1 ޞަމޫއީލް 22
22
ދާއޫދުގެފާނު އަދޫލާމަށާއި މިޞްފާތަށް ވަޑައިގަތުން
1ދާއޫދު ޖައްތުން ފިލައިގެން ޢަދުއްލާމްގެ ފަރުބަދައެއްގެ ހޮހޮޅައަކަށް ވަދެއްޖެއެވެ. މި ޚަބަރު އޭނާގެ އާއިލާއަށް އިވުމުން އެމީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. 2އަދި އެއާއެކު އެކިކަހަލަ މުސީބާތުގައި ތިބި މީހުންނާއި ދަރަނިވެރިންނާއި އެކި ކަންކަމާ ހެދި ހިތްހަމަ ނުޖެހިފައި ތިބި މީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. އަދި ދާއޫދު މިމީހުންގެ ވެރިއަކަށް ހަދައިފިއެވެ. މި މީހުންގެ އަދަދު ހަތަރު ސަތޭކަ އަށް އަރައެވެ.
3ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”އަޅުގަނޑާއި މެދު މާތްކަލާނގެ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.“ 4ދެން ދާއޫދުގެ މައިންބަފައިން ގެނެސް މުއާބުގެ ރަސްގެފާނުގެ ބެލުމުގެ ދަށަށް ލައިފިއެވެ. ދާއޫދު އެތަނުގައި ފިލާ ހުރިހާތައް ދުވަހު އެމީހުން ތިބީ ރަސްގެފާނުގެ ހިމާޔަތުގަ އެވެ.
5އެކަމަކު ޖާދު ނަބީކަލޭގެފާނު ދާއޫދުގާތު ވިދާޅުވެއްޖެ އެވެ. ”މިތާ ނުހުރެ ޔަހޫޛާއަށް ދޭ.“ ދެން ދާއޫދުމެން އެތަނުން ނުކުމެ ޚޭރެތުގެ ޖަންގަލި ތެރެއަށް ހިނގައްޖެއެވެ.
ޝާއުލްގެފާނު އަޚީމާލިކުގެ އާއިލާ ގަތުލު ކުރެއްވުން.
6ޝާއުލްގެފާނަށް ދާއޫދުމެން ވީތަން އެނގުނު ޚަބަރު ލިބިވަޑައިގެންފި އެވެ. އޭރު އެކަލޭގެފާނު އިންނެވީ ޖިބްޢާގެ ފަރުބަދަތަކުގެ ތެރޭ ތަމަރިސްކު ގަހެއްގެ ދަށުގައެވެ. އަތްޕުޅުގައި ލޮންސި އޮތެވެ. ރަސްގެފާނުގެ ހުރިހާ އަރިހުބޭކަލުން އެންމެން ވެސް އެތަނުގައި ތިއްބެވެ. ރަސްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. 7”ބަންޔާމީންގެ ދަރިކޮޅު ފިރިހެނުންނޭވެ. ޔައްސާގެ ދަރި ކަލޭމެންނަށް ގޮވާން ދަނޑުތަކާއި މޭބިސްކަދުރު ދަނޑުތައް ދޭނެތަ؟ ސިފައިންގެ ތެރޭގައި ކަލޭމެންގެ ދަރަޖަ މަތިވެރި ކޮށް މަތީ މަޤާމު ދޭނެ ތަ؟ 8އެހެންވީމާ ތަ ކަލޭމެން އަހަރެންނާ ދެކޮޅުވެރި ވަމުން ތިޔަ ދަނީ؟ އަހަރެންގެ އުފަން އަހަރެންގެ ދަރިޔަކު ޔައްސާގެ ދަރިއާ އެކު ކަންކަމަށް ޢަހުދުކޮށް ހަދާއިރު ކަލޭމެންގެ އެކަކު ވެސް އަހަރެންނަށް އެކަން ނާންގާ ތިޔަ ތިބެނީ؟ ކަލޭމެން މީހަކު އަހަންނާމެދު ކުޑަވެސް ކުލުނެއް ނެތެއްނު؟ އަހަރެންގެ ދަރިފުޅާ ގުޅިގެން އަހަރެންގެ އަދާވާތްތެރިޔާ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަމުން ދާއިރު އެކަން އަހަންނަކަށް އެކަކު ވެސް ނާންގަމެއްނު.“
9އޭރު އެތަނުގައި އަދޫމީންގެ ދުވާޣު ވެސް ހުއްޓެވެ. އޭނާ ދަންނަވައްޕެވެ. ”އަޅުގަނޑު ދުށިން ޔައްސާގެ ދަރި އަޚީތޫބުގެ ދަރި އަޚީމާލިކުގެ ގާތަށް ނޫބަށް ގޮސް އުޅެނިކޮށް. 10އަޚީމާލިކު މާތްރަސްކަލާނގެ ކިބަފުޅުން އޭނާއަށް އެހީތެރިކަން ލިބުން އެދި ދުޢާ ވެސް ދެންނެވި. އަދި އޭނާއަށް ކާއެއްޗެހި ދީ ޖުލިޔާތުގެ ކަނޑި ވެސް ދިން.“
11މިވާހަކަ އިވުމުން ޝާއުލްގެފާނު އަޚީމާލިކު އާއި ނައުބުގެ އިމާމުންގެ ގޮތުގައި ތިބި އޭނާގެ ގާތްތިމާގެ އެންމެން ހާޒިރު ކުރަން އަންގަވައިފި އެވެ. އެއެންމެން އަތުވެއްޖެއެވެ. 12ޝާއުލްގެފާނު އަޚީމާލިކަށް ވިދާޅުވިއެވެ. ”އަޚީތޫބްގެ ދަރިޔާ، ކަނުލައި އަހާ!“
”މަނިކުފާނުގެ ޚިދުމަތުގައި ހުރީމު!“ އަޚީމާލިކު ދެންނެވިއެވެ.
13”ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ މާތްކަލާނގެއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދު ވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.“
14”ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟ 15އަޅުގަނޑު އޭނާއަށް މަދަދު ދެއްވުން އެދި މާތްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދިން އެއަކީ ފުރަތަމަ ފަހަރެއް ވެސް ނޫން އިނގޭތޯ؟ އޭނާ މަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމެއް މަނިކުފާނުގެ ޚާދިމު އަޅުގަނޑަކަށް ވެސް އަދި އަޅުގަނޑުގެ ތިމާގެ މީހަކަށް ވެސް އެނގިއެއް ނެތް!“
16ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއާއި ކަލޭގެ ބައްޕަގެ އާއިލާގެ އެންމެން ޖެހޭނީ މަރާލަން.“
17ދެން ރަސްގެފާނުގެ ހަށިފާރަވެރިންނަށް އެންގެވިއެވެ. ”މާތްރަސްކަލާނގެ އިމާމުން މަރާލާ. އެއީ ދާއޫދު އަހަރެންނާ ދެކޮޅުވެރިވެ ފިލައިގެން ދިއުމަށް މިމީހުން އެހީވެ އެކަން ނާންގައި ތިބީމަ.“ އެކަމަކު ރަސްގެފާނުގެ އަރިހުބޭކަލުންގެ ތެރޭން އެކަކު ވެސް މާތްރަސްކަލާނގެ އިމާމުން މަރާލާކަށް އަތެއް ނު އުފުލި އެވެ. 18ދެން ރަސްގެފާނު ދުވާޣުއަށް ވިދާޅުވިއެވެ. ”ކަލޭ މި އެންމެން މަރާލާ!“ ދެން ދުވާޣު އެ އެންމެން މަރާލައިފިއެވެ. އެމީހުންގެ ތެރޭގައި އިމާމުންގެ ގޮތުގައި އަފޫދު ޖުއްބާ ލައި އުޅޭ އައްޑިހަ ފަސް އިމާމުން ހިމެނެއެވެ. 19ޝާއުލްގެފާނުގެ އަމުރުފުޅަށް އިމާމުންގެ ރަށް ކަމަށްވާ ނައުބުގެ އަންހެނުންނާއި ކުޑަކުދިންނާއި ޅަދަރިންނާއި ގެރިބަކަރި ހިމާރު ކަންބަޅި ފަދަ ހުރިހާ އެއްޗެއް މަރައި ސުންނާފަތި ކޮށްފިއެވެ.
20މި ހަމަލައިން ސަލާމަތްވީ އަޚީމާލިކުގެ ދަރި އަބިޔާތަރު އެކަންޏެވެ. އޭނާ ފިލައިގެން ދިޔައީ ދާއޫދުގެ ގާތަށެވެ. 21ދާއޫދުގެ ގާތުގައި އެ ގަތުލުއާންމުގެ ކަންތައް ހިނގިގޮތް އޭނާ ކިޔައިދިނެވެ. 22ދާއޫދު އޭނާ ގާތުގައި ބުންޏެވެ. ”އެދުވަހު ދުވާޣު އެތަނުން ފެނުނީމަ ވެސް އަހަންނަށް އެނގުނު އޭނާ ގޮސް އެވާހަކަ ރަސްގެފާނުގެ ގާތު ދަންނަވާނެ ކަން. ތިޔަ އާއިލާގެ އެންމެންގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އަހަރެން. 23ބިރުގަންނާނެ ކަމެއް ނެތް. ކަލޭ މަރާލަން ތިޔަ އުޅޭ މީހަކީ އަހަރެން މަރާލަން އުޅޭ މީހާ. އަހަރެންގެ ގާތު ހުރޭ. ކަލެއަކަށް ނުރައްކަލެއް ނުފޯރާނެ.“
Currently Selected:
1 ޞަމޫއީލް 22: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.