YouVersion Logo
Search Icon

ހަރުބަސްތައް 3

3
މާތްކަލާނގެއަށް އިތުބާރު ކުރުން
1ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ. 2ކަލޯ މި ބަސްތައް އަހައިފިނަމަ ކަލޯއަށް އުފާވެރި ދިގު އުމުރެއް ލިބިގެންދާނެއެވެ. 3ވަފާތެރި ކަމާއި ހިތްހެޔޮކަން ދޫކޮށް ނުލާށެވެ. މިކަންތައް ކަރުގައި ހާރެއްހެން އަޅާށެވެ. އަދި ހިތުގައި ލިޔެ ބިންވަޅު ނަގާށެވެ. 4މިހެން ކަލޯ ކަންތައް ކޮށްފިނަމަ މާތްކަލާނގެ ކަލޯ ދެކެ ރުހިވޮޑިގެންވާނެއެވެ. އަދި އެންމެން ވެސް ކަލޯއާ ރުހޭނެއެވެ.
5 މާތްރަސްކަލާނގެއަށް ހިތުގެ ފުންމިނުން އިތުބާރު ކުރާށެވެ. ތިމާއަށް މާބޮޑަށް އެނގޭކަމަށް ހީނުކުރާށެވެ. 6ދަރިފުޅާއެވެ! އަބަދުވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.
7ކަލޯތީ މާމޮޅު މީހެއްކަމަށް ހީކޮށް ނުހުންނާށެވެ. އަބަދުވެސް މާތްރަސްކަލާނގެއަށް ބިރުވެތިވެ ނުބައި މަގަށް ފުރަގަސްދޭށެވެ. 8މިހެން ހެދުމުން ކަލޯގެ ސިއްޙަތު ރަނގަޅުވެ ދުޅަހެޔޮ ކަން ލިބޭނެއެވެ.
9 މާތްރަސްކަލާނގެއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަލޯއަށް ލިބޭ ތަނަވަސްކަމަކާއި ފައިދާގެ ތެރޭ ހިމެނޭ އެންމެ މޮޅު އެއްޗަކުން ބައިއަޅައި އެކަލާނގެއަށް ވެދުން ކުރާށެވެ. 10އޭރުން ގޮވާމާއި މޭބިސްކަދުރުން ކަލޯގެ ގުދަންތައް ފުރި އިތުރުވެގެން ދާނެއެވެ.
11ދަރިފުޅާއެވެ! މާތްރަސްކަލާނގެ ކަލޯ ތަރުބިއްޔަތު ކުރުމަށް އަދަބެއް ދެއްވިޔަސް އެކަލާނގެއަށް ފުރަގަސް ނުދޭށެވެ. އެކަލާނގެ އެ ދެއްވި އިންޒާރަކަށް ފުރިހަމަޔަށް ސަމާލުކަން ދޭށެވެ. 12އެހެނީ އެކަލާނގެ ލޯބިވާ އެންމެންމެ އެކަލާނގެ ތަރުބިއްޔަތު ކުރައްވައެވެ. އެއީ ބަފާ ފަޚުރުވެރިވާ ދަރިން ވެސް ތަރުބިއްޔަތު ކުރާ ފަދައިންނެވެ.
ބުއްދީގެ އަގު
13ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ. 14ބުއްދިވެރިކަމަކީ ރިއްސަށް ވުރެން ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެން ވެސް އަގުބޮޑު އެއްޗެކެވެ. 15ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެން ވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއް ވެސް ނުވެއެވެ. 16ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ. 17ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ. 18ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.
19 މާތްރަސްކަލާނގެ އުޑާއި ބިން އުފެއްދެވީ އެކަލާނގެ ދެނެވޮޑިގަތުމާއި ޙިކުމަތްފުޅުންނެވެ. 20ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި އިލްމުފުޅުންނެވެ.
21ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ. 22އެގޮތުން ކަލޯއަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެވެ. 23އޭރުން ކަލޯގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކަލޯ ދާ މަގުގައި ދެވޭނެއެވެ. 24އޭރުން ހިތްދަތިކަމެއް ނެތި ކަލޯއަށް އަރާމު ކުރެވޭނެއެވެ. އަދި ބިރެއްނެތި ނިދާލެވޭނެއެވެ. 25ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ. 26އެހެނީ މާތްރަސްކަލާނގެ ކަލޯއަށް ރައްކާތެރިކަން ދެއްވާނެކަން ހަނދާން ކުރާށެވެ.
27ކަލޯއަށް ވީވަރަކުން އެންމެންނަށް އެހީތެރިވެވޭތޯ ބަލާށެވެ. 28މިއަދު ކޮށްދެވެން އޮތްކަމެއްގައި އަވަށްޓެރިޔާ ގާތު މާދަމާ އަންނާށޭ ނުބުނާށެވެ.
29ކަލޯ އިތުބާރު ކުރާ އަވަށްޓެރިޔާއާ މެދު ހީލަތްތެރި ރޭވުންތައް ނުރާވާށެވެ. 30ކަލޯއަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ.
31އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ. 32އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.
33ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ.
34މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެ ވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.
35ކަލޯއަކީ ބުއްދިވެރި ގޮތުގައި އުޅޭ މީހެއްނަމަ މީހުން ކަލޯއަށް ތަޢުރީފު ކުރާނެއެވެ. އެކަމަކު ގޮތްދޫނުކުރާ މޮޔައެއްހެން އުޅޭ މީހެއް ނަމަ، މީހުންގެ މަލާމާތް ލިބޭނެއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in