YouVersion Logo
Search Icon

ލޫކާސް 11

11
އީސާގެފާނު ދަސްކޮށްދެއްވި ނަމޫނާ ދުޢާ
1އެއްދުވަހަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާފުޅުކުރެއްވިއެވެ. އެކަލޭގެފާނު ދުޢާފުޅުން ނިމި ވަޑައިގަތް ވަގުތު އަސްޙާބީންގެ ތެރެއިން މީހަކު ދެންނެވިއެވެ. ”⁠ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދުޢާކުރަން ދަސްކޮށްދެއްވި. މާތްސާހިބާ ވެސް އަޅުގަނޑުމެންނަށް ދުޢާކުރަން ދަސްކޮށްދެއްވާ.⁠“
2އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދުޢާކުރާއިރު މިފަދައިން ދުޢާކުރޭ.
’⁠ބައްޕާފުޅާ!
އެންމެހައި މީސްތަކުން އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ހިތާ ޤަދަރު ކުރާނޭ ފަދައިން ހިންމަވާފާނދޭ.
އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވާފާނދޭ!
3އަޅަމެންގެ އެދުވަހެއްގެ ރޯދި އެދުވަހަކު ދެއްވާފާނދޭ.
4އަޅަމެންގެ މައްޗަށް ނުބައިކޮށް ކަންކުރާ މީހުން ކުރާ ކަންތައްތައް އަޅަމެންގެ ހިތުން ފޮހެލާ ނައްތާލާ ފަދައިން އިނބަރަސްކަލާނގެ އަޅަމެން ކުރާ ކުށްތައް ވެސް ފުއްސަވާފާނދޭ.
އަޅަމެން ނުބައި ކަމެއް ކުރުމަށް މެދުވެރިކޮށްފާނޭ ފަދަ މަގެއް އަޅަމެންނަށް ނުދައްކަވާފާނދޭ.⁠‘⁠“
ތެދުހިތުން އެދޭ މީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވާނެ
5އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިސާލަކަށް ކަލޭމެންގެ ތެރެއިން އެކަކުގެ ވަރަށް ގާތް ރައްޓެއްސަކު ވީ. އަދި އެއްރެއެއްގެ ދަންވަރު އޭނާ ކަލޭގެ ގެއަށް ގޮސް ބުނި. ’⁠ރަޙުމަތްތެރިޔާއޭ. އަހަންނަށް ކަލޭ މިއަދު ފިހުނު ތަނުން ދެތިން ބޯރޮށި ދީފާނަން ހޭ؟ 6ދަތުރަކުން އައި ރައްޓެއްސަކު މި ދަންވަރު އަހަރެންގެ ގެއަށް އަތުވެއްޖެއޭ. އަދި އަހަރެންގެ އަތުގައި އޭނާއަށް ދޭނޭ އެއްވެސް ކާއެއްޗެއް ނެތޭ.⁠‘
7ކަލޭ ކަލޭގެ ރަޙުމަތްތެރިޔާ އަށް ފަހަރެއްގައި މިހެން ބުނެފާނެ. ’⁠މިދަންވަރު އަހަންނަށް އުނދަގޫ ނުކުރާށޭ. ދޮރު ތިޔަވަނީ ތަޅުލާފައޭ. އަހަރެންނާ އަހަރެންގެ ގޭގެ އެންމެން މިތިބީ ނިދާށޭ. އަހަންނަށް މި ވަގުތު ތެދުވެގެން ކަލޭ ބޭނުން އެއްޗެއް ހޯދާ ދޭކަށް ނާދެވޭނެއޭ.⁠‘⁠“ 8އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަންނަށް ހަމަ ޔަޤީން. ކަލެއަކީ އޭނާގެ ގާތް ރަޙުމަތްތެރިއަކަށް ވީތީ ތެދުވެ އޭނާ އެދުނުކަންތައް ކޮށް ނުދިން ނަމަވެސް އޭނާ ކެނޑި ނޭޅި ހުއްޓުމެއްނެތި އެދެމުން ގެންދިޔުމުގެ ސަބަބުން އުނދަގޫވުމުން ތެދުވެ ކަލޭ އޭނާ އެދުނު އެއްޗެއް އޭނާއަށް ދޭނެ.
9ފަހެ އަހަރެން ކަލޭމެންނަށް ބުނަން. އެދޭ. އެ އެއްޗެއް ކަލޭމެންނަށް ދެއްވާނެ. ބަލާ ހޯދާ އުޅޭ. އެއިރުން މަގު ފެންނާނެ. ދޮރުގައި ޓަކިދީ. އެއިރުން ކަލޭމެންނަށްޓަކައި އެދޮރެއް ހުޅުވޭނެ. 10ފަހެ ކޮންމެ މީހަކު ވެސް އެއްޗަކަށް އެދުމުން އެއެއްޗެއް އެމީހަކަށް ލިބޭނެ. ކޮންމެ މީހަކު ވެސް ހޯދާ ބަލާ އުޅުމުން އެމީހަކަށް މަގު ފެންނާނެ. އަދި ދޮރުގައި ޓަކިދިނުމުން އެދޮރެއް އެމީހަކަށްޓަކައި ހުޅުވޭނެ.
11ފަހެ ކަލެއަކީ ބައްޕައަކަށް ވާނަމަ އަދި ކަލޭގެ ދަރިފުޅު ކަލޭގެ ކިބައިން މަހަކަށް އެދެފި ނަމަ ހަމަ ޔަޤީނުން ވެސް ކަލޭ ކަލޭގެ ދަރިފުޅަށް ނަންނުގައްޗެއް ނުދޭނެ. 12ނޫނީ އޭނާ ބިހަކަށް އެދެފި ނަމަ ކަލޭ އޭނާއަށް ނަގުލަންދާއްޓެއް ވެސް ނުދޭނެ. 13ކަލޭމެންނަކީ ނުބައި ބަޔަކު ކަމުގައި ވިޔަސް ކަލޭމެންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ކިބަފުޅުން އެދޭ މީހުންނަށް އެކަލާނގެ މާތްރޫޙުފުޅު އުފަލާއިއެކު ނުދެއްވާނެ ތަ؟⁠“
އީސާގެފާނު މަންމަނު ޖިންނިއެއް މީހެއްގެ ހަށިގަނޑުން ނެރެ އެމީހާ މިންޖުކޮށްދެއްވި
14އެއްފަހަރަކު އީސާގެފާނު މަންމަނު ޖިންނިއެއް މީހެއްގެ ހަށިގަނޑުން ނެރެ ބޭރުކުރެއްވިއެވެ. މި ޖިންނި އެމީހާގެ ހަށިގަނޑުން ނުކުތުމާއި އެކު އެޖިންނީގެ ސަބަބުން ވާހަކަ ނުދެއްކޭ މީހާ ކުއްލިއަކަށް ވާހަކަ ދައްކަން ފަށައިފިއެވެ. މިތަން ދެކެ އެންމެން ވަރަށް ބޮޑަށް ހައިރާންވިއެވެ. 15އެކަމަކު އެތާތިބި ބައެއްމީހުން އީސާގެފާނަށް ފާޑުކިޔާ ބުންޏެވެ. ”⁠މީނާ ޖިންނީންގެ ބާރުގެ ދަށުވެފައިވާ މީހުން ރަނގަޅު އެކުރަނީ ޖިންނީންގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“ 16އަނެއްބަޔަކު އެކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއެއް ނޫންކަން މީސްތަކުންނަށް ހާމަކޮއްދިނުމުގެ ގަސްތުގައި އެކަލާނގެ ކިބަފުޅުން މުޢުޖިޒާތީ ޢަލާމާތެއް ދެއްކުމަށް އެދި އެކަލޭގެފާނަށް ދެންނެވިއެވެ.
17އީސާގެފާނަށް އެމީހުންގެ ހިތުގައި އެކަލޭގެފާނާއި ދޭތެރޭ ވަނީ ނުބައި ނުލަފާ ޚިޔާލުތަކެއްކަން ދެނެވަޑައިގަތް ވިދާޅުވިއެވެ. ”⁠އެއް ވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށް ވާނަމަ އެރަސްކަމެއް ރޫޅި ހިނގައިދާނެ. އަދި އާއިލާއެއް ވިޔަސް ބައިބައި ވެއްޖެނަމަ ނެތި ހިނގައިދާނެ. 18ވީއިރު އިބިލީހުގެ ރަސްކަން އޭނާ އާއި އިދިކޮޅު ހަދަނީ ނަމަ އޭނާގެ ރަސްކަން ކުރިއަށް ދާނީ ކިހިނެއް؟ އަހަރެން އެހެން މިބުނީ އެއީ ކަލޭމެން ތިޔަބުނަނީ އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ ބަޢަލްޒެބޫލް މެދުވެރި ކޮށްގެންނޭ. 19އަހަރެން މީހުންނާއި އަވަލާފައިވާ ޖިންނިތަކުގެ ކިބައިން އެމީހުން މިންޖު މިކުރަނީ ބަޢަލްޒެބޫލް މެދުވެރިކޮށް ނަމަ ކަލޭމެންގެ މީހުން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު އެކުރަނީ ކާކު މެދުވެރިކޮށްގެން؟ ވީއިރު ކަލޭމެން ތިބުނާ ވާހަކަތަކާއި ބެހޭގޮތުން ކަލޭމެންނާއި ދޭތެރޭ އިންސާފު ކުރާނީ އެމީހުން. 20އެކަމަކު އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ މާތްރަސްކަލާނގެ ބާރުފުޅު މެދުވެރިކޮށް ކަމުގައި ވަނީ ނަމަ ދެން އެކަމުން ހާމަވެ އެނގެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މިތާ ކަލޭމެންގެ ތެރޭގައި ކަން.
21ޝާއިތާނާ ބާރު ގަދަ މީހަކު ފަދައިން ހަތިޔާރާއި އެކު އޭނާގެ ގެ ރައްކާތެރި ކުރަނީ ނަމަ އޭނާގެ މުދާ ހުންނާނީ ރައްކާތެރި ކަމާއި އެކު. 22ނަމަވެސް އޭނާއަށް ވުރެ ވަރުގަދަ މީހަކު އޭނާއާއި ހަމަލާދީ ބަލިކޮށްލައިފި ނަމަ ބަލިވިމީހާ އިތުބާރުކުރި ހަތިޔާރުތައް އެވަރުގަދަ މީހާ ގެންދާނެ. އަދި ބަލިވިމީހާގެ ގޭގައި ވާ މުދާތައް ވެސް އޭނާގެ އެކުވެރިންނަށް ބަހާލާނެ.
23އަހަރެންގެ ބަސްތަކަށް އަމަލު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅު މީހެއް. އަދި މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅަށް އެނބުރުމަށް އަހަރެންނަށް އެހީތެރިނުވާ ކޮންމެ މީހަކީ މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަށް ދިއުމަށް އެހީތެރިވާ މީހެއް.⁠“
ނުބައި ރޫޙާނީ ބާރުތަކުގެ ދަށުން ސަލާމަތްވާނީ އަހަރެމެންގެ ހިތް ފާފައިން ސާފުވުމުން
24”⁠ނުބައި ޖިންނިއެއް މީހެއްގެ ހަށިގަނޑު ދޫކޮށްލައިފިނަމަ އޭތި އެހެން މަންޒިލެއް ހޯދަމުން ފަޅު ތަންތަނަށް ދޭ. އެއަށް މަންޒިލެއް ނުލިބިއްޖެ ނަމަ އޭތި ބުނާނެ. ’⁠އަހަރެން އަނބުރި ދާނީ އަހަރެން އައި ތަނަށް އަހަރެންގެ ގެއަށޭ.⁠‘ 25‏-26ނަމަވެސް އޭތި އެނބުރި އަންނައިރު މުޅި ގެ ސާފުކޮށް ތަރުތީބުން ވާތަން ފެނުމުން އޭތި ގޮސް އޭއްޗަށް ވުރެ ނުބައި ނުލަފާ ހަތް ޖިންނި ގޮވައިގެން އައިސް އެގޭގައި އުޅެން ފަށާނެ. އެންމެފަހުން އެމީހާގެ ހާލު ކުރިއަށް ވުރެވެސް މާބޮޑުވާނެ.⁠“
27އީސާގެފާނު މި ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނިކޮށް މީސްތަކުންގެ ތެރެއިން އަންހެނަކު ގޮވާލިއެވެ. ”⁠ކަލޭގެފާނު މި ދުނިޔެއަށް އެމީހެއްގެ ބަނޑުން އުފަންވި ކަލޭގެފާނަށް ކިރުދީ ބޮޑުކުރި މައިމީހާއަށް ބަރަކާތް ހުރި.⁠“
28އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެއަށް ވުރެވެސް ބޮޑަށް ބަރަކާތް ލެއްވިގެން ވާނީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އެއަށް އަމަލު ކުރާ މީހުންނަށް.⁠“
މިޒަމާނުގެ މީހުންގެ މައްޗަށް އަލާމަތަކަށް ވާނީ އިންސާނާގެ ދަރިކަލުން
29މީސްތަކުން އެތަނަށް އެއްވަމުން ދިޔަ އިރު އީސާގެފާނު ވިދާޅުވަމުން ދިޔައެވެ. ”⁠މިއީ ނުބައި ޒަމާނެއް. މިޒަމާނުގެ މީހުން މުޢުޖިޒާތެއް ފަދަ ޢަލާމާތަކަށް އެދޭ. ނަމަވެސް ޔޫނުސްގެފާނު މެދުވެރިކޮށް ދެއްކުނު އަލާމާތް ފިޔަވާ އެހެން އެއްވެސް ޢަލާމާތެއް ކަލޭމެންނަކަށް ނުދެއްކޭނެ. 30ޔޫނުސްގެފާނު ނީނަވާގެ މީހުންނަށް އަލާމަތަކަށް ވީ ފަދައިން މިޒަމާނުގެ މީހުންގެ މައްޗަށް އަލާމަތަކަށް ވާނީ އިންސާނާގެ ދަރިކަލުން. 31ޤިޔާމަތް ދުވަހުން ދެކުނުގެ މަތިވެރި ރާނީ ކަލޭމެންނާއި ދެކޮޅަށް ދަޢުވާ ކުރައްވާނެ. އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ސުލައިމާނުގެފާނުގެ ޙިކުމަތްތެރި ބަސްފުޅުގެ އަޑުއެހުމަށްޓަކައި ދަތުރުކުރެއްވި. ނަމަވެސް ކަލޭމެންގެ ގާތުގައި މިހާރު މި ވަނީ ސުލައިމާނުގެފާނަށް ވުރެ ވެސް މަތިވެރިބޭކަލެއް. ނަމަވެސް ކަލޭމެން އޭނާގެ ބަހުގެ އަޑެއް ނާހާ. 32ޤިޔާމަތް ދުވަހުން ނީނަވާގެ މީހުން ވެސް ކަލޭމެންނާއި އިދިކޮޅަށް ދަޢުވާ ކުރާނެ. އެއީ ޔޫނުސްގެފާނު އެމީހުންނަށް އެންގެވި އެންގެވުމުގެ އަޑުއަހާ އެމީހުން ތައުބާ ވި. އެކަމަކު މިހާރު މިތާނގައި މި ވާނީ ޔޫނުސްގެފާނަށް ވުރެ މާ މަތިވެރި ބޭކަލެއް.⁠“
ލޮލަކީ އަހަރެމެންގެ ފުރާނައިގެ އަލިކަން
33”⁠އެއް ވެސް މީހަކު ބައްތިއެއް ދިއްލައިފަ އެއެއް ނުފޮރުވާނެ. އަދި އެ މުކައްބައެއްގެ ދަށަކަށް ވެސް ނުލާނެ. އޭނާ އެބައްތި އަޅުވާނީ ބައްތިއަޅުވާ ނަރުގަނޑުގަ. އެއީ އޭރުން އެގެއަށް އަންނަ އެންމެންނަށް ވެސް އޭގެ އަލި ލިބޭނެ. 34ކަލޭގެ ލޮލަކީ ކަލޭގެ ހަށިގަނޑުގެ ބައްތި. ކަލޭގެ ލޯ ރަނގަޅު ނަމަ ކަލޭގެ މުޅި މޫނު ވެސް އަލިވާނެ. ނަމަވެސް ކަލޭގެ ލޯ ނުބައި ނަމަ ކަލޭގެ މުޅި ހަށިގަނޑު ވެސް ވާނީ އަނދިރިކަމުގެ ތެރޭގަ. 35ވީމާ ވިސްނައިގެން އުޅޭ. ކަލޭމެންގެ ކިބައިގައި ވާ އަލިކަން އަނދިރި ކަމަށް ބަދަލުވިޔަ ނުދޭތި. އަނދިރި ކަން އެއީ އަލިކަން ކަމުގައި ހީނުކުރާތި. 36ކަލޭގެ ހިތާއި ދިރިއުޅުމުގެ އެއްވެސް ބައެއް އަނދިރި ކަމުގައި ނުވަނީ ނަމަ ކަލޭ ވާނީ އަލިކަމުގެ ތެރޭގަ. އޭރުން އަލިގަދަ ބައްތިއެއްގެ އަލި ކަލޭގެ މައްޗަށް އެޅިފައިވާ ފަދައިން ކަލޭ ވިދާނެ.⁠“
މާތްރަސްކަލާނގެ ރުއްސެވުން ލިބިފައިނުވާ ހަ ކަމެއް
37އީސާގެފާނު ވާހަކަފުޅުދައްކަވާ ނިމިވަޑައިގަތުމުން އެތާނގައި ތިބި ފަރީސީނުގެ މީހަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ކެއުމަށް ދަޢުވަތު ދެއްވިއެވެ. ދެން އެކަލޭގެފާނު އޭނާއާއި އެކު ވަޑައިގެން އެގޭގެ ކާމޭޒު ދޮށުގައި އިށީނދެވަޑައިގެންނެވިއެވެ. 38އީސާގެފާނު ބަނީއިސްރާއީލުގެ ދީނުގައި ވާ ގޮތުން ކެއުމުގެ ކުރިން ކުރަން ޖެހޭ ވުލޫ ނުކޮށް ކާން އިށީން ތަން ފެނިފައި މި ފަރީސީނުގެ މީހާ ހައިރާންވިއެވެ.
39ދެން މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ފަރީސީން ސާފުކުރަނީ ފެން ބޯ ތައްޓާއި ކާތަށީގެ ބޭރު. ނަމަވެސް ކަލޭމެންގެ އެތެރެ ފުށް ވަނީ ދަހިވެތިކަމާއި ނުބައިކަމުން ފުރިފަ. 40އޭ ނުވިސްނޭ މީހުންނޭ. ތަށީގެ އެތެރެ ހެދީ ތަށީގެ ބޭރު ވެސް ހެދިމީހާ. އިންސާނާގެ ހަށިގަނޑު ހެއްދެވި ފަދައިން އިންސާނާގެ ފުރާނަ ވެސް ހެއްދެވީ ހަމަ މާތްރަސްކަލާނގެ. 41ކަލޭމެން ދަހިވެތިކަމާއި އެކު ތިޔަ ރައްކާކޮށްފައިވާ ތަކެތި ފަގީރުންނަށް ދީ. އޭރުން ކަލޭމެންގެ އެތެރެފުށާއި ބޭރުފުށް ވެސް ސާފުވާނެ.
42ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން ގެ އާމްދަނީން ދިހަބައިކުޅަ އެއްބައި ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހޭދަކުރޭ. އަދި މުހިންމު ނޫން އެތައް ކުދި ކުދި ކަންތައްތަކެއް ކުރުމަށް ކަލޭމެން ވަރަށް ފަރުވާ ބަހައްޓާ. އެކަމަކު ކަލޭމެން މީސްތަކުންނާ ދޭތެރޭ އެއްވެސް އިންސާފެއް ނުބަހައްޓާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކަލޭމެން އެއްވެސް ލޯތްބެއް ނުވޭ. ކަލޭމެން ކުރަންވީކަމަކީ ފަހުން މިބުނިކަންތައް ފަރުވާތެރިކަމާއި އެކު ކޮށް ކުރިން ކުރަމުން ތިޔަ ގެންދިޔަ ކަންތައް ހުއްޓާނުލާ ކުރިއަށް ގެންދަންވީ.
43ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން އެންމެ ލޯބިކުރަނީ ދީނީ މަރުކަޒުގައި ހުންނަ އެންމެ މުހިންމު ގޮނޑިތަކަށާއި މަގުމަތީ މީހުންގެ ކިބައިން ލިބޭ އަދަބު އަދާ ކުރުމުގެ ސާލާމްތަކަށް.
44ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. ކަލޭމެންނަކީ މާހާނައެއް ނުޖަހާ ހުންނަ ކަށްވަޅުތަކެކޭ އެއްގޮތް. މީހުން ނޭނގިގޮސް އޭގެ މަތީ ހިނގާ ހަދާ.⁠“
45އެތާ އިން ދީނުގެ ދަންނަބޭކަލަކު ބުންޏެވެ. ”⁠އެދުރު ކަލޭގެފާނު. ކަލޭގެފާނު ތިޔަކަހަލަ އެއްޗެތި ވިދާޅުވީމާ އަޅުގަނޑުމެންނަށް ވެސް ބަދުނާމު ނަން ލިބޭ.⁠“
46އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދީނުގެ ދަންނަބޭކަލުންނަށް ވެސް ހުރި ހިތާމައިގެ ބޮޑުކަމާއެ. އެއީ ކަލޭމެން މީހުންގެ ކޮނޑުގައި އެމީހުންނަށް ނޫފުލޭ ވަރުގެ ދީނީ ގަވާއިދުތަކުގެ ބޮޑެތި ބުރަތައް އަޅުވާ. އެކަމަކު ކަލޭމެން އެބުރަތައް ލުއިކޮށްދިނުމަށް އެއްވެސް އެހީއެއް ނުވޭ.
47‏-48ކަލޭމެންނަށް ހިތާމަ ހުރި. އެއީ ކަލޭމެން ރަސޫލުންނާއި ނަބީބޭކަލުންނަށްޓަކައި މަޤާމްފުޅުތައް ބިނާކުރޭ. އެކަމަކު އެރަސޫލުންނާއި ނަބީބޭކަލުން ގަތުލުކުރީ ހަމަ ކަލޭމެންގެ ކާބަފައިން. ކަލޭމެންގެ ކާބަފައިން އެކަން ކުރިގޮތާ ކަލޭމެން ވެސް އެއްބަސްވޭ. އެކަމަކު ކަލޭމެން އެރަސޫލުންނާއި ނަބީބޭކަލުންނަޓަކާ ބޮޑެތި މަހާނަތައް ތައްޔާރު ކުރޭ. 49އެހެންކަމުން ޙިކުމަތްތެރި އެއްކައުވަންތަ މާތްރަސްކަލާނގެ ވަޙީކުރެއްވި. ’⁠ތިމަންކަލާނގެ ތިމަންކަލާނގެ މީހުން ގާތަށް ނަބީންނާއި މަންދޫބުން ފޮނުއްވާނަމޭ. މީސްތަކުން މީގެތެރެއިން އެއްބަޔަކު ގަތުލުކުރާނެއޭ. އަދި މީގެތެރެއިން އަނެއްބަޔަކަށް މީސްތަކުންގެ ކިބައިން ތަފާތު އަނިޔާތައް ލިބޭނެއޭ.⁠‘ 50އެހެންވުމުގެ ސަބަބުން މި ދުނިޔެ އުފެއްދެވީއްސުރެ ގަތުލު ވެ ދިޔަ ހުރިހާ ނަބީބޭކަލުންނެއްގެ މަރުގެ ދިޔައިގެ ޒިންމާ މިޒަމާން އުފުލަން ޖެހޭނެ. 51އެއީ ހާބީލްގެ މަރުގެ ދިޔައިން ފެށިގެން ނަބީ ޒަކަރިއްޔާގެފާނުގެ މަރުގެ ދިޔަ އާއި ޖެހެންދެން. ނަބީ ޒަކަރިއްޔާގެފާނު އަވަހާރަކޮށްލެވުނީ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެވޭ ތަކެތި ޤުރުބާން ކުރާ ގަލާއި އެ ގަލުގެ ސަރަހައްދާއި ދެމެދުގަ. އަހަރެން މިބުނަނީ ހަމަތެދެއް. މި ޒަމާން މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ.
52ދީނުގެ ދަންނަބޭކަލުންނޭ. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން މާތްރަސްކަލާނގެ އަކީ ކޮބައިކަން ދެނެގަތުމުގެ އިލްމުގެ ތަޅުދަނޑި ނަގައިފި. ނަމަވެސް ކަލޭމެން އެތެރެއަށް ވަނުމަށް ބޭނުން ނުވާތާނގައި ވަންނަން ބޭނުންވީ މީހުންނަށް ވެސް އެފުރުސަތު ނުދިނީމު.⁠“
53އެދުވަހަށް ފަހު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ނަފުރަތާއި ރުޅިވެރިކަމާއި އެކު އީސާގެފާނާއި ދެކޮޅު ހަދަން ފެށިއެވެ. އަދި އެމީހުން ރާވައިގެން އެކަލޭގެފާނާއި އެކިކަހަލަ ސުވާލުތައް ކުރަން ފެށިއެވެ. 54އެއީ އެކަލޭގެފާނު މި ސުވާލުތަކަށް ދެއްވަފާނެ ޖަވާބުފުޅަކުން ވެސް އެކަލޭގެފާނު ކުށްވެރި ކުރެވޭނެ ގޮތެއް ފެނޭތޯއެވެ.

Currently Selected:

ލޫކާސް 11: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy