ހަރުބަސްތައް 5
5
އަނބިމީހާއަށް ވަފާތެރިވާށެވެ.
1ދަރިފުޅާއެވެ! އަހަރެން މިދޭ ހިކުމަތްތެރި ނަސޭހަތާއި ލަފާތައް ކަލޯ ކަނުލައި އަހައިފިނަމަ، 2ކަލޯއަށް ހެޔޮނުބައި ވިސްނޭނެއެވެ. އޭރުން ބުނަންވީ ހެޔޮބަސްތައް ކަލޯއަށް އެނގޭނެއެވެ.
3ވަގުފިރިން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި، ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ. 4އެކަމަކު އެންމެފަހުން އެއިން ލިބޭނީ ހިތި ޒަހަރެކެވެ. 5އޭނާގެ ފައިތިލަ ވަނީ މަރާ ދިމާއަށެވެ. އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާއަށެވެ. 6އެހެނީ ދިރިހުރުމުގެ މަގުން އޭނާ ވަނީ އެއްކިބާ ވެފައެވެ. އޭނާއަކަށް އެމަގެއް ނޭނގެއެވެ.
7މަގޭ ދަރިފުޅާއެވެ. އަހަރެން މި ބުނާއެއްޗެއް ކަނުލައި އަހާށެވެ. 8އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ. 9ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ. ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ. 10ކަލޯ އަތުގައި ހުރިއްޔާ ހުރި ފައިސާއަކާއި މުދަލެއް ހިލޭ ބައެއްގެ އަތްދަށަށް ހިނގައިދާނެއެވެ. 11އެންމެފަހުން ކަލޯ ހިކި އަނަރޫފަވެ ބަލި އެނދުގައި ރޮއިރޮއި އޮންނަން ޖެހިދާނެއެވެ. 12އޭރުން ކަލޯ ބުނާނެއެވެ. ”ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައެވެ. ދެވުނު އިސްލާހު ބަލައިގަނެވުނު ނަމައެވެ. 13އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ. 14މިހާރު އަހަރެން މިވަނީ މީސްތަކުންގެ ކުރިމަތީ އަގުވެއްޓި އިނދަޖެހިފައެވެ.“
15ފެން ބޯންވާނީ އަމިއްލަގޭ ވަޅުންނެވެ. ހުރިހާ ލޯތްބެއް ދޭންވާނީ އަމިއްލަ އަނބިމީހާއަށެވެ. 16ދިމާވި ކޮންމެ އަންހެނަކީ ފެންބޯ ފެންއާރެއްގެ ގޮތުގައިވެ ނުގަންނާށެވެ. 17ތިމާގެ ފެންއާރުން ފެންދޭންވާނީ އަމިއްލަ އަނބިމީހާ އަށެވެ. ހިލޭ އަންހެނުންނަކަށް ނޫނެވެ.
18ކަލޯގެ ޅައުމުރުގައި އިން އަނބިމީހާގެ ގާތުން އުފަލާއި އަރާމު ހާސިލު ކުރާށެވެ. 19އޭނާއަކީ ފުއްލާއެއް ފަދަ ބަނިޔާދަން ކުއްޖެކެވެ. އޭނާގެ ކިބައިން އޭރު ލިބުނު ފުން ލޯބި ލިބިގަނެ އޭނާގެ ގާތުން އުފާ ލިބިގަންނާށެވެ. 20ފިރިމީހާއަށް ބޭވަފާތެރިވި އަނތްބަކާ ހެދި މޮޔަވެ ނުގަންނާށެވެ.
21އެހެނީ މާތްރަސްކަލާނގެ އަހަރެމެން ކުރާ ހުރިހާ ކަންތަކަށް ބައްލަވާ ވޮޑިގަންނަވައެވެ. 22ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ. 23އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.
Currently Selected:
ހަރުބަސްތައް 5: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.