންކަމާއެކު ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ކަށިކޮޅުތައް އެމީހުންނާއެކު ގެންދިއުމަށް ވެސް ވަނީ ވިދާޅުވެފައެވެ.#ފެށުން 50:24-25
23މޫސާގެފާނުގެ މައިންބަފައިންގެ ހުރި އީމާންކަމުގެ ސަބަބުން އެކަލޭގެފާނު އުފަންވުމަށް ފަހު ތިން މަސް ވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުއްޖާގެ ރީތިކަން ފެނި ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމަކަށް އެ މައިންބަފައިން ޖެހިލުމެއް ނުވިއެވެ.#ނެރުއްވުން 1:22؛ 2:2
24މޫސާގެފާނު ބޮޑުފުޅުވުމުން ރަސްގެފާނުގެ ދަރިކަނބަލުންގެ ދަރިކަލެއްގެ ގޮތުގައި ހުންނެވުމަށް އިޢުތިރާޒް ކުރެއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުންނެވެ.#ނެރުއްވުން 2:10-11 25އެހެންނޫންނަމަ ފާފައިގެ ވަގުތީ އުފާ ހޯދުމުގައި ދުވަސްތައް ހޭދަ ކުރެއްވުމުގެ ބަދަލުގައި، މާތްރަސްކަލާނގެ މީހުންނާއެކު ދަތިހާލުގައި އުޅުއްވުމަށް އެކަލޭގެފާނު ޚިޔާރު ނުކުރެއްވީހެވެ. 26އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.
27މިޞްރުން މޫސާގެފާނު ނިކުމެވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުންނެވެ.#ނެރުއްވުން 12:37؛ 13:17-18 ރަސްގެފާނުގެ ކޯފާއަކަށް އެކަލޭގެފާނު ނުބެއްލެވިއެވެ.#ނެރުއްވުން 10:28-29 ފެންނަން ނެތް ކަލަކު ހަމަލޮލަށް ފެންނަ ފަދައަކުން އެކަލޭގެފާނު ފަސްއެނބުރި ބައްލަވައެއް ނުލެއްވިއެވެ. 28އެކަލޭގެފާނުގެ އީމާންތެރިކަމުން، ފަހަނަޅައި ދިއުމުގެ ޢީދު ގާއިމުކުރައްވައި ގޭގޭގެ ދޮރުތަކަށް ލޭ ބުރުއްވިއެވެ. އެއީ އެހެން ހެދުމުން މަރުގެ މަލާއިކަތާ އިސްރާއީލީންގެ ދޮށީ ދަރިފުޅު ނުމަރުއްވާނެ ކަން ޔަޤީންވާތީއެވެ.#ނެރުއްވުން 12:21-30
29އިސްރާއީލީންނަށް ހިކިފަސް ބިމުގައި ދަތުރުކުރާނެ ފަދައިން ރަތްކަނޑު ހުރަސްކޮށް ދެވުނީ ވެސް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. މިޞްރު މީހުން އެތަން ހުރަސްކުރަން އުޅުމުން އެމީހުން ކަނޑަށް ޣަރަގުވެދިޔައީއެވެ.#ނެރުއްވުން 14:21-30
30އެހެނީ މާތްރަސްކަލާނގެ މީހުންގެ ކިބައިގައި އޭރު އީމާންތެރިކަން ހުއްޓެވެ. އެމީހުން ޖެރިކޯ ސަހަރުގެ ވަށައިގެން ހަތްދުވަސްވަންދެން ހިނގިތަނާ އެސަހަރުގެ ފާރުތައް ވެއްޓުނެވެ.#ޔަޝޫޢު 6:15-20
31ރާޙާބަކީ ކަސްބީ އަންހެނެކެވެ. ވިޔަސް އޭނާ ޖާސޫސުންނަށް ހިމާޔަތް ދިނީ އޭނާގެ އީމާންތެރިކަމުންނެވެ. އެހެންކަމުން އެރަށުގައި ތިބި ކާފަރުންނާއެކުގައި އޭނާ ނައްތައެއް ނުލެވުނެވެ.#11:31 މާތްރަސްކަލާނގެ ވަނީ ކަންޢާނުގެ ބިން ޔަޢުޤޫބުގެފާނުގެ ދަރިކޮޅަށް ދެއްވުމަށް ވަޢުދުވެ ވޮޑިގެންފައެވެ. އެބިން އިސްރާއީލުން ހިފުމުގެ ކުރީގައި އެރަށަށް އެމީހުން ޖާސޫސުން ފޮނުއްވިއެވެ. ރާހާބަކީ ކަންޢާނުގެ މީހެކެވެ. އޭނާ އެ ޖާސޫސުންނަށް ރައްކާތެރިކަން ދިނެވެ. އެހެނީ އޭނާ ވަނީ މާތްރަސްކަލާނގެއަށް އީމާންތެރިކަންމަތީގައެވެ.#ޔަޝޫޢު 2:1،8-13
32މިހެންގޮސް ދައްކާފަ ނުދައްކަންވީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ ޖަދްއޫނާއި#ފަނޑިޔާރުން 6:11 ބާރާގުއާއި#ފަނޑިޔާރުން 4:6 ޝަމްޝޫންއާއި#ފަނޑިޔާރުން 13:24 ޔަފްތާހު#ފަނޑިޔާރުން 11:1 އާއި ދާއޫދުގެފާނާއި#1 ޞަމޫއީލް 16:1،13 ޞަމޫއީލްއާއި#1 ޞަމޫއީލް 1:20 އަދި އެހެނިހެން ނަބީބޭކަލުންގެ ވާހަކަ ވެސް ދައްކާ ކޮޅަކުން ނުލާނެއެވެ. 33މި މީހުންގެ އީމާންތެރިކަމުގެ ސަބަބުން އެތައް ރަސްކަމެއް ވައްޓާލައި ފަތަޙަ ހޯދާފައިވެއެވެ. އަދި އެ ރަށްރަށުގައި އަދުލު އިންސާފު ގާއިމު ކުރިއެވެ. އަދި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައްތައް ވެސް އެމީހުން ލިބިގަތެވެ. އެމީހުން ވަނީ ސިންގާތަކުގެ އަނގަތައް ލައްޕުވައިފިއެވެ.#ފަނޑިޔާރުން 7:21؛ 1 ޞަމޫއީލް 17:35؛ ދާނިޔާލް 6:22 34އެމީހުން ގަދަފަދަ އަލިފާންގަނޑުތައް ނިއްވައި،#ދާނިޔާލް 3:25 ދުޝްމިނުންގެ ކަނޑިތަކުން ވެސް ސަލާމަތްވިއެވެ. އެމީހުންނީ ކިތަންމެ ބަލިކަށި ބައެއް ކަމުގައިވި ނަމަވެސް ބޭރުން އަރައިގެން އައި އަދާވާތްތެރިން ފައްސާލާނެ ގަދަފަދަބާރު އެމީހުންނަށް މާތްރަސްކަލާނގެ ދެއްވިއެވެ.#ފަނޑިޔާރުން 7:21؛ 1 ޞަމޫއީލް 17:51؛ 2 ޞަމޫއީލް 12:29
35ބައެއް އަންހެނުން ގާތަށް އެމީހުންގެ މަރުވެގޮސްފައިވާ ތިމާގެ މީހުން ދިރިގެން އެނބުރި އައެވެ.#1 ރަސްމަތިފުށް 17:22؛ 2 ރަސްމަތިފުށް 4:35 އެތައްބަޔަކަށް ޖަލުތަކުގައި އަނިޔާ ދެވުނެވެ. އެކަމަކު އެމީހުން މިނިވަންވާން އިންކާރު ކުރިއެވެ. އެމީހުން ޚިޔާރު ކުރީ އަލުން ދިރިގެން ލިބޭނެ މާރަނގަޅު ޙަޔާތެކެވެ.
36އަނެއް ބަޔަކަށް މަލާމާތް ރައްދު ކުރެވި ހަންމުށިތަކުން ތެޅެވި އަނެއް ބަޔަކު ޗޭނުޖެހި ހުރަގެތަކަށް ގެންދެވުނެވެ.#ފެށުން 39:20؛ އިރުމިޔާ 20:2؛ 37:15 37އަނެއް ބަޔަކު ގަލުން ތަޅައި މެރުނެވެ.#1 ރަސްމަތިފުށް 21:13 އަނެއްބަޔަކު ދެފަޅިއަށް ކީހާ ލެވުނެވެ. އަދި އަނެއް ބަޔަކު ކަނޑިތަކުން ގަތުލު ކުރެވުނެވެ.#1 ރަސްމަތިފުށް 19:10؛ އިރުމިޔާ 26:23 އަނެއްބަޔަކަށް ކެހެރި ހަންކޮޅެއް ނޫނީ އުނުއޮރިޔާން ނިވާކޮށްލާނެ ފަދައެއް ނުވެއެވެ. އެމީހުން ތިބީ ފަޤީރުހާލުގައެވެ. ވޭނާއި އަނިޔާގެ ތެރޭގައެވެ.#2 ރަސްމަތިފުށް 1:8 38މިދުނިޔެ އެމީހުންނާ އެކަށީގެންވާހާ ރަނގަޅެއް ނުވިއެވެ. އެމީހުން މިދުނިޔޭގައި އުޅުނީ ރެފިއުޖީންގެ ގޮތުގައެވެ. ސަހަރާއާއި ފަރުބަދަތަކުގެ ހޮހަޅަތަކުގައިއާއި ބިމުގައި ހުރި ވަޅުތަކުގައެވެ.#1 ޞަމޫއީލް 22:1؛ 1 ރަސްމަތިފުށް 18:4؛ 19:9 39މިއެންމެންނަށް ވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަމަކު އެމީހުން މަރުވެ ދިޔައީ މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ތަކެތި ނުލިބިއެވެ.
40މިހެން އެވީ މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވަން މާރަނގަޅު ތަކެތި ރައްކާ ކުރައްވާފައިވާތީއެވެ. އެކަލާނގެ އެބޭކަލުންގެ އީމާންކަމުގެ ލަނޑުދަނޑި އަހަރެމެންނާ ނުލައި ފުރިހަމަ ކުރެއްވުމަށް އެދިވޮޑިނުގަންނަވާތީއެވެ.
Currently Selected:
ޢިބްރާނީންނަށް ސިޓީ 11: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.