YouVersion Logo
Search Icon

ތިމޮތީއަށް ފުރަތަމަ ސިޓީ 4

4
ދޮގު ޚަބަރު އަންގައިދޭ އެދުރުންނަށްކުރާ އިންޒާރު
1މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ. 2މިފަދަ އެދުރުންނަކީ މުނާފިޤު ދޮގުވެރިންނެވެ. އެމީހުން ދީންވެރިންގެ ގޮތުގައި ހެދިގެން އުޅުނު ކަމުގައިވިޔަސް އެމީހުންގެ ޒަމީރުގެ އިޙުސާސްތައް ވަނީ ނެތި ފަނާ ވެފައެވެ.
3އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ. 4އެހެންވީމާ، އެފަދަ ކާނާ މާތްރަސްކަލާނގެ އުފެއްދެވީ ހެޔޮ ގޮތުގައެވެ. އަދި އެތަކެއްޗާމެދު އަހަރެމެން ޝުކުރުވެރި ހިތަކުން ބަލައިގަނެފިނަމަ އެތަކެއްޗަކީ ކެއުމަށް ކަމުދާ ތަކެތި ކަމުގައި ވެއެވެ. 5އެހެނީ އެކަލާނގެ ވަޙީބަސްފުޅުންނާއި އަދި ތިޔަބައިމީހުން ދުޢާތަކުން މިތަކެއްޗަކީ ޙަލާލު މުޤައްދަސް ތަކެތި ކަމުގައި ހިމެނިފައިވެއެވެ.
އަލްމަސީޙު އީސާގެފާނުގެ ރަނގަޅު ޚާދިމު
6ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ. 7ދެބަސްވުމާއި އަދި ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަތަކުން ދުރުހެލި ވާށެވެ. ތިބާގެ ނަފްސުގެ ހަކަތަ އާއި ވަގުތު ރޫޙާނީ ތަމްރީނުތަކުން ފުރިހަމަ ކުރާށެވެ. 8ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ. 9މިއީތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނެ ފަދަ ތެދު ޙަޤީޤަތެކެވެ. 10އަހަރެމެން ވޭނާއެކު ގަދައަޅައި މަސައްކަތް ކުރަމުން ދަނީ މިކަމަށްޓަކައެވެ. އަހަރެމެންގެ އުންމީދުތައް ވަނީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށެވެ. އެއީ އެންމެހައި އިންސާނުން ދިންނަވާ ފަރާތެވެ. ވަކީން ޚާއްސަކޮށް އެފަރާތާ މެދު އީމާންވާ ބަޔަކަށެވެ.
11އެންމެހައި މީސްތަކުންނަށް މިކަންތައް ކުރުމަށް އުނގަންނައިދީ އަމުރުކުރާށެވެ. 12އެއްވެސް ޙާލަތެއްގައި ތިބާގެ އުމުރުގެ ހަގުކަމާއެކު، މީސްތަކުން ތިބާގެ ހައިސިއްޔަތާމެދު ފަރުވާކުޑަކުރުމުގެ ފުރުސަތު ނުދޭށެވެ. ތިބާގެ އުނގަންނައި ދިނުމާއި ލޯތްބާއި އީމާންތެރިކަމާ ސާދާ ދިރި އުޅުމުން އީމާންވީ ފަރާތްތަކަށް ނަމުނާއެއް ކަމުގައި ވާށެވެ. 13ތިބާ ކައިރިއަށް އަހަރެންނަށް ދެވެންދެން، މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްކޮޅު އެންމެންގެ މެދުގައި ކިޔައި، އީމާންވި މީސްތަކުންނަށް ނަސޭހަތްދީ އުނގަންނައި ދިނުމުގައި ދެމިހުންނާށެވެ.
14މަސީޙީ ޖަމާޢަތުގެ ބޮޑުން ތިބާއަށް ރަޙުމަތް ލެއްވުމަށް އެދި މާތްރަސްކަލާނގެއަށް ހުށަހެޅި ގޮތުގެ މަތިން ހަނދާން ބަހައްޓައި އެ ބޮޑުން ނިމުތުގައި#4‏:14 ނިމުތުގެ ބަސްތަކަކީ ޣައިބުގެ ބަސްތަކެވެ. ދެއްވި ޚަބަރުތަކުން ތިބާއަށް ލިބިފައިވާ ރޫޙީ ހަދިޔާ ބޭނުން ކޮށްގެން ކުރިއަށް ދާށެވެ. 15ތިބާ މިކަންތައްތަކުގެ މައްޗަށް ފުރިހަމަ ސަމާލުކަން ދީ މިކަމުގައި ހޭދަ ކުރާށެވެ. ތިބާއަށް ލިބިފައިވާ ކުރިއެރުން އެބައިމީހުން ދެނެގަންނާނެއެވެ.
16ތިބާގެ ދިރިއުޅުމުގެ އިތުރުން ތިބާގެ ޢަޤީދާއާއި މެދުގައި ވިސްނާށެވެ. ހުރަސްތައް މިކަމުގައި ދިމާވެދިޔަ ނަމަވެސް ނުހުއްޓި ކުރިއަށްދާށެވެ. އޭރުން ތިބާ އާއި އެކު ތިބާގެ ބަސްތައް ގަބޫލުކުރި މީހުން ވެސް މާތްރަސްކަލާނގެ ސަލާމަތް ކުރައްވާނެއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for ތިމޮތީއަށް ފުރަތަމަ ސިޓީ 4