YouVersion Logo
Search Icon

ފިލަމެންއަށް ސިޓީ 1

1
ތަހުނިޔާ
1މި ސިޓީއަކީ އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ކުރެވިފައިވާ ޕައުލްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީގައި އަހަރެންގެ އަޚު ތިމޮތީ ވެސް ޝާމިލު ކުރަމެވެ. އަހަރެން މި ސިޓީ މި ލިޔަނީ އަހަރެމެންގެ ލޮބުވެތި އަޚު އަދި އެހީތެރިޔާ ކަމުގައިވާ ފިލަމެންއަށެވެ. 2އަދި ތިބާގެ ގޭގައިވާ މަސީޙީ ޖަމާޢަތަށާއި، ލޮބުވެތި އުޚުތެއް ކަމަށްވާ އައްޕިޔާ އާއި އަހަރެމެންގެ އެކުވެރި ފަހުލަވާނު އަރުޚިއްޕުސް އަށްވެސް ތަހުނިޔާ ފޮނުވަމެވެ.
3މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާނެތެވެ.
ފިލަމެންގެ ލޯތްބާއި އީމާންތެރިކަން
4އަހަރެން ދުޢާކުރާ ކޮންމެ ވަގުތަކު މާތްރަސްކަލާނގެ ކިބަފުޅަށް ތިބާއަށްޓަކާ ޝުކުރުވެރި ވަމެވެ. 5ތިބާ މާތް ސާހިބު އީސާގެފާނާއި މެދުގައިވާ އީމާންތެރިކަމުގެ އިތުރުން މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ދެކެ ތިބާގެ ހިތުގައިވާ ލޮބުވެތި ކަމުގެ ޚަބަރު އަހަރެން އެހީމެވެ. 6އަހަރެން ދުޢާކުރަނީ، ތިބާ އަލްމަސީޙު ޤަބޫލުކުރާ މީހެއްގެ ގޮތުގައި އަހަރެމެންނާއި ބައިވެރިވާ ބައިވެރި ވުމުން، އަހަރެމެންނާއި އަލްމަސީޙާއި ގުޅިފައި ވުމުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ ބަރަކާތްތަކާއި ބެހޭ ފުން ވިސްނުން ތިބާއަށް ދެއްވުމަށެވެ. 7މަގޭ އެކުވެރިޔާއެވެ. ތިބާގެ ލޯބި އަހަންނަށް އުފާވެރިކަން ގެނެސްދީ ވަރުގަދަ ހިތްވަރެއް ގެނުވައެވެ. ސަބަބަކީ ތިބާގެ އޯގާތެރިކަން މަސީޙީންގެ ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނެސްދޭތީއެވެ.
ޕައުލް އޮނެސިމަސް އަޅައްޓަކައި އޯގާތެރިވުމަށް އެދުން
8‏-9އީސާ އަލްމަސީޙު އަހަރެންނަށް ދެއްވި މަތިވެރި ބާރުން އަހަރެން ތިބާއަށް އަމުރުކުރުމަކަށް ނޭދެމެވެ. އެހެނަސް އަހަރެންނަށްޓަކައި ތިބާ ހެޔޮ ހިތުން ކޮންމެހެން ވެސް މިކަން ކޮށްދޭށެވެ. އަދި މިކަން ކޮށްދިނުމަށް ތިބާގެ ކައިރިން މިއެދޭ ސަބަބަކީ އަހަރެމެން އެކަކު އަނެކަކާއި މެދުގައިވާ ލޮބުވެތިކަމުގެ ސަބަބުންމެއެވެ. އަހަރެން މިކަން ކޮށްދިނުމަށް އެދެން ބޭނުމީ މުސްކުޅި ވެފައިވާ، އަދި އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ވެވިފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ.
10އަހަރެންގެ އެދުމަކީ އޮނެސިމަސްއަށް ތިބާ އޯގާތެރި ވުމެވެ. އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެކެވެ. އޭނާ އީސާ އަލްމަސީޙަށް އީމާންވީ އަހަރެންގެ މި ހައްޔަރު ވުމުގައި އަންގައިދިން އުނގަންނައިދިނުންތަކުގެ ސަބަބުންނެވެ. 11މާޒީގައި އޮނެސިމަސްގެ ބޭނުން ތިބާއަށް އެދެވޭ ގޮތުގައި ހިފިފާ ނުވިކަމުގައިވިޔަސް މިހާރު އޭނާއަކީ އަހަރެމެން ދެމީހުންނަށް ވެސް ވަރަށް ބޭނުންތެރި މީހެކެވެ. 12އަހަރެން އޭނާ އަނބުރާ ތިބާގެ ކައިރިއަށް މި ފޮނުވަނީ އަހަރެންގެ ހިތާއެކުގައެވެ.
13ޙަޤީޤަތުގައި އަހަރެން ބޭނުންވަނީ އޭނާ އަހަރެންގެ ކައިރީގައި ބަހައްޓާށެވެ. ސަބަބަކީ އަހަރެން އިއްވަމުންމިދާ ހެޔޮޚަބަރުފުޅުގެ ސަބަބުން މި ގޮތަށް ހިލިހިލާ ޖެހިގެން ވީހިނދު ތިބާގެ ބަދަލުގައި އޭނާގެ އެހީތެރިކަން އަހަންނަށް ލިބިދޭތީވެއެވެ. 14އެކަމަކު، ތިބާއަށް މަޖުބޫރުކޮށްގެން ތިބާގެ އެހީ ހޯދާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭގެބަދަލުގައި އަހަރެން ބޭނުމީ ތިބާގެ އަމިއްލަ އިޚްތިޔާރާއެކު ހުރިހާކަމެއް ކުރާށެވެ. ވީމާ ތިބާ އެއްބަސް ނުވާ އެއްވެސް ކަމެއް އަހަރެން ނުކުރާނަމެވެ. 15ފަހަރެއްގައި ކުރު މުއްދަތަކަށް އޮނެސިމަސް ތިބައާއި ވަކިވި ނަމަވެސް އަލުން އަނބުރާ އޭނާ ތިބާގެ ކައިރިއަށް އެދަނީ އަބަދަށްޓަކައި ތިބާ އާއިއެކުގައި ވުމަށް ކަމުގައި ވެދާނެއެވެ.#1‏:15 ގުރީކު ބަހުން އޮނެސިމަސް، މިބަސް މާނަ ކޮށްފައި ވަނީ ބޭނުންތެރި ކަމަށެވެ. 16މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.
17އެހެންވީމާ، ތިބާގެ އެންމެ ގާތް މީހެއްގެ ގޮތުގައި މަށާއިމެދު ދެކޭ ކަމުގައިވާނަމަ، އަހަންނަށް މަރުޙާބާ ކިޔާނޭ ފަދައިން އޭނާއަށް ވެސް މަރުޙާބާ ކިޔާށެވެ. 18އޭނާ ތިބާއަށް އަނިޔާވެރިވެ، ނޫނީ އެއްވެސް އެއްޗަކަށް ދަރާފައި ވާނަމަ އެއެއްޗެއް އަހަރެން ނަށް އަންގާށެވެ. 19މި ލިޔުން މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. ”⁠އަހަރެން، ޕައުލް، ތިބާއަށް އެއަގު އަދާކުރާނަން.⁠“ ނަމަވެސް ތިބާގެ މުޅި ޙަޔާތް އަހަންނަށް ދަރާފައިވާކަން ފަހަރެއްގައި ވެސް ހަނދާން ނައްތާނުލާށެވެ.
20މަގޭ އަޚާއެވެ. މާތްސާހިބާއަށްޓަކައި މިކަންތައް އަހަންނަށް ކޮށްދޭށެވެ. އަލްމަސީޙުގެ ކިބައިން އަހަރެންނަށް މިހިތްވަރު ދޭށެވެ. 21އަހަރެން މި ސިޓީ ތިބާއަށް ލިޔާއިރު ވެސް އަހަރެން އެދޭ ކަންތައްތަކަށް ވުރެން ވެސް ފުރިހަމައަށް ތިބާ ކަންތައްތައް ކުރާނެ ކަމާމެދު އަހަރެންގެ އަމިއްލަ ނަފްސުގެ އިތުބާރު އޮވެއެވެ.
22ހަމަ އެހެންމެ އަހަންނަށްޓަކައި މެހުމާނުންގެ ކޮޓަރިއެއް ތައްޔާރުކޮށް ދިނުން އެދެމެވެ. އެއީ ތިޔަބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ޖަވާބު ދެއްވާ ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ފޮނުއްވައި ދެއްވާނެ ކަމަށް އަހަރެން އުންމީދު ކުރާތީއެވެ.
23ހަމައެއާއެކު އީސާ އަލްމަސީޙަށްޓަކައި ހައްޔަރުވެފައި އަހަރެންނާއެކު ހުރި އަހަރެންގެ ބައިވެރިއެއް ކަމަށްވާ އެފަފުރާސްގެ ތަހުނިޔާ ތިބާއަށް ފޮނުވައެވެ. 24މީގެ އިތުރުން އަހަރެންގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ މަރުކުސް އާއި، އަރިސްތާރުކު އާއި، ދެމާސް އާއި އަދި ލޫކާސް ވެސް ތިބާއަށް ތަހުނިޔާ ފޮނުވައެވެ.
25މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ނިޢުމަތްފުޅު ތިބާގެ ރޫޙުގައި ލައްވާށިއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in