ޕަތަރަސްގެ ފުރަތަމަ ސިޓީ 3
3
އަނބިން
1-2ހަމަ މިގޮތުގެ މަތިން ފިރިންނަށް އަނބިން ވެސް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ. ފިރިން ހެޔޮޚަބަރުފުޅު އަޑުއަހަން ދެކޮޅުވެރިވިޔަސް ތިޔަބައިމީހުން ކުރާ ތަޤުވާވެރި ހެޔޮ އަމަލުތައް ފެނި އެމީހުންނަށް އެބަސްފުޅުތައް ގަބޫލުކުރެވޭނެއެވެ. އެއީ އެވާހަކަ ދުލުން ނުބުނި ކަމުގައި ވިޔަސްމެއެވެ.
3ބޭރުފުށަށް ފެންނަ ރީތިކަމާއިމެދު ފަރުވާތެރި ނުވާށެވެ. އެފަދަ ކަންތައްތައް ބިނާ ވެފައިވާނީ ޒަމާނީ ގޮތަށް ބޯހެދުމާއި، އަގުބޮޑެތި ގަހަނާ ތަކާއި، ނޫނީ ރިވެތި ވެގެންވާ ފޭރާންތަކުގެ މައްޗަށެވެ. 4ތިޔަބައިމީހުން ދެނެގަންނަންވީ ފުރިހަމަ ރީތިކަމެއް ގެނެސްދެނީ އެކަމެއްގެ ތެރެއިން ފަނޑުވެގެން ނުދާފަދަ ގޮތެއްގައި މަޑުމައިތިރި މިޒާޖުގެ ތެރެއިން ކަމެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި އަގުބޮޑު ކަމެކެވެ. 5މާޒީގައި މާތްވެގެންވީ އަންހެނުންގެ ރީތިކަން ފުރިހަމަ ކުރެވިގެންވީ އެގޮތުގެ މަތިންނެވެ. އެކަނބަލުން މާތްރަސްކަލާނގެ އާއިމެދު އިތުބާރުކޮށް އެކަނބަލުންގެ ފިރިންނަށް ބޯލެނބިއެވެ. 6މިސާލަކަށް ބުނާނަމަ، ސާރާ އެކަނބުލޭގެ ފިރިކަލުން އިބްރާހީމްގެފާނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. އަދި އެކަނބުލޭގެ އިބްރާހީމްގެފާނަށް ސާހިބެއްގެ ގޮތުގައި މުޚާތަބުކުރެއްވިއެވެ. އެފަދައިން ތިޔަ ކަނބަލުންނަކީ އެކަމަނާގެ އަންހެން ދަރިންކަމުގައި ދެކޭށެވެ. ވީމާ ފިރިންނާއިމެދު ބިރުވެތިނުވެ ހެޔޮ ގޮތުގައި ޚިދުމަތްކުރާށެވެ.
ފިރިން
7ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ.
އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.
އެންމެހާ މަސީޙީން
8ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ. 9ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ. 10މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ.
”ތިޔަބައިމީހުން ބާއްޖަވެރި ޙަޔާތަކާއި އުފާވެރި ދުވަސްތަކަކަށް އެދޭނަމަ
ނުބައި ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ.
އަދި ދޮގު ބުނުންތަކުން ތިޔަބައިމީހުންގެ ދޫ ދުރުހެލިކުރާށެވެ.
11ނުބައި އަމަލުތަކުން އެއްކިބާވެ ހެޔޮ އަމަލުތައް ކުރާށެވެ.
އަނެކުންނާއި އެކުގައި ޞުލުޙަވެރި ގޮތުގައި ދިރިއުޅުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
12ޞާލިޙު އަމަލުތަކުގައި ވީ ފަރާތްތައް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވެއެވެ.
އަދި އެފަދަ މީހުންގެ ދުޢާ އެކަލާނގެ އައްސަވާވޮޑިގެންވެއެވެ.
ނަމަވެސް ނުބައިނުލަފާ އަމަލުތަކުގައި ވީ ފަރާތްތަކާއިމެދު މާތްކަލާނގެ ދެކޮޅުވެރިވެ ވޮޑިގަންނަވައެވެ.“
13ތިޔަބައިމީހުން ޝައުގުވެރިކަމާއެކު ރަނގަޅު އަމަލުތައް ކުރާހިނދު، ތިޔަބައިމީހުންނާމެދު އަނިޔާވެރިވާން އެދޭނީ ކާކުހެއްޔެވެ؟ 14ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑު ވެސް ނުވާށެވެ. 15އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙާއި މެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ. 16އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ. 17ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ.
18އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.
19މިޙާލަތުގައި ކަސްތަޅު އެޅުވިފައިވީ ރޫޙުތަކަށް ވެސް އެކަލޭގެފާނު ވަނީ ވަޢުޡު އިއްވަވައި ދެއްވާފައެވެ. 20މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ. 21އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.
22އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެން ވަނީ އެކަލޭގެފާނަށެވެ.
Currently Selected:
ޕަތަރަސްގެ ފުރަތަމަ ސިޓީ 3: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.