YouVersion Logo
Search Icon

މައްތާ 2

2
ނަކަތްތެރިން އީސާގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވުން
1އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. 2މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“
3ހެރޮދު ރަސްގެފާނަށާއި ޖެރޫސަލަމުގައި ތިބި އެހެނިހެން މީސްތަކުންނަށް މި ޚަބަރު އިވުމުން، މިކަމާ ހުރިހާ އެންމެން ނުހަނު ކަންބޮޑުވިއެވެ. 4ހެރޮދު ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެއްތަން ކުރުމަށް ފަހު، އަލްމަސީޙު އުފަންވެ ވަޑައިގަންނަވާނީ ކޮން ތަނެއްގައިކަން ބުނެދިނުމަށް އެބައިމީހުންގެ ކިބައިން އެދުނެވެ. 5އެމީހުން ދެންނެވިއެވެ. ”⁠އަލްމަސީޙު އުފަންވެ ވަޑައިގަންނަވާނީ ޖުދެއާ ކަރައިގެ ބައިތުލަޙަމް އަވަށުގައި. އެއީ ނަބީބޭކަލުން ބަޔާންކުރައްވާފައިވާ ފަދައިން:
6’⁠އޭ ޖުދެއާ ކަރައިގައި އޮތް ބައިތުލަޙަމެވެ!
ތިޔަ އަވަށަކީ އަހުމިއްޔަތެއް ނެތް އަވަށެއް ނޫނެވެ.
އެހެނީ ތިޔައަވަށުން ތިޔަބައިމީހުންގެ ތެރެއަށް ވެރިޔަކު އަންނާނެއެވެ.
އޭނާ ހުއިހައްޕާ މީހެއް ފަދައިން ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންނަށް މަގުދައްކަވާނެއެވެ.⁠‘⁠“#މީޚާ 5‏:2
7އެއަށް ފަހު އެނަކަތްތެރިންނާ ސިއްރިޔާތުގައި ހެރޮދު ބައްދަލުކުރިއެވެ. އަދި އެބޭކަލުން އެންމެ ފުރަތަމަ އެ ތަރި ދުށް ބަރާބަރު ވަގުތަކީ ކޮބައިތޯ އަހައި އޮޅުން ފިލުވިއެވެ. 8އޭނާ އެބޭކަލުންނަށް މިފަދައިން ބުނެ ބައިތުލަޙަމަށް ފޮނުވިއެވެ. ”⁠ބައިތުލަޙަމަށް ގޮސް ފަރުވާތެރިކަމާއެކު އެ ކުއްޖާއާއި މެދު ބަލަމުން ގެންދޭ! އަދި ތިޔަބައިމީހުންނަށް އެ ކުއްޖާ ފެނުމުން އަހަރެންގެ ކައިރިއަށް އައިސް އެވާހަކަ ބުނެދީ. އޭރުން އަހަރެން ވެސް އޭނާއަށް އަޅުކަން ކުރާނަން.⁠“ 9‏-10ނަކަތްތެރިން ރަސްގެފާނުގެ ވާހަކަ އެހުމަށް ފަހު އެބޭކަލުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެބޭކަލުންނަށް ފެނުނު ތަރި އިރުމަތީ ފަރާތުން އަރައިގެން އައިސް އެ ތުއްތު ކުއްޖާ އޮތްތަނާއި ހަމައަށް ހުއްޓިގެންވިއެވެ. އަދި އެ ތަރި އެބޭކަލުންނަށް ފެނުނު ހިނދު އެބޭކަލުން އުފަލުން ފުރިގެން ދިޔައެވެ. 11އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ. 12ނަމަވެސް މި ބޭކަލުން ނިދީގައި ވަނިކޮށް ހުވަފެނެއްގައި ހެރޮދުގެ ކައިރިއަށް އެނބުރި ނުދިއުމަށް މާތްރަސްކަލާނގެ އެބޭކަލުންނަށް އިންޒާރު ދެއްވިއެވެ. ވީމާ ތަފާތު މަގަކުން ލާފައި އެބޭކަލުންގެ ރަށަށް އެބޭކަލުން އެނބުރި ދިޔައެވެ.
އީސާގެފާނު މިޞްރަށް ގެންދެވުން
13އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”⁠ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.⁠“
14ވީމާ ޔޫސުފު ތެދުވެ އެ ކުއްޖާ އާއި އެ ކުއްޖާގެ މައިކަމަނާ ގޮވައިގެން އެ ދަންވަރުގައި މިޞްރަށް ދިޔައެވެ. 15އެއަށް ފަހު ހެރޮދު މަރުވަންދެން އެ ދެމައިކަނބަލުން އެރަށުގައި ތިއްބެވިއެވެ. މިކަން މިހެންވުމުން މާތްރަސްކަލާނގެ ރަސޫލާ މެދުވެރިކުރައްވައި އަންގަވާފައިވާ މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. އެކަލާނގެ އަންގަވާފައި ވަނީ މިހެންނެވެ. ”⁠ތިމަންކަލާނގެ ދަރިކަލުން މިޞްރުން ނެރުއްވީމު.⁠“#2‏:15 މިބަސްފުޅު ނަބީ ޙޫޞިއްޔާ ވިދާޅުވީ އީސާގެފާނު އުފަންވެ ވަޑައިގަތުމުގެ ހަތްސަތޭކަވަރު އަހަރުގެ ކުރީންނެވެ.#ހޫޝަޢު 11‏:1
ހެރޮދު ކުޑަ ފިރިހެން ކުދިން ގަތުލު ކުރުން
16އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. 17މިހެން މިކަން ހިނގުމުން ނަބީ އިރްމިޔާއަށް މާތްރަސްކަލާނގެ އެންގެވި އެންގެވުން އެފަދައިން ހިނގަދިޔައެވެ. އިރްމިޔާ ބުނެފައި ވަނީ މިހެންނެވެ.
18”⁠ފުން ހިތާމައާއި ރުއިމުގެ އަޑު ރާމައިން އިވިގެންދޭ.
އެއީ ރާޙީލް އޭނާގެ ދަރިންނަށްޓަކައި ކަރުނަ އަޅާ ރޯ ރުއިން.
އޭނާ މަސަލަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތް.
އެއީ އޭނާގެ ދަރިން ނިޔާވެދިޔުމެގެ ސަބަބުން.⁠“#2‏:18 ރާމާ އަވަށަކީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 586 ވަނަ އަހަރު ކުރިން ބަނީއިސްރާއީލުން އަސީރުންގެ ގޮތުގައި ގެނެސް ބައިތިއްބި ތަނެވެ. އެ ދުވަސްވަރު ރާމާއިން ނުހަނު ހިތްދަތިކަމާއި ހިތާމައިގެ އަޑު އިވިގެން ދިޔައެވެ. އެހެނީ އެ ދުވަސްވަރަކީ ވެސް ހަމަ އޭގެ ގަރުނުތަކެއްގެ ފަހުން ބެތުލަހަމްގައި ހެރޮދު ހިންގި، ކުޑަ ފިރިހެން ކުދިން ގަތުލުކުރުން ފަދަ ހިތްދަތި ހާދިސާ ފަދަ މެއެވެ. މިތަނުގައި ރާމާ ބޭނުން ކޮށްފައި އެވަނީ އެބައިމީހުންގެ ދަރިންގެ މަރާއިމެދު ހިތާމަކުރުން ތަމްސީލު ކޮށްދިނުމުގެ ގޮތުންނެވެ.#އިރުމިޔާ 31‏:5
ޔޫސުފް، އީސާގެފާނުގެ ދެމައިން އިސްރާއީލަށް ގެންދެވުން
19ހެރޮދު މަރުވުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިޞްރުގައި ޔޫސުފު ކުރިމައްޗަށް ހުވަފެނެއްގައި ފާޅުވެ ވަޑައިގެންނެވިއެވެ. 20އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠ތެދުވޭ. އަދި ތިޔަ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އިސްރާއީލަށް އެނބުރި ދޭ. ތިޔަ ކުއްޖާ ގަތުލު ކުރުމަށް އެދިގެން ތިބި މީހުން މިހާރު ވަނީ މަރުވެފަ.⁠“
21ދެން ޔޫސުފް ތެދުވެ އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އިސްރާއީލަށް ދިޔައެވެ. 22ނަމަވެސް ހެރޮދު މަރުވުމަށް ފަހު ޖުދެއާގެ މައްޗަށް ވެރިކަން ކުރަމުން ގެންދަނީ ހެރޮދުގެ ދަރިފުޅު އަރުކިލާއުސް ކަން އޭނާއަށް އެނގުމުން ޔޫސުފަށް ޖުދެއާގެ ސަރަހައްދަށް ދާކަން ނުކެރުނެވެ. ދެން ހުވަފެނެއްގައި ގަލީލީ ސަރަހައްދަށް ދިއުމަށް އޭނާއަށް އެންގެވުމުން އެތަނަށް ދިޔައެވެ. 23އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”⁠އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.⁠“

Currently Selected:

މައްތާ 2: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy