YouVersion Logo
Search Icon

ލޫކާސް 7

7
ރޯމުގެ ސިފައިންގެ މީހުންގެ ތެރެއިން މަތީ މީހެއްގެ އީމާންކަން
1އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިބަސްފުޅުތައް ވިދާޅުވެދެއްވުމަށް ފަހު އެތަނުން އެނބުރި ކަޕަރުނައުމް އަށް ވަޑައިގެންނެވިއެވެ. 2އެރަށުގަވީ ރޯމުގެ ސިފައިންގެ މަތީ މީހެއްގެ ނޯކަރުންގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު އިތުބާރު ކުރެވޭ ނޯކަރަކު ވަރަށް ބޮޑަށް ބަލިވެ މަރަށް ހާޒިރު ވެފައި ވިއެވެ. 3މި ސިފައިންގެ މީހާއަށް އީސާގެފާނާ ބެހޭގޮތުން ޚަބަރުލިބުމުން އޭނާ އެހިސާބުގެ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ޚާއްސަ ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވާ އޭނާގެ ގެއަށް ވަޑައިގެން އެނޯކަރުގެ ބަލި ފަސޭހަ ކޮށްދެއްވުމަށް އެދުނެވެ. 4މިބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އާދޭހާ އެކު މިމީހާއަށް މިކަން ކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އެމީހުން ބުންޏެވެ. ”⁠މިމީހާއަށް ކަލޭގެފާނުގެ ފަރާތްޕުޅުން އެހީތެރިކަން ލިބުން ޙައްޤު ވޭ. 5މިމީހާއަކީ އަހަރެމެންނާއި އަހަރެމެންގެ ޤައުމު ދެކެ ލޯބިވާ މީހެއް. އޭނާ އަހަރެމެންނަށް ދީނީ މަރުކަޒެއް ވެސް ވަނީ ބިނާކޮށްދީފަ.⁠“ 6އީސާގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ.
އެކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެ ވަޑައިގެންފައި ވަނިކޮށް މި ރޯމުގެ ސިފައިންގެ މީހާ އޭނާގެ އެކުވެރިންގެ ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް މިފަދައިން ދެންނެވުމަށް ފޮނުއްވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އަޅުގަނޑަށްޓަކައި ތިޔަވަރުގެ ބުރައެއް އުފުއްލަވަން ނޫޅުއްވާ. އަޅުގަނޑަކީ ތިޔަވަރުގެ ޝަރަފެއް ޙައްޤުވާ ވަރުގެ ރަނގަޅު މީހަކީމެއް ނޫން. އަދި އަޅުގަނޑަކީ އަޅުގަނޑުގެ ގެއަށް ކަލޭގެފާނު ވަޑައިގަތުމުގެ ޤަދަރު ލިބުން އެކަށީގެންވާ މީހެއް ވެސް ނޫން. 7އަދި އަޅުގަނޑަކީ ކަލޭގެފާނުގެ އަރިހަށް އައުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. ކަލޭގެފާނު ހަމައެކަނި އަމުރުފުޅު ކުރައްވާ ބަސްފުޅު ވިދާޅުވަނިކޮށް އަޅުގަނޑުގެ ނޯކަރު ރަނގަޅު ވާނެ ކަން އަޅުގަނޑަށް އެނގޭ. 8އެއީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ވާ މީހަކީން. ހަމައެފަދައިން އަޅުގަނޑުގެ ދަށުގައި ވާ މީހުންނަށް އަޅުގަނޑު ވެސް ދާން އެންގުމުން އެމީހުން ދޭ. އަދި އަންނަން އެންގުމުން އެމީހުން އާދޭ. އަޅުގަނޑުގެ ނޯކަރުންނަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުން އެމީހުން އެކަމެއް ކުރޭ.⁠“
9އީސާގެފާނަށް އިވިވަޑައިގެން ރޯމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން.⁠“ 10ރޯމުގެ ސިފައިންގެ މީހާ ފޮނުވި މީހުން އެނބުރި އޭނާގެ ގެއަށް ދިޔައިރު އެސިފައިންގެ މީހާގެ ނޯކަރުވަނީ އޭނާއަށް ޖެހިފައި ވީ ބޮޑު ބަލިން ގަދަވެ މުޅިން ފަސޭހަވެ ރަނގަޅުވެފައެވެ.
އީސާގެފާނު މަރުވެފައިވާ މީހަކު ފުރާނަ އެޅުއްވުން
11އެއަށް ފަހު އީސާގެފާނު ނާޔިން އޭ ކިއުނު ރަށަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީންނާއި އަދި އެހެން ވެސް އެތައް ގިނަ މީސްތަކުންނެއް އެކަލޭގެފާނާއި އެކުގައި ވިއެވެ. 12އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ. އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ. މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅެކެވެ. އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ތިއްބެވެ. 13މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“
14ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުން ދިޔަ މީހުން ހުއްޓިއްޖެއެވެ. ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”⁠އޭ ޒުވާނާ. ތެދުވޭ!⁠“ 15މަރުވެފައި ވީ ޒުވާނާ ތެދުވެ ވަގުތުން ވާހަކަދައްކަން ފެށިއެވެ. އެ ހިނދު އީސާގެފާނު އޭނާ އޭނާގެ މަންމަޔާ ހަވާލު ކުރެއްވިއެވެ.
16މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”⁠ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!⁠“
17އީސާގެފާނު ކުރެއްވި ކަންތަކުގެ މިޚަބަރު މުޅި ޖުދެއާ އާއި އަދި ކައިރީގައި ވާ އެހެން ރަށްތަކަށް ވެސް ފެތުރިގެން ހިނގައްޖެއެވެ.
ޔަޙުޔާގެފާނު އީސާގެފާނާއި ސުވާލު ކުރެއްވުން
18‏-19ޔަޙުޔާގެފާނުގެ އަސްޙާބީން މި ހުރިހާ ވާހަކައެއް ޔަޙުޔާގެފާނަށް ކިޔާދެއްވިއެވެ. ދެން ޔަޙުޔާގެފާނު އޭގެތެރެއިން ދެ މީހަކު މާތްސާހިބާގެ އަރިހަށް މި ސުވާލު ކުރެއްވުމަށް ފޮނުއްވިއެވެ. ”⁠ކަނޑައަޅުއްވާ ނިންމަވާފައިވާ ފަދައިން މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙުއަކީ ތިޔައީ ތޯ އޭ؟ ނޫނީ އަޅުގަނޑުމެން އެކަލޭގެފާނަށްޓަކައި އިތުރަށް އިންތިޒާރުކުރަންވީ ތޯ އޭ؟⁠“
20މިމީހުން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މިއައީ ޔަޙުޔާގެފާނު ވިދާޅުވުމުން ކަލޭގެފާނާއި މި ސުވާލު ކުރުމަށް. ’⁠އެއީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙަކީ ތިޔައީ ތޯ އޭ؟ ނުވަތަ އަޅުގަނޑުމެން އެކަލޭގެފާނުގެ އިންތިޒާރުގައި ތިބެންވީ ތޯ އޭ؟⁠‘⁠“
21އީސާގެފާނު ހަމަ އެވަގުތުމެ އެތައް ބައެއްގެ ބަލިތައް ފަސޭހަކޮށް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުން ރަނގަޅު ކުރައްވާ ލޯއަނދިރި މީހުންގެ ލޮލަށް އަލިކަން ދެއްވިއެވެ. 22އީސާގެފާނާއި އެސުވާލު ކުރަން އައި މީހުންނަށް އެކަލޭގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ކަލޭމެން ގޮސް ޔަޙުޔާގެފާނަށް ކަލޭމެންނަށް ތިޔަފެނުނު ކަންތަކާއި އަޑުއިވުނު ވާހަކަތަކުގެ ޚަބަރު ދީ. ލޯއަނދިރި މީހުންނަށް ލޮލުގެ އަލިކަން ލިބި، ނުހިނގޭ މީހުންނަށް ހިނގި، ޖުޒާމުބަލި ޖެހިފައިވާ މީހުންނަށް ފަސޭހަވެ، ބީރު މީހުންނަށް އަޑުއިވި، މަރުވެފައިވާ މީހުން ދިރުއްވާ، ނިކަމެތިންނަށް ހެޔޮޚަބަރު ދެވިއްޖެ. 23އަހަރެން ކުރަމުންމިދާ ކަންތައްތައް، އަހަރެން ކުރަންޖެހޭ ކަންތައްތައްތަކާ މުޅިން ތަފާތު ކަމުގައި ބައެއް މީހުން ދެކޭ. ނަމަވެސް އަހަރެން މިކުރަމުން ދާ ކަންތައްތައް ދެކެ އެކަންތައްތަކާ ރުހި އަހަރެންގެ މައްޗަށް އީމާންވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.⁠“
24‏-25ޔަޙުޔާގެފާނުގެ ފަރާތްޕުޅުން އީސާގެފާނާއި ސުވާލު ކުރުމަށް އައި މީހުން އެނބުރި ދިއުމުން އީސާގެފާނު އެތަނަށް އެއްވެފައިވާ މީސްތަކުންނަށް ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”⁠ކަލޭމެން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟ ނޫނީ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ދުށުމަށް ތަ؟ ނޫން. އަގުބޮޑެތި ހެދުން އަޅައިގެން މުއްސަނދި ކަމުގައި އުޅޭ މީހުން ތިބޭނީ ގަނޑުވަރުތަކުގަ. 26ކަލޭމެން އެތަނަށް ދިޔައީ ކާކު ދުށުމަށް ތަ؟ އެތަނަށް ކަލޭމެން ދިޔައީ ރަސޫލުބޭކަލަކު ދުށުމަށް ތަ؟ އާނ. އެބޭކަލަކީ ރަސޫލަކަށް ވުރެވެސް މަތިވެރި ބޭކަލެއް. 27އެއީ އެބޭކަލަކާއި މެދު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި މިފަދައިން ލިޔެވިގެންވާ ބޭކަލެއް: ’⁠ތިމަންކަލާނގެ، ތިމަންކަލާނގެ ރަސޫލާ ކަލޭގެފާނުގެ ކުރިން ފޮނުއްވާނަމޭ. އެކަލޭގެފާނު، ކަލޭގެފާނަށްޓަކައި މަގު ތައްޔާރު ކުރައްވާނެ އޭ.⁠‘ 28އަހަރެން ބުނަން ތަ؟ މި ދުނިޔޭގައި ވާ ހުރިހާ އިންސާނުންގެ ތެރޭގައި ވެސް ޔަޙުޔާގެފާނު ފަދަ މަތިވެރި އެހެން މީހަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދަށުގައި އެންމެ ކުޑަ ގޮތަކަށް ހިމެނޭ މީހާ ވެސް އެކަލޭގެފާނަށް ވުރެ މަތިވެރި ވެގެން ވޭ.⁠“
29އެތަނުގައި ތިބި ހުރިހާ އެންމެން، ޓެކްސް ނަގާ މީހުންނަށް ދާންދެން އީސާގެފާނުގެ ވާހަކަފުޅުތަކުގެ އަޑުއަހާ މާތްރަސްކަލާނގެ އެންގެވި މަގު އެއީ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރިއެވެ. އެއީ އެމީހުންނަކީ ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނަވައި ދެއްވައިފައިވާ މީހުންނެވެ. 30ނަމަވެސް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްކެވި މަގަށް ފުރަގަސް ދިނެވެ. މިމީހުން ޔަޙުޔާގެފާނާއި އެކު ތައުބާގެ ހިނެވުމުން ހިނައެއް ނުގަނެއެވެ.
31އީސާގެފާނު ވިދާޅުވިއެވެ. ”⁠ވީއިރު މި ޒަމާނުގެ މީހުންނާ ދޭތެރޭ އަހަރެން ބުނާނީ ކީކޭ؟ އެމީހުންނަކީ ކޮންކަހަލަ ބައެއް؟ 32އެމީހުންނެކޭ ބާޒާރުމަތީ ކުޅެން އުޅޭ ކުދިންނެކޭ އެއްގޮތް. އެމީހުން އެކަކު އަނެކަކަށް ގޮވާލާނެ: ’⁠އަހަރެމެން ކަލޭމެންނަށްޓަކައި ޝެހެނާއީ ފުމެދިނީމޭ. އެކަމަކު ކަލޭމެން ނުނެށިއޭ. އަހަރެމެން ހިތާމަވެރި ލަވައެއް ކަލޭމެންނަށް ކިޔާދިނީމޭ. އެކަމަކު ކަލޭމެން ނުރުޔޭ.⁠‘ 33ޔަޙުޔާގެފާނު ވެސް ފަރީއްކުޅުއްވާ އުޅުނީ އާދައިގެ މީހުން ކައި ބޮއި އުޅޭ ކެއުމެއް ނޫން. އެހެންވެ ކަލޭމެން ތިޔަ ބުނަނީ އެކަލޭގެފާނާއި އެވަނީ ޖިންނިއެއް އަވަލާފައި ކަމަށް. 34އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އެހެން އެންމެންނެކޭ އެއްގޮތަށް ކައިބޮއި އުޅެން. އެހެންކަމުން ކަލޭމެން އަހަރެންނާއި ދިމާލަށް ތިޔަބުނަނީ އަހަރެންނަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ފާފަވެރިންނާއި ޓެކްސް ނަގާ މީހުންގެ އެކުވެރިއެކޭ. 35ނަމަވެސް ބުއްދިވެރި ކަމަކީ ރަނގަޅު އެއްޗެއްކަން ބުއްދިއެއް ހުރި ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ.⁠“
ފާފައިގެ ދިރިއުޅުން ދޫކޮށްލާ ތައުބާވި އަންހެނަކު އީސާގެފާނަށް ހިތި ކަމޭހިތުން
36 ފަރީސީނުގެ މީހަކު އީސާގެފާނަށް ކެއުމަށް ދަޢުވަތު ދިނެވެ. އެހެންކަމުން އީސާގެފާނު އެގެއަށް ވަޑައިގަތް މޭޒުދޮށުގައި އިށީނދެ ވަޑައިގެންނެވިއެވެ. 37އެ އަވަށުގައި އުޅުނު ފާފަވެރި ދިރިއުޅުމެއް އުޅެފައިވާ އަންހެނަކަށް އީސާގެފާނު އެ ފަރީސީނުގެ ގެއަށް ކެއުމަށް ވަޑައިގެންނެވި ޚަބަރު ލިބިގެން ވަރަށް އަގުބޮޑު އަތަރެއް އަޅާފައިވާ ކުރިކީލަ ފުޅިއެއް ހިފައިގެން އެގެއަށް ދިޔައެވެ. 38މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ.
39އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”⁠މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟⁠“
40އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ޝަމްއޫނު، އަހަރެން ކަލޭ ކައިރީގައި ބުނަން އޮތް ވާހަކައެއް އެބައޮތް.⁠“ ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠އެދުރުކަލޭގެފާނު އަވަހަށް ވިދާޅުވެ ދެއްވާ.⁠“
41ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ލޯނު ދޫކުރާ މީހަކަށް ދަރާފައިވާ ދެމީހަކު ވި. އެކަކު އޭނާއަށް ދަރައިފައި ވަނީ ފަސް ސަތޭކަ ދީނާރަށް، އަނެކަކު ފަންސާސް ދީނާރަށް. 42މީގެން އެކަކަށް ވެސް މި ލާރި އަނބުރާ ދެވޭކަށް ނެތް. އެހެންވެ މި ލޯނުދޫކުރާ މީހާ މި ދެމީހުންގެ ދަރަނި ކަނޑާލަ ދިން. މިހެން ކަންތައް ވީހިނދު މީގެތެރެއިން ލޯނުދޫކުރާ މީހާ ދެކެ ބޮޑަށް ލޯބިވެ ޝުކުރުވެރިވާނީ ކާކު؟⁠“
43ޝަމްއޫނު ޖަވާބުދިނެވެ. ”⁠އަޅުގަނޑަށް ހީވަނީ އޭގެތެރެއިން ބޮޑަށް ދަރާ އޮތް މީހާ ހެން.⁠“
އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭތިޔަ އިންސާފުކުރީ ރަނގަޅަށް.⁠“
44ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން. 45ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ. ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ. 46ކަލޭ އަހަރެންގެ ބޮލުގައި ލުމަށް ތެޔޮފޮދެއް ވެސް ނުދޭ. އެކަމަކު މީނާ އަހަރެންގެ ފަޔަށް އަތަރު އަޅައިދިން. 47އަހަރެން ބުނަންތަ؟ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި. އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން. ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން.⁠“
48ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ފާފަތައް ފުހެވިއްޖެ.⁠“
49އެގޭގައި ވީ އެހެން މެހުމާނުން މިތަން ދެކެ ބުންޏެވެ. ”⁠މިއީ މީހުންގެ ފާފަތައް ވެސް ފުއްސަވާ ދެވޭ ވަރުގެ މީހެއް، އަނެއްކާ މިއީ ކާކުބާ؟⁠“
50އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!⁠“

Currently Selected:

ލޫކާސް 7: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy