1 ޞަމޫއީލް 23
23
ދާއޫދުގެފާނު ޤަޢީލާ އަވަށް ރައްކާތެރިކޮށް ދެއްވުން
1ފިލިސްޠީނުން ޤަޢީލާގެ އަވަށަށް އަރައި އެއަވަށުގެ މީހުންނަށް ހަމަލަދީ ގޮވާން ތޮށިނޮޅާ ދަނޑުބިންތައް ލޫޓުވަމުން ދާ ކަމުގެ ޚަބަރު ދާއޫދަށް އިވިއްޖެއެވެ. 2ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.“
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.“
3އެކަމަކު ދާއޫދާއެކު ތިބި މީހުން ބުނެއްޕެވެ. ”އަހަރެމެން ޔަހޫޛާގެ މިރަށުގައި ވެސް މިތިބީ ބިރުން. އަހަރެމެން ފިލިސްޠީނުންނާ ހަނގުރާމައަށް ދާން އަދި ކިހާ ބިރެއް ގަންނާނެތަ؟“
4ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.“ 5ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ. 6(މި ހިނދު އަބިޔާތަރު ފިލައިގެން ދާއޫދުގެ ގާތަށް އައިއިރު އައީ އަޅުކަމުގެ ޖުއްބާ އަފޫދު ވެސް ހިފައިގެންނެވެ.)
ޝާއުލްގެފާނު ދާއޫދުގެފާނު އަތުލައިގަންނަވަން އުޅުއްވުން
7ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްކަލާނގެ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.“ 8ދެން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ލަޝްކަރު އެއްކުރައްވައި ދާއޫދާއި އޭނާގެ މީހުން ޙިސާރުކުރުމަށް އަމުރު ކުރައްވައިފިއެވެ.
9މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ. 10ދާއޫދު ދުޢާ ދެންނެވިއެވެ. ”އޭ އިސްރާއީލީންގެ ވެރި މާތްރަސްކަލާނގެ، މާތްކަލާނގެ! މިއަޅާ އަޑު އަހައިފިން ޝާއުލްގެފާނު ޤަޢީލާއަށް ވަޑައިގެން މިއަޅާއާ ހެދި މި ސަހަރު ނައްތާލައްވަން އުޅޭ ޚަބަރު. 11ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެ ތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެ ތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!“
”އާނ! އޭނާ އަންނާނެ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ.
12ދާއޫދު ދެންނެވިއެވެ. ”ޤަޢީލާގެ ވެރިން މިއަޅާއާއި މިއަޅާގެ ސިފައިން އެކަލޭގެފާނާ ހަވާލު ކޮށްފާނެ ތޯ؟“
”އާނ! އެމީހުން އެހެން ހަދާނެ.“
13ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ.
14ދާއޫދު ފަރުބަދަތަކުގެ ތެރޭގައިއާއި ޒީފު ސަހަރާގެ ތެރޭގައި ފިލަފިލައިގެން އުޅެމުން ދިޔައެވެ. ޝާއުލްގެފާނު ދާއޫދު ހޯދަން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު މާތްކަލާނގެ ޝާއުލްގެފާނުގެ އަތްދަށަށް ދާއޫދު ދިޔަކަ ނުދެއްވިއެވެ.
15ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ. 16އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ. 17”ބިރު ނުގަނޭ. ބައްޕައަކަށް ކަލޭ އަތުލައެއް ނުގަނެވޭނެ. އަސްލުގައި އިސްރާއީލުގެ ރަސްކަލަކަށް ވާނީ ކަލޭ. އަހަރެން ހުންނާނީ ކަލޭގެ ދަށުގައި ދެވަނަ މީހަކަށް. ބައްޕައަށް ވެސް މިކަން އެނގޭ.“ 18އެދެމީހުންގެ ދެމެދުގައި މި ގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ.
19މި ހިނދު ޒީފުގެ މީހުން ޖިބްޢާއަށް ގޮސް ޝާއުލް ރަސްގެފާނަށް ދަންނަވައްޕެވެ. ”ދާއޫދު އެބަ އުޅޭ ޔަޝީމޫންގެ ދެކުނުގައިވާ ހޫރީޝް ގައިވާ ޙަޚީލާ ފަރުބަދަ މަތީ ހިސާބުގައި. 20ކަލޭގެފާނު އޭނާ އަތުލައިގަންނަވަން ބޭނުފުޅުވާވަރު އަޅުގަނޑުމެންނަށް އެނގޭ. ކަލޭގެފާނު ވަޑައިގަންނަވާ އިރަށް އަޅުގަނޑުމެން ކަލޭގެފާނާ އޭނާ ހަވާލު ކުރާނަން.“
21ރަސްގެފާނު ވިދާޅުވިއެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް. 22ދޭ ގޮސް އޭނާ އުޅޭ ތަނަކާ އޭނާ ބައްދަލު ކޮށް އުޅޭ ބަޔަކާ ރަނގަޅަށް އޮޅުން ފިލުވާ. އަހަރެން އަޑު އަހާ ގޮތުގައި އޭނާއަކީ ވަރަށް މަކަރު ގަދަ މީހެއް. 23އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.“
24ޒީފުގެ މީހުން އެނބުރި ހިނގައްޖެއެވެ. އެމީހުން ދިޔަ ތަނާހެން ޝާއުލްގެފާނު ސިފައިންނާއެކު އެރަށަށް ވަޑައިގެންފިއެވެ. އޭރު ވެސް ދާއޫދާއި އޭނާގެ މީހުން ވީ މަޢޫނު ސަހަރާގައި ދެކުނުން އޮންނަ ޔަޝީމޫންގެ ސަހަރާތެރޭގައެވެ. 25ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ.
ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގުމުން މައޫން ސަހަރާއާ ދިމާއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ. 26ޝާއުލްގެފާނުގެ ސިފައިން އެފަރުބަދަގަނޑުގެ އެއްފަރާތަށް ދާއިރަށް ދާއޫދުގެ މީހުން އޭގެ އަނެއް ފަރާތަށް ދެއެވެ. ދާއޫދުއާއި އޭނާގެ މީހުން އުޅުނީ ޝާއުލްގެފާނުގެ އަތްދަށުނުވެ ރައްކާވާށެވެ.
ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގިވަޑައިގެން އޭނާ އަތުލައިގަންނަވަން ތައްޔާރު ވެއްޖެއެވެ. 27އެވަގުތު ޚަބަރު ހިފައިގެން އައި މީހަކު އައިސް ޝާއުލްގެފާނަށް ދެންނެވިއެވެ. ”އަވަހަށް ވަޑައިގަންނަވާ. ފިލިސްޠީނުން އައިސް އިސްރާއީލީންނަށް ހަމަލަ ދީ ހުރިހާ އެއްޗެއް ކޮޅައި ނަގަން ފަށައިފި.“
28ދެން ޝާއުލްގެފާނު ދާއޫދު ދޫކޮށްލައްވާފައި ފިލިސްޠީނުންނާ ދިމާކުރައްވަން ވަޑައިގެންވި އެވެ. އެ ހިލައަށް ”ސަލާމަތުގެ ހިލައޭ“ ކިޔަނީ އެހެންވެ އެވެ.
29ދާއޫދު މައޫނު ސަހަރާ ދޫކޮށް ޢައިނު ޖަދްޔި ސަހަރާއަށް ގޮސް އެތަނުގައި ފިލައިފި އެވެ.
Currently Selected:
1 ޞަމޫއީލް 23: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.