YouVersion Logo
Search Icon

ލޫކާސް 27:6-49

ލޫކާސް 27:6-49 ކމ

އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ބަސްތައް އަޑުއަހާ މީހުންނަށް ބުނަން. ކަލޭމެންގެ އަދާވާތްތެރިން ދެކެ ލޯބިވޭ. ކަލޭމެންނަށް ނުބައިކޮށް ހިތާ ކަލޭމެންގެ މައްޗަށް ނަފުރަތުކުރާ މީހުންނަށް ހެޔޮކޮށް ކަންތައް ކުރޭ. ކަލޭމެންނަށް ބަދުދުޢާ ކުރާ މީހުންނަށް ރަޙުމަތް ލެއްވުމަށް އެދޭ. ކަލޭމެންނަށް އިހާނެތިކޮށް ކަންތައް ކުރާ މީހުންނަށްޓަކައި ހެޔޮ ދުޢާކުރޭ. ކަލޭގެ އެއްކަންކަށި މަތީ މީހަކު ޖަހައިފި ނަމަ އެނބުރިފައި އަނެއް ކަންކަށި ވެސް ޖަހަން ދައްކާ. މީހަކު ކަލޭގެ ކޮނޑުގައި އޮތް ސާލު އަތުލައިފި ނަމަ އެމީހަކު ކަލޭ ލައިގެން ހުރި ގަމީސް އަތުލުމަށް ވެސް ހުރަސް ނާޅާ. ކަލޭގެ ކިބައިން އެއްޗަކަށް އެދޭ ކޮންމެ މީހަކަށް އެއެއްޗެއް ދީ. އަދި ކަލޭގެ އެއްޗެއް އެހެން މީހަކު އަތުލައިފި ނަމަ އެއެއްޗެއް އަނބުރާ ދިނުމަށް ނޭދޭ. ކަލޭމެން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުންގެ ފަރާތުން ކަލޭމެންނާއި ދޭތެރޭ ވެސް ކަންތައް ކުރުމަށް އެދޭ ފަދައިން. ކަލޭމެން ހަމައެކަނި ކަލޭމެންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިން ވެސް އެމީހުންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވޭ. ހަމައެކަނި ކަލޭމެންނަށް ހެޔޮކޮށް ހިތާ މީހުންނާ މެދު ކަލޭމެން ރަނގަޅަށް ކަންތައް ކުރާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިން ވެސް އެފަދައިން ކަންތައް ކުރޭ. އަދި ކަލޭމެން މީހުންނަށް އެއްޗެތި ދީ އުޅެނީ އެމީހުން އަތުން ވެސް އެފަދައިން އަނބުރާ ލިބޭނެކަމުގެ އުންމީދުގައި ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިން ވެސް ދޭ އެއްޗެއްގެ އަގު އަނބުރާ ބަރާބަރަށް ލިބޭނެކަމުގެ އުންމީދުގައި އެހެން ފާފަވެރިންނަށް އެއްޗެތި ދީ އުޅޭ. ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ. ކަލޭމެންގެ ބައްޕާފުޅު އޯގާތެރި ވެވޮޑިގެންވާ ފަދައިން ކަލޭމެން ވެސް އޯގާތެރިވޭ.⁠“ ”⁠އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން. ދީލަތިވޭ. އެއިރުން މާތްރަސްކަލާނގެ ކަލެއަށް ދީލަތިވެ ވޮޑިގެން ވާނެ. ފުރި ބާރުވެ ބަންޑުން ވަމުން ދާ ނާޅިއަކުން ކަލެއަށް މިނެ ދެއްވާނެ. ކަލޭ މިނި ނާޅިއަކުން އެކަލާނގެ ވެސް ކަލެއަށް މިނެ ދެއްވާނެ.⁠“ އަދި އީސާގެފާނު މި މާނަ ވީ ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. ”⁠ކަނަކު އަނެއް ކަނަކަށް މަގު ދެއްކިދާނެތަ؟ ދެމީހުން ވެސް ވަޅުގަނޑަކަށް ވެއްޓޭނެކަން ޔަޤީން. ދަރިވަރަކު އޭނާގެ އެދުރަކަށް ވުރެ މޮޅެއް ނުވާނެ. ނަމަވެސް ފުރިހަމައަށް ތަމްރީނު ލިބުމުން އޭނާގެ އެދުރުމީހާ އެއްވަރަށް މޮޅުވާނެ. ކަލޭމެން އަނެކާގެ ލޮލުގައި އިން ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ބޮޑު ވަކަރުގަނޑާ ދޭތެރޭ ކަންބޮޑު ނުވަނީ ކީއްވެ؟ ކަލޭގެ އަޚާއާއި ދިމާލަށް އޭނާގެ ލޮލުގައި ވާ ކުނޑިކޮޅު ނަގަން ދައްކާށޭ ބުނާއިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ވަކަރުގަނޑު ކަލެއަށް ނުފެންނަނީ ކީއްވެ؟ އޭ ދެފުށްދެގޮތް މީހާ. އެންމެފުރަތަމަ ކަލޭގެ ލޮލުގައި ތިއޮތް ވަކަރުގަނޑު ނަގާ. އޭރުން ކަލޭގެ އަޚާގެ ލޮލުގައި ވާ ކުނޑިކޮޅު ނެގުމަށް ކަލެއަށް ސާފުކޮށް ފެންނާނެ.⁠“ ”⁠ފޮނި މޭވާ އަޅާ ގަހެއްގައި ހިތި މޭވާއެއް ނާޅާނެ ފަދައިން ހިތި މޭވާ އަޅާ ގަހެއްގައި ފޮނި މޭވާއެއް ވެސް ނާޅާނެ. ގަހަކުން ލިބޭ ފައިދާ އެނގޭނީ އެގަހެއްގައި އަޅާ މޭވާއެއްގެ ގޮތުން. ކަށި ގަހަކުން މީހަކަށް ވައްތީންޏެއް ނުބިނދެވޭނެ. އަދި ކަށި ވެލަކުން މޭބިސްކަދުރެއް ވެސް ނުލިބޭނެ. ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.⁠“ ”⁠ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާޠަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟ އަހަރެން ކައިރިއަށް އައިސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުކޮށް އުޅޭ މީހެއްގެ މިސާލު ބުނަން ތަ؟ އޭނާއަކީ ބިން ފުންކޮށް ކޮނެ ވަރުގަދަ ބިންގަލެއް އަޅާ އޭގެމަތީ ގެއެއް ބިނާކުރި މީހާގެ މިސާލު. ކަނޑު ގަދަވެ ރާޅު އަރައި ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް އައި. ނަމަވެސް އެގެ ބިނާ ކުރެވިފައި ވަނީ ރަނގަޅަށް ކަމުން އެގެއަކަށް ގުޑުމެއް ނޭރި. ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.⁠“

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy