YouVersion Logo
Search Icon

ހަރުބަސްތައް 16

16
ފަހުބަސް އިއްވަވަނީ މާތްރަސްކަލާނގެ
1އިންސާނާ ކުރަނީ ތަދުބީރެވެ. ފަހުބަސް އިއްވަވާނީ މާތްރަސްކަލާނގެއެވެ.
2ލޯމައްޗަށް ތިމާގެ ނަފްސު ތާހިރު ކަމަށް ފެނިދާނެއެވެ. ނިޔަތަށް ބައްލަވައި އިންސާފު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
3 މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތަށް އެދޭށެވެ. އޭރުން ތިމާ ކުރަން ބޭނުންވާ ކަންތައް ހާސިލުވާނެއެވެ.
4 މާތްރަސްކަލާނގެ ހުރިހާ އެއްޗެއް ހެއްދެވީ ވަކި މަގުސަދަކަށެވެ. ނުބައިމީހުން ވަނީ އަދަބު ދެވޭ ދުވަހަށްޓަކައެވެ.
5ކިބުރުވެރިޔާދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. އޭނާއަށް ޔަޤީނުން ވެސް އަދަބު ދެވޭނެއެވެ.
6ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.
7 މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.
8ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
9ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.
10ރަސްގެފާނުގެ ބަހަކީ އިލާހީ ބަސްފުޅެކެވެ. އޭނާގެ ދުލުން އިންސާފަށް ހުތުރު އަރުވައިގެން ނުވާނެއެވެ.
11މިނެކިރާ ތަކެތީގެ ވަޒަން ހަމަ ކުރައްވަނީ މާތްރަސްކަލާނގެއެވެ. އަދުލުވެރިކަމާއެކު އަހަރެމެން މުޢާމަލާތް ކުރުމަށް އަންގަވަނީ އެކަލާނގެއެވެ.
12ރަސްގެފާނަކަށް ބޭއިންސާފަކަށް ކެތެއް ނުކުރެވޭނެވެ. އެހެނީ ވެރިކަމުގެ ބާރު ދެމި އޮންނަނީ އަދުލުވެރިކަން އޮތީމައެވެ.
13ތެދުވެރި ދުލަކާ މެދު ރަސްގެފާނު ރުހި ވަޑައިގަންނަވައެވެ. އެހެނީ ތެދުވެރިކަންދެކެ ރަސްގެފާނު ލޯބިވެ ވަޑައިގަންނަވައެވެ.
14ރަސްގެފާނުގެ ކޯފާ އަކީ މަރުގެ އިންޒާރެކެވެ. އެހެނަސް ބުއްދިވެރިޔާ ރަސްގެފާނުގެ ކޯފާ މަޑުކުރުވައެވެ.
15ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.
16ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
17ތެދުމަގުން ހިނގާމީހާ ވިޔާ ނުދާ ކަންތަކުން ދުރުކުރާނެއެވެ. އެ މަގުންދާ މީހާއަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ.
18ބޮޑާކަން ހަލާކުގެ ތެރެއަށް މީހާ ގެންދެއެވެ. ވެއްޓުމުގެ ކުރީން މީހާ ކިބުރުވެރިވެއެވެ.
19ހިތްތިރިކަމާއި ފަގީރު ކަމުގައި ދިރިއުޅުން ބޮޑާކަމާއި އެކު ފޭރިގަންނަ މުދާ ލިބިގަތުމަށް ވުރެން މާހެވެވެ.
20އިރުޝާދުތަކަށް ބޯލަނބައިގެން ކަންތައް ކުރާ މީހާއަށް ކާމިޔާބުވެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރާ މީހާއަށް ފާގަތިކަން ލިބެއެވެ.
21ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.
22ހެޔޮބުއްދިއަކީ ދިރުންދޭ ފައްވާރާއެކެވެ. އެކަމަކު މޮޔައިން ތަރުބިއްޔަތުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.
23ޙިކުމަތްތެރި ހިތަކުން ބުނާނީ ބުއްދިވެރި ބަސްތަކެވެ. ވިސްނުންތެރި ބަސްތަކުން މީހުން ލަންބާލައެވެ.
24ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
25ކުރިމަތީގައި އޮންނަނީ ތެދުމަގެއް ކަމުގައި މީހުންނަށް ހީކުރެވެއެވެ. އެކަމަކު އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ.
26ހައިވެފައި ހުންނަ މީހާ ބުރަ މަސައްކަތް ކުރެއެވެ. އެއީ އޭނާގެ ހައިކަން ފިލުވުމަށެވެ.
27މައްސަލަ އުފައްދަނީ ވިޔާނުދާ މީހުންނެވެ. އެމީހުންގެ ބަސްތަކަކީ ފަނާ ކުރާ އަލިފާން މަޅިއެކެވެ.
28ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.
29އަނިޔާވެރިން އެމީހުންގެ އެކުވެރިންނަށް މަގު އޮޅުވާލައެވެ. އެމީހުންލައްވާ ގޯސް ހައްދުވައެވެ.
30ލޯކުނާކޮށް އިޝާރާތް ކުރާ މީހުންގެ ނުބައި ނިޔަތެއް އޮވެއެވެ. މިޔަކަނުން ހިނިތުން ވަނީ ނުބައި ރޭވުމަކާ އެކުއެވެ.
31ނުރަ ޖެހުމަކީ ފަޚުރުވެރި ތާޖެކެވެ. އެއީ ހެޔޮމީހުންނަށް ލިބޭ އިނާމެކެވެ.
32ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.
33ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in