ހަރުބަސްތައް 20
20
ބުއްދިވެރި ބަސްތަކަކީ ރަނަށް ވުރެން އަގުބޮޑު އެއްޗެއް
1ރަލަކީ މީހާ އަޑުގަދަ މޮޔަ އަކަށް ހަދާލާ އެއްޗެކެވެ. ރަލުގެ އަވާގައި ޖެހޭ މީހުންނީ ބުއްދިވެރިންނަކަށް ނުވާނެއެވެ. އެމީހުންގެ ކިބައިން ފެށޭނީ އަރައިރުމެކެވެ.
2ރުޅިގަދަ ވެރިޔާއަކީ ސިންގާއެއް ފަދަ އަޑުގަދަ މީހެކެވެ. އޭނާ ރުޅިއެރުވަކީ އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލުންފަދަ ކަމެކެވެ.
3ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.
4ރަނގަޅު މޫސުމުގައި ދަނޑު ނުހައްދާ ކަންނެތް މީހާ ކަނޑާނެ ގޮވާމެއް ނުހުންނާނެއެވެ. އޭނާ ކާނެ އެއްޗެއް ވެސް ނުހުންނާނެއެވެ.
5ހިތުގެ ފުންމިނުގައި ހެޔޮ ނަސޭހަތް ފޮރުވިފައި ވާނެއެވެ. ވިސްނޭ މީހާ އެނަސޭހަތް ހޯދައި ނެރޭނެއެވެ.
6ތިމަންނައަށް އިތުބާރު ކުރާށޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެކަމަކު ޙަޤީޤަތުގައި އިތުބާރު ކުރެވޭ ބަޔަކު ފެނިދާނެ ހެއްޔެވެ؟
7ތެދުވެރިޔާ ހިނގާނީ ހެޔޮމަގުންނެވެ. އެފަދަ މީހުން ނަމޫނާއަކަށް ބަލާ ދަރިންނަށް ބަރަކާތް ހުއްޓެވެ.
8ރަސްގެފާނު ނިޔާކަނޑައަޅާއިރު ހެކީންގެ ބަސްތަކަށް ބުރަވެއެވެ. އަދި ހެވާ ނުބައި ވަކިކޮށް ދެނެގަނެއެވެ.
9ތިމަންގެ ހިތް ސާފޭ، ފާފައެއް ނެތޭ ބުނެވެން އޮތީ ކާކަށް ހެއްޔެވެ؟
10މިނެކިރާ ބަރުތަކާއި ނުވަރު މިންތަކަކީ މާތްރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ތަކެއްޗެވެ.
11ކުދިންގެ އަމަލުތަކުން ވެސް އެކުދިންނަކީ ތެދުވެރި ރަނގަޅު ބައެއް ކަން އެނގިގެންދާނެއެވެ.
12އަޑުއަހާނެ ކަންފަތާއި ބަލާނެ ލޮލަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތެކެވެ.
13ނިދަން ލޯބިކުރާ މީހާ ވާނީ ފަގީރެވެ. ލޯ ހުޅުވައި ހޯދާށެވެ. އޭރުން ކާތަކެތި މަދެއް ނުވާނެއެވެ.
14ގަންނަމީހާ ބުނެއެވެ. ”އެއީ އަގެއް ނެތް އެއްޗެކެވެ.“ މިހެން ބުނެ އޭތި އަގުހެޔޮކޮށް ގަނެ އެކަމާ ފަޚުރުވެރިވެއެވެ.
15ތަންދޮރު އެނގުމަކީ އެތައް ގިނަ ރަނަށް ވުރެން އަދި އެތައް ރަން މުތްތަކަށް ވުރެން އަގުބޮޑު އެއްޗެކެވެ.
16ނުދަންނަ މީހެއްގެ ދަރަނި ބޮލުގައި އެޅުމުގެ މޮޔަ ނަހަދާށެވެ. އެހެން ނޫނީ ރަހުނުގެ ގޮތުގައި ތިމާގެ އަމިއްލަ މުދާތައް ބަހައްޓަން ޖެހިދާނެއެވެ. އެއީ ބީރައްޓެއްސެއް ނަމަ އެ ދަރަނީގެ ބަދަލުގައި އެއްޗެއް ރަހުނުގެ ގޮތުގައި އަތުލާށެވެ.
17ވަގަށްނަގާ ރޮށިކޮޅު މީރުވެދާނެއެވެ. އެކަމަކު އަނގަޔަށްލުމުން އެވާނީ ހިލަވެއްޔަށެވެ.
18ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.
19ދެބަކުޓުވާ މީހާ ސިއްރު ބުނަމުން ހިނގާނެއެވެ. އެފަދަ މީހުންނާ ގުޅުން ނުބާއްވާށެވެ.
20ބަފަޔާއި އަމަޔަށް ހުތުރުބަސް ބުނާ މީހާގެ ޙަޔާތުގެ ބައްތި ނިވި ކަނު އަނދިރިވެދާނެއެވެ.
21ކުއްލިގޮތަކަށް ލިބޭ މުދާގަނޑެއްގައި ބަރަކާތެއް ނުވެއެވެ.
22ބަދަލު ހިފަން އުޅެނުގަންނާށެވެ. އެކަންތައް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެއެވެ. އެއިރަކަށް އިންތިޒާރު ކުރާށެވެ.
23އުނިއިތުރު ކުރާ މީހުން ދެކެ މާތްރަސްކަލާނގެ ނުރުހުންތެރިވެ ވޮޑިގަންނަވައެވެ. ދޮގުވެރި ތިލަފަތް ދެކެ އެކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ.
24އަހަރެމެންގެ މަގުތައް ކޮށްޓަވަނީ މާތްރަސްކަލާނގެ އެވެ. ވީއިރު ކުރިޔަށް ދެވެން އޮތީ ކޮން މިސްރާބަކަށް ކަން ދެނެގަންނަން އެނގޭނީ ކާކަށް ހެއްޔެވެ؟
25އަވަސް އަރުވައިގެން މާތްރަސްކަލާނގެއަށް ނަދުރު ނުބުނާށެވެ. ފަހުން އެކަމާ ދެރަވާން ޖެހިދާނެއެވެ.
26ބުއްދިވެރި ރަސްގެފާނު ނުބައި މީހުން ފުށަށް ހަދައި ބުރުވާލައެވެ. އެމީހުންނާ މެދަކު ރަޙުމެއް ނުބަހައްޓައެވެ.
27 މާތްރަސްކަލާނގެ މީހާގެ ރޫޙުގެ ފުންމިނަށް އަލިކޮށް ބައްލަވާ ވޮޑިގަންނަވައެވެ. އޭނާގެ ޒަމީރުގައި ފޮރުވިފައިވާ އެއްޗެއް އެކަލާނގެއަށް ފާޅުވެ ފެންނަން ހުރެއެވެ.
28ރަސްގެފާނަށް ސަލާމަތްކަން ލިބެނީ އަމާނާތްތެރިކަމާއި ދެގޮތެއް ނުވާ ލޯބިންނެވެ. އަދި އެރަސްކަން ދެމެހެއްޓެނީ ހުރިހާ އެންމެން ދެކެ ދެގޮތެއް ނުވެ ލޯބިވާނަމައެވެ.
29ޒުވާންކަމުގެ ޖޯޝަކީ ގަދަ ބާރެކެވެ. ނުރައަކީ ތަޖުރިބާކާރުންގެ އަގުބޮޑު ޝަރަފެވެ.
30ތަޅައި އަދަބު ދިނުމުން ނުބައިކަން ފިލާދެއެވެ. ތަރުބިއްޔަތު ކުރުމުން ހިތް ސާފުވެދެއެވެ.
Currently Selected:
ހަރުބަސްތައް 20: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.