YouVersion Logo
Search Icon

ނެރުއްވުން 10

10
ގޮއްފުޅަނގި ސޫފީގެ މުސީބާތް
1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ. 2އަހަރެން މި މުޢުޖިޒާތްތައް މި ދައްކަނީ ކަލޭގެ ދަރިންނާއި ކަލޭގެ ކާފަ ދަރިންނަށް ތިމަންކަލާނގެ ކުޅަދުންވަންތަ ޢަލާމާތްތަކުގެ ވާހަކަ ބުނެ ދެވޭނެ ގޮތް ވުމަށާއި މިޞްރުގެ މީހުން މޮޔަ ހެއްދުމުގެ ގޮތުން ވެސް މެ. މިގޮތުން ކަލޭމެން އެންމެންނަށް ފެނިގެންދާނެ މާތްރަސްކަލާނގެއަކީ އަހަރެންކަން.⁠“
3ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ. 4މިފަހަރު ކަލޭމެން އިންކާރު ކޮށްފިނަމަ މާދަމައިން ފެށިގެން ކަލޭމެންގެ މައްޗަށް ގޮއްފުޅަނގީގެ މުސީބާތެއް ފޮނުއްވާނަމޭ. 5އެއެއްޗެހި އައިސް މުޅި ބިމަށް ފެތުރިގަތުމުން ކަލޭމެންނަށް ބިން ވެސް ނުފެންނާނެޔޭ. އަދި ގަނޑުފެނުގެ ތޫފާނަށް ފަހު ސަލާމަތްވި ހުރިހާ ގޮވާމަކާއި ދަނޑުގައި ހުރިއްޔާ ހުރިހާ ގަހެއް، އެއެއްޗެހި އައިސް ކައި ހަފުސް ކޮށްފާނެއޭ. 6އެއެއްޗެހި އައިސް ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތަކަށާއި މަނިކުފާނުގެ މީހުންގެ ގޭގެއާއި ތަންތަނަށް ވަދެގަންނާނެޔޭ. މިޞްރުގެ ތާރީޚުގައި ވެސް އަދި ކަލޭމެންގެ ކާބަފައިންގެ ތާރީޚުގައި ވެސް މިފަދަ ތޫފާނެއް ދެކެފައެއް ނުވާނެޔޭ.⁠‘⁠“ މިހެން ވިދާޅުވެފައި މޫސާގެފާނު އެނބުރި ވަޑައިގެން ފިރުޢައުނުގެ ގާތުން ވަޑައިގެންފިއެވެ.
7ފިރުޢައުނުގެ ވަޒީރުން ވަޑައިގެން ދެންނެވިއެވެ. ”⁠މިމީހާ އަޅުގަނޑުމެންނަށް މި އާފާތް މެދުވެރި ކުރާނީ ކިހާ ދުވަހެއް ވަންދެންތޯ؟ އެމީހުންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުއްވާދެއްވަންވީ ނޫންތޯ؟ މިޞްރު ފަނާވަމުން ދާތަނެއް މަނިކުފާނަކަށް ފެނި ވަޑައިއެއް ނުގަންނަވާތޯ؟⁠“
8އެހެންވެ ފިރުޢައުނު ވިދާޅުވެގެން މޫސާގެފާނާއި ހާރޫނުގެފާނު ހާޒިރު ކުރެވިއްޖެއެވެ. ”⁠އެންމެ ރަނގަޅު.⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ދޭ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެން ގެންދާނީ ކޮންބައެއްތަ؟⁠“
9މޫސާގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެންމެން. ޒުވާނުންނާއި މުސްކުޅިންނާއި އަޅުގަނޑުމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނާއި ގެންގުޅޭ ޖަނަވާރުތައް. އަޅުގަނޑުމެންގެ އެންމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމުގެ ޢީދުގައި ބައިވެރިވާނެ.⁠“
10ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”⁠ކަލޭމެންގެ މާތްރަސްކަލާނގެ ގަންދީ މިބުނަނީ، ކަލޭމެންގެ ކުދި ދަރިންނާއި އަންހެނުންތައް އަހަރެން ދިޔަކަ ނުދޭނަން. ކަލޭމެން ތިޔަ އުޅެނީ ކޮންމެވެސް ނުބައެއް ހަދަން ކަން ވަރަށް ސާފުކޮށް އެބަ އެނގޭ. 11ކަލޭމެން ތިޔަ ކަންތައް ކުރަން އެދޭނަމަ ހުރިހާ ފިރިހެންވެރިން ގޮސް މާތްރަސްކަލާނގެއަށް އަޅުކަން ކުރޭ.⁠“ މިހެން ވިދާޅުވެ ފިރުޢައުނު އެމީހުން ގަނޑުވަރުން ބޭރު ކުރައްވައިފިއެވެ.
12ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ އަތް އުފުލައި މިޞްރުގެ ބިމަށް ގޮއްފުޅަނގި އަރުވާ! އޭރުން މިޞްރުގެ ބިމުގައި ގަނޑުފެނުގެ ތޫފާނުން ސަލާމަތްވެފައިވާ ހުރިހާ ގަސްގަހާގެއްސެއް އެއެއްޗެހި ގޮސް ކައި ހުސްކުރާނެ.⁠“
13ދެން މޫސާގެފާނު މިޞްރުގެ ބިމުގެ މައްޗަށް އެކަލޭގެފާނުގެ އަސާކޮޅު އުފުއްލެވިއެވެ. އެދުވަހުގެ ހެނދުނުން ފެށިގެން މުޅިއެރޭ މިޞްރަށް އިރުމަތިން ވައިޖެހޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރިކުރެއްވިއެވެ. ހެނދުނުވީ ތަނާ އިރުމަތިން ގޮއްފުޅަނގި ބައިގަނޑު އަތުވެއްޖެއެވެ. 14އަދި އެ ގޮއްފުޅަނގިތައް މުޅި މިޞްރުގެ ބިމަށް ފެތުރިގެންފިއެވެ. މިޞްރުގެ އެއްފަރާތުން އަނެއް ފަރާތަށް ގޮއްފުޅަނގި ފެތުރި ގަދަކޮށްފިއެވެ. އެއީ މިޞްރުގެ ތާރީޚުގައި ވެސް އައިސްފައި ނުވާ ވަރުގެ ބޮޑު ވަބާއެކެވެ. އެފަދަ ގިނަ ގޮއްފުޅަނގިތަކެއް ދުވަހަކު ވެސް ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. 15ގޮއްފުޅަނގިތައް ފެތުރި މުޅި ރަށުގެ ބިންގަނޑު އަނދިރިވެއްޖެއެވެ. އެއެއްޗެހިތައް މިޞްރުގެ ބިމުގައި ގަނޑުފެނުގެ ތޫފާނުން ސަލާމަތްވިއްޔާ ވެފައި ހުރިހާ ގަސްގަހާ ގެއްސަކާއި ދަނޑުފަނގުތަކާއި ގަސްގަހުގައި ހުރިއްޔާ ހުރިހާ މޭވާއެއް ކައި ހަފުސްކޮށްލައިފިއެވެ. މުޅި މިޞްރުގެ ބިމުގައި ފެހިފަތެއް ހުރި އެންމެ ގަހެއް ވެސް ނެތެވެ.
16ފިރުޢައުނު އަވަސް އަވަހަށް މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”⁠އަނެއްފަހަރު ކަލޭމެންނަށާއި ކަލޭމެންގެ އިލާހަށް އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފު ވެއްޖެއެވެ. 17”⁠ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ދަންނަވައިދީ އަހަރެންގެ ފާފަ މިފަހަރު ފުއްސަވައި ދެއްވާށޭ. މި މަރުގެ އަޒާބު އަހަރެންގެ މަތިން ފިއްލަވައި ދެއްވާށޭ.⁠“
18އެހެންވެ ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް މޫސާގެފާނު ދުޢާ ދަންނަވައިފިއެވެ. 19މާތްރަސްކަލާނގެ އެދުޢާ އިޖާބަ ކުރައްވައި ގަދަފަދަ ހުޅަނގު ރޯޅިއެއް ގެންނަވައި ގޮއްފުޅަނގި ބައިގަނޑު ރަތް ކަނޑަށް ގަންބަވާ ލައްވައިފިއެވެ. އެ ހިނދު މުޅި މިޞްރުގެ ބިމުގައި އެންމެ ގޮއްފުޅަނތްގެއް ވެސް ނެތެވެ. 20އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.
އަނދިރީގެ އާފާތް
21ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ އަތް އުޑާއި ދިމާއަށް އުފުލާ. އޭރުން މިޞްރުގެ ބިމަށް ކަނުއަނދިރިކަން ފެތުރޭނެ. އެ އަނދިރިކަމުގެ ބޯކަމުން އޭގައި އަތްލެވޭހެން ވެސް ހީވާނެ.⁠“ 22ދެން މޫސާގެފާނުގެ އަތްޕުޅު އުޑާދިމާއަށް އުފުއްލެވުމާއެކު މުޅި މިޞްރަށް ވަރުގަދަ އަނދިރިކަމެއް ކުރިމަތި ވެއްޖެއެވެ. މި އަނދިރިކަން ތިން ދުވަސް ވަންދެން ދެމިއޮތެވެ.
23އެދުވަސްތަކުގައި މީހުންނަކަށް އެކަކު އަނެކަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެކަކަށް ވެސް އެއްތަނުން އަނެއް ތަނަކަށް ނުދެވުނެވެ. އެކަމަކު އިސްރާއީލުގެ މީހުން ތިބި ހިސާބުގައި އަލިކަން ހުއްޓެވެ.
24އެންމެފަހުން ފިރުޢައުނު މޫސާގެފާނު ގެންނަވައިފިއެވެ. ފިރުޢައުނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދޭ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެންގެ ޖަނަވާރުތައް ބައިތިއްބާފައި ދޭ. ކަލޭމެންގެ އަނބި ދަރިން ގެންދިޔަކަސް ހެޔޮ.⁠“ 25”⁠ނޫން!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ އަންދައި ވެދުން ކުރާނެ ޖަނަވާރުތައް ދެއްވަން ޖެހޭނެ. 26އަޅުގަނޑުމެންގެ ހުރިހާ ޖަނަވާރުތަކެއް ގެންދާނަން. އެންމެ އެއްޗެއް ވެސް ބަހައްޓާފައެއް ނުދާނަން. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރާނެ ޖަނަވާރެއް ޚިޔާރު ކުރާނީ އެ އެއްޗެހިތަކުގެ ތެރޭން. އެތަނަށް ދެވުމުގެ ކުރިއަކުން އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ކަތިލާނެ ޖަނަވާރެއް ނޭނގޭނެ.⁠“ 27އެކަމަކު މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. އެހެންވެ އޭނާ އެމީހުން ދިޔަކަ ނުދެއްވިއެވެ. 28”⁠މިތަނުން ދާން އުޅޭ!⁠“ ފިރުޢައުނު ހަޅޭއްފުޅު ލައްވައިގެންފިއެވެ. ”⁠ޚަބަރުދާރު! ދެން މީގެ ފަހުން ކަލޭ މިތަނަށް އައިސްގެން ނުވާނެ! ކަލޭގެ މޫނު ދެން މަށަށް ފެންނަ ދުވަހަކީ ކަލޭ މަރާލާނެ ދުވަސް!⁠“
29”⁠އެންމެ ރަނގަޅު.⁠“ މޫސާގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑު މަނިކުފާނުގެ މޫނުފުޅުދެކޭކަށް ދެނެއް ނާންނާނަން.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in