YouVersion Logo
Search Icon

ހަރުބަސްތައް 21

21
ބާރުވެރި ފަރާތަކީ މާތްރަސްކަލާނގެ
1ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.
2ތިމާ ބަލާބެލުމަށް ތިމާގެ އުޅުން ރަނގަޅު ކަމަށް ފެނިދެއެވެ. އެކަމަކު ކަލޭގެ ހިތް ދެނެވޮޑިގަންނަވަނީ މާތްރަސްކަލާނގެއެވެ.
3މީހުން ކުރާ އަޅުކަމުގެ ޤުރުބާނީއަކަށް ވުރެން މީހުން ރަނގަޅު އުޅުމެއް އުޅުމުން މާތްރަސްކަލާނގެ މާ އުފާވެރިވެ ވޮޑިގަންނަވައެވެ.
4ބޮޑާ ބެލުންތަކާއި ކިބުރުވެރި ހިތްތަކާއި ފާހިޝް އަމަލުތަކީ ހުސް ފާފައެވެ.
5ރަނގަޅު ތަދުބީރާއި ބުރަމަސައްކަތް މީހާއަށް ތަނަވަސްކަން ގެނެސްދެއެވެ. އަވަސް އަރުވައި މަގު ކުރުކޮށްލުމުން ހައިހޫނުކަން ގެނުވައެވެ.
6ދޮގުވެރި ދުލަކުން އުފައްދާ ތަނަވަސްކަން އާތްވަށް އަރައިގެން ދެއެވެ. އަދި އެއީ މަރުގެ އަނދަވަޅެކެވެ.
7ނުބައި މީހާގެ ނުބައި ނުލަފާކަން އޭނާ ހަލާކު ކޮށްލައެވެ. އެއީ އެމީހުން އިންސާފުން ކަންތައް ނުކުރާތީއެވެ.
8ކުށްވެރިޔާ ދަތުރުކުރާނީ ގުދުލާފައި އޮންނަ މަގުންނެވެ. ކުށެއް ނެތް މީހާ ދަތުރުކުރާނީ ސީދާމަގުންނެވެ.
9ޒީލަގަދަ އަންހެނަކާ އެކު ރީތި ގެއެއްގައި އުޅުމަށް ވުރެން ފުރާޅުމަތީގައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.
10ނުބައި މީހުން ކުރަން ބޭނުންވާނީ ނުބައި ކަންތަކެވެ. އެމީހުންގެ އަވަށްޓެރިންނަށް އެމީހުންގެ ހެވެއް ނުލިބެއެވެ.
11މީހުންނަށް ޖެއްސުން ކުރާ މީހާއަށް އަދަބު ލިބޭތަން ފެނުމުން ނުވިސްނޭ މީހުންނަށް އިބްރަތް ލިބެއެވެ. ބުއްދިވެރިއަކަށް ބުނެދިނުމުން އޭނާ އެކަންތައް ވިސްނައިގަނެއެވެ.
12ޞާލިޙުވަންތަ ކަލާނގެއަށް ވިޔާ ނުދާ މީހެއްގެ ގޭގައި ކަންތައް ހުންނަ ގޮތް އެނގިވޮޑިގަންނަވައެވެ. އެކަލާނގެ އެގެއަކަށް މުސީބާތް ގެންނަވައެވެ.
13ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.
14ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ.
15ކުށެއް ނެތް މީހާއަށް ސަރިއަތަކީ އުފަލަކެވެ. ކުށްވެރިޔާ ބިރުން ފިތްކެނޑެއެވެ.
16ހަމަ ބުއްދި ފިލައިފިމީހާއަށް މަގު އޮޅިގެން ދެވޭނީ މަރުވެފައިވާ މީހުންގެ ތެރެއަށެވެ.
17އުފާ ހޯދަން އުޅޭމީހާ ވާނީ ފަގީރެވެ. ރަލާއި ތަނަވަސްކަމުގެ ފަހަތުން ދުވާ މީހާ މުއްސަންޖެއް ނުވެއެވެ.
18ނުބައި މީހުންނަށް އަދަބު ލިބޭނީ ހެޔޮ މީހުންނަށް ސަލާމަތްކަން ދިނުމަށެވެ.
19އަނގަހުއްޓާނުލާ ޒުވާބުކޮށް ޝަކުވާ ކުރާ އަންހެނަކާ އެކު އުޅުމަށް ވުރެން ހަނަފަސް ސަހަރާގެ ތެރޭގައި އެކަނި އުޅުން ވެސް މާރަނގަޅެވެ.
20ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ.
21ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ.
22ބުއްދިވެރިޔާ ވަރުގަދަ ރަށް ފަތަޙަ ކޮށްލައެވެ. ތަޅާނުލެވޭނެ ކަމަށް ހީކުރި ކިއްލާ ފުނޑުފުނޑު ކޮށްލައެވެ.
23ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ.
24ބޮޑާކަމާއެކު މަލާމާތް ކުރާ މީހާ އަކީ ހައްދެއްނެތްހާ ކިބުރުވެރިއެކެވެ.
25ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ.
26ކަންނެތް މީހުން އަބަދުވެސް ތަކެއްޗަށް ދަހިވެތިވެއެވެ. އެކަމަކު ހެޔޮމީހުން ބޭނުންވަނީ ތަކެތި ދިނުމަށެވެ.
27ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.
28ދޮގު ހެކިވެރިންގެ އަނގަ ބަންދުކޮށްލެވެއެވެ. އެކަމަކު އިތުބާރު ކުރެވޭ މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ.
29ނުބައި މީހާ އޮޅުވާލައިގެން ކުރިއަރައިގެން ދެއެވެ. އެކަމަކު ހެޔޮމީހާ ކަންތައް ކުރާނީ ކުރިއަށް ވިސްނައިގެންނެވެ.
30އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.
31ހަނގުރާމައަށް އަސް ތައްޔާރު ކޮށްލެވިދާނެއެވެ. އެކަމަކު ނަސްރު ލިބުން އޮތީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in