YouVersion Logo
Search Icon

ނެރުއްވުން 11

11
ދޮށީ ދަރިފުޅު މަރުވުން
1ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަދި އެއް މުސީބާތް މިޞްރުގެ ރަސްގެފާނާއި އޭނާގެ މީހުންގެ މައްޗަށް ފޮނުވާނަން. އޭރުން ކަލޭމެންގެ މީހުން ދިއުމަށް ފިރުޢައުނު ހުއްދަ ދޭނެ. އޭނާ ކަލޭމެން އެންމެން ފޮނުވާލާނީ ގަދަކަމުން. 2އިސްރާއީލީންގެ ފިރިހެނުންނާއި އަންހެނުންގެ ގާތު ބުނޭ އެމީހުންގެ އަވަށްޓެރި މިޞްރު މީހުން އަތުން ރަނާއި ރިހީގެ ތަކެއްޗަށް އެދޭށޭ.⁠“
3މިޞްރު މީހުން އިސްރާއީލީންގެ މީހުންނާ މެދު ޤަދަރު ކުރާނެ ގޮތް މާތްރަސްކަލާނގެ އެމީހުންގެ ހިތްތަކުގައި ލެއްވިއެވެ. އަދި މީގެ އިތުރުން މޫސާގެފާނަކީ ފިރުޢައުނުގެ ވަޒީރުންނާއި އެހެނިހެން މީހުންގެ ކުރިމަތީގައި ނިހާޔަތަށް ޤަދަރު އުފުލިގެންވާ ބޭކަލެއް ކަމުގައި ވެސް ވެއްޖެއެވެ.
4މޫސާގެފާނު ފިރުޢައުނަށް އެންގެވިއެވެ. ”⁠މާތްރަސްކަލާނގެ ވަޙީ ކުރެއްވީ މިހެންނެވެ: ’⁠މެންދަމު ވަގުތު ތިމަންކަލާނގެ މިޞްރު ތެރެއިން ލާފައި ދަތުރު ކުރައްވާނަމޭ. 5އަދި މިޞްރުގެ ކޮންމެ އާއިލާއެއްގައި ހުރި އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ފުރާނަ ގެންދަވާނަމޭ. ރަސްގެފާނުގެ ވާރިސަކަށް ވާނެ ދަރިފުޅާއި ގޮދަން މުގުރާ އަޅު އަންހެނާގެ ދަރިޔާ ދެމެދުގެ ހުރިހާ ދަރިން މީގެ ތެރޭގައި ހިމެނޭނެޔޭ. ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި ވެސް މަރުވާނެޔޭ. 6މުޅި މިޞްރުގައި އެއް އަޑަކަށް އިވިގެންދާނީ މީސްމީހުން އަޑުން އަޑުނަގާ ރޯ އަޑޭ. މިފަދަ ރުއިމެއްގެ އަޑު މީގެ ކުރީގައި ދުވަހަކު ވެސް އިވިފައެއް ނުވާނެޔޭ. އަދި ނުވެސް އިވޭނެޔޭ. 7އެކަމަކު ބަނީއިސްރާއީލުންނާ ދިމާއަށް ކުއްތާއެއް ރޮއިލާ އަޑު ވެސް ނީވޭނެޔޭ. އެހާ ވެސް އަމާން ވާނެޔޭ.⁠‘ އޭރުން ކަލޭމެންނަށް އެނގޭނެޔޭ މާތްރަސްކަލާނގެ އިސްރާއީލީންނާއި މިޞްރު މީހުންނާ ދެމެދު ތަފާތު ކުރައްވާކަން. 8މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’⁠މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުން ވެސް ގެންދާށޭ.⁠‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!⁠“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.
9އޭގެ ކުރީގައި މާތްރަސްކަލާނގެ ވަނީ މޫސާގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ. ”⁠ފިރުޢައުނު ކަލޭ ބުނާ އެއްޗެއް އަޑެއް ނާހާނެ. އަހަރެން މިޞްރުގެ ބިމުގައި ވަރުގަދަ މުޢުޖިޒާތްތަކެއް ދައްކާނަން.⁠“
10މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in