ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4
4
1މިސާލަކަށް ބައްޕައަކު އޭނާ ނިޔާވުމަށް ފަހު ގިނަ އަދަދެއްގެ ތަރިކަމުދަލެއް ދަރިއެއްގެ މައްޗަށް ދޫކޮށްފައި ދިޔަނަމަވެސް އެކުއްޖަކު ބޮޑުވެ ތަސައްރަފު ފުދެންދެން އެކުއްޖާއާއި، އަޅަކާއިމެދު، މާކަ ބޮޑު ތަފާތެއް ނުވެއެވެ. 2ކުއްޖާ ބޮޑުވެ ތަސައްރަފު ފުދެންދެން އެކުއްޖާގެ ކަންތައް ބަލަހައްޓަން ބައްޕަ ހަވާލުކޮށްފައިވާ ބަޔަކު ތިބެއެވެ. 3އީސާގެފާނު ވަޑައިގަންނަވަންދެން އަހަރެމެންގެ ކަންތައް ހުރީ ވެސް ހަމަ އެފަދައިންނެވެ. އަހަރެމެން ވެސް ތިބީ ދުނިޔޭގެ މައްޗަށް އަމުރު ހިންގަމުން ދިޔަ ނުބައި ރޫޙުތަކުގެ ބާރުގެ ދަށުގައިވާ އަޅުންތަކެއްގެ ގޮތުގައެވެ.
4އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ. 5މާތްރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީ، އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި އަހަރެމެން އަޅުވެތިވެފައި ވަނިކޮށް، އަގުދައްކަވައި އަހަރެމެން މިނިވަން ކުރެއްވުމަށެވެ. އެއީ އެގޮތުން އަހަރެމެން އެކަލާނގެ ދަރިންކަމުގައި ހެއްދެވުމަށެވެ. 6ކަލޭމެންނަކީ އެކަލާނގެ ދަރިންކަން ހާމަކުރުމުގެ ގޮތުން އެކަލާނގެ ދަރިކަލުންގެ ރޫޙުފުޅު ކަލޭމެންގެ ހިތުތެރޭގައި ލެއްވިއެވެ. އަދި އެކަލޭގެފާނުގެ ރޫޙުފުޅުކަލޭމެންނަށް އަންގައިދީ ދައްކައިދެނީ އެކަލާނގެއީ ކަލޭމެންގެ ބައްޕާފުޅު ކަމެވެ. 7ވީމާ މިހާރު ކަލޭމެން ތިޔައީ އަޅުންނެއް ނޫނެވެ. ކަލޭމެން ތިޔައީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ކަލޭމެން ތިޔައީ މާތްރަސްކަލާނގެ ދަރިންކަމުގައިވާ ހިނދު އެކަލާނގެ ދެއްވުމަށް ވަޢުދުފުޅު ކުރައްވާފައިވާ ރަޙުމަތްފުޅު ކަލޭމެންނަށް ލިބޭނެއެވެ.
ޕައުލް ގަލާތިޔާގެ މީހުންނާއިމެދު ނުރުހުންވި
8ކުރިން ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގޭއިރު ކަލޭމެން ތިބީ އެތައްބައިވަރު ދޮގުކަލުން ތަކެއްގެ ދަށުގައި އަޅުވެތިވެފައެވެ. 9ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟ 10ޚާއްސަ ދުވަސްތަކާއި، މަސްމަހާއި، މޫސުންތަކާއި އަދި އަހަރުތައް ފާހަގަ ކުރަން ކުރާ އަޅުކަންތަކުން މާތްރަސްކަލާނގެ ރުއްސެވުން ހޯދަން ކަލޭމެން މިހާރު ވެސް އުޅެއެވެ. 11ކަލޭމެން ކުރަމުން ތިޔަދާ އަމަލުތަކާހެދި އަހަރެން ކަލޭމެންނާއި މެދު ވަރަށް ދެރަވެ ހިތާމަކުރަމެވެ. ކަލޭމެންނަށްޓަކައި އަހަރެން ކުރި ހުރިހާ މަސައްކަތް މިދިޔައީ ފަނުފުލުން ބާއެވެ.
12އަހަރެން ކަލޭމެންގެ މެދުގައި ދިރިއުޅުނީ ބަނީއިސްރާއީލު މީހަކު ފަދައަކުންނެއް ނޫނެވެ. ވީމާ ކަލޭމެން ވެސް އަހަރެން މި ހުރި ފަދައިން ތިބޭށެވެ. ކަލޭމެން އަހަރެންނަށް ދުވަހަކު ވެސް ދެރަކޮށް ހިތާފައެއް ނެތެވެ. 13ހަނދާންވޭހެވެ. ފުރަތަމަ އަހަރެންނަށް ކަލޭމެންގެ ގާތަށް ހެޔޮޚަބަރުފުޅު ގެނެވުނީ އަހަރެން ވަރަށް ބަލިވެ އުޅުނީތީއެވެ. 14އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ. 15އޭރު ކަލޭމެންގެ ތެރޭގައި އުފާވެރިކަން އޮތެވެ. އެއުފާވެރިކަން މިހާރު ކޮބައި ހެއްޔެވެ؟ އަހަރެންނަށް ޔަޤީނެވެ. އޭރު ކަލޭމެންގެ އަމިއްލަ ލޯ ވެސް ނަގާފައި އަހަރެންނަށް ދޭކަށް ކަލޭމެން ފަހަކަށް ނުޖެހުނީހެވެ. 16އަހަރެން ކަލޭމެންގާތު ތެދު ބުނާތީ މިހާރު ކަލޭމެން ދެކެނީ އަހަރެން މީ ކަލޭމެންގެ ދުޝްމިނެއް ކަމުގައެވެ.
17އެދޮގުވެރިން ކަލޭމެންގެ ރުހުން ހޯދަން އެހާބޮޑު ޝައުޤުވެރިކަމެއް އެވަނީ އެމީހުންގެ އަމިއްލަ އެދުމެއް އޮތީމައެވެ. އެމީހުން އެއްގޮތަކަށް ވެސް ކަލޭމެންނަކަށް ރަނގަޅެއް ވާކަށެއް ނޭދެއެވެ. އެމީހުންގެ މަގުސަދަކީ ކަލޭމެން އަހަރެންނާއި ދުރުކުރުމެވެ. އެއީ ކަލޭމެން ލައްވާ އެމީހުން ނޫން ބަޔަކު ބުނާ ބަހެއް ގަބޫލު ކުރުވިޔަ ނުދިނުމަށެވެ. 18ހެޔޮކަމެއް ކުރުމުގެ ޝައުގުވެރިކަން އޮތުން އެއީ ކިތަންމެހާ ވެސް ރަނގަޅުކަމެކެވެ. ހުރިހާއިރަކު ވެސް އެ ގޮތަށް ކަންތައް ކުރުން އެއީ ރަނގަޅުކަމެއް ވީމައެވެ. އެއީ އަހަރެން ކަލޭމެންގެ ގާތު ހުއްޓަސް ނެތަސް ވެހެވެ. 19މަގޭ ދަރިންނޭވެ! އީސާ އަލްމަސީޙު ގެ ކިބައިގައިވާ ސިފަތައް ކަލޭމެންގެ ކިބައިގައި އަށަގަތުމަށް ދާންދެން އަންހެނަކު ވިހެއުމަށް އަޅާފަދަ ބޮޑުވޭނެއް އަހަރެންގެ ހިތުގައި ކަލޭމެންނަށްޓަކައި އެބައަޅައެވެ. 20އަޅެ އަހަރެންނަށް ކަލޭމެންގެ ގާތުގައި މިވަގުތު ހުރެވޭނެ ނަމައެވެ. އޭރުން އަހަރެން ކަލޭމެންނާއި މެދު މިފަދަ ހަރުކަށިގޮތަކަށް ވާހަކަ ނުދައްކައި ކަންތައް ކުރެވުނީހެވެ. ނަމަވެސް މިހާ ދުރުގައި އަހަރެން ހުންނަ އިރު ހެދޭނެ އެހެން ގޮތެއް ނެތީމައެވެ.
ހާޖަރާއި ސާރާގެ މިސާލު
21ކަލޭމެންގެ ތެރެއިން ބަޔަކު އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި ވުމަށް އަދިވެސް އެދެއެވެ. ބުނެބަލާށެވެ. އެ އަމުރުފުޅުތަކުގައި ވަނީ ކީކޭކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ 22ލިޔެވިގެންވެއެވެ. އިބްރާހީމްގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެން އެއްދަރިކަލެއްގެ މަންމައަކީ އެކަލޭގެފާނުގެ އަޅެކެވެ.#ފެށުން 16—18 އަދި އަނެއް ދަރިކަލުންގެ މަންމައަކީ މިނިވަނެކެވެ.#ފެށުން 21 23އަޅު އަންހެން މީހާއަށް ލިބުނު ދަރިކަލުންނަކީ އިންސާނީ އަމިއްލަ ނިންމެވުމެއްގެ މަތިން އުފަންވި ދަރިކަލެކެވެ. ނަމަވެސް އަނެއް ދަރިކަލުންނަކީ އެކަލޭގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅެއްގެ ސަބަބުން އުފަންވި ދަރިކަލެކެވެ.
24މިދެ އަންހެނުންނަކީ މާތްރަސްކަލާނގެ ކުރެއްވި ދެ އިޤުރާރުފުޅު ފަދަ މިސާލެކެވެ. އަޅު އަނބި ހާޖަރުގެ މިސާލަކީ އަރަބިކަރައިގެ ޠޫރުސީނާ ފަރުބަދައެވެ. އެއީ ބަނީއިސްރާއީލު މީހުން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވީ އެފަރުބަދައިގައެވެ. 25އަދި ޖެރޫސަލަމް މިހާރުވަނީ ޠޫރުސީނާ ފަދައިންނެވެ. އެއީ އެރަށާއި އެރަށުގެ ހުރިހާ ދަރިން އެވަނީ އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވެފައެވެ. 26ނަމަވެސް މިނިވަނެއްގެ ގޮތުގައިވި އަނބި ސާރާގެ މިސާލަކީ ސުވަރުގޭގައި ވާފަދަ ޖެރޫސަލަމެވެ. އަދި އެއީ އަހަރެމެން އީސާގެފާނަށް އީމާންވެތިބި އެންމެންގެ މަންމައެވެ. 27ރަސޫލު ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅު މިފަދައިން ލިޔުއްވިއެވެ.
”ދުވަހަކު ދަރިއަކު ލިބިފައިނުވާ މީހާ މިހާރު އުފާކުރާށޭ،
ދުވަހަކު ނުވިހާ މީހާ މިހާރު އުފަލުން ހަޅޭއްލަވާށޭ،
ދުވަހަކު ވެސް ދަރިއަކު ލިބިފައި ނުވާ، އެކަނިވެރި އަންހެނާއަށް،
އެތައް ދުވަހަކު، މީހަކާއި އިނދެގެން އުޅުނު އަންހެނަކަށް ވުރެ
ގިނަ ދަރިން ލިބޭނެއޭ.“
28މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިސްޙާޤުގެފާނު ފަދައިން ކަލޭމެން ވެސް ތިޔައީ ހަމަ އެކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިންނެވެ. 29އަޅު އަންހެނަކަށް އިންސާނީ ހަމަތަކުން އުފަންވި ދަރިކަލުން، މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިކަލުންނާ ދެކޮޅުވެ އަނިޔާވެރިވިއެވެ. ހަމަ އެފަދައިން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައިވާ މީހުން، އަހަރެމެން މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުމުގެ ސަބަބުން އުފަންވެފައިވާ މީހުންނާއި ވެސް، ދެކޮޅުވެރިވެ އަނިޔާވެރިވެއެވެ. 30ނަމަވެސް މިކަންތަކާ މެދު މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީކޭހެއްޔެވެ؟ ލިޔެވިގެންވެއެވެ. ”އަޅު އަނބި މީހާއާއި އޭނާގެ ދަރި ފޮނުވާލާށެވެ. އެއީ އޭނަޔަށް ތަރިކަމުދަލުގެ އެއްވެސް ބަޔެއް ނުވާތީއެވެ. އެހުރިހާ އެއްޗެއް ވެސް ލިބޭނީ މިނިވަން އަނބިމީހާގެ ދަރިއަށެވެ.“ 31ވީމާ ލޮބުވެތި އަޚުންނާއި އުޚުތުންނޭ އަހަރެމެންނަކީ އަޅެއްގެ ކިބައިން އުފަންވެފައިވާ ދަރިންނެއް ނޫނެވެ. އަހަރެމެންނަކީ މިނިވަން އަންހެނެއްގެ ދަރިންނެވެ.
Currently Selected:
ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.