YouVersion Logo
Search Icon

ހާމަކޮށްދެއްވުންތަކެއް 4

4
ސުވަރުގޭގައި އަޅުކަންކުރުން
1އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“ 2ކުއްލިއަކަށް މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި އުޑުގައިވާ ތަޚުތެއްގައި މީހަކު އިށީނދެ ވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. 3ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތް އަގުބޮޑު ޖަވާހިރު ކަމުގައިވާ އަލިމަހާއި ޔާގޫތު ފަދައިން ވިދާ ބަބުޅަމުން ދިޔައެވެ. އަދި ވިއްސާރަދުންޏެއް ފަދައިން އެޒުމައްރަދު އެފަރާތުގެ ތަޚުތު ވަށައިގެން ވިދަމުންދިޔައެވެ. 4އެ ތަޚުތުގެ ވަށައިގެން އިތުރު ސައުވީސް ތަޚުތުތައް ވިއެވެ. އަދި މިއިން ކޮންމެ ތަޚުތެއްގައި ހުދު ހެދުމުގައި ވީ ބޮޑުންގެ ބޭކަލަކު ރަން ތާޖެއް އަޅައިގެން އިންނެވިއެވެ. 5ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑު އަންނަމުން ދިޔައެވެ. އެ ތަޚުތުގެ ކުރިމަތީގައި އަލިފާން ރޯވެފައިވާ ހަތް ދަންމަރު ވިއެވެ. އެއީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅު ވެސްމެއެވެ. 6ހަމައެހެންމެ ތަޚުތުގެ ކުރިމަތީގައި އަލިބިއްލޫރި އެއްފަދަ ބިއްލޫރީގެ ކަނޑެއް ވިއެވެ. ތަޚުތުގެ ވަށައިގެން އޭގެ ކޮންމެ ފަރާތެއްގައި ދިރިހުރި ހަތަރު މަޚުލޫގުން ތިއްބެވެ. އެއިން ކޮންމެ މަޚުލޫގެއްގެ ކުރިމައްޗާއި ފުރަގަސް ވަނީ ލޯތަކުން ފުރިފައެވެ. 7ފުރަތަމަ މަޚުލޫގު ސިންގާއެއް ފަދައިން ވެއެވެ. ދެވަނަ މަޚުލޫގު ފިރިހެން ގެރިއެއް ފަދައިން ވެއެވެ. އަދި ތިންވަނަ މަޚުލޫގުގެ މޫނު އިންސާނެއްގެ މޫނާއި އެއްފަދަ ވެގެން ވެއެވެ. ހަތަރުވަނަ މަޚުލޫގު އުދުހޭ ބާޒެއް ފަދައިން ވެއެވެ. 8މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ.
”⁠ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ.
އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.⁠“
9ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު، 10ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.
11”⁠އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ!
ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ.
އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ.
އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in