YouVersion Logo
Search Icon

1 ޞަމޫއީލް 5

5
1މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އިބްނު ޢާޒަރުން ފިލިސްޠީނުގެ އަޝްދޫދަށް ގެންގޮސްފިއެވެ. 2އެމީހުން އެ ފޮށިކޮޅު ދާޖޫނު ފައްޅިއަށް ގެންގޮސް އެތަނުގެ ދާޖޫންގެ ބުދު ކައިރީ ބަހައްޓައިފިއެވެ. 3އަނެއްދުވަހު ހެނދުނު އަޝްދޫދު މީހުން އަޅުކަން ކުރަން ގޮސް ބަލާލިއިރު ދާޖޫން ބުދު އޮތީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ބިންމައްޗަށް އަނގަވަތަށް ވެއްޓިފައެވެ. ދެން އެމީހުން އެ ބުދު ނަގައި އަނެއްކާވެސް އެ ހުރި ތަނުގައި ބަހައްޓައިފިއެވެ. 4އޭގެ އަނެއް ދުވަހު ވަރަށް ހެނދުނު އަޝްދޫދުގެ މީހުން ގޮސް ބެލި އިރު ވެސް ދާޖޫންގެ ބުދު އޮތީ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ވެއްޓި ބިންމަތީގަ އެވެ. މިފަހަރު އޮތީ އެ ބުދުގެ ބޮލާއި އަތްފައި ވަކިވެ ތެޅި ކުދިކުދިވެ ދޮރުގެ އޮޅިގަނޑު މައްޗަށް ވެއްޓިފައެވެ. އެކަތިގަނޑަކަށް އޮތީ އެ ބުދުގެ ހަށިގަނޑު އެކަންޏެވެ. 5އެހެންވެ އެދުވަހަށް ފަހު ދާޖޫނު ފައްޅީގެ ރާހިބަކު އަދި އެތަނަށް ދާ އެކަކު ވެސް އެތަނުގެ އޮޅި ގިރާކޮށް ނުވަނެވެ. 6އަޝްދޫދުގެ މީހުންނާއި އެ ހިސާބު ކައިރީގައިވާ އެންމެންނަށް މާތްރަސްކަލާނގެ ބޮޑުވެގެންވާ މުސީބާތެއް ފޮނުއްވިއެވެ. އެމީހުންގެ ގައިގެ ހަމުގައި މުލިހި ނަގައި މުޅި ހިސާބުގަނޑަށް ބިރުވެރިކަން ފެތުރިއްޖެއެވެ. 7މި ހުރިހާ ކަމެއް އަޝްދޫދުގެ މީހުންނަށް ފެނުމުން އެމީހުން ބުންޏެވެ. ”⁠މި ކަމަކީ އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅު މިތަނަށް ގެނައިމާ ވެގެން އުޅޭކަމެއް. މިއީ އެމީހުންގެ ކަލާނގެ އަހަރެމެންގެ ދާޖޫން ކަލާނގެއަށާއި އަހަރެމެންގެ މައްޗަށް ފޮނުއްވި ކޯފާއެއް. އެ ފޮށިކޮޅު މިތާ ބަހައްޓައިގެން ނުވާނެ.⁠“
8އެހެންވެ އެމީހުން ފިލިސްޠީނުގެ ހުރިހާ ބޮޑުން އެއްތަން ކޮށްފައި އެމީހުންނާ ސުވާލުކުރިއެވެ. ”⁠އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅާއި މެދު އަހަރެމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދޭ.⁠“ ދެން އެމީހުން އެ ފޮށިކޮޅު ޖައްތުއަށް ގެންގޮސްފިއެވެ. 9މާތްރަސްކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދެވުމުން އެ ސަހަރުގެ މީހުންނަށް އެކަލާނގެ ބޮޑު މުސީބާތެއް ކުރިމަތި ކުރައްވައި އެންމެންގެ ތެރޭގައި ހާސްކަން ފަތުރުއްވައިފިއެވެ. އެ ސަހަރުގެ ކުދިބޮޑު އެންމެންގެ ގައިން މުލިހި ނަގައިފިއެވެ. 10އެހެންވެ ފިލިސްޠީނުގެ މީހުން އެ ފޮށިކޮޅު ފިލިސްޠީނުގެ އަވަށެއް ކަމަށްވާ ޢަޤްރޫނަށް ގެންގޮސްފިއެވެ. އެމީހުން އެފޮށިކޮޅު ގެންނަން ފެށުމުން ރަށުގެ މީހުން ބުނެއްޕެވެ. ”⁠އެމީހުން އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު މި ރަށަށް އަރުވަން ތިޔަ އުޅެނީ ކީއްވެތަ؟ އެމީހުން އެއުޅެނީ މިރަށުގެ އެންމެން ވެސް މަރާލަންތަ؟⁠“ 11ޢަގްރޫންގެ މީހުން ފިލިސްޠީނުގެ ވެރިން އެއްތަން ކޮށްފައި ބުންޏެވެ. ”⁠އަހަރެމެން އެންމެން މަރުވުމުގެ ކުރީގައި ކަލޭމެން ތިޔަ މާތްކަލާނގެ ފޮށިކޮޅު ހުރިތަނަށް ގެންދޭ.⁠“ އެ ސަހަރުގެ މީހުން ތިބީ ވަރަށް ބިރުގެންފައެވެ. އެހެނީ މާތްކަލާނގެ އެމީހުންގެ ތެރެއަށް ވަނީ ގަދަ ކޯފާއެއް ފޮނުއްވާފައެވެ. 12މިކަންތަކުގެ ތެރޭގައި އެތައް ބަޔަކު މަރުވެދާން ފަށައިފިއެވެ. މަރުނުވެ ތިބި މީހުންގެ ގައިން މުލިހި ނަގައިފިއެވެ. ޢަގްރޫންގެ މީހުން ހޭރޭ އަޑު އުޑާ ހަމަޔަށް އުފުލިއްޖެއެވެ.

Currently Selected:

1 ޞަމޫއީލް 5: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in